އެމްޑަބްލިޔުއެސްސީން މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިގެން، މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، މިވަގުތު ރާއްޖޭގައި ލޭ ލިބުމަށް ދިމާވެފައިވާ ދަތި ތަކަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސާވިސުން މިހާރު އިއުލާނު ކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބޭނުންވާ ލޭ ލިބުމުގެ ދަތި ކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެ ކުންފުނީގެ ފަރާތުން ފޯރު ކޮށްދިނުމެވެ.
އަދި އެއާކު އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމު ކަން އަންގައިދިނުމާއި އެ ކަމަށް މީހުން ހޭލުންތެރި ކުރުވުމެވެ. އަދި ހަމަ އެހެންމެ، ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުން ވެސް ފަސޭހަ މާހައުލެއްގައި މި ފަދަ އިޖުތިމާއީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ވެސްމެ އެވެ.
އެ ކުންފުނީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްޑަބްލިޔުއެސްސީ ގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މި ފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުމަށް މުވައްޒަފުން އިސްނަގައި އަބަދު ވެސް ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެ ކުންފުނިން ވަނީ ޝުކުރު ދަންނަވާފަ އެވެ.
ކޮމެންޓް