ޓޫރިޒަމް އިޝްތިހާކުރުމަށް ކާޓޫނެއް އުފެއްދުން- ނުކޮށް ދޫކޮށްލަންވީ ކަމެއްނޫން

މަޖިލީހުގެ ތަޅުމުގައި މެންބަރު ނަސީރު ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަނީ

އަހަރެމެންގެ ކާބަފައިން ދިރިއުޅުމަށް ކުރަމުން އައި މައިގަނޑު މަސައްކަތަކީ، މަސްވެރިކަމެވެ. މަސްވެރިކަމުގެ އިތުރުން، ދަނޑުވެރިކަމާއި، ރާވެރިކަމާއި، ރޯނުވެށުމާއި، ފަންގިވިނުމަކީ ވެސް، އެވޭލާ ދިވެހީން ކޮށްއުޅުނު މަސައްކަތްތަކެވެ. ރާއްޖޭގައި އެތައް ސަކޭތަ ފަޅުރަށްތަކުގެ ބޭނުން ހިފައިގެން، ރާއްޖޭގެ އިގްތިސާދު ތަރައްގީކުރާނެ ގޮތުގެ ވިސްނުމެއް އޭރަކު ނެތެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކައިގެން އިޤްތިޞާދު ފުޅާކުރެވިދާނެ ކަމަށް ދެކިގެން، ސަރުކާރާއެކު ދެތިން ޒުވާނަކު ފޯރިއާއި ޖޯޝާއެކު ކުރި މިންނެތް މަސައްކަތުން، 1972 ވަނަ އަހަރު ވަރަށް ސާދާ ގޮތަކަށް ފެށި ފަތުރުވެރިކަން މިއަދު މިވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށުމަށް ދިވެހި ޒުވާނުންތަކެއް ދެކެމުންދިޔަ ހުވަފެން ހަޤީޤަތަށް ވެގެންދިޔައީ ޖޯޖު ކޯބިން ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި ކުރި ޒިޔާރަތުންނެވެ. އެއީ، 1972 ވަނަ އަހަރު ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، ބައިނަލްއަގުވާމީ ފަތުރުވެރިންގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތެކެވެ. 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭއަށް 1878537 (އެއް މިލިއަން، އަށް ސަތޭކަ ހަތްދިހަ އަށް ހާސް، ފަސް ސަތޭކަ ތިރީސް ހަތް ) ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު، 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރާއި، މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ގެންދަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަމުންނެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭ ޕްރޮމޯޓްކުރާ ދައުލަތުގެ ކުންފުންޏެވެ. މި ކުންފުނިން، ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ފެއާތަކެއްގައި ބައިވެރިވެ ރާއްޖެ އިސްތިހާރުކުރެއެވެ. މިގޮތުން ރާއްޖެ އިސްތިހާރު ކުރުމަށް، މާކެޓިންގ ކެމްޕޭންކުރުމާއި، ފެއަރ ތަކުގައި ބައިވެރިވުމާއި، ފެއަރތައް ބޭއްވުމާއި، ރޯޑްޝޯތައް ބޭއްވުމާއި، ދާދިވަރު އިވެންޓްތައް ބޭއްވުމާއި ، މީގެ އިތުރުން ރާއްޖެ އިސްތިހާރުކުރުމަށްޓަކައި ދައުވަތު ދީގެން ފަތުރުވެރިން ރާއްޖެ ގެނައުން ހިމެނެއެވެ. މިކަމަށްޓަކައި ކުންފުނިން ބޮޑު ހޭދައެއް ކުރެއެވެ.

މިކަންތައްކުގެ އިތުރުންވެސް ރާއްޖޭ އިސްތިހާރުކުރުމަށް އާގޮތްތައް ހޯދައި، އެގޮތްތަކަށް ރާއްޖޭ އިސްތިހާރުކުރަން ޖެހޭކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުން ދެކެއެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ނަސީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރުމުގައި މިއަދު ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް، ކާޓޫނު އުފައްދައިގެން ފަތުރުވެރިކަން އިސްތިހާރުކުރަން ޖެހޭކަމަށެވެ.

ނަސީރު ވިދާޅުވީ، ހަމައެކަނި، ފެއަރތަކަށް ގޮސް ބަނޑިޔާ ޖަހައިގެންނެއް، ލަވަ ކިޔައިގެންނެއް، އަދި ދިގުހެދުން ލައި ނަށައިގެންނެއް މިއަދު  ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދުނިޔޭގައި ވިއްކޭކަށް ނެތްކަމަށެވެ. ހަގީގާތުގައި ދުނިޔޭގައި އުޅެނީ ދިވެހިރާއްޖޭ ނަން ވެސް އެނގޭ ވަރަށް މަދު ބަޔެއް ކަމަށާއި، ބޭރު ޤައުމުތަކަށް ގޮސް، އެގައުމުތަކުގައި ހިނގާ ބިނގާވެ އުޅޭއިރު، މޯލްޑިވްސްއޭ ބުނީމަ ގިނަ މީހުންނަކަށް ނޭނގޭ ކަމެވެ. ނަސީރު ގަބޫލުކުރައްވާ ގޮތުގައި މި ޒަމާނާ އެއްގޮތަށް، ޓޫރިޒަމް ސިނާޢަތު ފުޅާކުރުމަށްޓަކައި އިޝްތިހާރުކުރުމުގައި ގެންގުޅޭ ވަސީލަތްތައް ވެސް ބަދަލުކުރަން ޖެހެއެވެ. "އަޅުގަނޑުމެން އެބަޖެހޭ ކާޓޫން އުފައްދަން. އަޅުގަނޑުމެން އެބަޖެހޭ ނީމޯ އުފައްދަން. ނީމޯ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މި ކަނޑުތައް ދައްކަން." ނަސީރު ވިދާޅުވިއެވެ. "މަޑަގަސްކަރަ އިސްތިހާރުވެގެން ދިޔައީ މަޑަގަސްކަރަ ކާޓޫނުގެ ސަބަބުން" ނެވެ. މިކާޓޫނުގެ ސަބަބުން ކުޑަކުދިންގެ ހިތަށް މަޑަގަސްކަރަ ތަސްވީރުވެގެން ކަމަށެވެ. އެހެންކަމުން، ކާޓޫނުގެ ޒަރިއްޔާއިން ވެސް ރާއްޖޭގެ ފަތުވެރިކަން އިސްތިހާރު ކުރެވިދާނެއެވެ.

އެނިމޭޓެޑް ކާޓޫނު ފިލްމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިސްތިހާރު ކުރުމަށް، އިއްޒަތްތެރި މެންބަރު ނަސީރު ދެއްކެވި ވާހަކައަށް ތާއީދުކޮށް، އެކުސްގައި ހަސަން ކުރުސީ ކިޔާމީހަކު ބުނެފައިވަނީ، މެންބަރު ނަސީރު އޭނާ ނުދަންނަ ކަމަށާއި، އެހެންނަމަވެސް، ރާއްޖެ އިސްތިހާރުކުރުމަށް ކާޓޫނު ހެދުމާ ބެހޭގޮތުން އޭނާ ދެއްކެވި ވާހަކައަކީ ރަނގަޅު ވާހަކައެއްކަމަށާއި، މަޑަގަސްކަރައިގެ މިސާލަކީ ސަތޭކައިގެ މިސާލެއް ކަމަށެވެ. ކުރުސީ ބުނީ، ދުނިޔޭގެ 8 ބިލިއަން އާބާދީގެ ތެރެއިން ރާއްޖެ އެނގެނީ ވަރަށް މަދު ބަޔަކަށް ކަމަށެވެ. ބައެއް ޤައުމުތަކުގެ ސިޔާސީ ފަރާތްތަކަށާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކަށް ރާއްޖެ އެނގެނީ، އދ ފަދަ ތަންތަނުގައި، އެމީހުން ބޭނުންވާ ވޯޓަށްޓަކައި، ދިވެހީންނާ މުއާމަލާތްކުރަން ޖެހޭތީ ކަމަށެވެ. އެކަމަކު އެ ގައުމުތަކުގެ އާދައިގެ ރައްޔިތުންނަށް ދިވެހިރާއްޖެ ނޭނގޭ ކަމަށެވެ.

ނަސީރުގެ ހިޔާލަށް އެއްބަސްވަމުން އެމްބަބުލް އެކުސްގައި ބުނެފައިވަނީ، ނަސީރުގެ ބުނުމަކީ ސައްތައިން ސައްތަ ތެދުކަމަށެވެ. ރާއްޖޭ ކުރީގެ، މިހާރުގެ އަދި މުސްތަޤްބަލުގެ ސަރުކާރުތަކުގެ ސިޔާސަތަކީ، ދުބާއީ ނުވަތަ ޕެރިހުގައި ބާއްވާ ފެއަރއެއްގައި ބައިވެރިވެ، މިފަދަ ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުންކަމަށެވެ.  

ކާޓޫނު ފިލްމު މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރެވިދާނެ ކަމަށް، މެންބަރު އަހުމަދު ނަސީރު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކީ ޖޯކެއްނޫނެވެ. ފިލްމުތަކުގެ ޒަރިއްޔާއިން ޓޫރިޒަމު އިސްތިހާރުކުރި ގައުމުތަކުގެ ނުވަތަ  ސިޓީތަކުގެ އިގްތިސާދަށް ދިރުން އައިސް، އެތަންތަނަށް ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުވެ، ޓޫރިޒަމަށް އޮތް ޑިމާންޑް އިތުރުކޮށްދޭކަމަށް، ޒަންގް އެޓާއީ އާއި އޭނާގެ ބައިވެރިން 2022 ވަނަ އަހަރު ކުރި ދިރާސާއިން ދެއްކިއެވެ. އަދި މަގުބޫލު ފިލްމުތައް ޝޫޓްކޮށްފައިވާ މަންޒިލްތަކާއި ތީމް ޕާކްތަކަށް ޓޫރިޒަމް ޑިމާންޑް ބޮޑުކަމަށް ވެސް މި ދިރާސާއިން ފާހަގަކުރެވުނެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސިނަމާ، ޓީވީ ނުވަތަ ވީޑިއޯގޭމްތަކުގައި ހުންނަ ފިލްމެއް، ސީރީޒެއް، ޑޮކިއުމެންޓް އަދި ކާޓޫނަކުން، އުފެދުނު ޝައުގަކުން، ވަކިމަންޒިލަކަށް ދަތުރުކުރި ފަތުރުވެރިންނެވެ.

Screenshot 2024-08-19 013832.png

ދުނިޔޭގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ތީމް ޕާކްތައް ޑިޒައިންކޮށްފައިވަނީ، ފިލްމުތަކާއި ކާޓޫންތަކުގެ ކެރެކްޓަރުތަކުގެ މައްޗަށް ބިނާކޮށް ތީމެޓިކް އަދި ނެރެޓިވް ސިފަތަކެއް މައްޗަށެވެ. މިހެންހުރުމުން، ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުވެއެވެ. ޑިޒްނީލޭންޑަކީ 30 އަހަރުގެ ފިލްމީ ތަރިކައިގެ މައްޗަށް ބިނާކޮށްފައިވާ ޕާކެކެވެ.  ޑިޒްނީލޭންޑްގެ ޕާކުތަކަކީ އެ ފިލްމުތަކަށް އިތުރުވި ބޮޅެކެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ ސްޓާ ވޯސް އެވެ. ޑިޒްނީގެ އާ ތީމް ޕާކު ސްޓާ ވޯސް އަށް ޒިޔާރަތްކުރަނީ ސްޓާ ވޯސްގެ ހުރިހާ ކަމެއް އެނގޭ މީހުންނެވެ.

ކާޓޫނު ފިލްމު މެދުވެރިކޮށް ނުވަތަ އޮން-ސްކްރީން ޓުއަރިޒަމް މަންޒިލްތައް އިޝްތިހާރު ކުރުމުގައި، ސިޓީއެއް ނުވަތަ ގައުމެއް ދެނެގަތުމަށް  މުހިންމު ސްޓްރެޓެޖީއަކީ އައިކޮނިކް ކޮންސެޕްޓެއް ނުވަތަ ކެރެކްޓާއެއް އުފެއްދުންކަމަށް ފްލޮރިޑޯ ބެނީޓޭޒް ދެކިލައްވައެވެ. މިގޮތުން ފާހަގަކޮށްލެވޭ ކެރެކްޓާތަކުގެ ތެރޭގައި، ފްރާންސްގެ ކެރެކްޓާސް އެސްޓަރިކްސް ނުވަތަ ޓިންޓިން އަދި އޭނާގެ ކުއްތާ ސްނޯއީ އާއި، އެމެރިކާގައި ކެޕްޓަން އެމެރިކާ އާއި މިކީ މައުސް، އިނގިރޭސިވިލާތުގައި ހެރީ ޕޮޓާ އާއި ޕެޕާ ޕިގް ރުމާނިއާގައި ޑްރެކިއުލާ ވެމްޕަޔަރ، ޑެންމާކުގައި ލެގޯލޭންޑް ޕާކް އަދި އެޕާކުގެ ކެރެކްޓާތައް ހިމެނެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ މަޤުބޫލު ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަކީ، ދިވެހިކޮންމެ ދަރިއަކަށް ވެސް ލިބޭނެ ބޮޑު ޝަރަފެކެވެ. މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭ އިސްތިހާރުކޮށް މަޤުބޫލު މަންޒިލަކަށް ހެދުމަށްޓަކައި، ރާއްޖޭގެ ތިމާވެށްޓާއި، މޫދާ، ގޮނޑުދޮށްތަކާއި، ކަނޑުފަޅުތަކާއި، ފަރުތަކާއި، ކުޅިތަކުގެ ދިރުންތަކާއި، ދިވެހީންގެ ރިވެތި ގޮތްފޮތާއި އާދަތަކާއި އިޖުތިމާއީ ހަމަޖެހުން ސިފަވާ އައިކޮނިކް ކޮންސެޕްޓެއް ނުވަތަ ކާޓޫނު ކެރެކްޓާއެއް އުފެއްދުމަކީ ނުކޮށް ދޫކޮށްލަންވީ ކަމެއްނޫނެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy