ލިޔުނީ: މަރިޔަމް މޫސާ
ކާއިނާތު ބޭރު ދޮރާއި ދިމާއަށް ހިނގައިގަތެވެ. ވިދާދު މިފަހަރު ކާއިނާތު ހުއްޓުވާކަށް ނޫޅެއެވެ. ކާއިނާތު ގެ ފަހަތުން ވިދާދު ވެސް ބޭރަށް ނިކުތެވެ. އޭރު ފިރާޒު މެން މަސްފިހެން ތިއްބެވެ. ވިދާދު ގޮސް ފިރާޒާއި ބައިވެރި ވިއެވެ. ކާއިނާތަށް އަދިވެސް ހުރެވުނީ ޙައިރާން ކަމުގައެެވެ.
ފިރާޒު މެން އެދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. އަދި ވެސް ވިދާދު އެއީ އޮފީހުގެ ބޮޑު މީހާ ކަމަކަށް ގަބޫލު ނުކުރެވިފައި ވިސްނަން އިނެވެ. ވިދާދާއި ދިމާ އަށް ބަލައިލިއެވެ. އޮފީސް ކުދިން ސިފަކުރާ ސިފަ ކުރުން ވިދާދާއި ދިމާވޭތޯއެވެ. ހަޤީގަތުގައި ވިދާދު އަކީވެސް ރީތި ޒުވާނެކެވެ. އެކަން އޭނަ ވެސް ގަބޫލު ކުރެއެވެ. އޮފީސް ކުދިން ބޮސް އަށް ތައުރީފު ކުރާ ކޮންމެ ފަހަރަކު އެކަހަލަ ރީތި ހިތް ހެޔޮ މީހަކު ކާއިނާތުގެ ހަޔާތަށް ވެސް އާދޭތޯ ހިތާހިތުން ދުޢާ ކުރެވެއެވެ.
ވިދާދު އެއީ ބޮސް ވިއްޔާ އޭނަޔަށް އެކަން އޮޅުވާލީ ކީއްވެގެން ބާއޭ ހިތަށް އެރިއެވެ. ނުވާނެއެވެ. ވިދާދު އެއީ ޑުރައިވަރެކެވެ. އެފަދަ މަގާމެއްގައި ހުރި މީހަކު އެހާ އާދައިގެ ގޮތަކަށް އުޅެފާނޭ ކަމަކަށް ކާއިނާތުގެ ހިތް ގަބޫލެއް ނުކުރިއެވެ. ކާއިނާތު ރަނގަޅަށް ވިސްނާލިއެވެ.
އެއް ދުވަހެގެ މެންދުރު އޭނާ ބުރޭކު ނިމިގެން އޮފީހަށް ވަންތަނުން އެކުވެރި ލީޒާ ބޮސް އޭނަ ހޯދި ވާހަކަ ބުނުމުން އެ ދުވަހު ބޮސް އާއި ބައްދަލު ކުރެވޭނޭ ކަމަށް ބޮސްގެ ކެބިން އާއިދިމާއަށް ދިޔައެވެ. އެކަމަކު އެތަނުން އެވަގުތު ދިމާވީ ވިދާދު އެވެ. ބޮސް ކޮބައިތޯ އެހުމުން ފޯނެއް އައިސްގެން ބޭރަށް ނިކުންނެވި ވާހަކަ ބުނީ ވެސް ވިދާދު އެވެ. އެގޮތަށް ބޮސް އޮފީހުގައި އުޅުއްވާ ކަމަށް ބުނާ ކޮންމެ ފަހަރަކު ދިމާވަނީ ވިދާދު އާއި އެވެ. އެންމެން ވެގެން އޭނަޔަށް އޮޅުވާލީ ކީއްވެގެން ބާއޭ ހިތާހިތުން ސުވާލު ކުރެވެމުން ދިޔައެވެ. އެމީހުންގެ މަގުސަދަކީ ކޮބައިތޯ ބަލަން ކާއިނާތު ބޭނުން ވިއެވެ.
*******************
ކާއިނާތަށް ނުދިގެން އެނދުގައި ފޮރޮޅިލަ ފުރޮޅިލާ އޮތެވެ. ދެލޯ މަރާލާއިރަށް ވެސް މިރޭ ހިނގި ހާދިސާ ސިފަ ވަމުން ދިޔައެވެ. ވިދާދު އެފަދަ ހަރަކާތެއް ގެނެސް ދާނެ ކަމަކަށް އޭނާ ހިތަށް ވެސް ނާރައެވެ. އިރުކޮޅަކު ވިސްނަން އޮވެފައި އެނދުން ތެދުވިއެވެ. ކައިރީގައި ހުރި އަނެއް އެނދުގައި ނުހާ ގަދަ ނިދީގައި ނިދާފައި އޮތެވެ. އެނދުގެ އެއްފަރާތެއްގައި އޮތް ތުނި ޝޯލް ނަގައި ގައިގައި އޮޅައިލިއެވެ. އަދި މަޑުމަޑުން ނުހާ އަށް ހޭލެވިދާނެތީ އެއްވެސް އަޑެއް ނީއްވާ ކޮޓަރިން ނިކުތެވެ.
ބޭރަށް ނިކުމެ ޖޯލީގައި އޮށޯވެލިއެވެ. ދަންވަރު ގަޑިއަށް ވުމުން މުޅިތަނުގައި ވަނީ ހިމޭންކަން ވަކި ހިއްޕާލައިފައެވެ. ޖައްވުގައި ދައުރު ވަމުން ދިޔަ ވައި ރޯޅި ތައް ވެސް ޖެހެމުން ދިޔައީ ސިއްރު ސިރުން ނެވެ. ކަންފަތް ދޮށުގައި މަޑުމަޑުން ސިއްރެއް ބުނެލާފައި ދާހެން ކާއިނާތަށް ހީވެލައެވެ. ޖޯލީ ގައި ހަމަޖެހި ލަމުން އުޑު މައްޗަށް ބަލައިލިއެވެ. ހަނދުގެ ރިހި އަލިންނާއި ތަރިތަކުގެ ނަލަ ވިދުވަރުން ލޯބި ވެރިން ނަށް ދައުވަތު ދެމުން ދާކަހަލަ އެވެ. އެދައުވަތު ތަށް އޭނާ ގަބޫލު ކުރަން ޖެހޭނީ އެކަނިމާ އެކަންޏެވެ. އޭނަގެ ލޯބި ވެރިޔާ ކޮބާ ހެޔެވެ. ދިޔަތަނެއް ވީގޮތެއް ނޭނގެއެވެ. އެދެމީހުންގެ ދޭތެރެ އަށް ވަނީ ދުރު ކަމެއް އައިސްފައެވެ. އެތަކެއް މޭލަކަށް ދަތުރު ކުރިޔަސް ނުދެވޭހާ ދުރުމިނެކެވެ.
އެގޮތައް ވިސްނަން އުޑުމައްޗަށް ބަލަހައްޓައިގެން އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ބަޔަކު ވާހަކަ ދައްކާހެން ހީވުމުން ކާއިނާތު އެދިމާ އަށް ބަލައިލިއެެވެ. ފިރާޒު އާއި ވިދާދު ވާހަކަ ދައްކަމުން ކުރިމަތީގައި ހުރި ގެސްޓު ހައުސުން ނިކުތްތަން ފެނުނެވެ. ކާއިނާތު އަވަސް އަވަހަށް ތެދުވެ ވިދާދަށް ފެނިދާނެތީ އެތެރެ އަށް ވަންނަން ހިނގައި ގަތެވެ.
"ކާއިނާ.... "ވިދާދު ގެ އަޑު ޖެހުމުން ކާއިނާތަށް ހުއްޓިލެވުނެވެ.
އަތުގައި އޮތް ދޮށި ފިރާޒުގެ އަތަށް ދިނުމަށް ފަހު ކާއިނާތާއި ދިމާ އަށް ހިނގައިގަތެވެ. ފިރާޒު ގެސްޓު ހައިސްގެ ފާރުގައި ލެނގިލިއެވެ. ވިދާދު އެކަނި ދޫކޮށްލުން ރަނގަޅު ކަމަކަށް ނުވާތީއެވެ.
"މިހާ ލަސްގަޑިއެއްގައި ބޭރުގައި ކީއް ތިކުރަނީ؟"ވިދާދު ސުވާލު ކޮށްލިއެވެ.
އެ ސުވާލަށް ޖަވާބު ދޭން އޭނާ ބޭނުން ނުވާ ކަހަލަ އެވެ. އެއްވެސް ޖަވާބެއް ނުދީ ގޭތެރެއާއި ދިމާއަށް ހިނގައިގަތެވެ. ވިދާދު ކާއިނާތުގެ އަތުގައި ހިފާލުމުން ހުއްޓިލިއެވެ.
"މަޑުކޮށްބަލަ."ވިދާދު ވަރަށް މަޑުމަޑުން ބުނެލިއެވެ.
ކާއިނާތު ވިދާދުގެ އަތުން އަތް ދަމައިގަންނަން ބޭނުން ނުވާ ކަހަލައެވެ. ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. ވިދާދު ފުންނޭވާ އެއް ލުމަށްފަހު ކާއިނާތުގެ އަތުގައި އަނެއް އަތުން ފިރުމައިލިއެވެ.
"ނުނިދިންގެން ދޯ ތިއުޅެނީ؟ އަހަރެން ނަށް ވެސް ނުނިދިގެން މިއުޅެނީ، އެހެންވެ ފިރާޒު ގޮވައިގެން ތޮށިގަނޑު މައްޗަށް މަސްބާނަން މިދަނީ."ވިދާދު ބުންޏެވެ.
ކާއިނާތު ވިދާދުގެ އަތު ތެރެއިން އަތް ދަމައިގަތެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ އެނބުރި ގޮސް ޖޯލީގައި އިށީނެވެ. ހީވަނީ ވިދާދަށް އެތަނުގައި މަޑު ކުރުމަށް ދައުވަތު ދިނީ ހެންނެވެ. ވިދާދު އިރުކޮޅަކު ކޮޅަށް ހުރުމަށްފަހު ގޮސް ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.
"އަހަންނަށް އޮޅުވާލީ ކީއްވެ؟"ވިދާދަށް ބަލައިލަމުން ކާއިނާތު ހިމޭން ރާގެއްގައި ސުވާލު ކޮށްލިއެވެ.
"ގަސްތުގަ އޮޅުވާލީކީ ނޫން."ވިދާދުގެ ޖަވާބު ކުރެވެ.
"އެކަމަކު ވެސް އަހަރެން ނަށް ތިއެންމެން އޮޅުވާލީ. އަހަރެން މިއީ އެހާ ޕޮލިޓިކްސް މީހެއްނޫން. އެހާ ކީއްކުރަން އެއްވެސް ވަރަކަށް، އެހެންވީމަ އަހަރެންނަށް މީހަކު ނޭނގިދާނެދޯ."މަޑުމަޑުން ކާއިނާތު ބުންޏެެވެ.
"ތިކަން އަހަރެން ނަށް އެނގޭ."ވިދާދު ބުންޏެވެ.
"ވިދާދު މެންނަށް ސަމާސާ ކުރުމާއި، އަންހެން ކުދިންގެ ހިތްތަކާއި ކުޅެލުމަކީ އެހާ ބޮޑުކަމަކަށް ނުވެދާނެ... އެކަމަކު އަހަރެންނަށް އެއީ ވަރަށް ބޮޑުކަމެއް، ސަމާސާ އަކަށް ވެސް މީހެއްގެ ހިތާ ނުކުޅޭތި... އަހަރެން ދާން ޖެހޭ މަގާ މިސްރާބު ތަފާތު. ވިދާދުގެ މަންޒިލަކީ، އެހެން މަންޒިލެއް. އުންމީދު ކުރަން މީގެ ފަހުން ދެމީހުން ބައްދަލު ނުވާނެ ކަމަށް."ކާއިނާތު މަޑުމަޑުން ހިމޭން ރާގެއްގައި ބުންޏެވެ. ވިދާދަށް އެއްޗެއް ބުނެވުމުގެ ކުރިން ޖޯލީން ތެދުވިއެވެ.
"ޕުލީޒް އަހަރެން ނަށް ފޮލޯ ނުކުރާތި. ވިދާދު އަކާއި އަހަރެން އެކަށީގެނެތް ނުވޭ. ތިއީ އުޑުގައި ވިދަމުންދާ ތަރިއެއް ފަދަ މީހެއް. އަހަރެން މިއީ އާދައިގެން އިންސާނެއް."ކާއިނާތު އެހެން ބުނެފައި ގޮސް ގޭތެރެއަށް ވަނެވެ. ވިދާދު އިންގޮތަށް އިނީއެވެ.
ކާއިނާތުގެ އެބަސްތަކުން ވިދާދުގެ ހިތް ކުދިކުދި ވިކަހަލަ އެވެ. ލޯތްބަށް އިންތިޒާރު ކުރަމުން ދިޔައީ އުންމީދަކާއި އެކީގައެވެ. މިރޭ ކާއިނާތު އާއި އެހާ ގާތަށް ދެވުނީ ވެސް އެލޯތްބަށް އޮތް އިތުބާރެއްގެ ބޮޑު ކަމުންނެވެ. ވިދާދުގެ އެހަރާކާތް ކާއިނާތު ކުއްވެރި ކުރީ ކާއިނާތުގެ ހިތުގައި ވިދާދަށް ޓަކާ އެއްވެސް އިޙްސާސް އެއް ނެތީމައެވެ. ދެލޯ ފެންކަޅި ވާން ފެށުމުން ވިދާދު ހަމަޖެހިލެވޭތޯ ބަލަމުން ފުން ނޭވާއެއް ލިއެވެ. ޖޯލީގައި އޮށޯވެ ލިއެވެ. ފެންކަޅިވަމުން ދިޔަ ދެލޮލުން އުޑު މައްޗަށް ބަލަހައްޓައިގެން އޮތެވެ. އުޑުގައި ދައުރު ވަމުންދާ މަދު ވިލާތަކުން ވިދާދަށް ކާއިނާތުގެ ސޫރަ ސިފަ ކުރެވެމުން ދިޔައެވެ. އެހިތް ކާއިނާތު ބުނި ވާހަކަ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ލޯބީގައި އޭނަ ނާކާމިޔާބު ވެދާނެ ކަމަކަށް އޭނަ ގެ ޒަމީރަށް ޔަގީނެއް ނުވިއެވެ. ވިދާދު މަޑުމަޑުން ދެލޯ މަރައިލިއެވެ.
މިރޭ ބަދިގެ ތެރޭގައި ވިދާދު ކާއިނާތު ގެނެސް މޭގައި ފޮރުވާލި ފޮރުވާލުން ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެރީތި މޫނުގައި ބީހެލެވުނު މަންޒަރު ސިފަވުމުން ދެލޯ ހުޅުވައިލިއެވެ. އޭނަޔަށް ކާއިނާތު އާއި ވަކިން ނޫޅެވޭނެ ކަމަށް ހިތް ބުނެލި ކަހަލަ އެވެ. އެވީ ކުޑަ ހިނދުކޮޅުތެރޭގައި އޭނަޔަށް ބުނެދޭން ނޭނގޭހާ ވަރަށް ކާއިނާތު ދެކެ ލޯބި ވާކަން އިޙްސާސް ކޮށްދީފިއެވެ.
އަންހެން ކުދިންނާއި އެކީގައި ވަގުތު ހޭދަ ކުރިކަމުގައި ވިޔަސް އޭނަގެ އެހިތާ ކުޅެލެވޭވަރުގެ މީހަކު ނާދެއެވެ. ކާއިނާތުގެ ފުރަތަމަ ނަޒަރުން ވެސް ވިދާދުގެ ހިތުގެ ފުންމިނަށް އަސަރު ކުރުވިއެވެ. އެރޭގެ އެހާސިދާ ދިމާވީ އިއްތިފާގުންނެވެ. ވިދާދުގެ އަނގޮޓި ކާއިނާތަށް ދިޔައީ ވެސް އިއްތިފާގުންނެވެ. ވިދާދު ދެފަރާތަށް ބޯހޫރައިލިއެވެ. އެހާފަސޭހައިން ކާއިނާތު އޭނަގެ ހަޔާތުން ބީވެގެން ދިޔަކަ ނުދޭނެއެވެ. ފައިސާޔާ މުދަލަކުން ނޫނެވެ. މަގާމާއި ބާރަކުން ނެތްނޫނެވެ. ވިދާދުގެ ރީތިކަމާއި ޒުވާން ކަމުންނެއްވެސް ނޫނެވެ. އެކަމަކު ލޯތްބާއި އޯގާތެރި ކަމުން ކާއިނާތުގެ ހިތް އޭނަ ހޯދާނެވެ.
***********************
ހެނދުނު ތެދުވި ގޮތަށް ކާއިނާތު ސީމާ އަށް އެހީވާން ބަދިގެ ތެރޭގައި އުޅުނެވެ. ނުހާ އަށް މިއަދު ހޭލެވުނީ ލަހުން ކަމުން ބަދިގެޔަށް އައިސް އެކަމަށް ސީމާގެ ކިބައި މައާފަށް އެދުނެވެ.
"ދެން ވެސް ލަސްނުކޮށް ސައިހަދަން އުޅޭ. ކޮންމެ ވަގުތެއްގައި ވެސް އެމީހުން އަތުވެދާނެ."ސީމާ ނުހާ އަށް ބުންޏެވެ.
"އަދި ނުތެދުވާނެ، ރޭގައި އެމީހުން ވެސް ނިދީ ވަރަށް ލަހުން."ނުހާ ބުންޏެވެ.
"ލަހުންނޭ... ކީއްކުރަން އެހާ ލަސްވަންދެން ތިބީ؟"ސީމާ އަހައިލިއެވެ.
"ނޭނގެ ނާހަން، މެސެޖް ކޮށްފައި އޮތީ."ނުހާ ފަރުވާ ކުޑަ ރާގަކަށް ބުންޏެވެ.
"މެންދުރު ކާން އާންނާނެދޯ."ސީމާ ނުހާ ކުރެން އަހައިލިއެވެ.
"ފަހަރެއްގައި... އަންނާނެ ވާހަކަ އެއް ފިރާޒު ނުބުނޭ، އެހެން ނޫނަސް ވިދާދަށް ވަރަށް އުނދަގޫވާނެ ގޭގޭން ކާން. މަންމަ އަށް ރަނގަޅަށް އެނގޭނެ." ނުހާ ބުންޏެވެ.
"އެކަމަކު ރޭގަ މަންމަ އާ ވާހަކަ ދެއްކި އިރު ވިދާދު ބުނުއްވި އަންނާނެ ވާހަކަ."ސީމާ ބުންޏެވެ.
"ތިހާ ފޯމަލް ނުވެބަލަ މަންމާ، ވިދާދު ބުނެފައެއްނު އޮތީ އާދައިގެ ބަހުރު ވައިން ވާހަކަ ދައްކަން."ނުހާ ހެމުން ބުންޏެވެ.
އެދެމައި ދައްކާ ވާހަކަ އަކަށް ކާއިނާތު މާބޮޑު ސަމާލު ކަމެއް ނުދީ މެންދުރަށް ކައްކަން ހަނޑޫ ދޮންނަމުން ދިޔައެވެ. ނުހާ ވެސް ސީމާ އަށް އަތްގާތް ކޮށްދޭން ބަދިގެ ތެރޭގައި އުޅުނެވެ. ކައްކާ ނިމިގެން ކާއިނާތު ބޭރު ފެންޑާއަށް ނިކުތެވެ. އޭރު ފިރާޒު އައިސް ގޭތެރެ އަށް ވަންނަނީއެވެ. ބޭއިޙްތިޔާރު ގައި ނަމަވެސް ކާއިނާތަށް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ފިރާޒުކާއިނާތާއި އަރާ ހަމަވެފައި މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.
"ވަރަށް ހުން ގަދަކޮށް އުޅެނީ، އެހެންވެ މިދަނީ މާލެ ދާން."މަޑުމަޑުން ފިރާޒު ބުނެލިއެވެ.
ފިރާޒު ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ކާއިނާތު މަޑުމަޑުން ހިނގާލައިފައި ގޭން ނިކުންނަން ހުރި ދޮރާއި ދިމާއަށް ދިޔައެވެ. ބޭރަށް ނިކުމެ ގެސްޓު ހައުސާއި ދިމާ އަށް ބަލައިލިއެވެ. އޭރު އެތާގެ ހާމައަތް އެތެރެ ފެންނަން ހުރި ބިއްލޫރި ގަނޑުން ކާއިނާތަށް ވިދާދު ފެނުނެވެ. ރިސެޕްޝަނުގެ ގޮނޑިސެޓުގައި އިށީ ދެގެން ފޯނެއް ގައި އިނެވެ. އޭރުވެސް އިރުއިރު ކޮޅައި ކިނބިހި އަޅަމުން ދިޔައެވެ. ކާއިނާތު އަވަސް އަވަހަށް ގޭތެރެ އަށް ވަދެ ދޮރުލައްޕައިލިއެވެ. އަދި އެތެރެއަށް ހިނގައިގަތެވެ. އެވަގުތު ބަދިގެ އާއި ދިމާލުން ނުހާ އާއި ފިރާޒު ވާހަކަ ދައްކަމުން އައެވެ.
"ކާއިނާތު...."ފިރާޒު ކާއިނާތަށް ގޮވައިލިއެވެ.
"3 މަސް ނުވަނީސް އޮފީހުން ނުކެނޑެވޭނެ، ތީނަ އޮތީ އެގުރިމެންޓުގައި ސޮއި ކޮށްފައި،މާދަން ނޫނަސް ވީހާ އަވަހަކަށް އޮފީހަށް ނިކުންނާތި އިނގޭ، މިއީ އެކުވެރި އެއްގެ ހައިސިއްޔަތުން ބުނާ އެއްޗެއް."ފިރާޒު ކާއިނާތަށް ބުންޏެވެ.
ނުހާ އާއި ވާހަކަ ދައްކަމުން ފިރާޒު ބޭރަށް ނިކުތެވެ. ކާއިނާތު ފެންޑާގައި ހުރި އުނދޯލީގައި އިށީނެވެ. ހަމަޖެހިލެވޭތޯ ބަލަމުން ހަށިފުރާ ނޭވާ އެއްލިއެވެ. ވިސްނާ ލަމުން ދަތްދޮޅީ ގައި އަތް ވިއްދާ ލިއެވެ. ރޭގައި ބޭރު ޖޯލީ ގައި އޮވެގެން ވިދާދާއި ދެކި ވާހަކަ ހިތަށް އަރުވައިލިއެވެ. ހަގީގަތުގައި ކާއިނާތު އެފަދަ ކަމަކަށް ވިސްނާކަށް ބޭނުމެއް ނޫނެވެ. މީގެ އަހަރު ތަކެއް ކުރިން ވެސް އޭނަ އަށް ލޯބި ވެވުނެވެ. މާނަ އެއް ނެތް ލޯތްބެކެވެ. އެކަމުން ނިކުތުމަށް އިރުފާންގެ އަތުގައި ހިފިއެވެ.
އިރުފާންގެ ފަރާތުން ލިބުނު ފިލާވަޅު ވެސް ކުޑައެއް ނޫނެވެ. އިތުރަށް މީހެއްގެ ދަށު ވާކަށް އޭނާ ބޭނުމެއް ނޫނެވެ. މިހާރު ބައްޕަ އަށް ކަމެއް ސިއްރު ކުރާކަށް ވެސް ނުޖެހޭ ނެއެވެ. އެހުރިހާ ކަމަކުން މިހާރު އޭނާ އެވަނީ މިނިވަން ވެފައެވެ. ވިދާދު އެދެއްކީ ތެދެއްތޯ ވެސް ބަލާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު މިއަދު ފިރާޒު އެބުނި އެއްޗަކުން އަނެއްކާ ވެސް ސިކުނޑި ހާސްވާން ފެށިއެވެ. 3 މަސް ދުވަސް ވަންދެން އޭނާާ އަށް ވިދާދު އާއި ކުރިމަތި ލާން ޖެހޭތީއެވެ. އެއީ ވާނެކަމެއް ނޫނެވެ. ކާއިނާތު ވިސްނުމުގެ އޮއިވަރުގައި ބެހެމުން ދަނިކޮށް ނުހާ ދުވެފައި އައިސް ގޭތެރެއަށް ވަނެވެ.
"ކާއިނާ."އެތެރެއަށް ވަންނަމުން ނުހާ ގޮވައިލިއެވެ.
"ހޫން." ނިތް އަރުވާލަމުން ކާއިނާ އަޑެއް ލައްވައިލިއެވެ.
"ހިނގާ މަށާއެކީ ޖެޓީއަށް."ނުހާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
"ޖެޓީއަށް ކީއްކުރަން؟"ކާއިނާތު ސުވާލު ކޮށްލިއެވެ.
"ފިރާޒު ފުރުވާފައި އަންނަން، ޕުލީޒް."ނުހާ އާދެސް ކޮށްލިއެވެ.
"އެކަމަކު މިގަޑީގައި އަހަރެން މިހިރީ ވަރަށް ހަޑިކޮށް."ކާއިނާތު ނުދާނެ އުޒުރެއް ދެއްކިއެވެ.
"ނުލާހިކު ރީއްޗޭ. އެތަނަށް ގޮސްސަ އަންނަން ޖެހޭނީ އަހަރެން އެކަނި އެހެންވެ. ޕުލީޒް ކާއިނާ."ނުހާ ކުރު ނުކޮށް އާދޭސް ކުރަން ފެށިއެވެ. ކާއިނާތަށް ވެސް ކަމެއް ދިމާވާއިރަށް އެހީވަނީ ނުހާ ކަމުން އޭނާ އާއި އެކީގައި ޖެޓީ އަށް ދާން އެއްބަސް ވިއެވެ.
"މަޑުކުރޭ އަންނާނަން ހެދުން ބަދަލު ކޮށްލައިގެން."ކާއިނާތު ތެދުވަމުން ބުންޏެވެ.
"ނޫން ތިހިރީ ނުލާހިކު ރީތި ކޮށް، ތިއީ ނުލާހިކު ރީތި ކުއްޖެއްނު، ޕުލީޒް ލަސްވަނީ ވިދާދު ގޮވައިގެން އަވަހަށް އޭނަ ދާން ޖެހޭ."ނުހާ ކާއިނާތުގެ އަތުގައި ހިފައި ދަމައި ގަންނަމުން ބުންޏެވެ.
ކާއިނާތާއި ނުހާ އަކީ އެއް އުމުރަކަސް ނުހާގެ ޅަގޮތް އަދިވެސް ނުކެނޑެއެވެ. ކާއިނާތު އެހުރިގޮތަށް ބޭރަށް ދާން ޖެހިލުންވެ ހުރެ ނުހާ އާއި އެކީގައި ހިނގައިގަތެވެ. ދަމުން ގައިން ނުބައި ވަހެއް ދުވާތޯ ވެސް ކާއިނާތަށް ވަސް ބަލައިލެވުނެވެ. ލޯގަނޑުން މޫނު ބަލައިލުމުގެ ފުރުސަތު ވެސް ނުހާ ނުދިނުމުން ދެލޯ އަޅައިލިއެވެ. އެހާ ހަޑިކޮށް ހުރެ އޭނަ ދުވަހަކު ވެސް ބޭރަކަށް ނުދެއެވެ. ހިތާއިހިތުން ނުހާ އަށް އެތިވަރު ގޮވަމުން ނުހާ އާއި އެކީގައި މަޑުމަޑުން ހިނގާލައިފައި ދިޔައެވެ. ގޭން ނިކުތް ތަނާ ކާއިނާތަށް ވިދާދު ފެނުނެވެ. އޭރުވެސް ވިދާދު ހުރީ ފޯނެއް ގައެވެ. މޫނު މަތިން ކުޑަކޮށް ހާސްކަން ފެންނަން ހުއްޓެވެ. ޖެހިލުންވެ ހުރެ އެމީހުން ކައިރިޔަށް ކާއިނާތު ދިޔައެވެ. ތަންކޮޅެއް ދުރުގައި ދެ މީހަކު ތިއްބެވެ. ކާއިނާތު ވިސްނާލިއެވެ. އެ ދެމީހުން އަބަދުވެސް އޭނާ އަށް ފެނެއެވެ. އޮފީސް ދޮރު މަތިންނާ، ޒައިބާގެ ކެފޭ ކައިރިން ވަރަށް ގިނައިން ފެންނަ ދެ މީހުންނެވެ. ކާއިނާތު އަދިވެސް ބޮޑަށް ވިސްނާލިއެވެ. ހޮސްޕިޓަލަށް ބައްޕަ ނިޔާވި ދުވަހު ވިދާދާއި އެކިގައި ކާރުގައި ދިޔަ އިރުވެސް އެ ދެމީހުން ކާރާއި ތަންކޮޅެއް ދުރުން ސައިކަލުގައި އައެވެ.
ނުހާގެ ކަންފަތް ކައިރީގައި ކާއިނާތު ސިއްރު ސިއްރުން އެއްޗެއް ބުނެލިއެވެ. ބުނެލީ ކޯއްޗެއްކަން ނޭނގިގެން ނުހާ ކާއިނާތަށް ބަލައިލިއެވެ. ކާއިނާތު ހިނިތުން ވެލިއެވެ. ގަސްތުގައި ނުހާ އަށް ނޭނގޭ ގޮތަށް އެއްޗެއް ބުނެލީއެވެ. ވިދާދަށް ކާއިނާތު ހިނިތުން ވެފައި ހުއްޓާ ފެނުނު ފުރަތަމަ ފަހަރު ކަމުން ވިދާދު ގެ ތުންފަތް މަތިން ވެސް ހިނިތުން ވުމެއް ފާޅުވެގެން ދިޔައެވެ. މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއި ވަރުބަލި ކަން ފިލައިގެން ދިޔަކަހަލައެވެ.
ފޯނުން ވާހަކަ ދައްކާ ނިމިގެން ފޯނުން މެސެޖެއް ޓައިޕު ކޮށްލަނީ ކަމަށް ހަދާފައި ކާއިނާތާއި ދިމާއަށް ކެމެރާ އަޅުވާލައިފައި ފޮޓޮއެއް ނެގިއެވެ. ކާއިނާތު އޭރުވެސް ހުރީ ނުހާ އާއި ދިމާ އަށް ލާނެތް ގޮތަކަށް ހިނިތުން ލެވައި ގެންނެވެ. ނުހާ ކާއިނާތު އެބުނީ ކޯއްޗެއްތޯ ބަލަން އަހަމުން ދިޔައެވެ. އެ ވާހަކަ ދެން އިތުރަށް ނުބުނެ ވޭނޭ ކިޔާފައި ދެފަރާތަށް ބޯ ހޫރާލަމުން ދިޔައެވެ. އެ ދެމީހުންގެ ސަކަރާތުގައި އުޅެނިކޮށް ވިދާދު ބޭނުންވާ ކަންތައް ވިދާދު ކޮށްލިއެވެ. އެ އުފާވެރި މަންޒަރު އޭނާގެ ފޯނުގައި ރައްކާ ކޮށްލިއެވެ.
"ނުހާ ހިނގާ."ގެސްޓު ހައުސް ތެރެއިން ދަބަހެއް ހިފައިގެން ނިކުންނަމުން ފިރާޒު ގޮވައިލިއެވެ.
ފިރާޒު އެހެން ބުނުމުން ނުހާ ކާއިނާތުގެ އަތުން ދޫކޮށްލައިފައި ގޮސް ފިރާޒާއި އަރާ ހަމަކުރިއެވެ. ކާއިނާތު މަޑުމަޑުން އެމީހުންގެ ފަހަތުން ހިނގައި ގަތެވެ. ވިދާދު ފިރާޒާއި އެކީގައި ހިނގާފައި ދަމުން މަޑުމަޑުން ފިޔަވަޅު ލަސްކުރަމުން ކާއިނާތު އޭނަޔާ އަރާ ހަމަވަން ދެން ލަސްހިނގުމުގައި ދިޔައެވެ. ކާއިނާތު އެކަން ފާހަގަ ވުމުން ކުރިޔަށް ވުރެން ބާރަށް ހިނގައިފައި ގޮސް ނުހާގެ އަތުގައި ހިފިއެވެ.
"އަހަރެން އެކަނި ބަހައްޓާފައި ދާން ނިންމީތަ؟"ކާއިނާތު ދެލޯ އަޅާލަމުން ނުހާ އާއި ސުވާލު ކުރިއެވެ.
"މިވަގުތު ކޮޅުގެ ބޭނުން ހިފިއަދީބަލަ، ޕުލީޒް. ތީނަ މީހަކު ދެކެ ރުޅި އަޔަސް އަހަރެން އަދި މިއުޅެނީ ރައްޓެހި ވެގެން. މާލެ ދިޔާމަ ދެން ދިމައެއް ވެސް ނުވާނެ."މަޑުމަޑުން ސިއްރު ސިއްރުން ނުހާ ކާއިނާތަށް ބުންޏެވެ.
"އެކަމަކު ވެސް ހެޔޮ... އެހެން ވިއްޔާ އަހަރެން މިދަނީ ގެޔަށް."ކާއިނާތު ބުންޏެވެ. އަދި އެނބުރި ދާން ހިނގައިގަތެވެ. ނުހާ އަވަސް އަވަހަށް ކާއިނާތުގެ އަތުގައި ހިފައިލިއެވެ.
"ނޫން. އަހަރެން އެކަނި ގެޔަށް ދާން ޖެހޭނީ. ޕުލީޒް."ނުހާ ކުސް ޖަހައިލިއެވެ.
ކާއިނާތު ހަމަޖެހިލަމުން ނުހާގެ ފަހަތުން ހިނގައިގަތެވެ. ވިދާދު ހިނގުން ބާރު ކޮށް އަނެއްކާ ވެސް ކާއިނާތު އާއި އަރާ ހަމަކުރިއެވެ. އެއް ވަރަކަށް ހިނގާލައިފައި ދިޔައެވެ. ކާއިނާތު ވިދާދަށް ނުބަލާ ހުރެވޭތޯ ބަލަމުން ދިޔައެވެ. އެކަމަކު ވިދާދުގެ ނަޒަރު އެހެން ދިމާއަކަށް އަމާޒު ވާގޮތެއް ނުވެއެވެ. މީހުންނަށް ފާހަގަ ވާވަރަށް ވިދާދު ކާއިނާތަށް ބަލަމުން ކުރިޔަށް ހިނގާލައިފައި ދިޔައެވެ. ނުހާ އާއި ފިރާޒު ތަންތަން ބަލަމުން ވާހަކަ ދައްކަމުން ކުރިޔަށް ދިޔައެވެ. ފިރާޒު މެން ބޭނުންވީ މިވަގުތު ކޮޅު ތެރޭގައި ވެސް ވިދާދަށް ކާއިނާތު އާއި ވާހަކަ ދައްކާލާނޭ ފުރުސަތެއް ދޭށެވެ.
"އަސްލު އަހަރެން މިރަށަށް އައީ ކާއިނާ ބަލާ. އެކަމަކު މިރަށުން މިދަނީ ހުސްއަތާ."މަޑުމަޑުން ވިދާދު ބުނެލިއެވެ. ކާއިނާތު ވިދާދު ދައްކަމުންދާ ވާހަކަ އަޑު އަހަން ބޭނުން ނުވާ ކަހަލަ ގޮތަކަށް ވިދާދަށް ބަލައިލިއެވެ.
"އަހަރެން ރޭގައި ބުނި ވާހަކަ އެހާ އަވަހަށް ހަނދާން ނެތުނީތަ؟" ކާއިނާތު ކޮށްލީ ސުވާލެކެވެ.
"ރޭގަ ކާއިނާ ވާހަކަ އެއް ބުނިންތަ؟ އަހަރެން ހަނދާން ހުރީ އެންމެ ކަމެއް. ރޭގަ އަހަރެން ނެގި ކިސް މަތިން ހަނދާން އެބަހުރި."ވަރަށް ސިއްރު ސިއްރުން ވިދާދު ބުނެލިއެވެ.
ކާއިނާތުގެ މޫނުގެ ކުލަ ބަދަލު ވިއެވެ. ވިދާދު އެފަދަ ގޮތަކަށް ވާހަކަ އެއް ދައްކަފާނެ ކަމަކަށް ކާއިނާތު ހިޔެއް ނުކުރެއެވެ. ވިދާދު ހިނިތުން ވެލިއެވެ. ކާއިނާތު އަނެއްކާ ވެސް ބާރަށް ގޮސް ނުހާ އާއި އަރާ ހަމަ ކުރިއެވެ.
ލޯންޗު އޮތް ދިމާއަށް ދެވުމުން ކާއިނާތު ހިނގުން ހުއްޓައިލިއެވެ. ފިރާޒު ނުހާ އާއި ސަލާމް ކޮށްލުމަށް ފަހު ފިރާޒު ގޮސް ލޯންޗު ކައިރީގައި މަޑު ކޮށްލިއެވެ. ވިދާދު ކާއިނާތުގެ ކައިރިޔަށް މަޑުކޮށްލިއެވެ. ކާއިނާތު އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ވިދާދު ހަމަޖެހިލަމުން ދެ ޖީބަށް އަތްޖަހައިލިއެވެ. ކާއިނާތުގެ މޫނަށް ބަލަން ހުރެފައި މަޑުމަޑުން ބުނެލިއެވެ.
"އެހަނދާން ނުފިލާނެ. ވަރަށް އަނގުބޮޑު ވަގުތު ކޮޅެއް އެއީ."ސިއްރު ސިއްރުން ވަރަށް އަސަރު ގަދަ ރާގެއްގައި ވިދާދު ބުނެލިއެވެ. ކާއިނާތު ވިދާދަށް ބަލައިލިއެވެ.
"އޭގެ އަސަރުން ހުންވިއްޔާ މިއައީ، ވަރަށް އުފާވެއްޖެ ފުރުވަން މިހިސާބަށް އައިސްދިނީމަ." ލާނެތް ރާގަކަށް ވިދާދު ބުނެލިއެވެ.
"އަހަރެން ތި ބޭކާރު ވާހަކަ އަޑު އަހާކަށް ބޭނުމެއް ނޫން، މިތަނަށް މިއައީ ނުހާ ބުނެގެން އޭނަ އެކަނިވީމައި، ވިދާދު ފުރުވާކަށް ނޫން."ކާއިނާތު ދެލޯ އަޅާލަމުން ބުންޏެވެ.
"ކޮންމެ މީހަކާ އެކީގައި އަޔަސް ތިއާދެވުނީ އަހަރެން ފުރުވަން، މާދަމާ އޮފީހުން ދިމާވާނެކަމަށް އުންމީދު ކުރަން." ވިދާދު ހިނގައިގަން ނަމުން ބުންޏެވެ.
ކާއިނާތު ދެލޯ އަޅައިގެން ވިދާދު ދިޔަދިމާ އަށް ބަލަހައްޓައިގެން ހުއްޓެވެ. ލޯޗަށް އެރުމަށް ފަހުވެސް ވިދާދުގެ ނަޒަރު ހުއްޓިފައި ހުރީ ޖެޓީ މަތީގައި ހުރި ކާއިނާތަށެވެ. ކާއިނާތު އެދިމާ ނުބަލަން ހަށަމްބަނދެ ލަމުން އަނެއް ފަރާތަށް އެނބުރި ލިއެވެ. ދުރުން ފެންނަމުން ދިޔަ ނޫކުލަކަން ގަނދަ ކަޑާއި ދިމާއަށް ބަލަން ފެށިއެވެ. ވިދާދު ގެ ތުންފަތް މަތިން ހިނިތުން ވުމެއް ފާޅުވިއެވެ. ކާއިނާތުގެ ބޯހަރުކަން ކުރިން ވެސް ވިދާދަށް އެނގެއެވެ. މިފަހަރު އޭނަގެ މަސައްކަތް ވަރަށް ބުރަވާނެއެވެ. ގަދަ ކަނޑަކަށް ނިކުންނަން އުޅޭތީއެވެ. އޮޔާ ދިޔަނުދީ މިސްރާބަށް ދާން ޖެހޭނެއެވެ.
ކޮމެންޓް