—
އަތުގައި އޮތް ފިހިން ކުރިމަތީގައި ބަހައްޓާފައި ހުރި ކެންވަސް ގައި ކުލަ ކާއްތަން ފެށިއެވެ. މުޅި އެހަފްތާ ހަޔާތު އަށް ނުފެނި އޭނަ ހޭދަކޮށްލީ ޔޮޓުގައި ހުންނަން އޭނަގެ ކުރަހާ ކޮޓަރީގައެވެ. އެއްފަރާތެއްގައި ބަހައްޓާފައިވާ އޭނަގެ ކުރެހުން ތަކަށް ނަޒަރު ހިނގާލިއެވެ.
********************
ވަހީދުގެ ނިންމުމާއި ދެކޮޅަށް އަރީޝާ އަޑުގަދަ ކުރަމުން ދިޔައެވެ. ޒޫނާ ވެސް ވަހީދު މިފަހަރު ކަންތައް އެކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ އަޑުގެ ކޮޅަށް ހަޅޭ ލަވަމުން ދިޔައެވެ. އެކަމަކު އެއަޑުތައް އަހަން ވަހީދު މިވަގުތު ގޭގައި ނޫޅެއެވެ.
"މަންމަ އަށް ވެސް ބައްޕަ އާއި ދިމާ އަށް ތިހެން ބުނާކަށް ނުކެރޭނެ." ރޮއިރޮއި ރަތް ވެފައިވާ ދެލޮލުން ބަލާލަމުން އަރީޝާ ބުންޏެވެ.
"ބައްޕަ އާއި ދިމާ އަށް ވެސް ބުނާނަން، ނުލާހިކު އުނދަގުލުން ހަޔާތު އެފަޒާލްގެ ބޮލުގައި އެޅުވުނީވެސް... ހަމަ ދަރިފުޅަށް މައުރޫފް ހޯދަދޭންވެގެން."ޒޫނާ އަރީޝާ ބުނި ރާގުގައި ބުނެލިއެވެ.
"އެކަމަކު ވީކަމެއް ނެތެއްނުން. ދޫމާ އާއި އިންނަން އެއުޅެނީ. އަހަރެންނަށް ވުރެން އެދޫމާގެ ނަސީބު ވެސް ރަނގަޅު." އަނެއްކާ ވެސް ރޮއިގަންނަމުން އަރީޝާ ބުންޏެވެ.
"އެހެން ވިޔަކަ ނުދޭނަން... ދޫމާ އާއި މައުރޫފް އިނަކަ ނުދޭނަން. އެހެން ނޫނަސް މައުރޫފް އަސްލު ހަޔާތު ދެކެ އައި ރުޅީގައި ދޫމާ އާއި އިންނަން އެއުޅެނީ. މަންމަ ބުނިހެން ވާނީ."ޒޫނާ ވިސްނާލަމުން ބުންޏެވެ.
"އެކަމަކު ވެސް، ކޮންމެ ސިފައެއްގައި ނަމަވެސް އިންނާކަށް ނުން އެއުޅެނީ."ގިސްލަމުން އަރީޝާ ބުންޏެވެ.
"އެހެން ކިހިނެއް އިނދެވޭނީ." ޒޫނާ ބުންޏެވެ. އެވަގުތު ޒޫނާގެ ފޯނު ރިންގުވާން ފެށިއެވެ. ވަހީދުގެ ފޯނެކެވެ. ޒޫނާ އަވަސް އަވަހަށް ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.
"ހަލޯ."ޒޫނާ ބުންޏެވެ.
"އަވަހަށް ތައްޔާރުވޭ. ޝަފީނާގެ ގެޔަށް ދާން. ދޫމާ ރަންކިޔާތަނަށް އަންނަން ޝަފީނާ ގުޅައިފައި ބުނެފި."ވަހީދުގެ އަޑު އިވިގެން ދިޔައެވެ.
"މަށެއް ނުދާނަން." ޒޫނާ ބުންޏެވެ.
"ކީއްވެ ނުދާންވީ؟ މަށާއި އެކީގައި އުޅެން ބޭނުމިއްޔާ މިހާރު ތައްޔާރުވޭ، އަހަރެން ބޭނުމެއް ނޫން ބޭކާރު ވާހަކަ ތަކެއް ރަށުތެރޭގައި ފެތުރިގެން ދާކަށް."ވަހީދު ގެ އަޑު އިވިގެން ދިޔައެވެ.
"ވާވް. ރަނގަޅު ވާހަކަ އެއް... މައުރޫފް އާއި ހަޔާތު ރައްޓެހިވެގެން އުޅޭކަން މުޅި ރަށު ރައްޔިތުންނަށް އެނގޭ. އަނެއްކޮޅުން ހަޔާތު މުސްސަނދި ސިފަހުތުރު މީހަކާ ދެވިކަން މީހުންނަށް އެނގޭ. ދެން ކޮން ވާހަކަ ތަކެއް އިތުރަށް ފެތުރޭނީ. 3 މިލިޔަން ދީފައި މައުރޫފް އަށް ދޫމާ ވިއްކާލި ވާހަކަ ތަ؟ އެވާހަކަ އެހެން މީހުންނަށް އެނގޭނީ އަހަރެންގެ ފަރާތުން. ވަހީދު އަށް އެވާހަކަ ތުންތުންމަތިން އިވިގެންދާނެ، ކުޑަހިނދުކޮޅެއްގެ ތެރޭގައި. މަގޭ ހުރިވަރުވެސް ވަހީދު ޖެހޭނީ ބަލަން."ޒޫނާ ރުޅިއައިސްފައި ބުންޏެވެ.
"ހަލޯ. ޒޫނާ. ކީއްވެ އަނގައިން ނުބުނެ ތިހިރީ."ވަހީދުގެ އަޑު އިވުނެވެ.
"އާން. ކީކޭ؟"ޒޫނާ ގެ އަޑުގައި ޖެހިލުން ބުން ހުއްޓެވެ.
"އަވަހަށް ތައްޔާރު ވެލާ، ކިހާއިރެއް އަހަރެން ގޮވާތާ... ކޮން ދުނިޔެ އެއްގައި ތިހިރީ؟"ފޯނުން ވަހީދުގެ އަޑުއިވުނެވެ.
"އާން. މިތައްޔާރު ވަނީ." އަވަސް އަވަހަށް ޒޫނާ ބުންޏެވެ. ޒޫނާ ވަހީދު އާއި ދިމާ އަށް ބުނަން ބޭނުންވާ ކިތަންމެ ވާހަކަ އެއް އަމިއްލަ ހިތާހިތުން ބުނެލާފައި ނިންމާ ލައެވެ. އެވަރު ވެސް ޒޫނާ އަށް ފުދެއެވެ. ޒޫނާ ފޯނުން ވާހަކަ ދައްކާ ނިންމާލުމާއި އެކީގައި ފުންނޭވާ އެއް ލިއެވެ. ވާހިދުގެ އަޑު ޖެހުމުން ވެސް ޒޫނާ ބިރުގަނެއެވެ.
"ކޮބާ؟ މަންމަ ޔަކަށް ނުވާނެ އެއްކަމެއްވެސް، ހުސް ދައްކާނީ ބޭކާރު ވާހަކަ، ބައްޕަގެ އަޑު ޖެހުނީމައިވެސް މަންމަ ތުރުތުރުއަޅާ، ތިވަރު މީހުންނަށް ވާނީ ކޮންކަމެއް؟"އަރީޝާ ރޮމުން ވެސް އޭނަގެ މަންމަގެ ފިނޑިކަމަށް އެތިވަރު ގޮވަން ފެށިއެވެ.
"ނުވާނީކީ ނޫން. ބައްޕަ ގެ ކަންތައް ހުންނަގޮތުން ޖެހިލުން ވަނީ. އަރީޝާ އަކަށް ނޭނގޭނެ."ޒޫނާ ހަމަޖެހިލެވޭތޯ ބަލަމުން ބުންޏެވެ.
ވަހީދުގެ އެނގުމާއި ދެކޮޅަށް ދާކަށް ޒޫނާ އަކަށް ނުކެރުނުނެވެ. ގަދަކަމުން އަރީޝާ އަށް މަޖުބޫރު ކޮށްގެން ތައްޔާރު ވެގެން ޝަފީނާގެ ގެޔަށް ދިޔައެވެ. ޝަފީނާ އަންނަ މަދު މެހެމާނުން ކޮޅަށް ސައެއް ތައްޔާރު ކުރަން އުޅުނެވެ. ޒޫނާ އައުމުން ޝަފީނާގެ މޫނުމަތިން ކުރިޔަށް ވުރެން ބޮޑަށް ހިތްހަމަ ނުޖެހުން ފެނިގެން ދިޔައެވެ. އެމީހުންގެ މުޑުދާރު ރޭވުމުގެ ސަބަބުން އޭނަ އެންމެ ލޯބިވާ 3 ކުދިންގެ ދިރިއުޅުން ބަރުބާދު ވީއެވެ. އެމީހުންގެ އުފާތައް ވިއްސިވިހާލި ވީއެވެ. ޒޫނާ ވަނުމުން އެކަމަށް މަރުޙަބާ ނުކިއުމުން ޒޫނާ އަމިއްލަ އަށް ވާހަކަ ދައްކަން ފެށިއެވެ.
"ދައްތާ ކޮންކަމެއް ކޮށްދޭންވީ؟"ޒޫނާ ޝަފީނާ ކުރެން އަހައިލިއެވެ.
"މިހާރު ހުރިހާ ކަމެއް ނިމުނީ، އިރުކޮޅަކުން މީހުން އަންނާނެ."ޝަފީނާ ދޫމާ އިން ކޮޓަރިޔާއި ދިމާ އަށް ހިނގައިގަންނަމުން ބުންޏެވެ.
"ހާދަ ބޮޑުކޮށް ރަންކިއުމުގެ ކަންތައް މިކުރަނީ؟ އަހަރުމެން ހަޔާތު ގެ ރަންކިއުން ބޭއްވީ ވަރަށް އާދައިގެ ގޮތަކަށް. ފަޒާލް ބޮޑުކޮށް ބާއްވަން ބޭނުން ނުވެގެން."ޒޫނާ ޝަފީނާ ހިނގައިގަތުން ބުންޏެވެ.
"އެއީ ފަޒާލް... މިއީ މައުރޫފް، ދެމީހުން ގެ ނަން ވެސް ތަފާތު މިޒާޖު ވެސް ތަފާތު."ޝަފީނާ އާދައިގެ ރާގެއްގައި ބުންޏެވެ.
"އެކަމަކު ދެމީހުން ވެސް ލޯބިވަނީ އެއް އިންސާނެއް ދެކެ، ހެއްވާ ދޯ."ޒޫނާ ހަމަޖެހިލަމުން ބުންޏެވެ.
"ތިއީ ކަލޭމެންގެ ރޭވުން. ހަޔާތު އާއި މައުރޫފް ގަސްތުގައި ތިމީހުން ދުރުކުރީ. ހީނުކުރާތި ދޫމާ އަށް ބޭނުން ގޮތެއް ހެދިދާނެއޭ. މައުރޫފް އަކީ ރަނގަޅު އިންސާނެ. އޭނަ ދޫމާ އަށް ދެރައެއް ނުދޭނެ."ޝަފީނާ ވެސް ހަމަޖެހިލަމުން ބުންޏެވެ.
"ނޭނގޭ ދޯ ދައްތަ އަކަށް. އަސްލު މައުރޫފް ހަޔާތުގެ ކިބައިން ބަދަލު އެހިފަނީ، އެހެން ނޫނީ ކީއްކުރަން ދޫމާ އާއި އިންނަންވީކީ؟ މިރަށުގައި ރީތި ކުދިން ނެތީތަ؟"ޒޫނާ ކުރިޔަށް ވުރެން ވެސް ބޮޑަށް ހަމަޖެހިލަމުން ބުންޏެވެ.
"މައުރޫފް ކީއްކުރަން ހަޔާތު ކުރެން ބަދަލު ހިފަންވީކީ. އެއީ މިހާރު ނިމިފައި އޮތް ކަމެއް. ފާޑުފާޑުގެ ދޭތެރެ ޖެހޭ ވާހަކަ ނުދައްކާ ހުރޭ."ޝަފީނާ ކުރިޔަށް ހިނގައިގަންނަމުން ބުންޏެވެ.
ޝަފީނާ ޒޫނާ އާއި ދިމާ އަށް އެހެން ބުނިކަމުގައި ވިޔަސް ޝަފީނާގެ ހިތް ވެސް ބިރުގަނެއެވެ. މައުރޫފް ރުޅިއަށް ވުރެން ބޮޑަށް ވަނީ ދެރަވެފައެވެ. އޭނަގެ ހިތުގެ ރިހުމަށް ފަރުވާ އެއް ދިނުމުގެ ބަދަލުގައި އެހިތަށް އޭނަ އަނިޔާ ކުރަމުން ދިޔައެވެ. އެކަމާ ޝަފީނާ ކަންބޮޑުވެއެވެ. ދޫމާ ފަކީރަށް ވާނެ ގޮތެއް ނޭނގޭތީއެވެ. ދޫމާ އަކީ ނުކެޅެދިފައި އިންކުއްޖަކަސް އޭނަގެ ވެސް އިޙްސާސް ތަކެއް ވެއެވެ. އުންމީދު ތަކެއް ވެއެވެ.
ޝަފީނާ ކަންބޮޑު ވުމާއި ހާސްކަމުގެ ތެރޭގައި ގޮސް ދޫމާ އިން ކޮޓަރިޔަށް ވަނެވެ. އޭރު ދޫމާ ހަޔާތުގެ ކުޑަ ފޮއްޓެއް އަތައް ލައިގެން ރޯން އިނެެވެ. އޭގައިވަނީ ކޯއްޗެއްކަން އެނގުމުން ދޫމާގެ ހިތުގައި ޖެހުނީއެވެ. އެއީ އަމާނާތެއް ކަމަށް ބުނެ އޭނަޔާއި ހަވާލު ކުރި ފޮށި އޭނަ ހުޅުވީ ކީއްވެގެން ހެއްޔެވެ.
ޝަފީނާ އެތެރެއަށް ވަދެފައި ދޫމާ އަށް ބަލައިލިއެވެ. ދޫމާ ރޮނީކަން އެނގުމުން ޝަފީނާ ކުޑަކޮށް މަޑުޖެހިލިއެވެ. ދޫމާ އަތުގައި އޮތް ފޮށި އެނދުމަތީގައި ބޭއްވިއެވެ. ޝަފީނާ ދޫމާ ގެ ކައިރީގައި އިށީނެވެ.
"ދަ.ދަ.ތާ."ދޫމާ އަށް ކޮށްފައިވާ އަސަރުން އަނެއްކާވެސް ދޫމާ އައިގަންނަ ގޮތް ވިއެވެ. ޝަފީނާ ދޫމާގެ ބޮލުގައި ފިރުމައިލިއެވެ. އަދި ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލަދިނެވެ.
"ދެން ހުއްޓާލާ. މިހާރު މީހުން އަންނަން އުޅޭނެ. ހިނގާ ރީތިވާން."ޝަފީނާ އެހެން ބުނުމުން ދޫމާ ބޯހޫރާލިއެވެ. އެވަގުތު މައުރޫފް އައިސް ކޮޓަރިޔަށް ވަނެވެ.
"ދައްތާ... މީހުން އިރުކޮޅަކުން އަންނާނެ."މައުރޫފް މަޑުމަޑުން ބުނެލިއެވެ. ޝަފީނާ ބޯޖަހާލިއެވެ.
"ދޫމާ އަވަހަށް ތައްޔާރު ވެލާ. އިނގޭ."ޝަފީނާ ދާން ހިނގައިގަން ނަމުން ބުންޏެވެ. ދޫމާ ކަރުނުން ފުރިފައިވާ ދެލޮލުން ބަލާލަމުން ބޯހޫރާލިއެވެ. މައުރޫފް ހުރީ ދޫމާ އަށް ބަލަން ކަމުން މައުރޫފް އަށް ދޫމާގެ ހަރަކާތް ތައް ރަނގަޅަށް އެނގުނެވެ. ޝަފީނާ ނިކުމެގެން ދިއުމުން މައުރޫފް ކޮޓަރި ތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. އަދި މަޑުމަޑުން ދޫމާ އާއި ދިމާ އަށް ދިޔައެވެ. ދޫމާ މައުރޫފް އަށް ނުބަލަން އިސްޖަހާލިއެވެ. މައުރޫފް ދޫމާގެ ފައިކައިރީގައި ކުޑަކަކޫ ޖަހައިގެން އިށީނެވެ. އަދި ދޫމާގެ އަތުގައި ހިފާލިއެވެ.
"އެއްވެސް މީހަކަށް ދެރައެއް ދޭކަށް ނޫން. އެކަމަކު ދޫމާ އަށް ރަނގަޅަކަށް. އަހަރެންނަށް އުފަލާ ލޯބި ނުލިބުނު ތަނުގައި ދޫމާ އަށް ރަނގަޅު މުސްތަގް ބަލެއް ހޯދަދޭން. ދޫމާ ބޭނުންވަނީ މުޅިއުމުރު މިގޮނޑީގައި ހޭދަ ކުރަންތަ؟ ވަހީދު އާއި އޭނަގެ އާއިލާ އަށް ގުލާމުކުރުމުގައި މުޅިއުމުރު ހޭދަކޮށްލަންތަ؟"މައުރޫފް ދޫމާގެ މޫނަށް ބަލާލަމުން ސުވާލު ކޮށްލިއެވެ.
ދޫމާ މައުރޫފްގެ މޫނަށް ބަލަމުން ދިޔައެވެ. އޭނަ ބުނާނީ ކީއްކޭހެއްޔެވެ. އޭނަޔަށް އޭނަގެ ކޮއްކޮ އަށް އޮޅުވާލެވިދާނެ ހެއްޔެވެ. ކޮއްކޮގެ ލޯބިވެރިޔާ އޭނަ ގެ ފިރިޔަކަށް ވާނީ ކިހިނެއް ހެއްޔެވެ. އެއީ ކޮންފަދަ ބޮޑު ޖޯކެއް ހެއްޔެވެ. ދޫމާ ދެފަރާތަށް ބޯހޫރައިލިއެވެ. އެގެޔަށް އައިފަހުން އޭނަގެ ފޯނު ވީތަނެއްވެސް ނޭނގެއެވެ. އެއްވެސް މީހަކަށް ގުޅޭގޮތެއް އޭނަ ޔަކަށް ނުވިއެވެ. އޭނަ ހަޔާތު އަށް ގުޅަން ބޭނުން ވެއެވެ. އެހުރިހާ ވާހަކަ އެއް ހަޔާތު އަށް ކިޔާދޭން ބޭނުމެވެ.ކުރެވުނަސް މިކައިވެނި މިއީ އޭނަގެ ހިތާ ދެކޮޅަށް ކުރެވޭނެ ކައިވެންޏެކެވެ. މިހާރު އޭނަޔަށް ހަމަ ރަނގަޅަށް ވެސް ހަޔާތުގެ އިހްސާސްތައް އިހްސާސް ކުރެވެމުން ދިޔައެވެ. އެފަކީރު ފަޒާލް އާއި އިންރޭ ރުއިރުއިމާ ކުރާނެ ހިތާމައެވެ. ދޫމާ ކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ. އޭނަ މައުރޫފް އާއި އިންނާކަށް ބޭނުމެއް ނޫނެވެ.
"އަހަރެންނަށް އިތުބާރު ކުރޭ، އަހަރެންނަށް ދޫމާ އަށް ނުދެވޭނީ ހަމަ އެކަނި އަހަރެންގެ ހިތް... އަހަރެންގެ ލޯބި... އެހެން ހުރިހާ ކަމެއް އަހަރެން ދޫމާ އަށް ކޮށްދޭނަން. ދޫމާ އަށް އުފާ ހޯދަދޭނަން. ދޫމާ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ އަށް ހިނގާ ބިނގާ އުޅެވޭ މީހަކަށް އަހަރެން ހަނދާނަން. އިންޝާ ﷲ." މައުރޫފް މަޑުމަޑުން ދޫމާ އަށް ބުންޏެވެ.
މައުރޫފް ތެދުވެ ޓިޝޫ ކޮޅަކުން ދޫމާގެ މޫނު ސާފު ކޮށް ފުހެލަދޭން އުޅުނެވެ. ދޫމާ މައުރޫފްގެ އަތުގައި ޖަހައި އަތް ފޮޅުވާލިއެވެ. މައުރޫފް ވަގުތުކޮޅަކަށް ހިމޭން ވެލިއެވެ. ދޫމާ އަށް ގެނެވުނު ހަރަކާތް މައުރޫފް އަށް އިހްސާސް ކުރެވެއެވެ. އޭނަގެ ކޮއްކޮގެ ލޯބިވެރިޔާ އާއި އޭނަ އިންނާނީ ކިހިނެއްހެއްޔެވެ. މައުރޫފް އަނެއްކާވެސް ދޫމާގެ ފައިކައިރިޔަށް ތިރިވެލިއެވެ. ދޫމާ ރުޅިއައިސްފައިވާ ބެލުމަކުން މައުރޫފަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ނަޒަރު ސީދާވިއެވެ.
"ޕުލީޒް ދޫމާ.... މެހެމާނުން އަންނަން ފަށައިފި، މިކައިވެނި ނުކުރެވިއްޖެއްޔާ...."މައުރޫފް ހިމޭންވެލިއެވެ. އެވަގުތު މައުރޫފްގެ ދެލޯ ވެސް ފެންކަޅިވަމުން ދިޔައެވެ. ދޫމާ ގެ ހިތަށް އަރަމުން ދާ ވާހަކަ ތައް ދުލާހަމައަކަށް ނާދެއެވެ. ގިސްލުން ނޫން ކަމެއް ދޫމާއަކަށް ނުކުރެވެއެވެ. މައުރޫފް ދޫމާގެ އަތުގައި ހިފާލިއެވެ.
"ޕުލީޒް...."މައުރޫފް މަޑުމަޑުން ބުނެލިއެވެ. ދޫމާ އަނެއްކާވެސް މައުރޫފް ގެ އަތް ފޮޅުވައިލިއެވެ. އޭނަ އެކައިވެނި ކުރަން ބޭނުން ނޫންކަން އެހަރަކާތުން ވެސް އެނގިގެން ދިޔައެވެ.
"އަހަރެންނަށް އިންނާނެ މީހުން ލިބިދާނެ، އެކަމަކު އަހަރެން ބޭނުން ވަނީ ހަމައެކަނި ދޫމާ އާއި އިންނަން.... ދޫމާ ވިސްނާލަން ބޭނުމިއްޔާ ފުރުސަތު ދެވިދާނެ، ކިތަންމެ ވަރަކަށް ވިސްނިޔަސް ނުކުންނާނީ އެންމެ ނަތީޖާއެއް، އަހަރެންނާ ކައިވެނިކުރުން... މިވަގުތު ނޫނީ މާދަން ވިޔަސް ދޫމާ އިންނަން ޖެހޭނީ އަހަރެންނާ..."މައުރޫފް އެހެން ބުނެލުމަށްފަހު ކޮޅަށް ތެދުވިއެވެ.
މައުރޫފް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ދޮރުހުޅުވާލައިފައި ޝަފީނާ އެތެރެއަށް ވަނެވެ. މައުރޫފް ލަސްވެގެންނެވެ. ޝަފީނާ އެތެރެއަށް ވަނުމުން މައުރޫފް ހުއްޓިލިއެވެ. އަދި ދޫމާއަށް ބަލައިލިއެވެ. ދޫމާ މައުރޫފް އަށް ބަލަމުން ދިޔައެވެ.
"މައުރޫފް ހޯދަން ބަޔަކު އައިސް އެބަތިބި."ޝަފީނާ އެތެރެއަށް ވަންނަމުން ބުންޏެވެ. މައުރޫފް އިތުރު އެއްޗެއް ނުބުނެ އެތަނުން ނިކުމެގެން ދިޔައެވެ. ޝަފީނާ ދޫމާ އާއި ދިމާ އަށް ދިޔައެވެ. އަދި އެއްފަހަރު ދޫމާ އަށް ނަސޭހަތް ދިނުމަށެވެ.
ދޫމާ ގޮވައިގެން ޝަފީނާ ނިކުތް އިރު ވަހީދު އާއި އޭނަގެ އާއިލާ އާއި މައުރޫފްގެ ދެފަރާތުގެ އާއިލާ ވަނީ އެގެޔަށް ޖަމާވެފައެވެ. މައުރޫފްގެ ބައެއް ރައްޓެހިންނާ ގާތް ތިމާގެ މީހުންނެވެ. މައުރޫފް ގަސްތުގައި ރަންކިއުމުގެ ރަސްމިއްޔާތު ތަންކޮޅެއް ބޮޑުކޮށް ބޭއްވީއެވެ. އިތުރަށް އޭނަ ހަޔާތުގެ މަތިން ހަނދާން ކުރަން ބޭނުން ނުވާކަހަލަ ގޮތަކަށެވެ. އެތަނަށް އެއްވެ ތިބި އެންމެންނަށް ވެސް ހަޔާތު އާއި މައުރޫފްގެ ގުޅުން ރަނގަޅަށް އެނގެއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ހަޔާތުގެ ނަން ވެސް ކިޔާލަން ނުކެރިފައި ތިއްބެވެ.
ޝަފީނާ ދޫމާ ގެންގޮސް މޭޒުދޮށުގައި ބޭންދިއެވެ. އެވަގުތު މައުރޫފް އެތަނުން ފެންނަން ނެތުމުން ޝަފީނާ ދޫމާ ބައިންދައިފައި މައުރޫފް ހޯދަން ވަކިވަކިން މީހުން ކުރެން އަހަމުން ދިޔައެވެ. އޭރު ދޮރުމަތީގައި މައުރޫފް މީހަކާ ވާހަކަ ދައްކަން ހުއްޓައިފެނުމުން އެދިމާއަށް ދިޔައެވެ.
"މައުރޫފް."ޝަފީނާ މައުރޫފަށް ގޮވައިލިއެވެ.
"މިދަނީ ދައްތާ."މައުރޫފް އެތެރެއަށް ހިނގައިގަންނަމުން ބުންޏެވެ.
"ކާކު އެއީ؟"ޝަފީނާ އަހައިލިއެވެ.
"އެއީ އަހަރެންގެ ލޯޔަރު."މައުރޫފް ބުންޏެވެ.
"ދެން އެތެރެއަށް ވެއްދިނަމަ، ދޮރުމަތިން ތިފޮނުވާލީ ކީއްވެ؟"ޝަފީނާ އަހައިލިއެވެ.
"ތަނަކަށް ދަމުން އޭނަ އެއްޗެއް ހަވާލުކޮށްލަން ވެގެން ގާތްކޮށްލީ."އަތުގައި އޮތް ފައިލު ދައްކައިލަމުން މައުރޫފް ބުންޏެވެ. މައުރޫފް އެތެރެއަށް ހިނގައިގަތެވެ. ފަހަތުން ޝަފީނާ ވެސް އެތެރެއަށް ވަނެވެ.
އަރީޝާގެ ކަމަކީ އެއްފަރާތެއްގައި ހުރެގެން ގިސްލާ ރުއިމެވެ. އޭނަޔަށް މައުރޫފް ނުލިބުނު ތަނުގައި މުއްސަނދި ފަޒާލް ވެސް އަތުން ބީވީއެވެ. މައުރޫފް އަށްޓަކާ އޭނަ ފަޒާލް އާއި ނީންނަން ކުޅުނު ޑްރާމާގައި ހަޔާތު ގެ ނަން ފަޒާލް އާއި ގުޅި ނިމުނީއެވެ. ފަޒާލް އަކީ ސިފަ ހުތުރު މީހަކަސް މުއްސަނދި މަހުޖަނެކެވެ. އޭނަ ބޭނުން ކޮންމެތާކަށް އޭނަޔަށް ދެވުނީހެވެ. ދިރިއުޅުން ދުބާއީގައި ހޭދަ ކުރެވުނީހެވެ. އޭނަގެ މޮޔަކަމުން އެލިބުނު ނަސީބުވެސް ދިޔައީ އެވެ. އަމިއްލަ ނަސީބާއި މެދު ހިތާމަ ކޮށް މާޔޫސް ވަމުން ދިޔައެވެ. އެވަގުތު އަރީޝާގެ ފޯނު ރިންގުވާން ފެށިއެވެ. ހަޔާތުގެ ފޯނެކެވެ.
"ކޮންފަދަ ވަގުތެއް. ހަޔާތު."އަރީޝާ ހިތާހިތުން ބުނެލިއެވެ.
"މިޔަށްވުރެން ރަނގަޅު ވަގުތެއް އޮންނާނެތަ ހަޔާތު އާއި ވާހަކަ ދައްކާލަން."ދެންމެ ރޯން ހުރެވުނުކަން ވެސް ހަނދާން ނެތި މޫނުމަތިން ނުލަފާ ހިނިތުން ވުމެއް ފެނިގެން ދިޔައެވެ. ހަޔާތުގެ ފޯނުކޯލް އައުމުން އަރީޝާގެ ހިތުގައި ޖެހިފައިވާ ކަންތައް ވެސް ފިލިކަހަލައެވެ.
"ހަލޯ ކީކޭ ހަޔާތު."އަރީޝާ އަހައިލިއެވެ.
"އަރީޝާ ގޭގަތަ؟"ހަޔާތު ސުވާލު ކޮށްލި އަޑު އިވިގެން ދިޔައެވެ.
"ނޫން... މިހިރީ މައުރޫފް މެންގޭގައި...." އަރީޝާ މަޑުމަޑުން ބުނެލިއެވެ. އެކޮޅުން ހަޔާތުގެ ހިލަމެއް ނުވުމުން އަނެއްކާވެސް އަރީޝާ ވާހަކަ ދައްކަން ފެށިއެވެ.
"ނާހާނަންތަ ކީއްކުރަނީތޯ."އަރީޝާ ސުވާލު ކޮށްލިއެވެ.
"އަހަރެންނަށް ވަރިހަމަ ކޮންމެ ކަމެއް ކުރިޔަސް، ގެޔަށް ގޮސްސަ ދޮންތަ ލައްވާ އަހަރެންނަށް ފޯނު ކޮށްބަލަ." ހަޔާތު ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ. އަރީޝާ ހީލިއެވެ. އަދި ކުރިމަތީގައި ހުރި މޭޒު ދޮށުގައި ތިބި މީހުންނަށް ބަލާލިއެވެ. އޭރު ރަންކިއުމުގެ ކަންތައް ކުރިޔަށް ދިޔައެވެ.
"މިހާރު ވެސް ދީފާނަން، އެކަމަކު ކުޑަކުޑަ ސިކުންތު ކޮޅަކަށް މަޑުކޮށްލާ، ހަޔާތުގެ ދޮންތަ ރަންކިޔާ ނިމުނީމައި ފޯނު ދޭނަން."އަރީޝާ އިސްޖަހައިގެން މޭޒު ދޮށުގައި އިން ދޫމާ އަށް ބަލައިލިއެވެ.
"ކީކޭ ރަންކިޔަނީ އޭ؟ ކާކާ އިންނަން؟ މިހާރު ގެން ގޮސް ދޮންތަ އަތަށް ފޯނު ދީ."ހަޔާތުގެ އަޑު ތަންކޮޅެއް ބާރަށް އިވިގެން ދިޔައެވެ.
"ސޮރީ ކިތަންމެ ބާރަށް ބުންޏަސް މިވަގުތު ދެވޭކަށް ނެތް، މިވަގުތު ގެން ގޮސް ފޯނު ދިނުން ވާނީ ވަރަށް ރޫޑުގޮތަކަށް. އެކަމަކު އަހަރެން ވަރަށް ޙައިރާން ވެއްޖެ ދޫމާ މީހަކާ އިންނަމުން ބުނެވެސް ނުލާ ދޯ ހަޔާތު ކައިރީގައި، ކޮންކަހަލަ ދައްތަ އެއް. އެންމެ ރަނގަޅު ދޯ ބުނެލަން. "މަލާމާތުގެ ރާގެއްގައި އަރީޝާ ބުންޏެވެ.
"ސަކަރާތް ޖަހަން ނޫޅޭ އިނގޭ. އަހަރެން އަރީޝާ ތިދައްކާ އެއްވެސް ވާހަކަ އެއް ގަބޫލެއް ނުކުރާނަން. ތިއީ މުޅިން ވެސް ވާހަކަ ހަދަހަދައިގެން ދައްކާ މީހެއް. އަހަރެންނަށް މިކައިވެނި ކުރަން މަޖުބޫރު ކުރީވެސް އަރީޝާގެ ދޮގުވާހަކަ ތަކާހެދި."ހަޔާތު ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
"ދެން ކުރާނެ ކަމެއް ނެތް، އަހަރެންނަށް އަދި ޝުކުރު އަދާކުރުމުގެ ބަދަލުގައި ރުޅިތަ އަންނަންވީ... ކިހާ މުއްސަނދި މީހަކާތަ ތިއިނދެވުނީ؟ ސިފައަށް ނުބަލާ އެންޖޯއި ކޮށްބަލަ...ދެން ބުނެބަލަ ހަނީމޫނަށް ގޮސްގެން ތިއުޅެނީ ކޮންތާކަށްތަ؟"އަރީޝާ ލާނެއް ރާގަކަށް ސުވާލު ކޮށްލިއެވެ.
އަރީޝާގެ ބޭކާރު ވާހަކަ ތައް އަޑުއަހަން ބޭނުން ނުވެގެން ހަޔާތު އެކޮޅުން ފޯނު ކަނޑައިލިއެވެ. އަރީޝާ ދެބުމަ ގޮތް ޖަހާލަމުން ދޫމާ އަށް ބަލައިލިއެވެ. އޭރުވެސް ދޫމާ އިސްޖެހިގޮތައް އިސްއުފުއްލާލާފައި އެއްވެސް މީހަކަށް ނުބަލައެވެ. އަރީޝާ ދޫމާ އާއި ޖެހިގެން އިން މައުރޫފް އަށް ބަލައިލިއެވެ. މައުރޫފް އަށް އެނުކުޅެދޭ އަންހެންކުއްޖާ ވެސް އޭނަޔަށް ވުރެން ކަމުދިޔައީ އެވެ. 3 މިލިޔަން ރުފިޔާ ދީފައި ދޫމާ އޭނަގެ ބައްޕަގެ އަތްދަށުން ނެރުނީއެވެ. އަރީޝާ ހިތާމައިގެ އާހް އެއް ލިޔެވެ. އޭނަގެ ނަސީބާ މެދު ދެރަވިއެވެ. އެޔަތީމު ދެކުދިން ވެސް އޭނަޔަށް ވުރެން ނަސީބު ރަނގަޅު ވެއްޖެއެވެ. އެކަކަކު މުއްސަނދި މަހުޖަނަކާ ކައިވެނި ކުރީއެވެ. އަނެކަކު އެރަށުގައި ހުރި ރީތި ޒުވާނުންގެ ތެރެއިން އެކަކާ ކައިވެނި ކުރަނީ އެވެ. އަރީޝާ އަށް އޮތީ ކޯއްޗެއް ހެޔެ؟
އަރީޝާގެ ބެލުމުން ސަލާމަތް ވާން މައުރޫފް ދޫމާގެ މޫނަށް ބަލައިލިއެވެ. އަދި ވަރަށް ސިއްރުސިއްރުން ވާހަކަ އެއް ބުނެލިއެވެ. ދޫމާ އިސްއުފުލާލާފައި މައުރޫފް އަށް ބަލައިލިއެވެ. މައުރޫފް ބުނިޖުމްލައިން ދޫމާ ގެ މިޒާޖަށް ކުޑަނަމަވެސް ބަދަލެއް އަަތުވެއްޖެ ކަން ޝަފީނާ އަށް ވެސް ފާހަގައި ވިއެވެ. ހަމަ އެހިނދު ދޫމާ އަނެއްކާވެސް އިސްޖަހައިލިއެވެ.
ކޮމެންޓް