ލ. ކުނަހަންދޫގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މި ގޮތަށް ވިދާޅުވީ ކުނަހަންދޫ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކި އާންމު ރައްޔިތުން ވަނީ ރަށަށް މިވަގުތު ބޭނުންވާ މުހިއްމު ބައެއް ކަންކަން ރައީސަށް ދަންނަވާފަ އެވެ.
އެ ގޮތުން ކުނަހަންދޫގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށާއި މިއަދު ސޮއިކުރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައި ނިންމަވައިދެއްވުމަށް ރައީސްގެ އަރިހުން އެދުނެވެ.
މީގެ އިތުރުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތައް ހިއްސާކުރުމުގެ އިތުރުން، ރަށު އިސްކޫލުގެ މަސައްކަތް މިހާރު އެހެން ފަރާތަކާއި ހަވާލުކުރެވިފައިވީނަމަ ވެސް މި މަސައްކަތް ދާގޮތް ގާތުން ބައްލަވައިދެއްވުމަށް ވެސް އެދިފައިވެ އެވެ.
ރަށު ރައްޔިތުން ފާހަގަކުރި ބައެއް އެހެން ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ޖަލްސާތައް ބޭއްވުމަށް ހޯލެއް ނެތުމުން ދިމާވާ ދަތިތަކުގެ އިތުރުން ރަށުގައި އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތުމުގެ މައްސަލަ ހިމެނެ އެވެ.
ރައީސްގެ ވާހަކަފުޅުގައި، މިއަދު ފެށި މަޝްރޫއުތަކާއި ސޮއިކުރި މަޝްރޫއުތަކުގެ މަސައްކަތް ވަރަށް ސަމާލުކަންދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ކުނަހަންދޫ ރައްޔިތުންނަށް ދެއްވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކުނަހަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން މޫދަށް އެރޭ ސަރަހައްދެއް ވެސް ތަރައްގީ ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި އިސްކޫލުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި، މޫސުން ތަންދިނުމުން ބޭނުންވާ ސާމާނު ގެނެސް އަންނަ ދިރާސީ އަހަރަށް އެ މަސައްކަތް ފެނަކައިން ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކި ރައްޔިތުން ވަނީ، މިއީ 1978 ވަނަ އަހަރުން ފެށިގެން އިންތިހާބީ ވެރިޔަކު އެ ރަށަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، ބައްދަލުކުރައްވާ ސަލާމްކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ރައީސަށް ޝުކުރު ދަންނަވާފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ކުނަހަންދޫ ކައުންސިލަށް އެރުވި ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމަށްފަހުގަ އެވެ.
މި ހަނދާނީ ފިލާ ކައުންސިލާއި ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒު އެވެ.
ކޮމެންޓް