ވާހަކަ ލިޔުނީ: މަރިޔަމް މޫސާ
އޭނަ އަދި ކިޔަވަނީ، ޕާޓްޓައިމް ކޮށް އޭނަޔަށް އާދެވޭނީ، މިހާރު ވެސް މިއުޅެނީ އެގޮތަށްއަންނަ ކުދިން ގިނަކަމުން މިތަނުގަ މަސައްކަތެއް ނުވެގެން." މިރުފާން ބުންޏެވެ. ވިދާދު ފުންނޭވާ އެއް ލުމަށް ފަހު މިރުފާނަށް ބަލާލިއެވެ.
"މިރުފާން ބޭނުން ކުއްޖަކު އޮފީހަށް ނަގާ، ކާއިނާތު ނަގާނީ އަހަރެންގެ އޮފީހަށް."ވިދާދު ހީލަމުން ބުންޏެވެ.
"ތިބުނީ؟" މިރުފާން ޙައިރާން ވިއެވެ.
"މިތަނަށް ކެންޕޭން ކުރަންޝާ އެހެން ކަންކަމަށް މިރުފާން ބޭނުން މީހަކު ނަގާ، ކާއިނާތު ނަގާނީ އަހަރެން، ޕާޓްޓައިމް ކޮށްވިޔަސް ވެސް އަހަރެން ނަށް އޯކޭ."ވިދާދު ބުންޏެވެ. މިރުފާން ވިދާދަށް ބަލާލިއެވެ.
"މިހާރު ދެން ކުރަން ތިއުޅެނީ ކޮންކަމެއް ވިދާދު؟ އެކުއްޖާ އަށް ގޯނާ ނުކޮށް ދޫކޯށްލާ،އެއީ ވިދާދު ތިހީކުރާ ކަހަލަ ކުއްޖެއް ނޫން، ވަރަށް އަޙްލާގު ރަނގަޅު ކިޔަވާގެން ހުރި މޮޅު ކުއްޖެއް."މިރުފާން މަޑުމަޑުން ވިދާދަށް ބުންޏެވެ.
"އަހަރެން ޙައިރާން ވަނީ މިރުފާނަށް އަހަރެން އަދިވެސް ދަސްނުވީމަ، ކާއިނާތަށް ގުޅާފަ އަހަރެންގެ ސެކެޓްޓުރީ އަކަށް ހަމަޖައްސާ، އާން... އަދި އެއް ވާހަކަ، އަހަރެން މިއީ އޭނަ ކުރިމަތީގަ މިނިސްޓަރެއް ނޫން، ޑްރައިވަރެއް، އެކަން ހަނދާން ކުރާތި."މިރުފާން ތެދުވެގެން ހިނގައިގަތެވެ.
"މިރުފާން."ވިދާދު މިރުފާގެ ނަން ކިޔާލިއެވެ. މިރުފާން ހުއްޓިލިއެވެ.
"އަހަރެން ކާއިނާތަށް ގެއްލުމެއް ނުދޭ ނަން، އަހަރެން ނަށް އިތުބާރު ކުރޭ."ވިދާދު އިންގޮތައް އިދެފައި މިރުފާނަށް ބުންޏެވެ. މިރުފާން ވިދާދަށް ބަލާލިއެވެ.
"އެނޫން ކުއްޖަކު..."މިރުފާން ބުނަން އުޅުނެވެ.
"އަހަރެން ނަށް ކާއިނާތު ނޫން ކުއްޖަކު ބޭނުމެއް ނުވޭ."މިރުފާނަށް ޖުމްލަ ފުރިހަ ނުކުރެވިގެން އުޅެނިކޮށް ވިދާދު ބުންޏެވެ.
ވިދާދު ކުރަން އެއުޅޭ ކަމެއް މިރުފާން އަކަށް ނުވިސްނުނެވެ. ކުޑަކުއްޖަކު ކުޅޭ އެއްޗަކަށް ބޭނުންވެފައިވާ ގޮތައް ވިދާދު ކާއިނާތަށް ވަނީ ބޭނުން ވެފައެވެ. ކާއިނާތަށް ވިދާދު ގެއްލުމެއް ދީފާނޭ ކަމަށް މިރުފާނަށް ބިރުހީވާން ފެށިއެވެ. އެކަމަކު ވިދާދު އަކީވެސް އެހާ ހިތްހަރު މީހެއް ނޫން ކަން މިރުފާނަށް އެނގެއެވެ. އެހެންނާ އަންހެން ކުދިން ވިދާދުގެ ފަހަތުން ދުވާތަން މިރުފާނަށް ފެނިފަވެއެވެ. އެކަމަކު މިފަހަރު ވިދާދު އެވަނީ ކާއިނާތަށް ބޭނުން ވެފައެވެ. މިރުފާން އިތުރު ސުވާލެއް ނުކޮށް އެތަނުން ނިކުތެވެ. ވިދާދު ކާއިނާތުގެ ފައިލަށް ބަލާލިއެވެ.
*********************
ކާއިނާތަށް ވަޒީފާ ހަމަޖެހުމުން އެކަމާ ވަރަށް އުފާވިއެވެ. އޭނަ ބޭނުން ވާގޮތަށް ކިޔަންވަން ދެވޭ ގޮތަށެވެ. އޭނަގެ ކިޔެވުމަށް ހުރަހެއް ނޭޅޭ ގޮތަށް ވަޒީފާ ލިބުމުން އެއުފާވެރި ޙަބަރު ޒައިބާ އަށާ ޝަރާ އަށް ދިނެވެ. ޝަރާ އާއި މާގިނަ ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ބިޒީ ގަޑިއެއް ކަމުން ފޯނު ބާއްވާފައި ޝަރާ މަސައްކަތައް ދިޔައީއެެވެ.
"ކޮބާ އެހެން ވީމަ ކާއިނާތުގެ ޙަރަދުގަ ކޮފީ އޮންނާނެ ދޯ."ޒައިބާ އުފާވެރި ރާގެއްގައި ބުންޏެވެ.
"އަދި މަޑުކުރޭ، މުސާރަ ލިބުނީމަ ދޯ."ކާއިނާތު ބުންޏެވެ.
"އާން... ތިމުސާރާގެ އިންތިޒާރު ގަ ދެން ހުންނަން ޖެހޭނީ."ޒައިބާ ސަމާސާ ރާގަކަށް ބުންޏެވެ.
ކާއިނާތު ވަޒީފާއަށް ނިންކުންނަ ހަމަޖެހިފައި އޮތް ދުވަހަށް ތައްޔާރު ވަމުން ދިޔައެވެ. ވިދާދު ވެސް ކާއިނާތު އެ އޮފީހަށް ނިކުންނާތީ މިރުފާނަށް ކާއިނާތު އާއި ހަވާލު ކުރާނެ މަސައްކަތް ތައް ބުނެދިނެވެ.
"އެއީ ވިދާދު ގެ ސެކްޓްރީ ކީއްވެ އަހަރެން ތިހުރިހާ ކަމަކާ ހަވާލު ވާންވީ؟" މިރުފާން ވިދާދު އާއި ސުވާލު ކޮށްލިއެވެ.
"ކުރިން ވެސް ބުނީމެއްނު އަހަރެން މިއީ ޑްރައިވަރެކޭ، ކާއިނާތަށް އަހަރެން އެނގެން ވާނީ އެގޮތަށް، އަހަރެން ކާއިނާތު ކުރިމައްޗަށް އަދި އަރަން ބޭނުމެއް ނުވޭ."ވިދާދު އަތުގައި އޮތް ފައިލު އެއްފަރާތެއް ގައި ބާއްވަމުން ބުނެޏެވެ.
"ސަބަބަކީ ކޮބައިތޯ ސުވާލު ކުރެވިދާނެތަ؟" މިރުފާން އަހާލިއެވެ.
ވިދާދު މިރުފާނަށް ފުރަތަމަ ކާއިނާތު ދިމާވިގޮތާއި ކަންތައް ވީގޮތް ކިޔާދިއެވެ. އަދި ނޭނގިނަމަ ވެސް ކާއިނާތު އާއި ދިމާ އަށް ބާރު ދެމުމަކުން ދަމަމުން ދާކަމުގައި ވިދާދު ބުންޏެވެ. އެކަމަކު އެކަން ކާއިނާތަށް ނޭނގޭ ކަމަށާއި ކާއިނާތަށް އެ އޮފީހަކީ ވިދާދުގެ ތަނެއްކަން އެނގިއްޖެއްޔާ ވަޒީފާ އަށް ވެސް ނުނިކުމެ ދާނޭކަމުގެ ބިރު ހީވާތީ މިރުފާން އާއި އެވާހަކަ ތައް ހިއްސާ ކޮށްލީއެވެ.
"ވިދާދު... ވިސްނާލިންތަ މިއީ ރާއްޖެކަން؟ ފިލާގެން ކިހިނެއް އުޅޭނީ؟ އެހެން ނޫނަސް ވިދާދު ތިއީ ކާކު ކަން އެންމެން ނަށް ވެސް އެނގޭ."މިރުފާން ބުންޏެވެ.
"ކާއިނާ އަކަށް ނޭނގޭ، އޭނަ ޕޮލިޓިކްސްދެކެ ވަރަށް ރުޅިއާދޭ."ވިދާދު ހީލަމުން ބުންޏެވެ.
"ކިހިނެއް ވިދާދަށް އެނގުނީ؟ހަމަ ކާއިނާ އަށް އެނގިފަ އޮތަސް ނޭނގޭ ކަމަށް ވެސް ހަދާފާނެ ދެން."މިރުފާން ސުވާލު ކޮށްލިއެވެ.
"ނޫނޭ. އަހަރެން ނަށް ފުރަތަމަ މިނިސްޓަރު ކަން ލިބުނު ތަނުން ކޮންމެވެސް ކުއްޖަކު އޭނަޔަށް އޮތް އެފްބީން ޓެގްކޮށްފަ އެންމެ ޒުވާން މިނިސްޓަރޭ ކިޔާފަ، އެޕޯސްޓް އޭނަ ރަނގަޅަށް ބަލާފަ އޮތްނަމަ އަހަރެންނާ އެގޮތަކަށް ކުރިމަތި ލާކަށް ނުކުރުނީސް، އެކަން އަހަރެން ނަށް އެނގޭ."ވިދާދު ބުންޏެވެ.
"އޭނަގެ އެފްބީއޭ، މިހާރު އެވެސް ހާވާ ނިމުނީ."ޙާއިރާން ކަމާއި އެކީގައި މިރުފާން އަހާލިއެވެ.
"އާން، ކޮބާ މައްސަލައަކީ؟ އެކަމަކު ބުނަން، ހަނދާން ކުރާތި ތީން މީހެއްގެ ފަރާތުން އެނގިގެން ނުވާނެ، އަހަރެން މިއީ ކާކުކަން؟"ވިދާދު ހީލަމުން ބުންޏެވެ.
"ވިދާދު... މިނިސްޓަރަކަށް ފިލާގެން އުޅެވޭނެތަ؟"މިރުފާން ހެމުން އަހާލިއެވެ.
"ބަލަ މަމީ އޭނަ ކުރިމަތީގަ މިނިސްޓަރެއްގެ ޑްރައިވަރެއް، ތިމީހުންގެ އެކުވެރިއެއް، ކީއްވެ ޑްރާމާ ނުކުޅެވެންވީ؟"ވިދާދު ހިނިތުން ވެލަމުން ބުންޏެވެ.
"އޯކޭ ވިދާދު، އަހަރެން ތިކަމުގަ އެހީވެދޭނަން، އެކަމަކު ހަނދާން ކުރާތި ކުށެއްނެތް ކުއްޖަކަށް ގެއްލުމެއް ނުދޭތި."މިރުފާން ވިދާދަށް އިންޒާރު ދެމުން ބުންޏެވެ.
"ޔަގީން ކުރޭ، އަހަރެން މިއީ މިރުފާނަށް އިއްޔެއަކު މިއަދަކު ފެނުނު މީހެއް ނޫންދޯ،އެއްކޮށް ސްކޫލު ދައުރުއް ސުރެން މިއުޅެނީ، އަންހެން ކުދިން އަހަރެންގެ ފަހަތުން އައުން އެއީ އަހަރެން ގެ ކުށެއް ނޫން، މިހިތް އެމީހެއްގެ ނަމުން ވިންދު ޖަހާލެވޭ ވަރުގެ މީހަކު ނާންނަނީ،އޭގަ އަހަރެން ކުރާނީ ކީއް؟"ވިދާދު ހީލަމުން ލާނެތް ރާގަކަށް ބުންޏެވެ.
"ފަހުން ރިސޯޓުން ރައްޓެހިވި ކުއްޖާ ކޮބާ؟ އޭނަޔަށް ވެސް ހަމަ ތިހިތް ދޯ ވިންދު ޖެހީ... "މިރުފާން ދިމާކުރާ ރާގަކަށް އަހާލިއެވެ. ވިދާދު ހިމޭން ވިއެވެ. މޫނުމަތިން އުފާވެރި ހިނިތުން ވުން ގެއްލިގެން ދިޔައެވެ. އަދި އިތުރަށް އެ ވާހަކަ ނުދެއްކުމަށް މިރުފާން ކިބައިން އެދުނެވެ. އެއީ ވެސް ވަގުތު ކޮޅަކަށް ދިއްލުނު ހުޅު ކޮޅެއް ކަމުގައި ބުންޏެވެ. ވިދާދުގެ ހަޔާތަށް ހިނދުކޮޅަކަށް އަލިކޮށްދީފައި ނިވުނީ ކަމުގައި ބުންޏެވެ.
"މިފަހަރު އަހަރެން ގެ އެއްވެސް ކުށެއް ނެތް، ލޯބިވިން، އިންނަން ބޭނުންވިން، އެކަމަކު އަހަރެންގެ ނަމާ މިތަނަވަސް ކަމަކީ އޭނަގެ ހަޔާތުގަ ކަސްތަޅު އެޅޭނޭ ކަމެއް ކަމުގަ ބުނެ މިނިވަން މާހައުލެއްގަ އުޅެން ދިޔައީ."ވިދާދު ހީލަން މަސައްކަތް ކުރަމުން ބުންޏެވެ.
"އެހެން ވީމަ ކާއިނާތު މިއީ؟"މިރުފާން ސުވާލު ކޮށްލިއެވެ.
"ހީކޮށްލާ އަހަރެނަށް ދިރިހުންނަށް ލިބުނު ބަހަނާއެއް ކަމުގަ، ޝަރާ އެގޮތަށް އަހަރެން ދޫކޮށްލާފަ ދިޔައީމަ މިހިތަށް އެހާ އަސަރު ނުކުރީ ކާއިނާތު ގެ ސަބަބުން ކަމަށް ވެސް ވެދާނެ."ފުން ނޭވާ އެއް ލަމުން ވިދާދު ބުންޏެވެ.
މިރުފާން ކައިރީގައި އެވާހަކަ ތަށް ސިއްރެގެ ގޮތުގައި ބާއްވާދިނުމަށް ވިދާދު އެދުނެވެ. މިރުފާން ވެސް ވިދާދަށް މިފަހަރު އެހީވެދޭނޭ ކަމުގައި ބުންޏެވެ. އަދި ވިދާދު ބުނިގޮތައް ކާއިނާތު އާއި ހަވާލު ކުރާނޭ މަސައްކަތާއި ގަޑިތައް ބަހާލަ ދިނެވެ. މިރުފާން އޮފީހުން ދިއުމުން ފާރުގައި ހަރުކޮށްފައި ހުރި ވިދާދުގެ ފޮޓޯ ގަނޑު ނަގައި ކެބިންގެ އެއް ފަރާތެއް ގައި ނުފެންނާނޭ ގޮތަށް ބެހެއްޓިއެވެ. އަދި އޮފީހުގައި އުޅޭ މަސައްކަތު ކުއްޖަކަށް އެތަނުގައި ހަރުކޮށްލާނޭ ރީތި މަޒަރު ފުރޭމެއް ގެނައުމަށް ބުންޏެވެ.
****************
ވަޒީފާ އަށް ނިކުމެ ކާއިނާތު މިރުފާން ހަވާލުކުރި މަސައްކަތް ތައް ކުރަމުން ދިޔައެވެ. އޮފީހުގެ ބޮސް އަކީ މިރުފާން ނޫންކަން ކާއިނާތަށް އެނގެއެވެ. މިރުފާން މަސައްކަތް ހަވާލު ކުރާއިރު ބޮސް ބުނުއްވީ އޭ ބުނާތީއެވެ. ބޮސް އާއި ބައްދަލު ނުވެ ބޮސް ހަވާލުކުރާ މަސައްކަތް ކާއިނާތު ކުރަމުން ދިޔައެވެ.
ކާއިނާތު އޮފީހުގައި އުޅޭ ގަޑީގައި ވިދާދު ބަލަނީ އޮފީހަށް ނުވަދެ ވޭތޯއެވެ. ވިދާދު އޮފީހުން ކުރަންޖެހޭ ކަމެއް އޮތިއްޔާ ކާއިނާތަށް ނުފެނި ކޮންމެ ވެސް ގޮތަކުން އޮފީހަށް ވަދެ މަސައްކަތް ނިންމާލައެވެ.
މިރުފާން ވިދާދަށް ވިސްނާދެމުން ދިޔައެވެ. އެގޮތަށް މަސައްކަތް ކުރާނީ ކިހިނެތޯ އަހަމުން ދިޔައެވެ. ކުރިޔަށް އޮތްތަނުގައި މީޓީން ތަކަށް ކާއިނާތު ވެސް ގެންދަން ޖެހޭނޭ ކަމުގައި ބުނަމުން ދިޔައެވެ. އެގޮތައް ކާއިނާތަށް ސިއްރު ކޮށްގެން އުޅޭނީ ކިހިނެއްތޯ މިރުފާން އެހިއެވެ.
"އަސްލު ކާއިނާ އަކަށް އަދިވެސް އަހަރެން ނޭނގޭ، އަހަރެންގެ ނަމެއް ވެސް ނޭނގޭ، އެއީ ހަމަ ޔަޤީން ކަމެއް."ވިދާދު ބުންޏެވެ.
"ތިހާ ޔަޤީން ކަމާ އެކީގަ ބުންނަން އެނގެނީ ކީއްވެ؟"މިރުފާން އާއި ފިރާޒް އަހާލިއެވެ.
"އެއީ ހަމަ ޔަޤީން، އެރޭ ވެސް އަހަރެން ނާދިމާ އަށް ދަމުން ބުނީ މިނިސްޓަރުގެ ޑްރައިވަރު."ހިނިތުން ވެލަމުން ވިދާދު ބުންޏެވެ.
"އޯކޭ، އެކަމަކު މިއީ ފިލްމެއް ނޫން، މިއީ ހަގީގީ ދުނިޔެ، އަދި އަމުދުން ރާއްޖޭގަ ތިގޮތައްފީކޮއި ކުޅޭނީ ކިހިނެއް؟ވިދާދުގެ ނަސީބު ރަނގަޅު ކަމުން ކާއިނާތު އަކީ ޕޮލިޓިކްސް ޙަބަރު ބަލާ ކުއްޖަކަށް ނުވަނީ، އެހެން ނޫންނަމަ."ފިރާޒް ބުންޏެވެ. ވިދާދު ހީލިއެވެ.
"ވަގުތު ޖެހުމުން އެނގޭނެ، އަދި ވަގުތު ނުޖެހޭ."ވިދާދު ބުންޏެވެ.
***********
މިއަދު ކާއިނާތުގެ ޑިއުޓީ އޮތީ ހަވީރު ކަމުން އޮފީހަށް އައިސް ވަންއިރު މިރުފާން އާއި ފިރާޒް ބޭރަށް ކޮފީއަކަށް ދާން ނިކުން ނަނީއެވެ. އޭރު ވިދާދު ވެސް ލިފްޓުން ނިކުތެވެ. މިއަދުމިއީ ކާއިނާތު ހަވީރު އޮފީހަށް އަންނަ ދުވަސް ކަމެއް ވިދާދު ހަނދާން ނެތެވެ. ފިރާޒަށް ކާއިނާތު ފެނުމުން ހިނިތުން ވެލިއެވެ.
"ކޮބާ ހިނގާ ކޮފީއެއް ބޯލާގެން އަންނަން."ފިރާޒް ކާއިނާތަށް ދަޢުވަތު ދިނެވެ.
"ނޫން ތެންކިއު، އަޅުގަނޑު މާދަމާ އަށް ނިންމަން ޖެހޭ މަސަކަތް އެބަހުރި."ކާއިނާތު އަދަބުވެރި ކަމާއި އެކީގައި ބުންޏެވެ.
"އެހެން ވިއްޔާ އެއްޗެއް ގެނެސް ދެންތަ؟ ކޯއްޗެއް ގެނެސް ދޭންވީ؟" މިރުފާން ސުވާލު ކޮށްލިއެވެ.
"ތެންކިއު، އެކަމަކު އެއްވެސް އެއްޗެއް ބޭނުމެއް ނޫން."ކާއިނާތު ޖަވާބު ދިނެވެ.
މިރުފާނު މެން ލިފްޓަށް އެރިއެވެ. ވިދާދު އެނބުރި ލިފްޓަށް އަރަނިކޮށް ކާއިނާތު ފަސް އެނބުރި ފިރާޒް އާއި ވާހަކަ ދައްކަން ފެށިއެވެ.
"ބައްލަވާ ފިރާޒް، އަޅުގަނޑު ހޯދަން ބޭނުންވާ ފައިލެއް ނުފެނިގެން މިއުޅެނީ، އިއްޔެވެސް އަޅުގަނޑު ވަރަށް ހޯދިން..." ކާއިނާތު ބުންޏެވެ. އެވަގުތު ކުރިމަތީގައި ހުރި ވިދާދަށް ކާއިނާތަށް ބަލާލެވުނެވެ.
"ކޮން ފައިލެއް؟"ފިރާޒަށް ވުރެން ކުރިން ވިދާދަށް އަހާލެވުނެވެ. ކާއިނާތު ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލަމުން ދިޔައެވެ. ފިރާޒާއި މިރުފާން ވެސް އެކަކު އަނެކަކަށް ބަލާލިއެވެ.
"ކޮންފައިލެއް؟"އަނެއްކާ ވެސް ވިދާދު އަހާލިއެވެ.
"އެއީ އޮފީހުގެ ލިޔެކިއުންތަކާ ބެހޭ ފައިލެއް، އެފައިލު އަޅުގަނޑުގެ މޭޒުމަތީގަ ކުރީ ދުވަހު އޮތް އެކަމަކު އިއްޔެއަކު ނެތް، އޭގެ ކުރީދުވަހު އެހުރިހާ ލިޔުމެއް އަޅުގަނޑު އެޔަށް ލީ، އެފައިލަށް ލާންޖެހޭ އިތުރު ލިޔުން ތަކެއް އެބަހުރި އެހެންވެ."ކާއިނާތު ހިމޭން ރާގެއްގައި ބުންޏެވެ. އޭރުވެސް ކާއިނާތު ބަލަމުން ދިޔައީ ވިދާދަށެވެ. އެއްޗެއް ހަނދާން ކުރާހެން ކާއިނާތުގެ މޫނުމަތިން ފެންނަމުން ދިޔައެެވެ.
"އޯހް އެފައިލު ވީ އަހަރެންގެ ކެބިންގަ"އަވަސް އަވަހަށް ފިރާޒް ބުންޏެވެ.
"ތެންކިއު."ކާއިނާތު އެހެން ބުނެފައި އެތެރެއަށް ވަނެވެ.
ކާއިނާތު އޮފީސް ތެރެއަށް ވަދެގެން ދިޔައެވެ. ވިދާދު ލިފްޓަށް އެރިއެވެ. މިރުފާން އާއި ފިރާޒް އެކަކު އަނެކަކަށް ބަލާލިއެވެ. އަދި މިރުފާން މެން ދެބުމަ ގާތް ކޮށްލަމުން ވިދާދަށް ބަލާލިއެވެ.
"ކިހިނެއްވީ؟"ވިދާދު އަހާލިއެވެ.
"މިހާރު ކާއިނާ ހިތަށް އަރާނެ ޑުރައިވަރަކަށް ފައިލާ ބެހޭ ގޮތުން އެނގުނީ ކިހިނެއްބާއޭ؟ނަސީބެއް ފިރާޒް ހަމަޖެއްސިކަން."މިރުފާން ބުންޏެވެ.
"ނުވިސްނާނެ."ވިދާދު ހީލަމުން ބުންޏެވެ.
"ތިއެއް ނޭނގެ ހާދަ ވަރަކަށޭ ވިދާދަށް ބަލާލީ އޭނަ."ފިރާޒް ވިސްނާލަމުން ބުންޏެވެ.
"މަ ރީތިކަމުން."ލަދުގަންނަ ގޮތް ދައްކާލާ ކަހަލަ ގޮތަކަށް ހިނިތުން ވެލަމުން ލާނެތް ރާގަކަށް ބުންޏެވެ.
"އޭއި ރީއްޗެއްނުން، ކާއިނާތު އަހަރެންގެ ކެބިނަށް ވަދެއްޖެއްޔާ ދުވަސް ދިޔައީ." ފިރާޒްވިސްނާލަމުން ބުންޏެވެ.
"އެކީއްވެ؟"ވިދާދު އަހާލިއެވެ.
"އެންމެ ފަހުން ކެންޕޭނަށް ތައްޔާރު ކުރި ޕޯސްޓަރުތައް ހުންނާނީ އެތަނަށް ލާފަ."މިރުފާން އާއި ފިރާޒް އެއްފަހަރާ ބުންޏެވެ.
"ދެން ކިހިނެއް ހަނދާނީ؟"ވިދާދަށް ބުނެލެވުނެވެ.
ލިފްޓް ހުއްޓުމާއި އެކީގައި މީހުންތައް ލިފްޓަށް އަރަން ފެށިއެވެ. ފަހަރަކު ފުލޯއެއްގައި މަޑުކުރަމުން ކަންދާނީ ވިދާދަށް އެނގުނެވެ. މީހުންތައް ދުރަށް ޖައްސާލާފައި ލިފްޓުން ބޭރަށް ނިކުތެވެ. އަދި ދުވެފައި ސިޑިއާއި ދިމާއަށް ދިޔައެވެ. ދެވެން އޮތް އެންމެ ބާރުމިނެއްގައި ސިޑިން އަރަމުން ވިދާދު މައްޗަށް ދިޔައެވެ.
އޮފީހަށް ވަދެވުނުއިރު ވިދާދު ހުރީ ވަރުބަލި ވެގެން ހަލާކުވާ ވަރުވެފައެވެ. ބާރަށް ގޮސް އޮފީސް ތެރެއަށް ވަނެވެ. އޭރު ކާއިނާތު ފިރާޒްގެ ކެބިން އާއި ދިމާއަށް ދަނީއެވެ. ވިދާދު ބާރަށް ގޮސް ކާއިނާތުގެ ކުރިމަށްޗަށް ހުއްޓިލިއެވެ. ކާއިނާތު ވިދާދަށް ބަލާލިއެވެ. ވިދާދު ވެސް ކާއިނާތަށް ބަލަމުން ދިޔައެވެ. ދެމީހުންގެ ހަތަރު ކަޅި ސީދާވި ވަގުތު ވިދާދަށް ހީވީ އޭނަގެ ކަންފަތް ދޮށުގައި ވައިލޮންގެ ރީތި މިއުޒިކެއް ކުޅެލި ހެންނެވެ. އާށޯޙްވެފައި ކާއިނާތަށް ބަލަމުން ދިޔައެވެ. ކަންފަތް ދޮށުގައި ކުޅެވެމުން ދިޔަ މިޔުޒިކްގެ ސަބަބުން މީހާގެ ނަފްސު ބެހިގެން ދިޔަކަހަލައެވެ. ސިޑިން އައިކަމުގެ ވަރުބަލި ކަންވެސް އިހްސާސް ނުވެއެވެ.
އަދި ނުނިމޭ
ކޮމެންޓް