އެއް ފަހަރާ އެންމެ ގިނަ މީހުން އެކި ތަންތަނުގައި އެއް ވަގުތެއްގައި ސްނޯކަލްކޮށްގެން ގިނިސް ވޯލްޑް ރެކޯޑް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ "ބާނި" ހަރަކާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެއްޖެ އެވެ.
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފްރީޑައިވް މޯލްޑިވްސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ވިލިނގިލިފަރު ފިނޮޅުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި 623 މީހަކު ބައިވެރިވި އެވެ.
ބައިވެރިންގެ ތެރޭގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް އަހުމަދު ބޫލާގާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ސިފައިންގެ ޓީމެއް ހިމެނެ އެވެ.
މި ހަރަކާތުގެ ސޭފްޓީ ސުޕަވައިޒަރުންގެ ގޮތުގައްޔާއި، ސެކުޔިރިޓީ ބެލެހެއްޓުމުގައި ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވި އިރު، ދިމާވެދާނޭ ކަމަކަށް ތައްޔާރީ ހާލަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.
ކޮމެންޓް