ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން ބަދަހިކުރަން ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
މި ކަމަށް މަޝްވަރާކުރީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އާއި ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން ޖެނެރަލް ސާހިރް ޝަމްޝާދް މިރްޒާއާއެކު ދެ ބޭފުޅުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.
ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރީ ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި، ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލޯދީއާއި ޕާކިސްތާން އަސްކަރިއްޔާގެ ބައެއް އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެއިން ޕާކިސްތާނާއެކު ސިޔާސީ ގުޅުން ބަދަހިކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި 26 ގަ އެވެ.
އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 59 އަހަރު ފުރޭ އަހަރު ވެސް މެ އެވެ.
ކޮމެންޓް