ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ދިވެހިރާއްޖޭގައި ބޮޑު ކަންނެލި ހިފުމަށް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ މިއަދު ބަލައިނުގަތުމަށް ނިންމައިފިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 11 މެންބަރުން ވޯޓުދެއްވީ މައްސަލަ ބަލައިގަތުމަށެވެ. އަޣުލަބިއްޔަތު ލިބުނީ މައްސަލަ ބަލައިނުގަތުމަށެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލްފާޟިލް އަޙްމަދު މައުރޫފް ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން އެކި ފަހަރު މަތިން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވީ ނަމަވެސް، އެ ނިންމުންތައް ތަންފީޒުކޮށްފައި ނުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުމާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ އެތައް ދިރުމެއް މިފަދا މަސްވެރިކަމުގެ ޝިކާރައަކަށްވުމެވެ.

މައުރޫފް އިތުރަށް ވިދާޅުވި ގޮތުގައި، ލޭނު މަސްވެރިކަމުގެ ހުއްދަ އަލުން ދޫކުރުމުން މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ނޭދެވޭ އަސަރުކުރާނެއެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރިކަމަށް ލޭނު އެޅުމުގެ ހުއްދަ ހުޅުވާލުމާއެކު، މި ހުއްދައާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ލިބިގެންދާނީ ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ކަމަށާއި، ދިވެހި އާންމު މަސްވެރިންނަށް މި ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިވެހި މަސްވެރިންގެ އާމްދަނީއަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށް، އެ ވިޔަފާރިތައް ބަނގުރޫޓުވުމުގެ ބިރު ހީވާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

"ކޯޓާގެ އުސޫލުން ލޭނު މަސްވެރިކަން ކުރުމުގެ ހަމަތައް ކަނޑައެޅުމަކީ، ނުސީދާ ގޮތެއްގައި އެ ކޯޓާގެ ނުރަސްމީ ވިޔަފާރިއެއް އުފެދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި މީގެ ސަބަބުން މަސްވެރިކަމުގެ ބާޒާރު މަދު ބައެއްގެ އަތްމައްޗަށް ދިޔުމުގެ ނުރައްކާ ވެސް ވަރަށް ބޮޑަށް އޮންނާނެއެވެ،" އޭނާ ވިދާޅުވިއެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ މާޙައުލާއި ތިމާވެއްޓަށް، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދުރު މުސްތަޤުބަލުގައި އަރައިނުގަނެވޭފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށާއި، މިޔަރު، ވެލާ، ކަހަނބު އަދި އެއްމަޑި ފަދަ ޙިމާޔަތްކޮށްފައިވާ ދިރޭތަކެތި ނެތިދިޔުމުގެ ބިރު އޮތް ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

"މިއީ ދިގު މުއްދަތެއްގައި ކަނޑުއަޑީގެ ދިރުންތަކުގެ ނިޒާމު ފުނޑުފުނޑުކޮށްލުމަށް މަގުފަހިކުރާނެ ކަމެކެވެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން ހުއްޓާލާފައިވަނީ ކަނޑުމަތީގައި ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް އިތުރުވުމުގެ ސަބަބުން ކަމަށާއި، ރާއްޖޭގައި މިފަދަ ކަންކަން ބެލެހެއްޓުމާއި ފިޔަވަޅު އެޅުމުގެ އެކަށީގެންވާ ނިޒާމެއް ނެތްކަން މައުރޫފް ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަން ހިނގައިފިނަމަ، ދިވެހިރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުން މަނާވުމުގެ ބިރު އޮތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކަމަށް ބުނެ، ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ކެބިނެޓުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކުރުމަށް މައުރޫފް ގޮވާލެއްވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

33 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy