މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑު ކުރުމަށް ސަރުކާރާ އެކު އެއްވެސް މަޝްވަރާ ކުރަމުން ނުދާ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތް ހާބަރުގެ ހިދުމަތްތައް ފުޅާކޮށް "އޭ ޒޯން" ބޭނުންކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައި ކަމަށެވެ. އެހެންކަމުން އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
"މާލޭ ނޯތް ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް ސަރުކާރާ އެކު މި ކުންފުނިން ކުރިއަށް ނުގެންދާ ވާހަކަ ދަންނަވަން. އެހެންކަމުން މިކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ވާހަކަތަކެއް،" އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލްގެ އަމާޒަކީ ނޯތް ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެމްޕީއެލުން ބުނެ އެވެ.
އެގޮތުން މާލޭ ނޯތް ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް އެމްޕީއެލުން ބުނެފައިވެ އެވެ.
އެ ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓު ފަހަރުތަކުން ކިޔުގައި މަޑު ކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
ކޮމެންޓް