ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމު "ކަމަނާ" އުފެއްދި ޓީމުން މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރި ދިވެހި ފިލްމު "ކަނބުލޮ" ގެ ވަދާއީ ތިން ޝޯ މި މަހުގެ ފަހު ހަފްތާގައި ދައްކަން ނިންމައި، އެ ޝޯތަކުގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.
ހައުސްފުލް ޝޯތަކަށްފަހު، މި ފިލްމުގެ ވަދާއީ ތިން ޝޯ އޮންނާނީ މި މަހުގެ 28، 29 އަދި 30ގަ އެވެ.
މަޝްހޫރު ޑައިރެކްޓަރު ހުސެއިން މުނައްވަރު ޑައިރެކްޓުކޮށްފައިވާ ފިލްމު "ކަނބުލޮ" މި ވަނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނެސްފަ އެވެ. މި ކަމުގެ ހެއްކަކީ އޮލިމްޕަހުގައި ފިލްމު އެޅުވީއްސުރެ، ހުރިހާ ޝޯއެއް ދެއްކީ ހައުސްފުލް ކޮށެވެ.
ފިލްމަށް ތަރުހީބު ބޮޑުވެ، ދުވާލަކު ހައުސްފުލް ތިން ޝޯ މިހާރު ވެސް ދައްކަމުން އަންނަ މި ފިލްމު ވަނީ ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށްރަށުގައްޔާއި ރިސޯޓް، އަދި ސްރީ ލަންކާގެ އިތުރުން ބެންކޮކްގައި ވެސް ސްކްރީން ކޮށްފަ އެވެ.
އިނގިރޭސި ސަބްޓައިޓަލްސްއާއެކު ދައްކަމުން އަންނަ މި ފިލްމުގެ އިންޓަވަލް ކުރިން އެކި ރަހަތައް ގެނެސްދެމުން ގޮސް، އިންޓަވަލް ފަހުން ވަނީ ބެލުންތެރިންގެ ހިތްތައް ފަތަހަކޮށް އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލާފަ އެވެ. އަދި ފިލްމު ނިންމާލީ ހިމޭނުން ތިބި ބެލުންތެރިން އުފަލުން ހެއްވާލަމުންނެވެ.
ތަރުހީބާއި އަތްތިލަބަޑީގެ އަޑުން މުޅި އޮލިމްޕަސް ގުގުމައިގެން ދިޔަ މި ފިލްމުން ދިވެހި މުޖުތަމައުއަށް އިބުރަތްތެރި މެސެޖެއް ދިނެވެ. ފިރިހެނުންނާއި އަންހެނުންނަށް ދޫކޮށްލި އެ މެސެޖުން ކޮންމެ "ކަނބުލޮ" އަކަށް ހިމަޔާތްދީ ރައްކާތެރި ކުރުމަށް ހަނދާން ކޮށްދިން ކަމަށް ބެލުންތެރިން އިއްތިފާގުވެ އެވެ.
ކަނބުލޮ ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ކޮމެންޓް