މިރެއާއި މާދަމާ ރޭގެ 8:15 ގައި އެޅުވުމަށް ހަމަޖެހިފައިވާ، ދިވެހި ފިލްމް އިލްޒާމްގެ ޝޯތައް ފުލްވެ، މިރެއާއި މާދަމާ ރޭގެ ދަންވަރު ޝޯތަކަށް ހުޅުވާލައިފިއެވެ.
ފަހުގެ ތާރީހެއްގައި މިހާތަނަށް ބޭއްވި އެންމެ ކުލަގަދަ ޕްރިމިއާރ ހަފްލާއަށްފަހު މި ފިލްމު ބެލުމުގެ ޝައުޤުވެރިކަން ބެލުންތެރިންގެ މެދުގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ރާއްޖެތެރޭގެ އިތުރުން ރިސޯޓުތަކުގައި އެޅުވުމަށްވެެސް ވަނީ ހަމަޖެހިފައެވެ.
މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.
ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމްގައި ހިމެނޭ ގިނަ ތަރިން ރެޑްކާޕެޓުން ފެނިގެން ދިޔައެެވެ. ފިލްމް ޕްރިމިއާ ކުރުމުގެ ހަފްލާގައި "އިލްޒާމް"ގެ ޕްރޮމޯޝަނަލް ލަވައެއް ފެނިގެން ދިޔައިރު، މި ލަވައިގެ ނެށުން ހުށަހަޅައިދިނީ ހިޔަލަ ޑާންސް ގުރޫޕުގެ ފަރާތުންނެވެ.
މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ.
މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ކޮމެންޓް