ގާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމާއި، އެކަންކަން އިސްލާ ކުރަންޖޭކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ގޮތަށް ވިދާޅުވީ ދުސްތޫރީ އެހެން މައްސަލަތައް މަޑުޖައްސާލާފައި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެކުގައި ބޭއްވުން އަވަސް ކުރަން ސަރުކާރުން އުޅޭ ސަބަބު ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވުމާ ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ ނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް 3 އިސްލާހެއް ގެންނަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ އިސްލާހުތަކަކީ؛
1. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން.
3. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.
މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މި ވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލަށް އުޝާމް ޖަވާބު ދެއްވާފައިވެ އެވެ.
އުޝާމް ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ އިސްލާހަކީ އެއަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނުއަސާސީން ލާޒިމު ކުރާ އިސްލާހެއް ކަމަށެވެ.
އަދި ގާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލު ކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ޓަކައި މުޅި ރާއްޖެ ތައްޔާރުވަމުންދާ ވަގުތު، ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމަށެވެ.
"މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިހާބާ އެކު މިވޯޓު ބާއްވާ ނަމަ އެތައް ގުނައެއް ހަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،" އުޝާމް ވިދާޅުވި އެވެ.
އުޝާމް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.
ކޮމެންޓް