އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މިއަދު މީހަކު މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ދެނެގަތުމަށް ފުލުހުން އާންމުގެ އެހީއަށް އެދެފި އެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމީހާ ސިފަކޮށްދެމުން ފުލުހުން ބުނީ މަރުވެފައިވާ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިން ޕާސަންސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވެ އެވެ.
އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ، އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ، އެ ސަރަހައްދުގައި، ނުވަތަ ގެސްޓް ހައުސްއެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސަފާރީ އެއްގައި އުޅޭ ޓްއަރިސްޓެއް ނުވަތަ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ކޮމެންޓް