މިސްކިތްތަކުން ގޮވާ ބަންގީގެ އަޑު މަޑުކުރަނީ އިސްލާމިކް މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން ކަމަށް މާލޭ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މި ގޮތަށް ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި ޖަވާބާ ގުޅުވައިގެންނެވެ.
ޝަމްހީދުގެ ސުވާލުގައި ވިދާޅުވީ ހުޅުމާލޭ ފޭސް އެކަކުން ބަންގީގެ އަޑު ވަރަށް މަޑު ކަމަށާއި އެއީ މިސްކިތްތައް ތަރުތީބު ކުރެވިފައިހުރި ގޮތުން ކަމަށް ވެސް ވެދާނެ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ޝަހީމް ވިދާޅުވީ މާލޭ ސިޓީގެ މިސްކިތްތަކުގެ ސައުންޑް ސިސްޓަމް އޮންނަނީ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށާއި އެ ސައުންޑް ސިސްޓަމްތަކާ ނުކުޅުމަށް ތަކުރާރުކޮށް ކައުންސިލަށް އަންގަމުންދާ ކަމަށެވެ.
"މިނިސްޓްރީން މި ބުނަނީ އިމާރާތްތަކުގެ 25 ވަނަ ބުރީގެ މަތީގައި އުޅޭ މީހުންނަށް ވެސް ބަންގީގެ އަޑު އިއްވާށޭ، އެހެން ބުނެފައި އޮންނައިރު ސިޓީ ކައުސިލްގަ އެ ތިބޭ ބަޔަކު ގޮސް އަޑު މަޑުކުރުމަކީ މިނިސްޓްރީއާ ބެހޭ ކަމެއް ނޫން، ސައުންޑް ސިސްޓަމްގެ ތަޅުދަނޑި މި އޮންނަނީ ސިޓީ ކައުންސިލްގަ،" ޝަހީމްގެ ޖަވާބުގައި ވިދާޅުވި އެވެ.
އާޒިމް ކުރެއްވި އެކްސް ޕޯސްޓެއްގައި މިނިސްޓަރުގެ ވާހަކަފުޅު ދޮގު ކުރައްވާ ވިދާޅުވީ އެ ކަހަލަ ކަމެއް ކައުންސިލުން ކޮށްފައިވާ ނުވާނެ ކަމަށާ ޝަހީމް އެ ހެއްދެވީ ދޮގެއް ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ ބަންގީގެ އަޑު މަޑުކޮށް ގަދަކޮށް ހަދަނީ އިސްލާމިކް މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން ކަމަށެވެ.
"ޝަހީމް ހެއްދެވީ ކަނޑައެޅިގެން ބޮޑު ދޮގެއް، ބަންގީގެ އަޑު މަޑުކޮށް ގަދަ ކުރަނީ މިނިސްޓްރީގެ އިންސްރަކްޝަނަށް މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން،" އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް