ލ. ކަލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މައްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން، 38,137 ކިއުބިކް މީޓަރުގެ ސަރަ ހައްދެއްގެ ފަޅު ފުންކުރުމާއި 10,728 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުން ކުރުމާއި 230,010 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ.
މީގެ އިތުރުން 99 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުމާއި 72 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުމާއި 64 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 41 މީޓަރުގެ ސަރަ ހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 2195 އަކަމީޓަރުގެ ސަރަ ހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މި މަޝްރޫއަކީ 74.95 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އާބާދީގައި 1072 މީހުންގެ ދިރިއުޅޭ ކަލައިދޫ ގެ ބަނދަރަކީ އަތޮޅުގެ އެންމެ ގިނަ ރައްޔިތުން ބޭނުންކުރާ އެއް ބަނދަރު ނަމަވެސް މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު އުޅަނދުފަހަރު އަޅާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބި، މުދާ ބަރުކުރުމާއި ލަފައި ފުރުމަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ކޮމެންޓް