މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 8.5 ޕަސެންޓު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފުސީލު ހާމަކޮށްފަ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.5 ޕަސެންޓު އިތުރު އަދަދެކެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 23 ބިލިއަން ރުފިޔާ އެވެ. އެ ގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 75.1 ޕަސެންޓު އަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓު ތަކަށް ގެނެވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 105.3 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 56.4 ޕަސެންޓު އިތުރުވެފައިވެ އެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީ 9.6 ޕަސެންޓު އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ލިބުނު އާމްދަނީ 61.0 ޕަސެންޓު އިތުރެވެ. މީގެ މައިގަނޑު ސަބަބަކީ މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓުން އިތުރުވެ، 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާތީ އެވެ.
ހަމަ އެހެންމެ، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ. މި އިތުރުވުމާއެކު، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މި ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.5 ޕަސެންޓު އިތުރުވެފަ އެވެ.
އާމްދަނީގެ އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވެސް މި ވަނީ 45.3 ޕަސެންޓު އިތުރުވެ 1.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 ޕަސެންޓު މި މަހުގެ 16 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާ ކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ހިނގާފައި ވަނީ 62.0 ޕަސެންޓެވެ.
ކޮމެންޓް