ޓޫރިޒަމް ޤާނޫނު އިޞްލާހު، މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވައިފި

މި ބިލުގެ ބަހުސް ނިމުމާއެކު، މަޖިލީހުން ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި 75 މެންބަރުންގެ އިއްތިފާޤުން ބިލު ބަލައިގަނެވުނެވެ.

ޓޫރިޒަމް ބޭނުމަށް ކުއްޔަށް ނަގާފައިވާ ރަށްތަކާއި ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް އެދޭ ފަރާތްތަކަށް، ފައިސާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް އިތުރުކޮށްދިނުމަށް ހުށަހެޅުނު އިޞްލާޙު، މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މި އިޞްލާޙަކީ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައުމަށް ހުށަހެޅުނު އިޞްލާޙެކެވެ.

މި އިޞްލާޙު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ޓޫރިޒަމް ބޭނުމަށް ކުއްޔަށް ނަގާފައިވާ ރަށްތަކާއި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން، ކުލީގެ މުއްދަތު އިތުރުކުރުމަށް އެދޭ ފަރާތްތަކުން، އިތުރުކުރެވޭ ކޮންމެ އަހަރަކަށް 200,000 އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ. މީގެ އިތުރުން، މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ 10 މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ.

އެހެންނަމަވެސް، މި އިޞްލާޙު ފާސްވެއްޖެނަމަ، ބިލު ފާސްވާތާ 6 މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްޞަ ލުޔެއް ލިބިގެންދާނެއެވެ. މި ލުޔުގެ ދަށުން، އިތުރުކުރެވޭ ކޮންމެ އަހަރަކަށް 100,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. އަދި މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 5 މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. މިއީ މިހާރު ދައްކަންޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައެވެ.

ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ، މި ބިލުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވިފައިވާ އިންވެސްޓްމަންޓްތައް ހިމާޔަތްކުރެވި، އިތުރަށް ކުރިއަރައިގެންދާނެ ކަމަށެވެ.

"މި އިންވެސްޓްމަންޓްތަކަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. އިންވެސްޓަރުންނަށް މިފަދަ ލުއިފަސޭހަ ގޮތްތައް ފޯރުކޮށްދިނުމުން، ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިތުރު އިންވެސްޓްމަންޓްތަކަށް ރާއްޖެއަށް ޝައުޤުވެރިކަން އުފެދިގެންދާނެއެވެ،" މެންބަރު ރަޝީދު ވިދާޅުވިއެވެ.

މި އިޞްލާޙާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މި އިޞްލާޙުގެ ސަބަބުން، ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރުމަށް ބޭނުންވެފައިވާ ގިނަ ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މިއީ އަވަސް ފިޔަވަޅެއްގެ ގޮތުގައި ފާސްކުރަންޖެހޭ މުހިންމު ބިލެއްކަމުގައިވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވީ، "ޚާއްޞަކޮށް މި ޤާނޫނުގެ ސަބަބުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް މުއްދަތު އިތުރުވެ، އިންވެސްޓްމަންޓް ފުޅާކުރުމަށް ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނީ ހިމާޔަތް ލިބިގެންދާނެއެވެ."

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، "އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ މިފަދަ އިޞްލާޙުތައް ޤާނޫނަށް ގެނެސް، މުޅި ރާއްޖެއަށް ފައިދާވާނެ ގޮތަށް މި ޞިނާޢަތް ތަރައްޤީކުރުމެވެ. މި އިޞްލާޙުތަކާއެކު އިތުރު އިންވެސްޓަރުން އައުމުން، މި ދެންނެވި މަގުން މި ޞިނާޢަތް އިތުރަށް ކުރިއަރައިގެންދާނެއެވެ."

"ފާއިތުވި 50 އަހަރު ޓުއަރިޒަމް ޞިނާޢަތަށް އަމާޒުކޮށް ހިންގިފައިވާއިރު، ކުރިއަށް އޮތް 50 އަހަރު ރައްޔިތުންގެ މަޞްލަޙަތަށް އިސްކަންދީގެން ހިންގުމަކީ މުހިންމު ކަމެކެވެ. މިއީ އެދެވޭ އިޞްލާޙެއް ކަމުގައި ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގެ ޓުއަރިޒަމް ދާއިރާއިން ނެގޭ ޓެކްސްތައް ޚާއްޞަގޮތެއްގައި މުރާޖަޢާކުރުމަކީ މުހިންމު ކަމެކެވެ." މައުރޫފް ޛާކިރު ވިދާޅުވިއެވެ.

މި ބިލުގެ ބަހުސް ނިމުމާއެކު، މަޖިލީހުން ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި 75 މެންބަރުންގެ އިއްތިފާޤުން ބިލު ބަލައިގަނެވުނެވެ. އަދި ބިލު ދިރާސާކުރުމަށް ފޮނުވުނީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މަޖިލީހުގެ ޖަލްސާ ނިންމާލުމާއެކު، މުޅި މަޖިލީހުގެ ކޮމިޓީން ބިލުގެ ދިރާސާ މަސައްކަތް ފެށުނެވެ. ކޮމިޓީގައި މެންބަރުން ވަނީ މި ބިލަށް އިތުރު އިޞްލާޙުތަކެއް ގެންނަން ނުޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ބިލު އޮތްގޮތަށް ކޮމިޓީން ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. މި ހުށަހެޅުން މުޅި މަޖިލީހުގެ ކޮމިޓީން ފާސްވެފައިވަނީ 76 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ހުރިހާ މަރުޙަލާތަކެއް ނިމުމާއެކު، މި ބިލު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވިފައެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy