ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަމުގައި ސްކޭމެއް ހިންގަމުން އަންނާތީ، އެކަމަށް ސަމާލުވުމަށް އޭނާ އެދެފި އެވެ.
ގާސިމް މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި "ރަމަޟާން ކޭޝް ސަޕޯޓް" ގޮތުގައި ފަންސާސް ހާސް ރުފިޔާ ލިބޭ ފުރުސަތެއް ކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އަޅުގަނޑުގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާ އެކު ފަތުރަމުންދަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ސައްހަނޫން މުއާމަލާތެއް ކަމަށެވެ.
"އަޅުގަނޑުގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ (ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް) ލިބޭ ފުރުސަތެއްކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އަޅުގަނޑުގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދަނީ އަޅުގަނޑާއި އެއްވެސް ގުޅުމެއް ނެތް ސައްހަނޫން މުއާމަލާތެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތް ދިމާވަމުންދާ ކަމަށެވެ.
އެހެންކަމުން އެކަން ރައްޔިތުންގެ ސަމާލު ގެންނަން ބޭނުންވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކޮމެންޓް