ރައީސް ޑރ މުޢިއްޒު ސްޕަރ މެޖޯރިޓީ އެ ހޯއްދެވީ އެއްކަލަ ހުސްގޮނޑި ނުލާ!

--

ވާދަވެރިން ގަބޫލު ކުރަމުން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ ނުލައި، ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ޕީއެންސީ އަށް ނުނެގޭނެ ކަމެވެ. ހާއްސަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ ގޮތުން ވަރުގަދަ، "ހައިބަތު" ހުންނެވި ލީޑަރެއް ނޫން ކަމަށް ދެއްކިއެވެ. ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ފޮޓޯ އާއި ހުސް ގޮނޑި ދައްކައިގެން ކަމަށް ބުނެ ޔާމީންގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނަށް މަލާމާތް ކުރިއެވެ.

ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެންނެވުމުން ރައީސް ޔާމީންގެ ސަޕޯޓަރުން ހުސް ގޮނޑި ހިފައިގެން ބަނދަރު ސަރަހައްދަށް ގޮސް ވަރަށް ބޮޑަށް މަލާމާތް ވެސް ކުރިއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރުގެ ސައިޒް ފެންނާނެ ކަމަށާއި އެމްޑީޕީން މަޖިލިހުގެ ގިނަ ގޮނޑިތަކެއް ނަގާނެ ކަމަށް ހުދު ޔާމީންގެ ސަޕޯޓަރުން ވެސް ދެކުނެވެ.

އެކަމަކު، ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ސުޕާ މެޖޯރިޓީ ހޯއްދަވައިފައެވެ. ނުކުންނެވީ ވަރުގަދަ، ހީވާގި ޓީމަކާ އެކުގައެވެ. ރައީސް ޑރ. މުއިއްޒު ފަހަތް ބެއްލެވުމެއް ނެތި ވަޑައިގެންނެވީ ކުރިއަށެވެ. އެމަނިކުފާނު ބޭނުންވީ މި ފަސް އަހަރުގެ ތެރޭގައި ނަތީޖާ ނެރެ ރައްޔިތުންނަށް ދައްކާށެވެ. އެމަނިކުފާނަށް މަޖިލިސް މުހިންމުވީ ވެސް އެ ސަބަބާ ހުރެއެވެ. ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި މަޖިލިހުން ސަރުކާރަށް ތަކުރާރުކޮށް ޖެއްސުން ކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ބޭރު ކުރެއްވެވިއެވެ. ވަޒީރުންތަކަކަށް ރުހުން ނުދިނުމުގެ މައްސަލައެވެ. ބައެއް ބިލްތައް މަޖިލިހުން ފާސްނުކޮށް ބޭރުކޮށްލުމުންނެވެ.

އެމްޑީޕީ އަށް މަޖިލިހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، މި ފަސް އަހަރު ރާއްޖެ އަށް ކުރިއެރުން ހޯދަން އިންތިހާ އަށް އުނދަގޫ ވެދާނެތީ ރައީސް ޑރ. މުއިއްޒު ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ކެންޑިޑޭޓުންނާ އެކުގައި ދޮރުން ދޮރަށް ހިންގެވިއެވެ. ކަންމަތީ ބައްދަލުވުންތައް ބޭއްވެވިއެވެ. މިދިޔަ 150 ވަރަކަށް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި އެމީހުންގެ ހާލު ބައްލަވައި ދަތިވާ ކަންކަން އޮޅުން ފިލުއްވިއެވެ. ބައެއް ކެންޑިޑޭޓުންގެ ބައްދަލުވުންތަކުގައި އާއި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތުގައި ދެ ފަހަރަށް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން، މަޖިލިހުގެ ސުޕާ މެޖޯރިޓީ ރައީސް މުއިއްޒު ނެންގެވީ ޔާމީންގެ ނަން ވެސް ގެންނެވުމެއް ނެތިއެވެ!

ސިޔާސީ ލީޑަރެއްގެ "ޕަޕެޓެއް" ގޮތުގައި ނުހުންނަވައި ރައީސް ޑރ. މުއިއްޒު މި ހޯއްދެވީ ހަގީގަތުގައި ވެސް ބޮޑު ކާމިޔާބީއެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ ސޮފްހާއެކެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބެއްގައި މީގެކުރިން އެއް ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑި ނެގިފައެއް ނުވެއެވެ. ޕީއެންސީގެ މެމްބަރުން ކާމިޔާބު ކުރެއްވި ގޮނޑިތަކާއި ސަރުކާރުން ތާއީދު ކުރާ މެމްބަރުން ނެގި ގޮނޑިތަކާ އެކުގައި ރައީސް ޑރ. މުއިއްޒަށް ހޯއްދެވުނު ގޮނޑީގެ އަދަދު 70 އަށް ވުރެ މައްޗެވެ.

އެމްޑީޕީން 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ނުކުންނަވައިގެންނެވެ. އެ ފަހަރު އެމްޑީޕީން 65 ގޮނޑިއާ އެކުގައި މަޖިލިހުގެ ސުޕާ މެޖޯރިޓީ ނެގިއެވެ. ނަމަވެސް މިފަހަރު މަންޒަރު ތަފާތެވެ. ރައީސް ޑރ. މުއިއްޒު "ގިނިކަންޏާ" ޕީއެންސީ ގޮވައިގެން ނުކުންނަވައި މި ހޯއްދެވި ކާމިޔާބީއަކީ ފާހަގަނުކޮށް ދޫކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ނޫނެވެ.

މި ކާމިޔާބީއަކީ ޕީޕީއެމް/ޕީއެންސީއަށް މަޖިލިސް އިންތިހާބެއްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭއްވި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ލިބިފައި ވަނީ 45 ވަރަކަށް ގޮނޑިއެވެ.

މަޖިލިސް އިންތިހާބުގައި ޔާމީންގެ ފޮޓޯފުޅާއި ޕީއެންއެފް ލޯގޯ އާއި ކުލަ ޖަހައިގެން މިފަހަރުގެ އިންތިހާބުގައި އެންމެ ގޮނޑިއެއް ވެސް ޔާމީނަށް ނުހޯދުނެވެ. މިއީ ސިޔާސީ ގޮތުން ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ވަރަށް ބޮޑު ފެއިލްވުމެކެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަމަ، ޔާމީންގެ އެއްވެސް ކެންޑިޑޭޓަކު ދެވަނަ އާ ހިސާބަށް ވެސް ގޮސްފައި ނުވެއެވެ. އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް ޔާމީން ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި ވެސް ކެމްޕެއިން ކުރެއްވި އެވެ. އެ ދާއިރާގެ އެއް ގޮނޑި ނަމަވެސް ޔާމީންގެ ކެންޑިޑޭޓަކު ނަގާނެ ކަމަށް ބައެއް މީހުން ގަބޫލު ވެސް ކުރިއެވެ. އެކަމަކު، ފުވައްމުލައް ސިޓީ ވަނީ ވިލު ނޫ ކުލައަށް ބަދަލުވެފައެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ގާސިމް އިބްރާހިމް ވެސް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އެކަމެވެ.

ގާސިމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް ރައީސް ޑރ. މުއިއްޒަށް ކާމިޔާބުވުމުގެ ފަހަތުގައި އޮތީ ނުހަނު ހުތޫރަތތެރި ހާލަތެއްގައި ނުހަނު އިހްލާސްތެރިކަމާ އެކު ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ނަތީޖާ އިން ކަމަށެވެ.

"އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުއިއްޒަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގި ކަށަވަރުވެފައެވެ." ގާސިމް ވިދާޅުވިއެވެ.

"މިފަދަ ބޮޑު ކާމިޔާބީ އެއް ހޯއްދެވި އިރު އެއްވެސް ޖަލްސާއެއްގައި ހުސް ގޮނޑިއެއްވެސް ނުވަތަ ވަކި ބޭފުޅެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެނެއެވެ."

ގާސިމް ވިދާޅުވި ގޮތުގައި ނަތީޖާ އިން ދައްކުވައި ދިން ކަމަކީ ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ ސަރުކާޜާ ގުޅޭ ގޮތުން ފަތުރަމުން ދިޔަ އިހާނެތި ވާހަކަތަކާއި މެދުކެނޑުމެއް ނެތި ކުރިމަތި ކުރަމުން ގެންދިޔަ ތުހުމަތުތަކާއި ހަޑި ހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަމެވެ.

ރައީސް ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީއާ އެކު ދެން ފެނިގެން ދިޔަ އެންމެ ހައިރާން ކުރުވަނިވި މަންޒަރަކީ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މެސެޖެވެ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުތައް ފުއްދެވުމަށް ދެން އެއްވެސް ހުރަހެއް ނެތް ކަމަށާއި ރައްޔިތުންގެ ހާލަތު ބަދަލު ކުރެއްވުމަށް އިހްލާސްތެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy