ގއ. ކޮލަމާ ފުށްޓަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޮލަމާ ފުށްޓަށް މަސްތުވާތެކެތި އެތެރެކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނުނު މައްސަލައެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގއ. ކޮލަމާ ފުށްޓަށް ނިސްބަސްވާ ހަތަރު މީހުންނެވެ.
އެއީ ކޮލަމާފުށީ ކައުސަރު، ހަސަން ރައްޔާން ރާޝިދު، 26، އާއި ސޯސަންގެ، އިސްމާއީލް ހައިޒަމް ހަބީބު، 22، އާއި ޝަބުނަމްގެ، އަލީ ޖަނާހު ޖައުފަރު، 25، އާއި ލީނާ މަންޒިލް، އިބްރާހީމް އަޒާމް މުހައްމަދު، 19، އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ މީހުން އެ ރަށަށް އައި ލޯންޗު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
އެގޮތުން 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާއިރު އެތަނުން އެކެއްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި ހަތް ސެލޯފިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއީލް ހައިޒަމް 12 ދުވަހަށް އެހެން އެންމެން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކޮމެންޓް