ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް، ނުވަތަ ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބް އެވެ. މި ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި އަދުގެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބްރިޓިޝް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓް BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ބްރިޓިޝް އެއާވޭސް އާއެކު ޓާމިނަލް 1އިން މިހާރު ދަނީ 13 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި ބްރިޓިޝް އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ކޮމެންޓް