ލ. ކުނަހަންދޫގައި ތިން މަޝްރޫއެއް ކުރިއަށް ގެންދަން ދެ މިނިސްޓްރީއަކުން އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްޓީސީސީއާއެކު މިއަދު ސޮއިކުރީ ކުނަހަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއުއެވެ.
މީގެ ތެރެއިން ކުނަހަންދޫ ވޮލީ ކޯޓާއި ފިޓްނެސް ސެންޓަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ކުނަހަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
މި ތިން މަޝްރޫއުގެ އެއްބަސްވުމުގައި ވެސް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ކުނަހަންދޫ ވޮލީ ކޯޓު މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތަކާއި ކަރަންޓުގެ މަސައްކަތްތަކާއި ޓާފު އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ.
މި މަޝްރޫއަކީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ކުނަހަންދޫ ފިޓްނެސް ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިމާރާތް ކުރާނެ އެވެ.
މިއީ 4.94 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ކުނަހަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 14,680 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި 23,120 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 206 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 690 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޓީސީސީއާ މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ 36.07 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް