ލިޔުނީ: މަރިޔަމް މޫސާ
އެނދުގައި އޮށޯތީ ނިދޭތޯއެވެ. އެކަމަކު ވެސް މިވަގުތު ޝިފްނާގެ ލޮލާ ނިދި ރުޅިއަހަދާލާފިއެވެ. ޝާހިލްގެ ބަސްތަކުގެ އަސަރު އޭނަގެ އަރާމު ނިންޖަށް ވެސް ކުރީއެވެ. ނިދޭ ތޯ ގަދަކަމުން މަރާލާފައިވާ ދެލޯ ޝިފްނާ ހުޅުވާލީ އެންމެ ފަހުން ކެތްނުވެގެންނެވެ. ހިތުގައި ޖަހަމުންދާ ވިނދު މިރޭ ތަފާތުވެފައިވަނީ މާވަރަކަށެވެ. ޝިފްނާ ބާލީހުން ބޯހިއްލާލާ ފާރުގައި ހަރުކޮށްފައިވާ ގަނޑިޔަށް ބަލާލިއެވެ. އަދި ކޮޅަށް ތެދުވެ ބާލީސް ހެޑްބޯޑްގައި ލައްގާލަމުން އޭގައި ލެނގިލިއެވެ. އަމިއްލަ ދެއަތް ޖޯޑުކޮށް އެއްއަތުގެ އިނގިލިތަކާ ކުޅެމުން ދިޔައެވެ. ޝާހިލްގެ ހުށައެޅުމަށް ވިސްނަނީއެވެ.
އޭނަޔަށް ލޯބީގެ ހުށައެޅުންތަށް ވަނީ އެތަށް ފަރާތަކުން ލިބިފައެވެ. އެކަމަކު އޭގެ ކޮންމެ ހުށައެޅުމަކަށް ޝިފްނާ ދެމުން އައީ އެންމެ ޖަވާބެކެވެ. "ނޫނެކެވެ." ސަބަބުތައް ބައިވަރެވެ. މިޒަމާނުގެ ކުދިން ތެރޭގައި ހަރުދަނާކަން ނުފެނުން އެއީ އެއްސަބަބެވެ. އަވަހަށް މިސްރާބު ބަދަލުކޮށް އާމަންޒިލަކަށް ދަތުރު ފެށުން އެއީ ދެވަނަ ސަބަބެވެ. އަމިއްލަ އަށް ކަމެއް ކޮށްގެން ދިރިއުޅުމެއް ބިނާކުރުމަށް ވުރެން ބޮޑަށް މާންބަފައިގެ ހިމާޔަތުގެ ތިބެގެން އެމީހުންގެ އެހީގައި އުޅުން އެއީ ވެސް ޝިފްނާ އަށް ކަމުދާ ކަމެއް ނޫނެވެ. މިގޮތައް ގޮސް އެތަށް ކަމެކެވެ. އެކަމަކު ޝާހިލްގެ ކިބައިން އަބަދުވެސް ޝިފްނާ އަށް ފެންނަމުން ދަނީ ޝިފްނާ ބޭނުންވާ ކަހަލަ ސިފަތަކެވެ. ހަރުދަނާ ކަމެވެ. ރީތި އަޙްލާގެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުމެއް ބިނާކުރަން ހުންނަ ޖޯށެވެ. ޒުވާނަކަށް ވީތީ ވަގުތު ބޭކާރުކޮށް ނުލާ އެވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައެވެ.
އޭނަ އެވަގުތު ޝާހިލް އަށް ވެސް ޖަވާބު ދޭން ބޭނުން ނުވާ އެއްސަބަބު އެބައޮތެވެ. މީކާއީލް އެވެ. އޭގެ އެއްރޭ ކުރިން ހަމަ އެމޭޒުދޮށުގައި މީކާއީލް ވަނީ ޝިފްނާ އަށް ލޯބި ހުށައަޅާފައެވެ. އެކަމަކު އެހުށައެޅުމަށް ޝީފްނާ ވަގުތު ނޫނެކޭ ނުބުނެއެވެ. މީކާއީލްގެ ސިފަތަކަކީ ވެސް ޝާހިލް އާއި ވަރަށް ގުޅޭ ސިފަތަކަށް ވާތީއެވެ. އޭނަގެ ކުރިމަތީގައި ދެހުށައެޅުމެއް އޮތް އިރު އޭނަ އާންބަސް ބުނާނީ ކާކަށް ކަން ވިސްނާލަން މަޖުބޫރު ވިއެވެ. ހިތާއި ސިކުނޑީގައި ހިނގަމުންދިޔަ ޝުޢޫރުތަކުގެ ތެރެއިން ޝިފްނާގެ ހިތުގެ އަޑު ގަދަވެލި އެވެ. "ޝާހިލް" ގެ ނަން އިވިގެން ދިޔަކަހަލައެވެ.
ޝިފްނާ އޭނަގެ ފަންއިސްތަށިގަނޑު އެއްކޮށްލާފައި އެއްފަރާތައް ވައްޓާލަމުން ދެފަރާތުން ކަނދުރާގައި އަތް އަޅުވާލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ދެލޯ މަރާލިއެވެ.
"މީކާއީލް އަކީވެސް ވަރަށް ރަނގަޅު ކުއްޖެއް، އެކަމަކު."ޝިފްނާ ލޯ ހުޅުވާލިއެވެ.
ޝިފްނާ ކަނދުރާއިން އަތް ތިރިކޮށްލަމުން ކުޑަކޮށް އެއްފަރާތަށް ގުދުވެލާފައި އެނދުގެ ކައިރީގައި ހުރި ކަނބަޑު ހުޅުވާލާފައި ކުޑަވަރެއްގެ އަލްބަމެއް ނެގިއެވެ. އަދި ހަށިގަނޑު ތެދުކޮށްލަމުން އަލްބަމަށް ބަލާލިއެވެ. އެއަށް ފަހު ބަނޑުން އެނދުގެ ފައިލާކޮޅުގައި އޮށޯތެވެ. ފަހަތުން ދެފައި ހިއްލާ ކުޑަކޮށް ތަޅުވާލަމުން ދިޔައެވެ. ވާތްމަތީގައި ދަތްދޮޅި ވިއްދާލަމުން ކަނާތުން އަތުގައި އޮތް އަލްބަމް ހުޅުވާލިއެވެ. ސްކޫލް ދައުރުގެ ފޮޓޯތަކެވެ. އެފޮޓޯތަކުގައި ޝާހިލްގެ ފޮޓޯވެސް ހުއްޓެވެ. އިންޓަސް ސްކޫލް ފްޓޯބޯޅަ މުބާރާތް ތަކާ، ކުއްލިމައުލޫއަށް ވާހަކަ ދެއްކުމުގެ މުބާރާތް ތަކާ، މިހެން ގޮސް އެކިއެކި ޖަލްސާކަތުގައި ނަގާފައިވާ ފޮޓޯތަކެވެ.
ޝިފްނާ ސިއްސައިގެން ދިޔައީ ކަނބަޑުމަތީގައި ހުރި ފޯނު ރަނގަބީލު ވާން ފެށުމުންނެވެ. އެއަޑަށް އެހަމަހިމޭން މާހައުލު ގުގުމާއިގެން ގޮސް ކޮޓަރީގެ ފާރުތައް ތެޅިގަތް ކަހަލައެވެ. އެއަޑަށް ޖެހިގެން ހުރި ކޮޓަރިން މަންމަ އައުމުގެ ކުރިން ފުންމައިގެން ތެދުވެ ފޯނު ގެ އަތްގަނޑު ނެގިއެވެ.
"ހަލޯ."އުފުރެމުންދިޔަ ނޭވާ ހަމަޔަކަށް އަޅުވާލަމުން ޝިފްނާ ފޯނަށް ޖަވާބުދިނެވެ.
"ހާދަ ހާސްވެފައި؟ ބިރެއް ފެނުނީތަ؟"އެކޮޅުން އިވުނީ ޝާހިލްގެ ހަމަހިމޭން އަޑެވެ. އެފިރިހެންވަންތަ އަޑު ޖެހުމުން ޝިފްނާގެ ދެލޯ ބޮޑުކޮށްލެވި ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވީ ކަނދުރާމަތިން ގަވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިނަގައިގަތުމުން ނެވެ.
"ޝިފޫ."ޝާހިލް ޝިފްނާގެ ނަން ކުރުކޮށް ވަނަމުން ގޮވާލިއެވެ. ޝިފްނާ އިތުރު ވާހަކަ އެއް ނުދައްކާ ފޯނު ކުއްލިޔަކަށް ބޭވިއެވެ. އޭނަޔަށް ވާހަކަ ދައްކަން ނުކެރުނީއެވެ.
"އަހަރެން މިކުރީ ކީއް؟"ޝިފްނާ އަމިއްލަ ނަފްސަށް ބުނެލަމުން ދެއަތުން ދެކޮލުގައި އަތް ޖައްސާލިއެވެ. އަތުގެ ފިނިކަން ކޮލުގައި ބީހިލުމުން ޝިފްނާ ފުން "އާހް." އެއް ބޭރުކޮށްލަމުން ފަހަތަށް ބާލީސް ބައްޗަށް ވެއްޓިގަތެވެ. ޝިފްނާ ހީކުރީ ޝާހިލް އަލުން ގުޅާނެކަމެވެ. އިތުރަށް ފޯނު ރިންގުވޭތޯ ޝިފްނާ ފޯނާ ދިމާ އަށް ބަލާލިއެވެ. އެއްފަރާތެއްގައި އޮތް ބާލީސް ނަގައި ބައްދާލަމުން ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.
********************
ޗެޕްޓާރ: 10
ކައިވެނި ޕާޓީ އެއްގެ ދައުވަތު.
ދެދުވަސް ވީއިރުވެސް ޝާހިލްގެ ހަބައެއް ނުވެއެވެ. ޝިފްނާ ހީކުރީ ހޮސްޕިޓަލަށް ވެސް އަންނާނެކަމަށެވެ. ބައްޕަގެ ކައިރީގައި އިންކަމުގައި ވިޔަސް ޝިފްނާގެ ނަޒަރު އިރުއިރުކޮޅާކޮޓަރިޔަށް ވަންނަދޮރާދިމާ އަށް ދެއެވެ.
3ވަނަ ދުވަހު ހަވީރުވާން އުޅެނިކޮށް ޝިފްނާގެ ބައްޕަ ގެޔަށް ދޫކޮށްލިއެވެ. ޝިފްނާ އިތުރަށް ފިހާރައަށް ދާން އޭނަގެ ބައްޕަ ގަބޫލުނުވުމުން އެކަމާ މާބޮޑު ދެކޮޅުވެރިކަމެއް ނުހަދާ ގޭގައި މަޑުކުރީއެވެ.
2 ބުރިއަށް ހަދާފައިވާ މިގޭގައި ޖުމްލަ 6 ކޮޓަރިވީއިރު ބޭނުން ކުރަނީ 5 ކޮޓަރިއެވެ. އަނެއް ކޮޓަރި ބޭނުން ކުރަނީ ޝިފްނާ އާއި އޭނަގެ ކޮއްކޮމެން ކިޔަފާ ތަނެއްގެ ގޮތުގައެވެ. ތިރީގައި ސިޓިންރޫމާ ބަދިގެ އާއި ކާބަޔާ 2 ކޮޓަރި ހިމެނެއެވެ. ގެއަޅާފައިވާ ދިމާ އަށް ބޮޑު ހުސްމައިދާނެއް ވަނީ ގަސްއިންދުމަށް ތައްޔާރުކޮށްފައެވެ. ބޭރުން ދޮރާށިވަދެވޭއިރު ވާތްފަރާތައް ބޭރަށް ދޮރުކަނޑާފައިވާ ކުޑަކޮޓަރިއެއް ވަރުގެ ތަންކޮޅެއް ފޮޓޯޕްރިންޓް ކުރާބަޔަކަށް ކުއްޔަށް ދީފައި ހުރެއެވެ. ދޮރާޓާދިމާ ލުން ކަނާތް ފަރާތައް އެގޭގެ އެއްބައި ހުރީ 2 ބުރިޔަށް ހަދާފައި ކުއްޔަށް ދީފައެވެ. އެބަޔަށް ވެސް ވަދެވޭނެ ގޮތަށް އެތެރޭން ދޮރެއް ކަނޑާފައި ހުރެއެވެ.
ޝިފްނާ ސިޓިން ރޫމުން ބެލްކަންޏަށް ނިކުމެ އެއްފަރާތެއްގައި އޭނަގެ ބައްޕަ އޭނަޔަށް ހަދާދީފައިވާ އުނދޯލީގައި އިށީނެވެ. އަދި އަތުގައި އޮތް އޮރުދޫ ވާހަކަ ފޮތެއްގެ ދިވެހި ތަރުޖަމާ އުނދޯލިމަތީގައި ބޭއްވިއެވެ.
"ޝިފްނާ، ޝިފްނާ."އުނދޯލި ކުރިމަތީ ގައި ޗޭނުޖަހާފައި ދަނގަޑު ހަރު މަތީގައި އިން އެފްރިކަން ގްރޭޕެރޮޓް ޝިފްނާގެ ނަމުން ގޮވަމުން ދިޔައެވެ. އަދި އުފާވެރި ގޮތަކަށް ޝިފްނާގެ ފޫހިކަން ފިލުވާލަދޭން އެސޮރު މަސައްކަތް ކުރަމުން ދިޔައެވެ. ޝިފްނާ އެސޮރަށް ބަލާލާފައި ތުންފަތް މައްޗަށް ހިނިތުން ވުމެއް ގެނައެވެ.
"ޑެއިޒީ ކީއްކުރަނީ؟"ޝިފްނާ ގުރާ ކުރެން އަހާލިއެވެ.
"ފޫހިވަނީ ފޫހިވަނީ. ހެހެހެހެ. ފޫހިވަނީ ފޫހި ވަނީ، ހެހެހެހެ. ޑެއިޒީ ފޫހިވަނީ."ކުޑަކުއްޖެއްގެ އަޑުން ބުނެލާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
"ތިއީ އަބަދު ކިޔާ ބަންޖެއް، ޝާރިފް އާ ވާހަކަ އެއް ދަހެއް ނުކޮށްދޭ ދޯ."ޝިފްނާ އުދޯޅި ހެއްލާލަމުން އަހާލިއެވެ.
"ކޮބާ ބައްޕަ؟ ކޮބާ މަންމަ؟އައިލަވްޔޫ."އަނެއްކާ ވެސް ގުރާގެ އަޑު އިވިގެން ދިޔައެވެ.
"އައިލަވްޔޫ ޓޫ، ހިނގާ އަހަރެން އާބަހެއް ދަސްކޮށްދޭނަން."ޝިފްނާ ފައިތިލަ މުށިގަނޑުމަތީގައި ޖައްސާލަމުން އުނދޯލި ހެއްލުން ހުއްޓާލިއެވެ. އަދި ތެދުވެ ގުރާ އިންދިމާ އަށް ދިޔައެވެ.
"ޑޭއިޒީ ކިޔާ، ޝާހިލް، ޝާހިލް."ޝިފްނާ ޝާހިލްގެ ނަން ޑެއިޒީ އަށް ދަސްކޮށްދޭން އުޅުނެވެ. އިރުކޮޅަކު މަސައްކަތް ކުރުމުން ވެސް ޑެއިޒީ އެނަން ނުކިއުމުން ޝިފްނާ ދެލޯ އަޅާލިއެވެ.
"ތިއީ ހަމަ ފޫހި މީހެއް. ނޫޅެން ވާހަކަ ދައްކާކަށް."ޝިފްނާ އެނބުރި އައިސް އުނދޯލީގައި އިށިނެވެ. ޑެއިޒީ އޭރުވެސް ކިޔަމުން ދިޔަ ބަސްތައް ތަކުރާރު ކުރަމުން އޭސޮރު އިން ދަގަނޑު ގަނޑުގައި ބުރުއަޅަމުން ދިޔައެވެ.
ޝިފްނާ އޭނަގެ ސަމާލުކަން ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ދިނެވެ. އެދިމާލުން ލޮނުޒިޔާރަތް ކޮޅު ތޮށިގަނޑުމަތި ރީތިކޮށް ފެނެވެ. ރާޅާއަޅާ ކުދިން ގެ ހަރަކާތްތައް ޝިފްނާ ބަލަމުން ދިޔައީ ފޫހިކަމެއް ނެތެވެ.
"ޝިފޫ."އެގެޔާ ދިމާލު ތިރިން ކުއްޖަކު ގޮވާލި އަޑުއިވުނެވެ. ޝިފްނާ އިންގޮތައް އިނދެ ތިރިޔަށް ބަލާލިއެވެ. މަގުގެ އަނެއްފަރާތުގައި އެކުވެރި ޞޯއިގާ ހުއްޓެވެ. އަތުގައި ކަރުދާހުގެ ބޮނޑިވަރެއް އޮތެވެ. ޝިފްނާ އުނދޯލުން ތެދުވެ ބެލްކަނީގެ ރޭލިންގައި އަތް ހިފަހައްޓާލަމުން ޞޯއިގާ އަށް ބަލާލިއެވެ.
"ކީކޭ؟"ޝިފްނާ އަހާލިއެވެ.
"ތިރިޔަށް އާދެވޭނެތަ؟ އެއްޗެއް ހަވާލުކޮށްލަން."ޞޯއިގާ ބުންޏެވެ.
"މައްޗައް އަރާބަލަ، ޝާފީ ވެސް ގޭގައި ނެތް، ބިރުގަންނާކައް ނުޖެހޭނެ."ޝިފްނާ ބުންޏެވެ.
"ބަލަ ޝާފީ ދެކެ ބިރަކުން ނޫނޭ، ކޮބާ ތިގޭގައި އޮތް ބުޅާ، އޭތި އޮތިއްޔާ މައްޗަކަށް ނާރާނަން."ޞޯއިގާ ބުންޏެވެ.
"މައްޗަށް އަރާ، އަހަރެން ބުޅާ މިވައްދަނީ ޝާފީގެ ކޮޓަރިޔަށް."ޝިފްނާ ބުންޏެވެ. ޝިފްނާ އެހެން ބުނުމުން ޞޯއިގާ އެގެއާއި ދިމާ އަށް ދިޔައެވެ.
ޞޯއިގާ މައްޗަށް އަރަން ވާއިރަށް އެގޭގައި ޝިފްނާގެ ކޮއްކޮ ޝާފީ ގެންގުޅޭ "ސަންޕަ" ކިޔާ ހުދު ބުޅާ ޝާފީ އާއި ޝާރިފްގެ ކޮޓަރިޔަށް ލިއެވެ. ޞޯއިގާ މައްޗަށް އެރުމުން ދެމީހުން ވާހަކަ ދައްކާލަން ބެލްކަންޏަށް ނިކުތެވެ. ޞޯއިގާ ފެންނައިރަށް ޑެއިޒީ ޞޯއިގާގެ ނަމުން ގޮވަން ފެށިއެވެ.
"ބޮލަކަށް އުދަގުލެއް ނުވޭތަ؟"އުނދޯލީގައި އިށީންނަމުން ޞޯއިގާ އަހާލިއެވެ.
"ކޮންކަމަކާ؟"ޝިފްނާ ވެސް އެއްކޮޅުގައި އިށީންނަމުން އަހާލިއެވެ.
"މިޑެއިޒީ އެއް މިއޮތް ލަވާ ހަޅޭކުން."ޞޯއިގާ ކުރިމަތީގައި އިން ގުރައަށް ބަލާލަމުން ބުންޏެވެ.
"ކިހާ ލޯބި، މަށަކަށް އުދަގުލެއް ނުވޭ، ކަމަކުތަ ތިއައީ؟"ޝިފްނާ އަހާލިއެވެ.
"މީކާއީލް ބުނި ފިހާރައިން ކެނޑުނު ވާހަކަ."ޞޯއިގާ ބުންޏެވެ.
"އާން. ބައްޕަ އެހާ ގަބޫލެއް ނޫން ފިހާރައަކަށް ދާކަށް، އެހެންވެ، ދެން ފުރަން ވަންދެން މިހެން ފޫހިވެފައި ގޭގައި އިންނަން ޖެހޭނީ."ޝިފްނާ އަނގަޔާ ދެލޮލަލަށް ގޮތެއް ހަދާލަމުން ކޮނޑު އަރުވާލަމުން ބުންޏެވެ.
"އަން... މަގޭ ވެޑިންކާޑު."އަތުގައި އޮތް ކާޑުތަކުން ޝިފްނާގެ ނަން ޖަހާފައިވާ ކާޑެއް ނަގައި ދިއްކޮށްލަމުން ބުންޏެވެ. ޝިފްނާ ކާޑުގައި ހިފިއެވެ.
"ތެންކިއު."ޝިފްނާ އަތުގައި އޮތް ކާޑު ބަލާލުމެއް ނެތި އޭނަ ގެންގުޅުނު ފޮތް ތެރެއަށް ލިއެވެ.
"ނުވެސް ބަލަން ތަ؟"ޞޯއިގާ އަހާލިއެވެ.
"ފަހުން ބަލާނަން."އެހެން ބުނެމުން ޞޯއިގާގެ އަތުގައި ހުރި ކާޑުތައް ނެގިއެވެ.
"ކޮންބަޔަކަށް ތިކިޔަނީ؟"ޝިފްނާ ވަކިވަކިން ކާޑުތަކުގެ ސިޓީއުރައިގެ ބޭރުގައިވާ ނަންތައް ބަލަމުން އަހާލިއެވެ.
"އެއްކޮއް އުޅުނު އެންމެ ގާތް ކުދިންނަށް، ޝިފްނާގެ ފެމެލީ އަށް އިނގޭ މިކީ، ހުރިހާ އެންމެން އަންނާތި."ޞޯއިގާ ބުންޏެވެ.
"ހުރިހާ އެންމެނަށް ދެވޭނެ ކަމެއް ނޭނގެ، ބައްޕަ އަދިވެސް މުޅިން އޯކޭ އެއް ނޫން، މަންމަ ގެ ހާލުއެނގެއެއްނުން. އެކަމަކު އަހަރެން ދާނަން."އޭނަ ހޯދާން ނަން ނުފެނުނީމައި މާޔޫސްކަމެއް މޫނުމައްޗަށް ވެރިވިއެވެ. އަނބުރާ ހުރިހާ ކާޑުތަކެއް ޞޯއިގާ އަތަށް ދިނެވެ.
"ފަޒީލްގެ ފުރެންޑުން ހާދަމަދޭ."ޝިފްނާ ޞޯއިގާގެ މޫނަށް ބަލާލަމުން އަހާލިއެވެ.
"ހޫން... އެނގިއްޖެ، ކޮންމެހެން މަޑުމަޑުން ނުކޮނެ، ސީދާސީދަލަށް އަހާބަލަ، ޝާހިލް އަށް ކިންހެއްޔޭ."ޝިފްނާ އާއި ދިމާކޮށްލާ ރާގަކަށް ޞޯއިގާ ބުންޏެވެ. ޝީފްނާގެ ތުންފަތް މަތިން ލުއި ހިތުންވުމެއް ފާޅުވިއެވެ.
"ޝާހިލް އަށް ދައުވަތު ދިނިން، ފަޒީލްގެ އެއްއަތް އެއީ ކީއްވެ ނުކިޔަންވީ؟"ޞޯއިގާ ހިނިތުންވެލަމުން ބުންޏެވެ.
"މަހަމަ ހައިރާން ވެފައި މިހުންނަނީ އެހާ ދުވަސް ވީއިރުވެސް ޝިފްނާ އަށް ޝާހިލް މަތިން ހަނދާން ނައްތާ ނުލެވުނީމައި، މިހާރު ނޭނގެ އޭނަ ބިޓެއް ނުނަގާކަމެއް ވެސް."ޞޯއިގާ ބުންޏެވެ. އޭރުވެސް ޝިފްނާގެ ތުންފަތްމަތިން ފާޅުވަމުން ދިޔަ ހިނިތުން ވުމަކަށް ބަދަލެއް ނާދެއެވެ.
"އަހަރެން ވާހަކަ އެއް ބުނަންތަ؟ އެކަމަކު އެއްވެސް މީހެއްކައިރީގައި ބުނެގެން ނުވާނެ. ޕްރޮމިސް."ޝީފްނާ ޞޯއިގާ އާއި ދިމާ އަށް އަތް ދިއްކޮށްލަމުން ބުންޏެވެ. ޞޯއިގާ ދެލޯ ކުޑަކޮށްލަމުން މޫނަށް ގޮތެއް ހަދާލަމުން ޝިފްނާ އަށް ބަލާލިއެވެ.
"އަނެއްކާ ކޮންވާހަކަ އެއް؟"ޞޯއިގާ އަހާލިއެވެ.
"ހުވާ ކޮށްބަލަ، އޭރުން ބުނާނީ."ޝިފްނާ ބުންޏެވެ.
"ހޫން... އޯކޭ، ހުވާ ކުރަން، ދެން ބުނެބަލަ ކޮން ވާހަކަ އެއް؟" ޞޯއިގާ ދެބުމަ އަރުވާލަމުން އަހާލިއެވެ.
"ކުރިން ރޭ ޝާހިލް އަހަރެން ކުރެން ރައްޓެހިވާން އެހި."އެހެން ބުނެލެވުނު އިރު ޝިފްނާގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ލަދުވެތިކަމުގެ ހިނިތުންވުމެއް ތުންފަތް މަތިން ފާޅުވިއެވެ. ޞޯއިގާ އަށް އެހިވުނު ޖުމްލައިން ހައިރާން ވެފައި އަނގަ ހުޅުވާލަމުން ދެއަތުން އަނގަމަތީގައި އަތް އަޅާލެވުނެވެ.
"ހުވާތަ؟ ކިހިނެއް ދިމާވީ، ކޮންތާކު ހުރެ އެހީ؟"އެއްފަހަރާ އެތަށް ސުވާލެއް ޞޯއިގާ ކުރަން ފށިއެވެ.
"މަފަހުން ކިޔާދޭނަން."ޝީފްނާ ފުންނޭވާއެއް ލިއެވެ.
"ދެން ޝިފްނާ ބުނީ ކީކޭ؟ އާން އެކޭ ދޯ ބުނީ؟"ޞޯއިގާ އަހާލިއެވެ. ޝީފްނާ އެއްޗެއް ނުބުނެ ދެބުމަ އަރުވާލަމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. ޞޯއިގާ ޝިފްނާ ގެ ހަރަކާތް ތަކަށް ބަލަން އިނދެފައި ޝިފްނާގެ ކަނާތްފަރާތުން ކޮނޑުގައި ކުޑަކޮށް ޖަހާލިއެވެ.
"ޔަގީން މިފަހަރުވެސް ބޮޑު ނޯއެއް ކަން ބުނީ."ޞޯއިގާ މާޔޫސް ވިކަހަލައެވެ.
"މައަދި ޖަވާބެއް ނުދެން، އެއްހަފްތާގެ މުއްދަތެއް ދޭން ބުނެގެން މިއުޅެނީ، އޭގެ ކުރިން މީކާއީލް އަށް ޖަވާބެއް ދޭން އެބަޖެހޭ."ޝިފްނާ ދެކޮޑޫއަރުވާލަމުން "އާޙް"އެއް ބޭރު ކޮށްލިއެވެ.
"ހޫން، މީކާއީލް ބަހައްޓަބަލަ، އަވަހަށް ޝާހިލް އަށް ޖަވާބެއްދީ، ފަޒީލް ބުނީ ދުވަހަކު ވެސް އަދި ކުއްޖަކާ ރައްޓެއްސެއްވެސް ނުވެޔޯ، ހުޝައެޅުންތައް ބާވަރު ލިބުނުކަމަށް ވަނީ، އެކަމަކު އެމަނިކުފާނު ހިތްފުޅާވާ ކުއްޖަކު ނުފެނެޔޯ، ހެއްވާދޯ."ޞޯއިގާ އެއްނޭވާއިން ހުރިހާ ވާހަކަ އެއް ދައްކާ ނިންމާލަން ބޭނުންވިއެވެ.
"ޖަވާބު ދޭނަމޭ."ޝިފްނާ ހަމަޖެހިލަމުން ބުންޏެވެ.
ޞޯއިގާ ދިއުމުން ޝިފްނާ އެނބުރި ކޮޓަރިޔަށް ދިޔައެވެ. ކޮޓަރީގެ އެއްބިތަށްވާގޮތައް ހަދާފައި ހުރި ހައިވަކު 3 ދޮރުފަތްލީ އަލަމާރިއާއި ދިމާ އަށް ޝިފްނާ ދިޔައެވެ. އަލަމާރީގެ ދެދޮރުފަތުގައި ހިފައި ޝިފްނާ އެއްފަހަރާ އަލަމާރި ހުޅުވާލިއެވެ. އަލާމާރީގެ ހެނދުން އަޅުވާބައިގައި ހުރި ހެދުންތަކަށް ބަލަމުން ދިޔައެވެ. ޞޯއިގާގެ ކައިވެނިޕާޓީއަށް ދާންލާނެ ރަނގަޅު ހެދުމެއް އެތަނުގައި ހުރިތޯ ބަލަމުން ދިޔައެވެ. އެތަނުގައި އަޅުވާފައިވާ ހެދުންތަކުގެ ތެރޭގައި އަދިވެސް ގިނައީ ޝިފްނާ ނުލާ ހެދުމެވެ. އޭނަގެ ބައްޕަ އަހަރަކު އެތަށް ފަހަރަކު އެތަށް ގައުމަކަށް ގޮސްސަ އަންނައިރު ޝިފްނާ އަށް ހާއްސަކޮށް ގެންނަނީ އަގުބޮޑެތި މޮޅެތި ހެދުމެވެ.
ޝިފްނާ ހެދުންތައް ދުރަށް ޖައްސަމުން ގޮސް ރޯސްގޯލްޑް ކުރު ހެދުމެއް ނެގިއެވެ. އަލަމާރި ހުރިބިތް ނޫން އަނެއްބިތުގެ ކައިރީގައި ހުރި ހައިވަކަރުން ފަރުމާކޮށްފައިވާ ޑްރެސިންގްޓޭބަލް ކައިރިޔަށް ގޮސް ހުއްޓުނެވެ. ގައިގައި ހެދުންޖައްސާލަމުން ބަލާލިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ލައިގެން ހުރި ޓީޝާޓް ބާލާފައި ހެނދުން ލައި ބަލާލިއެވެ. ފަހަތުން ޒިބް އަޅުވާލިއެވެ. އަދި ލޯގަނޑުގެ ކުރިމަން ދެކޮޅަށް ހިނގާލިއެވެ. އަނެއްކާ ވެސް ލޯގަނޑުގެ ކުރިމަށްޗަށް ހުއްޓިލުމަށްފަހު ބަނޑާދިމާލުން އަތް ޖައްސާލިއެވެ.
"މީތި އޯކޭ."ޝިފްނާ ގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ. ލައިގެން ހުރި ހެދުން ބޭލުމަށްފަހު ކުރިން ލައިގެން ހުރި އެއްޗެހި ލިޔެއެވެ. އަދި އެހެދުމާ ގުޅޭނެ ގަހަނާ ހަމަކޮށްލިއެވެ.
ޗެޕްޓާރ: 11
އިންތިޒާރަކީ ފޮނި އެއްޗެއް.
ޞޯއިގާގެ ކައިވެނި ޕާޓީ އޮތީ ޞޯއިގާގެ ގޭގެ ބޮޑުފެންޑާ އާއި ގޭގެ ހުސްބައިގައެވެ. ދޮރާށިން ވަދެވޭ ދިމާލުގައި ހުރި ބޮޑު އަނބުގަހުގެ އެއްފަރާތެއްގައި ޞޯއިގާމެންގެ ދެމަފިރިން ތިބޭނެ ދެގޮނޑި ބަހައްޓާފައި ހުއްޓެވެ. އެދިމާ ޒީނަތް ތެރި ކޮށްފައިވަނީ ފަނުންނާ ކަނީރު މަލާ ބޯގަންވިލާ މަލުންނެވެ. އަދި ކުދިކުދި ނިވިދިއްލޭ ބޮކިފަތިތަކުންނެވެ. ވަންނަ ދޮރޯށިމަތީ ވެސް ވަނީ ހަމަ މިބުނާ ސާމާނުން ޒީނަތް ތެރިކޮށްފައެވެ. އެ ގޭ ފާރުތައް ވެސް ވަނީ ފަނުން ފޮރުވާލާފައެވެ. ރީތިކޮށް އެފަންތަކުގައި ވެސް ނިވިދިއްލޭ ކުދިކުދި ބޮކިފަތި ވަނީ ދަމާލާފައެވެ. އަދި ހަމަހިމޭން ރީތި މިއުޒިކަކުން ތަނުގެ ފަޅުކަން ފިލުވާލަދެމުން ދިޔައެވެ.
ގޭގެ ހުސްމައިދާނުގައި ވަށާވާ ބުރެއްގޮތައް 3 ދިމާލެއްގައި ވަނީ ގޮނޑިޖަހާފައެވެ. އަދި ހަމަ އެހެންމެ ފާރާކައިރިން ފަތްޗަކަށް ގޮޑިޖަހާފައިވާ އިރު ބޮޑު ދެމޭޒުވަނީ ކާއެއްޗެހި އެތުރުމަށް ތައްޔާރު ކޮށްފައެވެ. އެ ގޭ ބޭރެކޭ އެތެރެއެކޭ އެއްވެސް ތަފާތެއް ނެތް ގޮތައް ޒީނަތް ތެރި ކުރެވިފަވާ މިގޭ ދޮރާށިން މެހެމާނުން ވަންނަމުން ދިޔައީ އަތަށް ހެޔޮވަރު ޕާރުސަލްތައް ހިފައިގެންނެވެ. މަދުމީހެއްގެ އަތުން ފާރުސަލްތައް ނުފެނުކަމުގައި ވިޔަސް މިރޭ އެގެޔަށް ޕާޓީއަށް އައިމީހުން ގެ އަދަދު މަދެއް ނޫނެވެ.
ޝިފްނާ ވެސް އަތުގައި އޮތް ޕާރުސަލް ދިއްކޮށްލަމުން ޞޯއިގާ އާއި ސަލާމް ކޮށްލިއެވެ. ފަޒީލް އާއި ޞޯއިގާ ޝީފްނާ އަށް ޝުކުރުއަދާ ކުރަމުން ފޮޓޮއަކަށް ތައްޔާރުވިއެވެ. ޞޯއިގާ އާއި ޖެހިގެން ޝީފްނާ ފޮޓޯނަގަން މަޑުކޮށްލި ހިނދު ޝިފްނާގެ ދާދި ކައިރިޔަށް ޝާހިލް މަޑުކޮށްލިއެވެ. ޝިފްނާ އަށް ކުޑަކޮށް އިސްއުފުލާ ބަލާލެވުނީ ޝާހިލްގެ މޫނަށެވެ. ކަޅުކުލައިގެ އަތްދިގު ގަމީހުގައި ހުރި ޝާހިލްގެ ގަމީހުގެ އަތްކުރި ވަނީ މުލައްދަނޑި ފެންނަ ވަރަށް މައްޗަށް އޮޅާލާފަ އެވެ. ގަމީހާ ގުޅޭގޮތައް ގަދަ އަޅިކުލައިގެ ފަޓްލޫނެއް ލައިފައި ހުއްޓެވެ. އަރާފައި ހުރީ އޮފުކަމެއް ހުރި ކަޅު ބޫޓަކަށެވެ.
އަދި ނުނިމޭ
ކޮމެންޓް