ވާހަކަ: ކާއިނާތު (ނަވާރަ ވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

ވިދާދު ގެ ތުންފަތް މަތިން ހިނިތުން ވުމެއް ފާޅުވިއެވެ. ކާއިނާތުގެ ބޯހަރުކަން ކުރިންވެސް ވިދާދަށް އެނގެއެވެ. މިފަހަރު އޭނަގެ މަސައްކަތް ވަރަށް ބުރަވާނެއެވެ. ގަދަ ކަނޑަކަށް ނިކުންނަން އުޅޭތީއެވެ. އޮޔާ ދިޔަނުދީ މިސްރާބަށް ދާން ޖެހޭނެއެވެ.

ވިދާދު މާލެ އައިތާ ދެ ދުވަސް ވީއެވެ. ހުން ގަދަކަމުން އަދިވެސް އޮފީހަށް ނިކުމެވޭ ވަރު ނުވެއެވެ. އޮފީހުގައި ކުރަން ޖެހޭ މަސައްކަތްތައް މިރުފާނު މެން ފަރުވާތެރި ކަމާއި އެކީގައި ކުރަމުން ދިޔައެވެ. އެ ދުވަހެއްގެ ރިޕޯޓު ބަރާބަރަށް ވިދާދަށް ދެމުން ދިޔައެވެ. ހުރިހާ އެންމެން ކުރިޔަށް އަންނަން އުޅޭ އިންތިހާބަށް ތައްޔާރު ވަމުން ދިޔައެވެ. މިފަހަރު ޔޫނުސް ކުރިމަތިލާތީ ވަރަށް ބޮޑަށް އެކަމުގައި ހަރަކާތް ތެރިވަމުން ދިޔައެވެ.

​މިރުފާނު އަށް ފޯނު ކޮށްގެން ވާހަކަ ދައްކާ ކޮންމެ ފަހަރު ކާއިނާތުގެ ހަބަރެއް ވިތޯ ސުވާލު ކޮށްލައެވެ. އެކަމަކު މާޔޫސް ކަމާއި އެކީގައި ވިދާދު ފޯނު ބާއްވައެވެ. އަދި ވެސް ކާއިނާތު އޮފީހަކަށް ނުނިކުމެއެވެ. ވިދާދުގެ ހިތް އެކަމާވެސް މާޔޫސް ވަމުން ދިޔައެވެ.

ވިދާދު ކުއްލިޔަކަށް ބަލިވުން ޔޫނުސް ގެ ހާސްކަން އިތުރު ވިއެވެ. އޭނަގެ ހުރިހާ ވެސް ބާރަކީ ވިދާދެވެ. އޭނަގެ ހީވާގިކަމާ ރޭވުން ތެރިކަމެވެ. ވިދާދު އަވަހަށް ރަނގަޅު ވޭތޯ ޔޫނުސް ފަރުވާތެރިކަމާއި އެކީގައި ބަރާރަށް ގަޑިން ގަޑިއަށް ވިދާދަށް ބޭސް ދެމުން ދިޔައެވެ.

ބޮލުގައި އޮތް ތެތްރުމާ ނަގައި އަނެއްކާ ވެސް އަނެއް ތެތްރުމާ ފެލާލާފައި ވިދާދުގެ ނިތްކުރީގައި ބޭއްވިއެވެ. އާނިސާ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

"އަދި ވެސް ހުންތިރި ނުވޭތަ؟"އާނިސާ ވިދާދުގެ ކަރު ދަށުގައި އަތް ޖައްސާލަމުން އަހައިލިއެވެ.

"އާން... ދެ ދުވަސްވީ...." ޔޫނުސް ހާސްވެފައިވާ ރާގަކަށް ބުންޏެވެ.

"ދެން ގޭގައި ނުބާއްވާ ހޮސްޕިޓަލަށް ގެންދަމާ...." އާނިސާ އަހައިލިއެވެ.

"އަދި ބަލާލައިފައި ގެންދާނީ... ކޮން އިރަކުން ޖާދު ފުރަނީ ދޮންބެ ދައްތާ."

"ހީވަނީ ހަވީރުން ހެން، ނުބުނޭ ފުރާ ވަގުތެއް، ފާޑަކަށް މިދުވަސްކޮޅު އަނެއްކާ ވެސް އެއުޅެނީ... އެއްގޮތަކަށް ވެސް ނޭނގޭ ޖާދުގެ ހިތުގައި އޮތީ ކޯއްޗެއްކަމެއް."އާނިސާ މާޔޫސް ރާގަކަށް ބުންޏެވެ. އެވަގުތު އާނިސާގެ ފޯނު ރިނގު ވުމުން ފޯނަށް ބަލައިލިއެވެ.

​"ސްކޫލުން އެގުޅަނީ..." އާނިސާ ބުންޏެވެ. އާނިސާ ފޯނަށް ޖަވާބު ދިނެވެ.

​"މަޑުކޮށްލާ... އަހަރެން އެބަދަން."އާނިސާ އެހެން ބުނެފައި ފޯނު ކަނޑައިލިއެވެ.

​"ހުންމައިތިރި ނުވިއްޔާ ހޮސްޕިޓަލަށް ގެންދަން ޖެހޭނެ، އަހަރެން މިއަންނަނީ ސްކޫލަށް ވަދެލާފައި. މާގޯސްވަންޏާ ގުޅާތި."ވިދާދުގެ ބޮލުގައި އާނިސާ ފިރުމާލިއެވެ. ޔޫނުސް އާނިސާ އެހެން ބުނުމުން ބޯޖަހާލިއެވެ. އާނިސާ ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.

ޔޫނުސް މެންދުރުގެ ވަގުތު އެގޮތުގައި ހޭދަކުރަމުން ދިޔައެވެ. ވިދާދު ހުންގަދަ ކަމުން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިފައި އޮތެވެ. މަޑުމަޑުން ވަރުބަލި ގޮތަކަށް ކާއިނާތުގެ ނަން ކިޔާލިއެވެ. ޔޫނުސް ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލައިލިއެވެ. ދެތިން ފަހަރު ވަރުބަލި ގޮތަކަށް އެނަން ކިޔާލިއެވެ.  

"ކާއިނާތު." ޔޫނުސަށް ވެސް ނަން ކިޔާލެވުނެވެ.

ކަރުދަށުގައި އަތް ލުމަށްފަހު ޔޫނުސް ހަމަޖެހިލިއެވެ. އަދި މަޑުމަޑުން ކޮޓަރިން ނިކުތެވެ. ފޯނު ނަގައި މިރުފާނަށް ގުޅައިލިއެވެ. އަދި އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށް ފަހު ފޯނު ބޭއްވިއެވެ. ވިދާދުގެ ކޮޓަރި ދޮރު ހުޅުވާލައިފައި ބަލައިލިއެވެ. ވިދާދު އަދިވެސް އޮތީ ކުރިން އޮތް ގޮތަށް ނިދިފައެވެ. ޔޫނުސް މަޑުމަޑުން ދޮރު ލައްޕާލުމަށް ފަހު ގޭން ނިކުންނަން ދޮރާ ދިމާއަށް ދިޔައެވެ.  

ކާރުގައި ދަމުން ވެސް ޔޫނުސް ވިސްނަމުން ދިޔައީ ވިދާދު ކިޔަމުން ދިޔަ ނަމާއި ދޭތެރޭގައެވެ. އެއީ ވަރަށް މުހިއްމު ނަމެކަން ޔޫނުސަށް އިޙްސާސް ވިއެވެ. އެފަދަ ހާލެއްގައި އޮވެގެން އޭނަ އެގޮތަށް ގޮވާލާނީ އެމީހަކަށް ވަރަށް ބޮޑަށް ބޭނުން ވީމަކަން ޔޫނުސަށް ވިސްނުނެވެ. އޮފީސް ކައިރިޔަށް ކާރު މަޑު ކޮށްލުމުން ޔޫނުސް ކާރުން ފައިބައިގެން ގޮސް ލިފްޓަށް އެރިއެވެ. ދާންވާ ފުލޯއަށް ދެވުމުން ހަމަޖެހިލަމުން ލިފްޓުން ފޭބިއެވެ. އޮފީސް ތެރެއަށް ވަދެގެން ދާން ފެށުމުން ސްޓާފުން އަދަބު އިޙްތިރާމު އަދާ ކުރަމުން ދިޔައެވެ. ވިދާދުގެ ކެބިނާ ހަމައަށް ގޮސް ފައި މިރުފާނަށް ގޮވާލުމަށް ބުންޏެވެ. މިރުފާނަށް ޙަބަރު ލިބުމުން އަވަސް އަވަހަށް ގޮސް ވިދާދުގެ ކެބިނަށް ވަނެވެ.

"ފޯނުން އޭރު ބުނީ ހަމަ ތެދެއްތަ؟"ޔޫނުސް ވިދާދުގެ މޭޒު ދޮށުގައި އިށީންނަމުން އަހައިލިއެވެ.

"ލައްބަ."އަދަބުވެރި ކަމާއި އެކީގައި މިރުފާން ބުންޏެވެ.

"ކޮބާ؟"ޔޫނުސް އަހައިލިއެވެ.

"މިއަދު އޮފީހަށް އެނިކުތީ. ގޮވާލަންވީތޯ؟"މިރުފާން އަހައިލިއެވެ.

"ނޫން... އަޅާނުލާ. ދެން އެންމެ ރަނގަޅު ދިޔަޔަސް."ޔޫނުސް މިރުފާނަށް ބުންޏެވެ.

ޔޫނުސް ހަމަޖެހިލަމުން ގޮނޑީގައި ލެނގިލިއެވެ. އިރުކޮޅެއް ފަހުން ކާއިނާތު ފައިލު ތަކެއް ހިފައިގެން އައިސް ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން އެތެރެ އަށް ވަނެވެ. ޔޫނުސަށް ކާއިނާތު ފެނުމުން ޙައިރާން ކަމާއި އެކީގައި ގޮނޑިން ތެދުވެވުނެވެ. ދެލޯ ބޮޑު ކޮށްލައިގެން ކާއިނާތަށް ބަލަމުން ދިޔައެވެ. ކުއްލިޔަކަށް ޔޫނުސްގެ ކުރިމައްޗަށް އޭގެ އެތައް އަހަރު ތަކެއް ކުރިން އޭނަ ލައްޕާލާފައިވާ ޑައިރީން މާޒީގެ ސޮފުހާ ތަކުން ސޮފުހާ އެއް ހުޅުވުނީހެން އޭނާ އަށް ހީވިއެވެ. ޙައިރާން ކަމާއި އެކީގައި ބަލަމުން ދެވުނީ އެއީ ހަގީގަތެއް ބާއޭ ހިތަށް އަރަމުން ނެވެ.

"ޝާހިދާ."މަޑުމަޑުން ޔޫނުސަށް ނަން ކިޔާލެވުނެވެ.

"ކީކޭތޯ."ކާއިނާތު ޔޫނުސް ބުނިއެއްޗެއް ނޭނގިގެން އަހައިލިއެވެ.

"ކޮންކުއްޖެ؟"ޔޫނުސް ގޮނޑީގައި އިށީނަމުން އަހައިލިއެވެ.

"ކާއިނާތު، ބޮސްގެ ސެކެޓްރީ."މަޑުމަޑުން އަދަބު ވެރިކަމާއި އެކީގައި ކާއިނާތު ބުންޏެވެ.

"ކާއިނާތު."ޔޫނުސަށް ނަން ކިޔާލެވުނެވެ.

"ލައްބަ."ކާއިނާތު ޖަވާބު ދިނެވެ.

"ބޮސްގެ ސެކްޓްރީ، އޭގެ މާނައަކީ ވިދާދުގެ ސެކެޓްރީ."ޔޫނުސް ހިތާހިތުން ބުނެލަމުން ވިސްނާލިއެވެ. އަދި އެއްކޮލުން ހީލިއެވެ. ކާއިނާތު ކުޑަކޮށް ޖެހިލުން ވެފައި ޔޫނުސަށް ބަލަމުން ދިޔައެވެ. ފައިލުތައް ހިފައިގެން އޭނަ އެތަނަށް އައީ ވިދާދު އައީ ކަމަށް ހީކޮށެވެ. އޭނަ އެތަނުން ދިޔައިރު ނިންމަން މިރުފާން ހަވާލު ކޮށްފައިވާ މަސައްކަތް ނިންމާފައި ދައްކާލަން ބުނެފައި އޮތީމައި އެހިފައިގެން އައީއެވެ. ކާއިނާތަށް ވިސްނު ގޮތުގައި ވިދާދު ދޮގު ހެދީއެވެ. ބޮސް އޭނަ އަށް އެފެނުނީއެވެ. ވިދާދު މެން ދޮގު ހެދިކަމަށް ނިންމާފައި ދަތް ކުނޑި ވިކާލިއެވެ. އެމީހުން އޭނައާއި ސަމާސާ ކުރަން ވަކި ގޮތެއް ވަކިހައްދެއް ނެތުމުން ނެވެ. ކާއިނާތު ދެލޯ އަޅަމުން އެމީހުނަށް ދޭނެ ލަނޑަކަށް ވިސްނަމުން ދިޔައެވެ.

"ކިހިނެއްވީ؟"ޔޫނުސް އަހައިލިއެވެ.

"ކަމެއް ނުވޭ. އަޅުގަނޑު ދިޔަޔަސް ހެޔޮތޯ؟"ކާއިނާތު އަދަބު ވެރިކަމާއި އެކީގައި އަހައިލިއެވެ.

"އާން. އެކަމަކު އެބައޮތް ކުޑަ މަސައްކަތެއް. އަހަރެންގެ ގެޔަށް ގޮސް ކަމެއް ކޮށްލަދޭން ވެއްޖެ." ޔޫނުސް ކާއިނާތުގެ މޫނަށް ބަލާލަމުން އަހައިލިއެވެ. ކާއިނާތު ޖެހިލުން ވާ ގޮތަކަށް ހިނިތުން ވެލިއެވެ.

"މާބޮޑުކަމެއް ނޫން. އަހަރެން ގެ ދަރިފުޅު އުޅެނީ ކުޑަކޮށް ބަލިވެ... އެކަނި ބާއްވާފައިމިއައީ... ބޭސްދޭގަޑި ކައިރިވާތީ. ބުރަކަމަކަށް ވަންޏާ އެންމެ ރަނގަޅު ނުދިޔަޔަސް." ޔޫނުސް ކާއިނާތުގެ އަތުން ފައިލުތައް ނަގަމުން ބުންޏެވެ.

​"ނޫން... އެންމެ ރަނގަޅު އަޅުގަނޑު ތިކަން ކޮށްދޭނަން، އެޑްރެސް ދެއްވާ." ކާއިނާތު އަދަބުވެރި ކަމާއި އެކީގައި ބުންޏެވެ.

​"އެންމެ ރަނގަޅު، އަހަރެންގެ ކާރު އޮންނާނެ ޕާކިން ގައި. ޑުރައިވަރު ގެންގޮސް ދޭނެ."ޔޫނުސް ހިނިތުން ވެލަމުން ބުންޏެވެ.

​ކާއިނާތު ހިނިތުން ވެލަމުން އަދަބުވެރި ކަމާއި އެކީގައި އެތަނުން ނިކުތެވެ. ޔޫނުސް ހިނިތުން ވެލިއެވެ. އަދި ހަމަޖެހި ލަމުން ގޮނޑީގައި އިށީނެވެ. އޭނަގެ ހިތަށް އަރަމުން އެދާ އެއްޗެއް އެކަކަށް ވެސް ނޭނގޭ ކަހަލައެވެ. ކާއިނާތު ފެނުމުން ކުއްލިޔަކަށް ފަސްއަޅާ ރައްކާކޮށްފައިވާ މާޒީ ކޮންނަން މަޖުބޫރު ވިއެވެ. އެއީ ހަމަ އެސޫރަ އެވެ. އެހިނިތުން ވުމެވެ. އެއަޑެވެ. އެއީ ޔޫނުސް އަށް އޮޅޭނޭ ކަންތަކެއް ނޫނެވެ. ހިތުގެ އެންމެ ފުންމިނުން ލޯބި ވި އިންސާނާގެ ސިފަތަކެވެ. ޔޫނުސްގެ ގައިގައި ހުރި ސިފަތައް ވިދާދުގެ ގައިގައި ވެސް ހުރީމައި ހިނި އައީއެވެ. ދުނިޔޭގައި ވިދާދަށް ލޯބިވާން ލިބުނީ އެސޫރަ ކަމަށް ވީމައި ޙައިރާން ވީއެވެ.

​ޝާހިދާ އަކީ އޭނަ އެންމެ ބޮޑަށް ލޯބިވި އިންސާނާއެވެ. އެލޯތްބަށް އޭނަ ފަހުރުވެރި ވިއެވެ. މަޖުބޫރަކީ އޭނަ ދުވަހަކު ވެސް އަޑުއެހި ނަމެއް ނޫނެވެ. އެކަމަކު އޭނަގެ ދުނިޔެ ބަދަލުކޮށްލީ މަޖުބޫ ރަކުންނެވެ. ޝާހިދާ އާއި އޭނަ ވަކިވާން ޖެހުނީ މައިންބަފައިގެ މަޖުބޫރުންނެވެ. އާއިލާގެ ނަމާއި އިޒަތާ ގަދަރަށް ބުރުލެއް އަރާފާނެތީ އެވެ. ޝާހިދާ އަކީ އާދައިގެ އާއިލާއެއްގެ ކުއްޖަކަށް ވީމައި އޭނަޔާ އެކަށީގެން ނުވާކަމަށް ބުނެ އެކިގޮތް ގޮތުން ކުރަމުން ދިޔަ މަޖުބޫރުން ނެވެ. އެދުވަހުން ފަށައިގެން ޔޫނުސް އައީ އޭނަޔަށް ލިބޭ ދަރިޔަކީ ފުރިހަމަ އިންސާނަކަށް ހެދުމަށްޓަކާ މަސައްކަތް ކުރަމުން ނެވެ. އޭނަގެ ދަރިފުޅަށް މަޖުބޫރެއް ވެގެން ނުވާނެއެވެ. އާއިލާ އާއި ގަދަރާ އިއްޒަތައްޓަކާ އޭނަ އޭނަގެ ލޯބި ގުރުބާނެއް ނުކުރާނެއެެވެ. އެގޮތުން ވިދާދު ބޭނުންވާ ކުއްޖަކާ އިނުމުގެ އިޙްތިޔާރު ވަނީ ވިދާދަށް ދީފައެވެ. ނަސީބަކީ އެއީ އަމިއްލަ ބާރުން ލިބޭ އެއް ޗެއްނޫންކަން މިއަދު އެގިއްޖެއެވެ. އެއާއިލާން އިންކާރުކޮށް ބާކީ ކޮށްލި ސޫރަ އިއްޒަތާ ގަދަރާއި އެކީގައި އެއާއިލާން މަރުޙަބާ ކިޔާނެއެވެ. ޔޫނުސް ހިނިތުން ވެލިއެވެ. ވިދާދުގެ ނިންމުމަށް ފަރުހުރު ވެރިވަމުން ނެވެ.

 

​ގޭގަ ގެންގުޅޭ އަލްމޭރު އައިސް ދޮރު ހުޅުވައިލިއެވެ. ކާއިނާތު އެގެޔަށް އަންނަ ވާހަކަ ޔޫނުސް ބުނެފައި އޮތުމުންނެވެ. ކާއިނާތު ފެނުމުން އަލްމޭރު އަދަބު އިޙްތިރާމާއި އެކީގައި މަރުޙަބާ ކިއެވެ. އަދި ވިދާދު އޮތް ކޮޓަރިޔާ ދިމާއަށް ކާއިނާތު ގޮވައިގެން އަލްމޭރު ދިޔައެވެ. ގޭތެރޭގެ ރީތިކަމާއި ތަރުތީބު ކަމުން އޭނާ ޙައިރާން ވިއެވެ. އެފަދަ ފުރިހަމަ ގޮތަކަށް ތަންތައްޔާރު ކުރެވޭނީ ވަރަށް ވެސް މުއްސަނދި ތަނަވަސް ބަޔަކަށެވެ.  

​"އެތެރެއަށް ވަންނަވާ."އަލްމޭރު ކާއިނާތަށް ބުންޏެވެ.

ކާއިނާތު މަޑުމަޑުން ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. ކޮޓަރި ތެރެއަށް ޖެހިލުންވެ ހުރެ ނަޒަރު ހިންގާލިއެވެ. ރީތިކޮށް ތައްޔާރު ކޮށްފައިވާ ފުރިހަމަ ކޮޓަރި އެކެވެ. ކޮޓަރި ތެރޭން ނަޒަރު ނައްޓާލަމުން ނަޒަރު ހުއްޓާލީ އެނދުގައި ނިދިފައި އޮތް ވިދާދު އަށެވެ. ކުއްލިޔަކަށް ކާއިނާތަށް ފަހަތަށް ޖެހިލެވުނެވެ. ޔޫނުސް ބުނި ޖުމްލަ ހަނދާން ވެގެން ދިޔައެވެ.

​"މާބޮޑުކަމެއް ނޫން. އަހަރެން ގެ ދަރިފުޅު އުޅެނީ ކުޑަކޮށް ބަލިވެ. އެކަނި ބާއްވާފައި މިއައީ. ބޭސްދޭގަޑި ކައިރިވާތީ. ބުރަކަމަކަށް ވަންޏާ އެންމެ ރަނގަޅު ނުދިޔަޔަސް." ޔޫނުސްގެ ޖުމްލަ ހަނދާން ވުމުން ކާއިނާތު ވިސްނާލިއެވެ.

​"އޭގެ މާނައަކީ ވިދާދު އެއީ ހަމަ ބޮސް."ކާއިނާތުގެ ލޮލުގެ ކަޅި ވަށައިގެން އަނބުރާ ލިއެވެ.

އޭނަ ބަލަން ބޭނުން ނުވާ ސޫރަ އަނެއްކާ ވެސް އޭނަގެ ކުރިމައްޗަށް އައީއެވެ. އެކަމަކު މިފަހަރު މަޖުބޫރުން އޭނަޔަށް އެއިންސާނާ އަށް ހިދުމަތް ކޮށްދޭން އެބަޖެހެއެވެ. ހިތާ ދެކޮޅަށް ގޮސް އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި ނިތްމަތީގައި އޮތް ތުވާލި ކޮޅުނަގައި ފެންތަށި ތެރޭގައި އޮތް ތުވާލި ކޮޅު ނިތް މަތީގައި ބޭއްވިއެވެ. އެގޮތައް ވިދާދުގެ ހުން ބަލަމުން ފެން ފޮތިކޮޅު ބަދަލު ކުރަމުން ދިޔައެވެ. ނިތްމަތީގައި ފޮތިކޮޅު ބާއްވާލުމަށް ފަހު ވިދާދުގެ ކަރުދޮށުގައި އަތް ޖައްސާލިއެވެ.

​"މިހާރު ހުން މަޑުވެއްޖެ."ކާއިނާތަށް މަޑުމަޑުން ބުނެލެވުނެވެ.

ފާރުގައި ހަރުކޮށްފައި ހުރި ގަޑިޔަށް ބަލައިލިއެވެ. އިރުއޮއްސިގެން ދިޔައީ އެވެ.

​"ނަމާދު ވަގުތު ވެސް ފާއިތުވީ."މަޑުމަޑުން ބުނެލިއެވެ. ޔޫނުސް ދޮރު ހުޅުވާލާފައި ކޮޓަރި ތެރެއަށް ވަނެވެ. ކާއިނާތު އެނދު ކައިރީގައި އިނުމުން އުފާވެރި ގޮތަކަށް ހިިނިތުން ވެލިއެވެ.

​"މިހާރު ހުން ކިހިނެއް؟" ވިދާދުގެ ކަރުދަށުގައި އަތް ޖައްސާ ލަމުން ޔޫނުސް އަހައިލިއެވެ.

"މިހާރު ހުންމަޑު." ކާއިނަތު އަދަބު ވެރިކަމާއި އެކީގައި ބުންޏެވެ.

"އެއްޗެއް ކައިފިންތަ؟"މަޑުމަޑުން ޔޫނުސް ކާއިނާތު ކުރެން އަހައިލިއެވެ.

​"އަޅުގަނޑު ގެޔަށް ގޮސް ކާނަން. ދެން އަޅުގަނޑު ދިޔަޔަސް ހެޔޮތޯ؟" ކާއިނާތު ތެދުވެ އަދަބު ވެރިކަމާއި އެކީގައި އަހައިލިއެވެ.

"ނޫން އަދި މަޑުކޮށްލާ. އަހަރެން މިރޭ މީޓީން ނަކަށް ދާން ޖެހޭ. ވަރަށް މުހިމު މީޓީން ނެއް، ވިދާދު ކޮންމެ ވަގުތެއްގައި ވެސް ހޭލަފާނެ. އޭނަ ބަލި ވެއްޖެއްޔާ ވަރަށް ފިނޑިވާނެ. ބުރަކަމަކަށް ނުވަންޏާ މަޑުކޮށްލަ ދޭންވީނުން. ގޭމީހުންނަށް ގުޅާލަފައި ބުނެލާ.... ނުކެރެންޏާ އަހަރެން ހުއްދަ ހޯދަފާނަން." ޔޫނުސް މަޑުމަޑުން ބުނެލިއެވެ.

​"އޯކޭވާނެ.. އަޅުގަނޑު މަޑުކޮށްލާނަން މީޓިން ނިންމަވާފައި ދުރުވަން ދެކަށް. އެކަމަކު އަޅުގަނޑު ނަމާދު ކޮށްލަން ބޭނުން."އަދަބުވެރި ކަމާއި އެކީގައި ކާއިނާތު ބުންޏެވެ.

​"މަޑުކޮށްލާ."ޔޫނުސް ކޮޓަރިން ނިކުމެގެން ދިޔައެވެ.

އިރުކޮޅެއް ފަހުން އަލްމޭރު އައިސް ކޮޓަރިޔަށް ވަނެވެ. އަތުގައި މުސައްލަ އަކާ ނަމާދު ދޮޅިއެެއް އޮތެވެ. އަލްމޭލް ކާއިނާތަށް މުސަލައާއި ނަމާދު ދޮޅި ހަވާލުކޮށްފައި ކޮޓަރިން ނިކުތެވެ. ކުރިމަތީގައި ހުރި ސޯފާގައި އަލްމޭރު ގެނައި ސާމާނުތައް ބަހައްޓާފައި ކޮޓަރި ތެރެއަށް ނަޒަރު ހިނގައިލިއެވެ. ފާހާނާ ފެނުމުން މަޑުމަޑުން ގޮސް ފާޙާނާ އަށް ވަނެވެ. ވުލޫކޮށް ހަދައިގެން ނިކުމެ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން މުސައްލަ ފަތްޖަހައިލިއެވެ. އެވަގުތު އަލްމޭރު ރޭގަނޑުގެ ކެއުން ހިފައިގެން އައިސް ވަނެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ތަބައް ބެހެއްޓުމަށް ފަހު ކާއިނާތު އާއި ވާހަކަ ދައްކަން ފެށިއެެވެ.

​"މިއީ ވިދާދު ބޮސްގެ ކެއުން، ޔޫނުސް ބޮސް ވިދާޅުވީ ހޭލުމުން ކާންދޭން. މެޑަމް އަށް ގެނެސްދޭންވީ ކޯއްޗެއްތޯ؟ ޔޫނުސް ބޮސް ވިދާލުވީ މެޑަމް ކުރެން އަހާލައިފައި މެޑަމް ވިދާޅުވާ އެއްޗެއް ތައްޔާރު ކޮށްދިނުމަށް."އަލްމޭރު ހިނިތުން ވެލަމުން އަދަބުވެރި ކަމާއި އެކީގައި ކާއިނާތު އާއި ވާހަކަ ދެއްކިއެވެ. ކާއިނާތު ހިނިތުން ވެލިއެވެ.

​"އޯކޭ ވާނެ ކޮންމެ ކޮންމެ އެއްޗެއްވެސް." ހިނިތުން ވެލަމުން ކާއިނާތު ޖަވާބު ދިނެވެ. އަލްމޭރު ދިއުުމުން ކާއިނާތު ވިދާދުގެ އެނދު ކައިރިޔަށް އައެވެ. އަދި ހުން ހުރިތޯ ކަރު ދޮށުގައި އަތްލިއެވެ.

​"މިހާރު ހުން އޯކޭ."ކާއިނާތު ގޮނޑީގައި އިށީނެވެ. އެހެން އިންދާ ނިދޭ ގޮތް ވުމުން އެނދުގެ އެއްފަރާތުގައި ބޯއަޅައިލިއެވެ. އަދި ލޯމަރައިލިއެވެ.

​ނިދީގައި ވިދާދު ފުރޮޅިލިއެވެ. އަދި މަޑުމަޑުން ލޯހުޅުވައިލިއެވެ. ކަރުހިއްކާފައި އޮތުމުން ފެންފޮދެއް ބޯލަން ވިދާދު އެނދުން ތެދުވެ ކައިރީގައި ހުރި ކުޑަ މޭޒުމަތިން ފެންޖަގު ނަގަން އަތް ދިއްކޮލި ވަގުތު އެނދުގައި އެއް ފަރާތެއްގައި ބޯ އަޅަގެން އޮތް ކާއިނާތު ފެނުމުން ޙައިރާން ކަމާއި އެކީގައި ވިދާދު ބަލައިލިއެވެ.

​"މަށަށް އަޅެ ހޭލާ ހުއްޓާވެސް ހުވަފެން ފެންނަނީތަ؟ ހުންގަދަ ކަމުން ހުން ބޮލަށް އެރީ ތޯއްޗެއް. ކާއިނާ މިތަނަށް އަންނާނީ ކިހިނެއް؟"ދެފަރާތައް ބޯ ހޫރާލަމުން ވިދާދު ބުނެލިއެވެ. އަދި ޔަގީން ކުރަން މަޑުމަޑުން ކާއިނާތުގެ ބޮލުގައި އަތްޖައްސާލިއެވެ.

 

 

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy