ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް -- ޕީއެސްއެމް ފޮޓޯ
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްވައިފި އެވެ.
ހަލީލް މި ޔަގީންކަން ދެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީގެ ޖިއްދާގައި މިއަދު ބޭއްވި ހާރިޖީ ވަޒީރުން ފެންވަރުގެ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ތަގުރީރު ކުރައްވަމުންނެވެ.
މިނިސްޓަރުގެ ތަގުރީރުގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަން ފާހަގަކޮށް، މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރި ކުރައްވައި އެކަމާ ކަންބޮޑުވުން ފައުޅު ކުރެއްވި އެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ފޭބުމަށް ގޮވައިލާ ގޮވާލުންތައް ކުށްވެރިކޮށް، ގައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލެއްވި އެވެ. އަދި އަރަބް ލީގް ސަމިޓްގައި ފާސް ކުރި ގައްޒާ އާރާސްތު ކުރުމުގެ މަގުޗާޓަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަން ވެސް ހާމަ ކުރެއްވި އެވެ.
މީގެ އިތުރުން، ފަލަސްތީނަށް ފޯރުކޮށްދެމުން އަންނަ އިންސާނީ އެހީތެރި ކަމަށް ހުރަސް އެޅޭ ގޮތަށް އިސްރާއީލުން މިހާރު ހިންގާ އަމަލުތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަން މިނިސްޓަރު ހަލީލު ފާހަގަ ކުރެއްވި އެވެ.
ހަމައެއާއެކު، މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރީން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމު ކުރެވުމުން ކަމުގައި އެ މަނިކުފާނުގެ ތަގުރީރުގައި ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް