ވާހަކަ: ޙަޔާތު (ދިހަވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

"ހަޔާތު." މަސްތުގެ އާރަކުން ފެންބުއިމަށް ކަރުހިއްކައިގަނެފައިވާ އަސަރެއް ފަޒާލްގެ އަޑުގައިވިއެވެ. އޭނާގެ ނަޒަރުވީ ހަޔާތުގެ މޫނާ އަމާޒު ކޮށްލެވިފައެވެ. އެކަމަކު ހަޔާތުގެ ދެލޯވަނީ އަދި ވެސް ބަނދު ކުރެވިފައެވެ. އެލޮލުގެ ރީތިކަން ފަޒާލް އަށް ފެންނަގޮތެއް ނުވިއެވެ.

ހަޔާތުގެ ތުންފަތުގައި ލޯބިކޮށްލުމަށް ފަޒާލް ކައިރިވެލި އެވެ. އެކަމުގެ އަރާއި ހިތްހަމަޖެހުންއޭނާއަށް ނުލިބެނީސް ހަޔާތު ފަޒާލްގެ މޭގައި އަތް އަލައި ކޮށްޕައިލިއެވެ.

"ޕުލީޒް ފަޒާލް."އަޑުގެ ކޮލަށް ހަޔާތު ބުންޏެވެ. އެއަޑުގައިވަނީ އާދޭހެވެ. ހަޔާތު ކޮށްޕާލުމުން ފަޒާލް ގޮސް ސޯފާ އަށް ޖެހުނެވެ. ނަސީބަކުން އެދިމާލުގައި ހުރީ އިށީންނަ ގޮތައް މަޑުކުށަނުން ތައްޔާރު ކުރެވިފައިވާ ތަނެކެވެ. ފަޒާލް އަށް އަނިޔާ އެއް ނުވެ ސަލާމަތް ވީއެވެ.

"އަހަރެން ބުނެފިންދޯ އަހަރެންނަށް ވަގުތު ބޭނުންވާނޭ، ހަނުހުރުމަކީ ހުރިހާކަމަކަށް އެއްބަސްވުމެއް ނޫން." ހަޔާތު އަށް ރޮވެން ފެށުނުނެވެ. އަދި ފަޒާލް އަށް ފުރަގަސް ދިނެވެ. ހަޔާތު އޭނާގެ ބަނދު ކުރެވިފައިވާ ދެލޯ ހުޅުވާލިއެވެ. އެހިނދު ހަޔާތުގެ ލޮލުގައި ރައްކައިކުރެވިފައިވާ ކަރުނަތައް އޮހިގަތެވެ.

"އަހަރެންނާ ފަޒާލް ކައިވެނި ކުރިޔަސް އަހަރެންގެ ހިތް އަދިވެސް އެކަމަކަށް އެއްބަހެއްނުވޭ، މިކުރެވުނީ ކައިވެންޏެއްކަމަށް ވިސްނާލަން ވެސް އަހަރެންނަށް ފުރުސަތެއް ނުލިބުނު... އަހަރެންނަށް އެނގިފައިވާ ގޮތުގައި ކައިވެންޏަކީ ވަރަށް މާތް އަގުހުރި ގުޅުމެއް، ދެމަފިރިންގެ ގުޅުމަކީ އެކަކު ނުރުން ފާޅުކުރާއިރު ގަދަކަމުން ހާސިލް ކުރުމެއް ނޫން.... އެޔަށް ވުރެން މާތް ގުޅުމެއް އެއީ، ފަޒާލްގެ ސިފަ ހުތުރަސް ތިއީ މިހާރު އަހަރެންގެ ފިރިމީހާ، އަހަރެންގެހަޔާތުގެ ބައިވެރިޔާ، ތިމާގެ ސިފަ ހުތުރުވުމާ އެއްވަރަށް ތިމާގެ އަހްލާގު އެހާދަށުދަރަޖައަކަށް ވައްޓާނުލާ، މާދަމާވެސް މިހިތް ފަޒާލް އަށް ލެނބިދާނެ، އޭގެ ކުރިން ތިމާގެ އަނގު ވައްޓާނުލާ."ހަޔާތު ރޮމުން ބުނަމުން ދިޔައެވެ. އިތުރަށް ފަޒާލް ދައްކަނީ ކޮންވާހަކަ އެއްތޯވެސް ބެލުމެއްނެތި ދުވެފައި ގޮސް ފާޙާނާ އަށް ވަދެ ދޮރުޖެހިއެވެ.  

ފަޒާލް އިންގޮތައް އިނދެ ވައަތުން އޭނާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑުގައި މައްޗަށްވާހެން އަތްފުނާ އަޅާލައި ކަނދުރާގައި އަތްތިލަ އަޅުވާލިއެވެ. އެއާއެކު އެ އިސްތަށިގަނޑުގެތަރުތީބު ގެއްލި އެއްފަރާތުން ނިތްމައްޗަށް އިސްތަށިގަނޑުން ބައެއް ވެއްޓުނެވެ. މިރޭ އޭނަޔަށް ކުރެވުނު އަމަލަކީ އޭނަޔާ ނުވެސް ގުޅޭ ކަމެކެވެ. ހަޔާތުގެ ނުރުހުމާ ދެކޮޅަށް އޭނަގެ ގައިގައި ބީހެން ފަޒާލް ވިސްނީވެސް ކީއްވެގެން ހެއްޔެވެ. އޭނަޔަކީ އެހާ ދަށުދަރަޖައިގެ އިންސާނެއް ނޫނެވެ. އެކަމަކު ހަޔާތު ފެނުމުން އޭނަގެ ހިތް ކޮންޓްރޯލުން ނައްޓާލީއެވެ. ފަޒާލް ދެލޯ މަރާލިއެވެ.

ފަޒާލް އިރުކޮޅަކު ވިސްނަން އިނުމަށްފަހު ކޮޅަށް ތެދުވިއެވެ. އަދި ފާޙާނާ އާއި ދިމާ އަށް ދިޔައެވެ. އޭރު ފާޙާނާ ތެރޭން ހަޔާތުގެ ގިސްލުމުގެ އަޑުއިވެމުން ދިޔައެވެ. ފަޒާލް ގެ މޫނުމަތިން މާޔޫސްކަން ފާލުވިއެވެ. އޭނަ ހެދި ދޮގުގެ ސަބަބުން ހަޔާތުގެ ދިރިއުޅުން ވެސް ހަލަބޮލިކޮށްލެވުނީއެވެ. ހަޔާތުގެ ހިތުގައި އޭނަގެ ސޫރަ ކުރެހިފައި އެވަނީ ހުތުރު މީހެއްގެ ސިފައިގައެވެ. ފަޒާލްގެ އަސްލު ސޫރަ ހަޔާތު އަށް ދައްކާނެ ގޮތަކާއި މެދު ފަޒާލް ވިސްނާލަން ޖެހުނެވެ. އެކަމަކު ހަމަ ހުރެފައި އެސޫރަ ހަޔާތު އަށް ދެއްކުމަކީ ވެސް މިވަގުތަށް އެހާ ބުއްދިވެރިކަމެއް ކަމަކަށް ނުފެނެއެވެ.

އެނދާއި ދިމާ އަށް ގޮސް އެނދުމަތިން ފަޒާލް ނިދަން ބޭނުންވާނެ ސާމާނު ހިފައިގެން އެއްފަރާތެއްގައި ޖަހާފައިވާ ކުށަންތަކާއި ދިމާ އަށް ދިޔައެވެ. ބާލީސް އެއްފަރާތެއްގައި ބޭއްވުމަށްފަހު އޮށޯވެ ކުއިލްޓް ގައިމަތީގައި ފަތުރާލިއެވެ. އަދި މޫނު ނިވާކޮށްލަމުން ބާލީހުގައި ބައްދައިލިއެވެ. ހަޔާތު އަށް ވިސްނަން ވަގުތު ދިނީއެވެ.

 

*****************

 

ބޮލުގައި އަތް އަޅާލަމުން ހަޔާތު އަޑެއްލައްވާލިއެވެ. އޭނަގެ ބޮލަށް އިންތިހާއަށް ތަދުވަމުން ދިޔައެވެ. މައިގްރޭންގެ ރިހުމެވެ.  އެރިހުމަށް ކެތް ކުރަމުން ގައިމަތީގައި އޮތް ކުއިލްޓް އެއްފަރާތް ކޮށްލަމުން ހަޔާތު ވަރުބަލި ގޮތަކަށް އެނދުން ތެދުވިއެވެ. ކޮޓަރިތެރެ އަނދިރިކަމުން އެއްވެސް ތަނެއް ފެންނަ ގޮތެއް ނުވިއެވެ. ހަޔާތު މަޑުމަޑުން ބޮލުގައި އަތް އަޅައިގެން ހަޔާތުގެ ދަބަސް ބާއްވާފައި އޮތް މޭޒުކައިރިޔަށް ދިޔައެވެ. އަދި ދަބަހުން ފޯނު ނަގައި ފިރާޝާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ތަދު އިރުން އިރަކަށް ދިޔައީ ގަދަވަމުން ނެވެ. ތުންފަތުގައި ދަތް އަޅާލަމުން ހަޔާތު އެކޮޅުން ފޯނު ނަގާނެ އިރަކަށް އިންތިޒާރު ކުރިއެވެ. މިވަގުތު އޭނަގެ ދައްތަ އަށް އުދަގޫ ކުރަން ބޭނުން ނުވީއެވެ. އޭނަ ބަލިވިކަން އެނގުމުން ދޫމާ ކަނބޮޑު ވާނެތީއެވެ. ވަރަށް ގިނައިރު ރިނގުވުމަށް ފަހު އެކޮޅުން ފޯނު ނެގިއެވެ. ނިދީގެ ވަރުބަލި އަޑަކުން ފިރާޝާ ވާހަކަ ދައްކަން ފެށިއެވެ.

"ކީކޭ ހަޔާތު؟ ހާދަ ލަސްގަނޑިއެއްގައި ތިގުޅީ. މީނަ ޔަށް އެނގޭނީ ދަންވަރު ގުޅަން އަޅެ މަމީ މައުރޫފްތަ؟"ފިރާޝާގެ ނިދިން ވަރުބަލިވެފައިވާ އަޑުއިވުނެވެ.

"ފިރާ... މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ..." ހަޔާތު ވަރަށް މަޑުމަޑުން ބުނެލިއެވެ.

"އަޅެ މަމީ ޑޮކްޓަރުތަ؟" ފިރާޝާ އެވަގުތުވެސް ބެލީ ހަޔާތު އާއި ސަމާސާ ކޮށްލެވޭތޯއެވެ.

"ނޫން... އެކަމަކު ވަރަށް ބޮޑަށް ތަދުވޭ."ރޮވިފައިވާ ރާގެއްގައި ހަޔާތު ބުންޏެވެ.

"ދެން ޕެނަޑޯލް ގުޅައެއް ކާލަބަލަ."ފިރާޝާ ވެސް ސީރިޔަސް ރާގަކަށް ބުންޏެވެ.

"ކޮބާ ދޫމާ.."ފިރާޝާ އަހައިލިއެވެ.

"އަހަރެން މިހިރީ ރަށުގައެއް ނޫން."ވަރަށް ހިތްވަރު ކޮށްލާފައި ހަޔާތު ބުންޏެވެ.

"ކޮންތާކު؟ މައުރޫފް ކައިރީގައިތަ؟"ފިރާޝާ އަހައިލިއެވެ.

"ނޫން..."ހަޔާތު އަށް އިތުރަށް ވާހަކަ ނުދެއްކި އަޅަމުން ދިޔަ ވޭނަށް ކެތްނުވެގެން ހުރިތަނަށް ވެއްޓުނެވެ. ފިރާޝާ ހަޔާތު އަށް ގޮވަމުން ދިޔައެވެ. ހަޔާތުގެ ހަބަރެއް ނުވިއެވެ. ފަޒާލް އޮތީ ހޭލާކަމުން ހަޔާތުގެ ހުރިހާ ހަރަކާތް ތަކެއް ބަލަމުން ދިޔައެވެ. ހަޔާތު ވެއްޓުނުތަން ފެނުމުން ފަޒާލް ފުންމައިގެން ސޯފާއިން ތެދުވިއެވެ. ހަޔާތު އާއިދިމާ އަށް ދިޔައެވެ. އަދި ވެއްޓިފައި އޮތް ހަޔާތު އުފުއްލާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. ހަޔާތުގެ ނިތްކުރީގައި ފަޒާލް އަތް ޖައްސާލިއެވެ. ހަޔާތުގެ ނިތްކުރި ވަރަށް ހޫނެވެ.

"ހަޔާތު...ހަޔާތު."ފަޒާލް މަޑުމަޑުން ލޯތްބާއި އެކު ފިރުމާލަމުން ގޮވައިލިއެވެ. ފަޒާލް ހަޔާތު އެނދުގައި ރަނގަޅަށް ހަމަޖައްސާލުމަށް ފަހު ގޮސް ވެއްޓިފައި އޮތް ފޯނު ނެގިއެވެ. އޭރު އެކޮޅުން ފިރާޝާ ހަޔާތު އަށް ގޮވާ އަޑުއިވެއެވެ. ފަޒާލް ފުރަތަމަ ހީކުރީ ހަޔާތު ފޯނު ކުރީ މައުރޫފް އަށް ކަމަށެވެ. އެކޮޅުން އަންހެން އަޑެއް އިވުމުން ފަޒާލް ހަމަޖެހިލިއެވެ.

"ހަލޯ..."ފަޒާލް ފޯނަށް ޖަވާބު ދިނެވެ.

"ކާކު؟ ކޮބާ ހަޔާތު؟"ފިރާޝާ އަށް އެއީ މައުރޫފް ނޫންކަން ޔަގީން ވުމުން ޙައިރާން ވެފައި އަހައިލިއެވެ.

"މިއީ ފަޒާލް ހަޔާތުގެ ހަސްބަނޑް..."ފަޒާލް މަޑުމަޑުން ބުނެލިއެވެ.

"ހަސްބަންޑޭ... ކޮންތާކު އައި ހަސްބަންޑެއް؟ ހަޔާތު ކޮންއިރަކު މީހަކާ އިނީ؟"އަނގައިގައި ވަރުނެތް ރާގަކަށް ޙާއިރާން ވެފައި ފިރާޝާ އަހައިލިއެވެ.

"މިރޭ..."ފަޒާލް ގެ ޖަވާބު ކުރެވެ.

"އޭން.... ސަމާސާ އެއްދޯ ތިއީ؟ ހަޔާތު އެއްވެސް ކަމެއް ނުކުރާނެ އަހަރެން ކައިރީގައި ނުބުނެ، ތިވާނީ ދޮގަކަށް." ފިރާޝާގެ ޝަކުވާ އަކީ އޭނަޔަށް އެކަން ނޭގުނީމައެވެ.

"އެއްވެސް މީހަކަށް ނޭނގޭނެ."ފަޒާލް މަޑުމަޑުން ބުންޏެވެ.

"ހަޔާތު ދެއްކީ ކޮންވާހަަކަ އެއް؟ އޭނަ އަނބުރާގަތީ ކީއްވެ؟ތިކޮޅުން ދެއްކި ވާހަކަ އަކުން އޭނަ ހުންވެސް އައިސްސި."ފަޒާލް ކުއްވެރި ކުރީ ފިރާޝާ އެވެ.

"މިސްޓަރ އަހަރެން ދެއްކި ވާހަކަ އަކުން ނެއްނޫން. މިއީ ކައިވެނީގެ ފުރަތަމަ ރޭވިއްޔާ ހަޔާތު އަށް އެދިމާވި ކަންތަކުގެ ޒިންމާ ނަގަން ޖެހޭނީ އޭނަގެ ފިރިމީހާ، އޭނަ ގުޅީ ބޮލަށް ތަދުވަނީ އޭ ކިޔާފައި، އެކަމަކު މަށައްހީވަނީ އޭނަގެ ބަނޑަހެން އެތަދުވަނީ، އޭގެ މާނަ ތަފްސީލުކޮށް ކޮންމެހެން އަހަރެން ކިޔާދޭކަށް ނުޖެހޭނެ، ދެން ވެސް އަވަހަށް ދެގުޅަ ޕެނަޑޯލްދީ." ފޯނުން ތަންކޮޅެއް ހަރުކަށި ރާގެއްގައި ފިރާޝާ ބުންޏެވެ.

ފަޒާލް ފޯނު ބޭއްވުމަށްފަހު އެނދާއި ދިމާ އަށް ބަލާލިއެވެ. އަދި ވިސްނާލިއެވެ. ބޮލަށް ވިޔަސް ބަނޑަވިޔަސް، ތަދުވިސަބަބަކަށް އޭނަ ވާންވީ ކީއްވެގެން ހެއްޔެވެ.

ވިސްނަން ހުރެފައި ބޭސްގުޅަ އެއް ހޯދަން ބޮކިދިއްލާލިއެވެ. ހަޔާތު ކުކުރާލަ ކުކުރާކާ އޮތެވެ. ކުޑަދޮރު ކައިރީގައި އެކީ އެކަށްޗަކަށް ޖަހާފައިވާ ކަބަޑުތަށް ބަލަމުން ދިޔައެވެ. ކުއްލިޔަކަށް ފަޒާލްގެ ނަޒަރު ފޮރުވާފައި ހުރި ކުޑަ ފޮއްޓަކަށް ހުއްޓުނެވެ. ފަޒާލް މަޑުމަޑުން ފޮށިނަގައި ހުޅުވާލިއެވެ. ފަޒާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަމަތީގައި އަތް އަޅާލެވުނެވެ. މީހާ ބިރުން ތުރުތުރު އަޅަންފެށިއެވެ. އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާޙާނާ އަށް ވަނެވެ. ފުލެޝްކޮށްލި އަޑު އިވުނެވެ. އެއަށްފަހު ކޮޓަރިން ބޭރަށް ނިކުމެ މޫދަށް ފޮށި އެއްލާލިއެވެ. ހާސްކަމާއި އެކީގައި ކޮޓަރި ތެރެއަށް ވަނެވެ. އެވަގުތު ހަޔާތު ކުކުރާލި އަޑު އިވުނެވެ. ފަޒާލް އަވަސް އަވަހަށް ފާޙާނާ އަށް ވަދެ ކުޑަ ތުވާލި ކޮޅެއް ތެންމާލައިގެން ގެނެސް ހަޔާތުގެ ނިތްކުރީގައި އަޅާލިއެވެ. އަދިވެސް ފާޒާލްގެ ވިސްނުން ހުރީ ކަބަޑު ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނު ފޮއްޓަށެވެ.

"މީގެ ކިތަންމެ ފޮއްޓެއް ހުންނާނެ ކަންޔަގީން، އެކަމަކު ކާކުގެ އެއްޗެއްބާ؟"ފަޒާލް ވިސްނާލިއެވެ.

އެސަފާރީ އަކީ އޭނާގެ ބައްޕަގެ ސަފާރީ އެކެވެ. އެސަފާރީ ރާއްޖެ އައީ މީގެ 3 ދުވަސްކުރިންނެވެ. ހަމައެކަނި ފަޒާލްގެ ކައިވެންޏަށެވެ. އޭގައި އެފަދަ އެއްޗެއް ހުރެގެން ނުވާނެއެވެ. އެސަފާރީ އަކީ އެއްވެސް ޒާތެއްގެ މަސްތެއް އެކުލެވޭނެ އެއްޗެއް ގެންގުޅޭ އެއްޗެއް ނޫނެވެ. ދެން އެޔަށް އެފަދަ އެއްޗެއް އެރީ ކިހިނެއް ހެއްޔެވެ. ފަޒާލްގެ ވިސްނުން އެހެން ދިމާ ލަކަށް ނުދެއެވެ. ފޯނުނަގައި ޔާސިރު އަށް މެސެޖެއް ޓައިޕްކޮށްލިއެވެ. އެކަމަކު ފޮނުވަން އުޅެފައި ވިސްނާލިއެވެ.

"އެއްވެސް މީހަކަށް އިތުބާރެއް ނެތް... ބައްޕަ އަށް މިގަނޑީގައި ގުޅައި ފިއްޔާ ބައްޕަގެ ނިދި ހަރާބު ވާނެ." ފަޒާލް ގަޑިޔަށް ބަލާލިއެވެ. މިހާރު ރާއްޖެ ގަޑިން 3 ޖަހަން އުޅެނީއެވެ.

"ފަތިސްވަގުތަށް ބައްޕަ ހޭލީމައި މިވާހަކަ ދައްކާނީ، އެކަމަކު މިކަންތަށް ނުބަލާ އަހަރެންނަށް ހުރެވޭނީ ވެސް ކިހިނެއް؟" ފަޒާލް ވިސްނާލިއެވެ.

އަނެއްކާވެސް ހަޔާތުގެ ނިތްމަތީގައި އޮތް ތުވާލި ކޮޅު ފާހާނާ އަށް ވަދެ ތެންމާލައިގެން އައިސް ނިތްމަތީގައި އަޅާލާފައި ތެދުވެގެން ކޮޓަރިން ބޭރަށް ނިކުތެވެ. އަދި އިރުކޮޅެއްފަހު ކުޑަ ތައްޓެއް ހިފައިގެން އައެވެ. ފާޙާނާ އަށް ވަދެ ފެންއަޅައިގެން އައިސް އެނދުގައި އިށީނެވެ. އިރުއިރުކޮޅާ ހަޔާތުގެ ނިތްމަތީގައި އޮންނަ ފޮތިގަނޑު ބަދަލު ކުރަމުން ދިޔައެވެ. ފަޒާލް ހަޔާތު އަށް ބަލާލާފައި ހަޔާތުގެ މޫނުގައި ލޯބިން ފިރުމައިލިއެވެ.

ފަޒާލަށް އެހާ ފަސޭހައިން ހަޔާތު ދެކެ ލޯބި ވެވުނު ސަބަބު ހުދު ފަޒާލަކަށް ވެސް ނުވިސްނުނެވެ. ހަޔާތު ފަޒާލް އާއި ކަވެނި ކުރިކަމުގައި ވިޔަސް އޭނަގެ ހިތުގައި ވަނީ މައުރޫފް އެވެ. އެކަން ފަޒާލަކަށް އޮޅިފައެއް ނުވެއެވެ. މިރޭވެސް ފަޒާލް ހަޔާތު އާއި ގާތްވެ އޭނަގެ މީހަކަށް ހަޔާތު ހަދަން މަސައްކަތް ކުރިއެވެ. އެކަމަކު ހަޔާތު އެކަމަށް އިންކާރުކޮށް ވަގުތު ބޭނުންވާނެކަމަށް ބުނުމުން ފަޒާލްގެ ހިތަށް ތަދުވިއެވެ. އެކަމަކު ވެސް ފަޒާލް ހަޔާތު އަށް ވަގުތު ދިނީއެވެ. މިވީ ކުޑަ ދުވަސްކޮޅުތެރޭގައި ހަޔާތު ވަނީ ހާއްސަމަގާމެއް ފަޒާލްގެ ހިތުން ހޯދާފައެވެ. ފަޒާލަށް ހަޔާތު އޭނަ ދެކެ ލޯބި ނުވާކަން އެނގޭއިރުވެސް ހަޔާތު އޭނަގެ މީހަކަށް ހެނދީ ހަޔާތު އަކީ ހިތްސާފު އަޙްލާގު ރަނގަޅު ކުއްޖަކަށް ވާތީއެވެ. އޭނަ ޔަކީ އާއިލީ ގުޅުން ވަރުގަދަކޮށް ދަމަހަށްޓަން މަސައްކަތް ކުރާ ކުއްޖެއްކަން އެނގޭތީއެވެ.

ހަޔާތު އާއި ފަޒާލްގެ މިގުޅުމަށް ދޭނެ ނަމެއް ނޭނގެއެވެ. އެގުޅުން ދެމިގެންދާނީ ކިހާ ހިސާބަކަށް ކަމެއްވެސް ނޭނގެއެވެ. ދަތުރަށް ފެށީ ދާނެ މަންޒިލެއް ކަނޑަނާޅައެވެ.

އެގޮތަށް ފަޒާލް ހޭލާ އިންދާ އޭނަގެ ފޯނުން ފަތިސް ނަމާދު ބަންގި ގޮވި އަޑު އިވުނެވެ. ލޮލަށް ނިދި ބަރުވެފައި ވީނަމަ ވެސް އާފުރި ލަމުން ހަޔާތުގެ ނިތްކުރީގައި އޮތް ފޮތިގަނޑު ބަދަލު ކޮށްލާފައި ތެދުވެގެން ފާޙާނާ އަށް ވަނެވެ. ގާންތާހިވެގެން ނިކުމެ ނަމާދަށް އެރިއެވެ. ނަމާދު ކޮށް ނިމިގެން ފަޒާލް ފޯނުނަގައި ގަޑިބަލާލިއެވެ. އަދި އޭނަގެ ބައްޕަ އަށް ގުޅާލިއެވެ. އިރުގަނޑެއް ފަހު އެކޮޅުން ފޯނުނެގިއެވެ.

"ބައްޕާ... ވަރަށް ބޮޑު ކަމެއް ވެއްޖެ."ފަޒާލް މަޑުމަޑުން ވާހަކަ ދެއްކިއެވެ. އެވާހަކަ އޭނަ ނޫން އެހެން މީހަކަށް އެނގެން ބޭނުން ނުވާތީއެވެ.

"ކޮން ވާހަކަ އެއް ދަރިފުޅާ..."މުހައިމު އަހާލިއެވެ. ފާޒާލް އޭނަގެ ސުއިޓް ތެރެއިން ފެނުނު ގަޑިލާ ފޮށި ވަރުގެ ފޮށީގެ ވާހަކަ ބުންޏެވެ.

"ދަރިފުޅާ... ޔާރައްބީ..."މުހައިމިނަށް ބުނެވުނެވެ.

"ހީވަނީ ސަފާރީގައި މިނޫނަސް ހުންނާނެ ހެން. ކިހިނެއް ހަދާނީ؟"ކަނބޮޑުވުމާއި އެކީގައި ފަޒާލް އަހައިލިއެވެ.

ވަރަށް ދިގު ކޮށް ވާހަކަ ދެއްކުމަށްފަހު ފަޒާލް ފޯނު ބޭއްވިއެވެ. އަދި ހަޔާތު ކައިރިޔަށް އައެވެ. ހަޔާތު އަށް ނިދިފައި އޮތްކަން ޔަގީން ވުމުން ކޮޓަރިން ބޭރަށް ނިކުތެވެ.

*********************

 

ގޭ ދޮރުހުޅުވާލާފައި މައުރޫފް އެތެރެއަށް ވަނެވެ. ޝަފީނާ އަށް މައުރޫފް ފެނުމުން ކިޔަން ގެންގުޅުނު ދުއާ ފޮތް ޖެހިގެން ހުރި ޖޯލީގައި ބޭއްވިއެވެ. އަދި ތެދުވެގެން މައުރޫފް އާއި ދިމާ އަށް ދިޔައެވެ.

"މައުރޫފް..."ޝަފީނާ ވާހަކަ އެއް ބުނަން އުޅުނެވެ.

"ދައްތާ އަހަރެން ކުރެން އެއްވެސް ވާހަކަ އެއް ނާހާތި ވީކިހިނެއް ކަމެއް ބުނެދޭކަށް ނޭނގެ."މައުރޫފްގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.

ހަގީގަތުގައި ވެސް އޭނަޔަށް ވީކިހިނެއް ކަމެއް ނޭނގެއެވެ. އެމީހަކު ފިހާރައަށް އައިސް ދިއްކޮލި ފޮށީގައި އޭނަ ހިފީ އެއްވެސް ސުވާލެއް ކޮށްނުލައެވެ. އެއީ އޭނަގެ ކުށެވެ. ކާކު ފޮނުވި އެއްޗެއްތޯ ބަލާލަން އޭނަ ހަނދާންވީ މާފަހުންނެވެ. ފޮށި ހުޅުވާލީ އެއްވެސް ޖެހިލުމެއްތި ކޯއްޗެއްތޯ ބަލާށެވެ. ފޮށިހުޅު ވާލި ވަގުތާ ޕޮލިސް އެތެރެއަށް ވަންވަގުތާ ދިމާވީ އެއްވަގުތަކަށެވެ. އެއީ ބަޔަކު މީހުންގެ ރޭވުމެއްކަން މައުރޫފަށް އެނގުނީ މާފަހުންނެވެ. އެކަމަކު އެކަހަލަ ތުހުމަތެއްގައި މައުރޫފް ބައްދާލާނީ ކާކު ހެއްޔެވެ.

މައުރޫފް ޝަފީނާ އާއި އެއްވެސް ވާހަކަ އެއް ނުދައްކާ ކޮޓަރިޔަށް ވަނެވެ. ޝަފީނާ ކަނބޮޑުވުމާއި އެކީގައި އެނބުރި އައިސް ޖޯލީގައި އިށީނެވެ. މައުރޫފް އަކީ އޭނަގެ ފިރިމީހާ ޝުހައިލް ގެ ދައްތަގެ ދަރިފުޅެވެ. މައުރޫފް ގެ ބައްޕަ ނިޔާވެ މައުރޫފް ކުޑައިރުއްސުރެން ބަލަމުން އައީ ޝުހައިލް އެވެ. ޝުހައިލް ދަތުރުކުރަން ގޮސް ގެއްލުނު ފަހުން 10 އަހަރުވީ އެވެ. އަދިވެސް ޝުހައިލްގެ ހަބަރެއް ނުވެއެވެ. ޝުހައިލް ވީކޮންތާކުކަމެއް ޝުހައިލް އަށް ވީކިހިނެއް ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

މައުރޫފް ކޮޓަރިޔަށް ވަނުމަށްފަހު ފޯނު އޮންކޮށްލިއެވެ. އަޑުކިޔަމުން އެތައް މެސެޖެއް އަންނަން ފެށިއެވެ. މައުރޫފްގެ ފޯނު އޮފްކޮށްލާފައި އޮންނަތާ 9 ދުވަހަށް ވުރެން ގިނަ ދުވަސް ވީއެވެ. މައުރޫފް އިހަށް ފާޙާނާ އަށް ވަދެ ފެންވަރާ މީހާ ތާޒާ ވެލައިގެން ބޭރަށް ނިކުތެވެ. އަދި ފޯނަށް އައިސްފައިވާ މެސެޖުތައް ވަކިވަކިން ކިޔަން ފެށިއެވެ. ފުރަތަމަ ވެސް މައުރޫފް ކިޔަން ފެށީ ހަޔާތު ފޮނުވާފައިވާ މެސެޖު ތަކެވެ. މައުރޫފްގެ ދެލޮލަށް ކަރުނަ ޖަމާވެ އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ކޯތާފަތްމަތިން ފައިބައިގަތެވެ. ހަޔާތު އަށް ވީމަޖުބޫރު މައުރޫފް އަށް ވިސްނުނެވެ. އެއިންގޮތަށް އެނދުމަށް ޗަށް ވެއްޓިގަތެވެ. ހަޔާތު ރަންކީ ރެއަކީ ޕޮލިހުން އޭނަ ޕޮލިސްޓޭޝަނަށް ގެންދިޔަ ރެއެވެ. ރޭގައި ހަޔާތުގެ ކައިވެނި ވީއެވެ. މިއަދު ހެނދުނު އޭނަ ދޫކޮށްލީއެވެ. މިއީ ވަހީދުގެ ވަރުގަދަ ރޭވުމެއްކަން މައުރޫފަށް މިހާރު ވިސްނުނެވެ.

މައުރޫފް އެގޮތަށް އެތަށް އިރަކު އޮތުމަށްފަހު އެނދުން ތެދުވެ ހަޔާތުގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ފޯނު ރިންގުވަމުން ދިޔައެވެ. އެކޮޅުން ފޯނެއް ނުގައެވެ. މައުރޫފް އަނެއްކާވެސް ޑައިލް ކޮށްލިއެވެ. އޭރުވެސް ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ރިނގުހުސްވަންދެން އިނުމަށްފަހު ފޯނު އެނދުމަށްޗަށް އެއްލާލިއެވެ. މައުރޫފް ގެ ފޯނު ރިންގުވާން ފެށިއެވެ. މައުރޫފް އަވަސް އަވަހަށް ފޯނުނަގައި ބަލާލިއެވެ. ފިރާޝާގެ ފޯނެކެވެ.

"ހަލޯ ފިރާ..."މައުރޫފް ކަރުނަ ފުހެލަމުން އަހައިލިއެވެ.

"ތިމީހުން ކިހިނެއް ހަދައިގެން ތިއުޅެނީ؟"ފިރާޝާ ކޮށްލީ ސުވާލެކެވެ.

"އަޑު އަހާބަލަ ފިރާ، ހަޔާތު އާއި ގުޅުނުތަ؟"މައުރޫފް ފިރާޝާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހައިލިއެވެ.

"އާން... ރޭދަންވަރު ހަޔާތު ގުޅީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ، ވާހަކަ ދައްކަ ދައްކާ ހުއްޓާ އޭނަގެ އަޑު ކެނޑިފައި ދެން އިވުނީ ނުވެސްދަންނަ ފިރިހެނެއްގެ އަޑު، އަހަރެން ތިއީ ކާކުހޭ އެހީމަ ބުނީ މިއީ ހަޔާތުގެ ހަސްބަންޑޭ، ކޮންތާކުން ފާޅުވި ހަސްބަންޑެއް އެއީ؟"ފިރާޝާ ކަނބޮޑުވުމާއި އެކީގައި ސުވާލު ކޮށްލިއެވެ.

"ފިރާ... ހަމަ ހަގީގަތުގައި ވެސް ހަޔާތު މެރީ ކުރީ ދޯ؟"ރޮވިފައިވާ ރާގެއްގައި މައުރޫފް އަހައިލިއެވެ.

"ބަލަ މައުރޫފް އަށް ނޭނގޭތަ؟ މަށައްވެސް ރޭދަންވަރު މިއެނގުނީ، ހަޔާތު ބުނެވެސް ނުލާ."ފިރާޝާ ޝަކުވާ ކޮށްލިއެވެ.

"އަހަރެން 9 ދުވަސް ވަންދެން ސިފައިގޭގައި ބަންދު ކޮށްފައި ހުރީ."މައުރޫފް ހިތާމައިގެ އާޙް އެއް ބޭރު ކޮށްލަމުން ބުންޏެވެ.

"ކީކޭ؟ ކީއްވެ؟"ފިރާޝާ ސުވާލު ކޮށްލިއެވެ.

"ހަޔާތުގެ ބޮޑުބޭބެގެ މޮޅު ރޭވުން، އެ އަރީޝާގެ ކަންތައް، އޭނަގެ ލޮލަށް ނިދިނައިސްގެން އުޅުނީ މަށާ ހަޔާތު އާއި ރައްޓެހި ވީމައި." މައުރޫފް ގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.

"ދެން ކީހިނެއް ހަދަނީ؟ އަހަރެންނަށް ރަށައް ދެވޭނީ އަންނަ ހަފްތާގައި."ފިރާޝާ ބުންޏެވެ.

"މަގުޅާނަން ފަހުން."މައުރޫފް ފޯނު ބޭއްވިއެވެ.

އަނެއްކާވެސް އެނދުމަތީގައި ހުރަހަށް އޮށޯވެލިއެވެ. ވަހީދުގެ ރޭވުން މޮޅުކަމުން މައުރޫފް ހަމަ ކޮސްވިއެވެ. އެވަރުގެ ކަމެއް ވަހީދު ކޮށްފާނެ ކަމަކަށް މައުރޫފް ހިޔެއް ނުކުރެއެވެ. މައުރޫފްގެ ފޯނަށް މެސެޖެއް އައެވެ. މައުރޫފް އޮތް ގޮތަށް އޮވެފައި މެސެޖް ބަލައިލިއެވެ. އެއީ މީގެ 13 ވަރަކަށް ދުވަސްކުރިން މައުރޫފް އާއި ވާހަކަ ދައްކަމުން އައި މީހެއްގެ މެސެޖެވެ. އޭނަގެ ބޭބެގެ ބިން ވިއްކާލަން އައިބޭގައި ޖެހީމައި ގުޅިމީހެކެވެ. މައުރޫފް ވިސްނާލިއެވެ. އެރޭ ފިހާރައިގައި އިންދާ އިސްކޮޅުން ދިގު ދޮން ރީތި މީހަކު ފިހާރަށް އައިސް ކުޑަ ވަރެއްގެ ބުރިފްކޭހެއް ހަވާލުކުރީއެވެ. ވަކި އެއްޗެއް ނުބުނެ އެމީހާ އެތަނުން ދިޔަތާ ކުޑައިރުކޮޅެއް ތެރޭގައި ޕޮލިސް އެތަނަށް އައީ އެވެ. މައުރޫފް މެސެޖު ދެވަނަ ފަހަރަށް ބަލާލިއެވެ. އަދި ކުރިން ކޮށްފައިހުރި މެސެޖުތައް ކިޔަން ފެށިއެވެ. ފަހުން ފޮނުވި މެސެޖު ގައިވަނީ ދެވަނަ ޕޭމަޓް އެގްރިމެޓް ސޮއިކުރާ ދުވަހު ހަވާލު ކުރާނެ ވާހަކަ އެވެ. މިހާރު އެގްރިމެންޓް ރެޑީވެފައި އޮތް ވާހަކަ އެވެ. ވީހާވެސް އަވަހަކަށް ބިމުގެ ޑީލް ނިންމަން ބޭނުންވާ ވާހަކަ އެވެ. 9 ދުވަސް ވީއިރު އެއްވެސް ޖަވާބެ ނައުމުން ކަނބޮޑުވެފައި ހުރި ވާހަކަ އެވެ. ބައިމިލިޔަން ރުފިޔާ ނަގުލުފައިސާއިން ދިނީ އެޑްވާންސް އަށް ކަމެވެ. މައުރޫފް ކަނބޮޑު ވުމާއި އެކީގައި ބޮލުގައި ހިފަހައްޓައިލިއެވެ. އަދި މޫނުގައި ވަކިއެޅޭ ގޮތަށް ތިރިޔަށް އަތް ގެނައެވެ. އޭނަ އަށް އެރޭ ލިބުނު ބައިމިލިޔަން ރުފިޔާ އަކީ އޭނަގެ ބޭބެގެ ބިމުގެ އެޑްވާންސް ލާރިއެވެ. އޭތި އޭނަ ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ. އަދި އެލާރި އާއި ބެހޭ ގޮތުން ޕޮލިހުން ސުވާލު ކުރީމައި ދޭނެ ޖަވާބެއް ނޭނގުނީ ކީއްވެގެން ހެއްޔެވެ. އޭނަގެ އަތުގައި ފެންނަށް މިއޮތީ ހެއްކެވެ. މިހެކި ކުރިން ނުދެއްކުނީ ކީއްވެގެން ހެޔެވެ. އެހެން ނޫންނަމަ ހަޔާތު އަދިވެސް ހުރީހީ އޭނަގެ މީހެއްގެ ގޮތުގައެވެ.

މައުރޫފް ކަންބޮޑުވުމާއި އެކީގައި އެނދުން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. މައުރޫފަށް މިވަނީ ކިހިނެއް ކަމެއް ނޭނގުނެވެ. އޭނަ ހަޔާތު ހާސިލް ކުރަން އޭނަގެ ބޭބެގެ ބިންވިއްކާލަން އުޅުނީއެވެ. އެކަމަކު އެލާރިތަކުގެ ސަބަބުން އޭނަގެ އަތުން އޭނަގެ ލޯބި ބީވެގެން ދިޔައީއެވެ. މައުރޫފް އަށް ރޮވެން ފެށިއެވެ. ހަޔާތު އޭނަޔާއި އެކީގައި ފިލައިގެން ދާން ވެސް ހުރީ ތައްޔާރަށެވެ. އެދުވަހު އޭނަ ވިސްނީ ވެދާނެ ބަދުނާމަކަށެވެ. އޭނަގެ ބޭބެ އިނދެގެން އުޅެނީ ހަޔާތުގެ ބޮޑުދައިތަޔާ ކަމަށް ވެފައި ދެ އާއިލާގެ އަބުރާ އިއްޒައް ވެއްޔާ މޮޑެވިދާނެތީ އޭނަ ވިސްނީއެވެ. އެކަމަކު އެހުރިހާ ކަމެއް އެހެން އޮއްވާ އޭނަގެ ސަބަބުން އެއާއިލާގައި ލައްގަނޑެއްވެސް ޖެހުނީ އެވެ. 9 ދުވަސް ވަންދެން ސިފައިގޭގައި ބަނދުވެފައި އިންނަން ޖެހުނީއެވެ. ރޮމުން އެނދުގެ ކައިރީގައިއިށީނެވެ. ދުވަހަކު ވެސް ހިތުގައި ނުޖެހޭވަރަށް މިއަދު އޭނަގެ ހިތުގައި ޖެހިއްޖެއެވެ. އޭނަޔަށް ހަޔާތު އާއި ވަކިން އުޅެވޭނެ ހެއްޔެވެ. އޭނަ ހަޔާތު ދެކެ އިންތިހާއަށް ލޯބިވެއެވެ. ގިސްލެވެމުން ދިޔައެވެ. އަމިއްލަ ނަފުސުދެކެ ރުޅިވެސް އާދެވެމުން ދިޔައެވެ. އަނެއްކާވެސް ފޯނު ނަގައި ހަޔާތު ފޮނުވާފައި ހުރި މެސެޖުތައް ކިޔަން ފެށިއެވެ. މެސެޖުތައް ކިޔަމުން ދިޔަވަރަކަށް ލޮލުން އަންނަމުން ދިޔަ ކަރުނަ ގިނަވަމުން ދިޔައެވެ.

 ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy