ޔޫއްޕެގެ ބޮލުގައި މުހައްމާ މި ފަހަރު މި އެޅުވި އިލްޒާމްގެ ހަގީގަތްތައް ބެލުންތެރިންގެ ކުރިމައްޗަށް ތިލަވެ، ހާމަވާން މި ވަނީ ދާދި ކައިރިވެފަ އެވެ. އިލްޒާމް އަޅުވަން ބާކީ ތިން ދުވަހަށް ވެފައިވާއިރު މިހާރު ވެސް ފިލްމުގެ ޓިކެޓް ބާރަށް ވިކެމުންދާ ކަމަށް އިލްޒާމްގެ ޓީމުން ބުނެ އެވެ.
ރާއްޖޭގެ ފިލްމީ ދާއިރާ އެފުށްމިފުށަށްޖަހާލާ ފަދަ ބޮޑު އެއް ފިލްމު ކަމަށްވާ 'އިލްޒާމް' އޮލިމްޕަހުގެ ސްކްރީންގައި ދައްކަން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މި ފިލްމު ރިލީސް ކުރަން ތައްޔާރުވަމުން އަންނައިރު، ގިނަ ޝޯވްތަކުގެ ޓިކެޓް ވިކި ހުސްވެފައިވާކަން މިއީ ފިލްމު ބަލައިލުމަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިބި ކަމުގެ ދިރިހުރި ހެއްކެކެވެ.
ފިލްމު 'އިލްޒާމް' އަކީ ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޑައިރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެ އެވެ. މި ފިލްމުގެ ޓްރެއިލާއާއެކު ވެސް، ފިލްމު ބެލުމަށް އޮތް ޝައުގުވެރިކަން ވަނީ ބެލުންތެރިންގެ މެދުގައި އިތުރުވެފަ އެވެ.
މާލޭގެ ސިނަމާތަކުން މިހާރު ވެސް ގިނަ ޝޯތަކެއްގެ ޓިކެޓް ވިކިފައިވާއިރު، އަތޮޅު ތެރޭގެ ބެލުންތެރިންނަށް ފިލްމު ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމަށް ރަށްރަށުގައި ޝޯތައް އަޅުވަން ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނިގެންދާނެ އެއް ފިލްމަށް ވާނެ ކަމަށް ގިނަ ބަޔަކު ތިބީ ޔަގީން ކޮށްގެންނެވެ.
ފިލްމު 'އިލްޒާމް' އަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި މި ފަހަކަށް އައިސް ކަންކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ.
ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދާނެކަމަށް ބެލެވެ އެވެ. މި ފަދަ ފިލްމުތަކަކީ އަބަދު ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާ ފިލްމުތަކެއް ކަމަށް މާޒީން ހެކިދެ އެވެ.
ކޮމެންޓް