ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަ ކުރުމަށް މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
އެ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މިއަދުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންނާއި ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ނެޝަނަލް ފާޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި ލިބުނު ކާމިޔާބީތަކާއި ބެހޭ ގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ.
ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. މި ވައުދާއި އެއްގޮތަށް އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މެދުވެރިކޮށް ރާއްޖެއިން ބޭރުން ވެސް ދަރިމައިވުމާ ގުޅޭ ފަރުވާ މިހާރު ލިބެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފާޓިލިޓީ ސެންޓަރ ހުޅުވީ 2024 ނޮވެންބަރު މަހު އެވެ.
އެ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވީ 2026 ޖަނަވަރީ 7 ވަނަ ދުވަހު އެވެ.
ކޮމެންޓް