ޔޫއްޕެ ޕްރޮޑަކްޝަނާއި މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ އައު ދިވެހި ފިލްމް އިލްޒާމްގެ ޓިކެޓް މި މަހު 27 ވަނަ ދުވަހު 2:00ގައި ވިއްކަން ފަށާނެ ކަމަށް ފިލްމުގެ ޑައިރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.
އޮލިމްޕަހުގައި އިލްޒާމް އަޅުވަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓް ބުކު ކުރަން ކުރިން ހުޅުވާލާފައިވާއިރު ފުރަތަމަ ޝޯގެ ބުކިން 27 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ނުނަގައިފި ނަމަ ކެންސަލްވާނެ އެވެ. އެއީ ގިނަ ފަރާތްތަކުން މިހާރު ވެސް ޓިކެޓް ރިޒާވް ކޮށްފައިވާތީ، އެ ފަރާތް ތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މި ފިލްމުގައި ދިވެހި ފިލްމު އިންޑަސްޓްރީގެ މިހާރު ފިޔަޖަހަމުން އަންނަ ތަރީންނާއި އެ ދާއިރާގެ މޮޅެތި ތަރީން ހިމެނެ އެވެ.
އެ ގޮތުން އަހުމަދު ނިމާލާއި އޭނާގެ ދަރިފުޅު ޖުމައްޔިލް އާއި މަރިޔަމް ޝަކީލާ އާއި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު ފަދަ ކުޅަދާނަ ތަރީންގެ ހުނަރު ފުރިހަމައަށް މި ފިލްމުން ފެންނާނެ އެވެ.
މި މަހު 27ގައި ފިލްމުގެ ޓިކެޓް ދޫކުރަން ފަށާއިރު ފުރަތަމަ ހަތް ޝޯގެ ޓިކެޓު ވެސް ހަމަ އެ ދުވަހު ދޫކުރަން ފަށާނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.
އިލްޒާމްގެ ޓިކެޓް ދޫކުރަން ހަމަޖެހިފައިވަނީ ގަލޮޅު ދަނޑު އޮލިމްޕަސް ކަންމަތީގަ އެވެ.
އިލްޒާމްގެ މުރާލި ޓީމުން އިންތިޒާމްކޮށްގެން ދާދިފަހުން ވަނީ މި ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތެއްގެ ގޮތުން ހެންވޭރު އާޓިފިޝަން ބީޗުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފަ އެވެ.
ކޮމެންޓް