ވާހަކަ: ކަހަބަ (ހަތްވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

ޝިފްނާ އަށް ކުޑަކޮށް އިސްއުފުލާ ބަލާލެވުނީ ޝާހިލްގެ މޫނަށެވެ. ކަޅުކުލައިގެ އަތްދިގު ގަމީހުގައި ހުރި ޝާހިލްގެ ގަމީހުގެ އަތްކުރި ވަނީ މުލައްދަނޑި ފެންނަ ވަރަށް މައްޗަށް އޮޅާލާފަ އެވެ.ގަމީހާ ގުޅޭގޮތައް ގަދަ އަޅިކުލައިގެ ފަޓްލޫނެއް ލައިފައި ހުއްޓެވެ. އަރާފައި ހުރީ އޮފުކަމެއް ހުރި ކަޅު ބޫޓަކަށެވެ.

"މަގޭ މޫނުގައި ކެމެރާ އެއް ނެތް، އެދިމާ ބަލާލާ."ޝިފްނާގެ މޫނަށް ބަލާލަމުން ޝާހިލް ބުންޏެވެ. އެވަގުތު ޝިފްނާގެ މޫނުމައްޗަށް ލަދުވެތިކަމުގެ ރަތްކުލަ އަރައިގެން ދިޔައެވެ. އެއާއި އެކީގައި އިސްއޮބާލެވުނެވެ.

"ޝިފޫ، ކީއްތިކުރަނީ، މިދިމާ ބަލާބަލަ."ފޮޓޯނަގަން ހުރި ޝިފްނާގެ އެކުވެރިއެއް ކަމަށްވާ ފިރާޒް ބުންޏެވެ. ފިރާޒްގެ އަޑަށް ޞޯއިގާ ވެސް ޝިފްނާ އަށް ބަލާލިއެވެ.

"ޝިފޫ.... އެހެން މީހުންގެ ސަމާލުކަން ހުއްޓިދާނެ، އޭރުން ޝާހިލްގެ ޑިމާންޑު ބޮޑުވެދާނެ."ކިރިޔާ އިވޭރަށް ވައިއަޑުން ޞޯއިގާ ބުންޏެވެ.

ޝިފްނާ ލަދުރަކި ކަން ފިލުވާލަން މަސައްކަތް ކުރަމުން ކެމެރާ އާއި ދިމާ އަށް ބަލާލިއެވެ. ފިރާޒް ދެތިން ފޮޓޯ ޖެހިޖެހިގެން ނެގިއެވެ. ފިރާޒް ކެމެރާ ތިރިކޮށްލި ވަގުތު ޝިފްނާ ނިކަން އަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. އަދި ޝާހިލް އަށް ބެލުމެއްނެތި ޝިފްނާ ކުރިޔަށް ހިނގައިގަތީ އެއްކޮށް ކިޔަވަން އުޅުނު ކުދިން ފެނޭތޯ އެވެ. ޞޯއިގާ މެން ތިބި ދިމާ ނޫން ދެން އޮތް ހުރިހާ ދިމާލެއްގައި ވަނީ ފަނޑު އަލިކަމެއް ފެތުރިފައެވެ. އެފަނޑު އަލިކަމުގެ ތެރޭން ޝިފްނާ އޭނަގެ އެކުވެރިން ހޯދިއެވެ. ފާރާކައިރިން އެއްފަޗަކަށް ޖަހާފައިވާ ގޮނޑިތަކުގައި ޝިފްނާ އާއި އެކޮށް ކިޔަވަން އުޅުނުކުދިން ތިއްބެވެ. ކޮންމެ ކުއްޖެއްގެ އަތުގައި އެރެއަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ކެއުން އަޅާފުރާފައިވާ ތަށިތައް ހުއްޓެވެ.

"ނާއިސްގެން އުޅުނު މީހާ މިޔޮއްއައީ."އެތަނުން އެކުވެރި އަރީޝާ ބުންޏެވެ.

"މަށައް އިންތިޒާރު ކުރަނީ ކާކު؟"ޝިފްނާ ހުއްޓިލަމުން އަހާލިއެވެ.

"އެއުޅޭ ލުހާމް، ކޮބާ ޝިފްނާ އަދި ނާދޭތަ؟ މިހެން ބަންޖެއްހެން ކިޔަމުން ފަހަރަކު މީހެއްކުރެން އަހަމުން އެބަދުވޭ." އަރީޝާ ޝިފްނާގެ މޫނަށް ބަލާލަމުން ޝައްކުން ފުރިގެންވާ ބެލުމަކުން ބަލަމުން އަހާލިއެވެ.

"ލުހާމް؟... ކޮން؟"ޝިފްނާ އަށް ލުހާމް އޭ ބުނުމުން ނޭނގުނެވެ.

އެކަމަކު އެހިނދު އެއީ ކާކުކަން އޭނަޔަށް ނަގައިގަނެވުނެވެ. އެހެން ކަމުން އެއްޗެއް ހަނދާން ވުމުން ހަދާލާގޮތެއް މޫނަށް ހަދާލަމުން ކުޑަކޮށް ނޭވާއެއްލަމުން އަނގަހުޅުވާލިއެވެ. އޭރު ޝިފްނާގެ ކަނާތް ކުޑަކޮށް މައްޗަށް ހިއްލި ޝަހާދަތް އިނގިލި ދިއްކޮށްލެވުނެވެ.

"ހޫން... ފަޒީލް ރައްޓެހި، އޭނަ ކީއްކުރަން އަހަރެން އެހޯދަނީ؟"ޝިފްނާ ޙައިރާން ވިއެވެ.

"މަށައް ކިހިނެއްތަ އިނގެނީ."އަރީޝާ ބުންޏެވެ.

"އެކަމާ އަޅާނުލާބަލަ، ހޯދާމީހަކު ފެނުނީމައި އަންނާނެއެއްނު، ޝީފޫ ކިހިނެއްތަ؟ ކޯސް ކިހިނެއްދަނީ؟"ދިމާވުމުން ފުރުސަތުގެ ބޭނުން ހިފާލަމުން އެކުވެރި ފާރިޝާ އަހާލިއެވެ.

ޝިފްނާ ދެއަތް އުފުލާލަމުން ދެއަތުގެ ބޮޑުވާ އިނގިލި ދައްކާލިއެވެ. އަދި ތުންފަތް މަތިން އުފާވެރި ހިނިތުން ވުމެއް ފާޅުކޮށްލިއެވެ. އެވަގުތު ޝިފްނާގެ ލޮލުގެ އުފެދިފައިވާ އުފާވެރިކަމުގެ ވިދުން އެތަނުގައި ތިބި ހުރިހާ އެންމެންނަށް ފާހަގަވިއެވެ.

"އޭއި، މަބުނީ."އަރީޝާ ސީރިޔަސް ރާގަކަށް އަހާލުނަ އުޅުނެވެ.

"އަދި ނުބުނަމެއްނުން."ޝިފްނާ ސަމާސާ ކޮށްލިއެވެ.

"ޝާހިލް ތީނައާއި އެކީގައި ފޮޓޯ އެނެގީ ތިދެމީހުން އަނެއްކާ ކަމެއްތަ؟"ޝިފްނާ ގޮނޑީގައި އިށީންދެ ހަމަ ނުޖެހެނީސް އަރީޝާ ޝިފްނާގެ ކަންފަތް ދޮށުގައި އަހާލިއެވެ. އަރީޝާ އެހެން އަހާލުމުން ކުއްލިޔަކަށް ޝިފްނާ އަށް ބަލާލެވުނީ މޭޒުކައިރީގައި ތައްޓެއްހިފަގެން އެއްޗެހި އަޅަމުން ދިޔަ ޝާހިލް އަށެވެ.

"ކޮންވާހަކަ އެއް ތިފެށީ، އަރީޝާ ބުނެބަލަ ތީނަގެ ކަންތައް ކިހިނެއް؟ ވަޒީފާ އަކަށް ދަންތަ؟"ޝިފްނާ މައުލޫބަދަލު ކޮށްލިއެވެ.

"އާން... ކޮންމެވެސް ތާކަށް ބޯކޮށްޕާލާފިން، ލިބުނު ނަތީޖާއަށް އެކަށޭނަ ވަޒީފާއެއް އެއީ."އަރީޝާ ހެމުން ބުންޏެވެ.

"ސީރިޔަސް ނުވާތި އިނގޭ، ކޮން އޮފީހަކަށް ވަނީ؟"ޝީފްނާ އަހާލިއެވެ.

"ކޯޓަށް، ސެކެޓްރީއަކަށް، ލޯޔަރަކަށް ވާން ބޭނުމިއްޔާ ފުރަތަމަ އުގިލަން ވާނީ އެތަނުގައެއްނުން ދޯ ފާރިޝާ."އަރީޝާ ބުންޏެވެ.

"އާން، އަހަރުމެންގެ ނެތް ޝިފްނާ އަށް ލިބިފައި ހުރިކަހަލަ ބައްޕަ އެއް، އެސްފިޔައެއް ޖަހާލާހާ އަވަށް، ޕެރިހަށް ނޫނީ ލަންޑަނަށް ގެންގޮސް ދޭކަހަލަ."ފާރިޝާ މާޔޫސް ރާގަކަށް ބުންޏެވެ.

ފާރިޝާ އެހެން ބުނުމުން ޝިފްނާ ކުޑަކޮށް ދެރަވެ ލަދުގަތެވެ. އަބަދުވެސް އޭނަގެ އެކުވެރިން އޭނަ ޔަށް ލިބިފައިވާ ނަސީބާ މެދު ބަސްބުނެހަދައެވެ. އެކަމަކު އޭނަޔަށް ލިބިފައިވާ ތަނަވަސް ކަމަކީ ހަމަ އޭނަގެ ބައްޕަގެ މިންނެތް މަސައްކަތެވެ. އެބައްޕަ އާއި މަންމަގެ ދަރިޔަކަށް ވެގެން ދުނިޔެއަށް އައުން އެއީ އޭނަ ކުރާނެކަމެއް ނޫނެވެ. އޭނަ ދެކޭ ގޮތުގައި މުއްސަނދިކަމާ ފަކީރުކަމަކީ ވެސް ކުރެވޭ އިމްތިހާނެކެވެ. އޭނަޔަށް ލިބިފައިވާ ތަނަވަސް ކަމަކަށް އޭނަ ދުވަހަކުވެސް ބޮޑާވެ ކިބުރުވެރިއެއް ނުވެއެވެ. އޭނަ އަބަދުވެސް ބަލަނީ އެހީތެރިކަމެއް ބޭނުންވެފައިތިބި އޭނަގެ އެކުވެރިން ނަށް އެހީތިކަމުގެ އަތެއް ފޯރުކޮށްދެވޭތޯއެވެ. އެއީ އޭނަގެ ރީތި އަހްލާގެވެ.

"ހާދަ އޮލަވާހަކަ އެއްގައި."ކާއެއްޗެހިން ފުރާފައިވާ ތައްޓެއް އަތްމަތީގައި ބަހައްޓާއިގެން އޭގެން ކަމުން އައިސް ޝިފްނާ މެންގެ ދާދިގާތަށް މަޑުކޮށްލަމުން ލުހާމް އަހާލިއެވެ.

"މިއިނީ ތި ނުފެނިގެން އުޅުނު ޝިފްނާ."އަރީޝާ ޝިފްނާ ދައްކާލަމުން ބުންޏެވެ.

"މީތަ ޝިފްނާ އަކީ، އަހަރެން މިހޯދަނީ މިޝިފްނާ އެއް ނޫން، ސާބަހޭ."ލުހާމް ހަގީގަތަށް ބުނަން ބޭނުން ނުވާކަހަލަ ރާގަކަށް ބުންޏެވެ.

"ދެން ކޮން ޝިފްނާއެއް؟"ފަރީޝާ އަހާލިއެވެ.

"މިހާރު ދިމާ ވެއްޖެއޭ، އެކަން ނިމިއްޖެ."ލުހާމް ޝާހިލް ހުރިދިމާ އަށް ބަލާލަމުން އެނބުރި ޝިފްނާ އަށް ބަލާލަމުން ބުންޏެވެ. ހީވީ ލޮލުގެ އިޝާރާތުން ލުހާމް އެއްޗެއް ބުނެދޭން އުޅޭހެންނެވެ. ޝިފްނާ ޝާހިލް ހުރި ދިމާ އަށް ބަލާލިއެވެ. ލުހާމް ބުނަން އެއުޅެނީ ކީކޭ ކަމެއް ނޭނގުނެވެ.

"ލުހާމް، ޝާހިލް މިތަނަށް ގެނެސްދީބަލަ."އަރީޝާ ޝާހިލް ހުރިދިމާއަށް ބަލާލަމުން ބުންޏެވެ.

"އޭރުން މަށައް އޮތީ ކޯއްޗެއް؟"ސަމާސާ ރާގަކަށް ލުހާމް އަހާލިއެވެ. އަދި ޝިފްނާމެންގެ ކުރިމަތިން ހުރި ގޮނޑިބަރިން ގޮނޑިއެއްގައި ލުހާމް އިށީނެވެ.

"ޝިފްނާ ނުކަނީތަ؟ވަރަށް މީރު މިރޭގެ ކެއުން."ލުހާމް އަނގަފުރާ ކާއެއްޗެހި އަޅާލަމުން ބުންޏެވެ.

"އިރުކޮޅަކުން ކާނީ."ޝިފްނާގެ ޖަވާބު ކުރެވެ.

"ލުހާމް، ޕުލީޒް."އަރީޝާ ކުސްޖަހާލިއެވެ.

"މިއަންހެން ވެރިންދޯ، ހާދަވަރެއް އެބަހުއްޓޭ، ބަލަ މަވެސް ކުލަބަށް ކުޅެމޭ، މަށަށް ތިހާވަރު ނުހުންނަނީ ތީއްވެތަ؟"ލުހާމް އަހާލިއެވެ.

"ތިއީ މިހާރު މީހެއްގެ ފިރިއެއް."ފާރިޝާ ދެބުމަ ގޮތްޖަހާލަމުން ހޫން އަޅުވާލަމުން ބުންޏެވެ.

"ދެން މީޙެއްގެ ފިރިއެއް ވިއްޔާ، ނޯއެންޓްރީ ބޯޑެއް ޖެހުނީތަ؟ބަލަ އަހަރުމެންނަށް 4 ހުއްދައޭ."ލުހާމް ފޯރިއާއި އެކީގައި އެމީހުންނާ ދިމާކޮށްލަން ބޭނުންވިއެވެ.

"ދެން މައްސަލަ އެއް ނެތޭ، އަހަރުމެން ކައިރީ ނުބުނާތި ކަމަކު."އަރީޝާ ފޫހިވިކަހަލައެވެ. ލުހާމް ލާނެއްގޮތަަކަށް ހޭންފެށިއެވެ.

"އޭ ޝާހިލް މިކޮޅަށް."އޭނަގެ ހިނިގަނޑު މަތަކުރަމުން ފަސްބަލާލަމުން ޝާހިލް އަށް ގޮވާލިއެވެ.

ޝާހިލް އިށީންނާނެ ތަނެއް ހޯދާކަހަލަ ގޮތަކަށް ކޮޅުކޮޅުބަލަނިކޮށް ލުހާމް ގެ އަޑުއިވުނެވެ.ފާރިޝާ އަށް ޝާހިލް އެދިމާ އަށް އަންނަތަން ފެނުމުން އޭނަގެ ހެދުން ރީތިކޮށްލިއެވެ. އަދި އެއްފައިމައްޗަށް އަނެފައި އަރުވާ ގޮނޑީގައި ހަމަޖެހިލިއެވެ. އަރީޝާ ވެސް ގޮނޑީގައި ހަމަޖެހިލަމުން މަޑުމަޑުން އޭނަ ލައިގެން އިން ހެދުމަށް ބަލާލިއެވެ. ޝިފްނާ އިނީ އަރީޝާ އާއި ފާރިޝާގެ މެދުގަކަމުން ލުހާމް އެދިމާ އަށް ބަލާލިއެވެ. އޭރު ޝާހިލް އައިސް އަރާ ހަމަވަނީއެވެ.

"އަރީޝާ މިކޮޅަށް އާސްބަލަ ވާހަކަ އެއް ބުނަން ވެފައި އެބައޮތް."ލުހާމް އަރީޝާ އަށް ބުންޏެވެ.

"ކޮންވާހަކަ އެއް އަނެއްކާ؟"އަރީޝާ ސިއްރު ބެލުމަކުން ޝާހިލް އަށް ބަލާލަމުން އަހާލިއެވެ.

"ސިއްރެކޭ."ލުހާމް ބުންޏެވެ.

"އެއްމެންނަށް އިއްވާ ނުބުނެވޭ ވަރުގެ ވާހަކަ އެއްތަ؟"ފާރިޝާ ވެސް އަހާލިއެވެ.

"ހޫން.... މަވެސް އަރީޝާ ބުނިކަންތައް މިކޮށްދިނީނުން."ލުހާމް ބުންޏެވެ.

އަރީޝާ ލުހާމް އެހެން ބުނުމުން އޭނަ އިންގޮނޑިން ތެދުވެގެން ލުހާމް އިންދިމާ އަށް ދިޔައެވެ. ޝާހިލް ލުހާމްގެ ކައިރީގައި އިށީންނަން އުޅުނެވެ. އެވަގުތު ލުހާމް އެކަން މަނާ ކުރިއެވެ.

"މިތާކުނޫން، އިހަށް އެތަނުގައި އިށީންދެބަލަ، މައަރީޝާގެ ކައިރީގައި ސިއްރެއް ބުނަން ވެގެން، އެއްޗެއް ހީނުކުރައްޗޭ އިނގޭ."ލުހާމް ޝާހިލް އަށް މަގުސާފުކޮށްދިނީކަން ޝާހިލް އަށް ވިސްނުނެވެ. ޝާހިލް އޭނަގެ ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ގެނެއެވެ. އަދި ޝީފްނާ އާއި ޖެހިގެން އެއްގޮނޑި ދޫކޮށް އިށީނެވެ. އޭނަ އެގޮތައް ކަންތައް ކުރީ އެހެން މީހަކަށް ޝައްކުވެދާނެތީއެވެ. އެވަގުތު އެދިމާ އަށް އަނގަފުރާ ދުފާ އެއްޗެހި އަޅައިގެން ޝަހީމް އައިސް މަޑުކޮށްލިއެވެ.

"ފައްކާ ކެއުމެއް، ފަޒީލް އަށް އެނގޭނެ، މިކަހަލަ ދައުވަތުތަ ތައްޔާރުކުރަން، ކީކޭ ބުނަނީ ޝާހިލް."ޝާހިލް އާއި ޖެހިގެން ޝަހީމް އިށީންނަމުން ބުންޏެވެ.

"ހޫން... މަވެސް މިވިސްނަނީ މަގޭ ކައިވެނި ޕާޓީގެ ކަންތައް ވެސް ފަޒީލް އާއި ހަވާލުކުރަން." ޝާހިލް ޝިފްނާ އަށް ބަލާލަމުން ބުންޏެވެ.

"ފުރަތަމަ މަހެއްގަނޭތޯ އުޅޭ، އެންކޮޅެއްލާފައި ނިކަން ބުޅިއެއްލަބަލަ."ޝަހީމް ޝާހިލް އާއި ދިމާ ކުރިއެވެ.

"ޝަހީމް، ވާހަކަ ގިނަ ނުކޮށް މިކޮޅަށް އައިސްބަލަ."ލުހާމް ޝަހީމް އަށް ބުންޏެވެ.

"އަނެއްކަންތައް ކިހިނެއްވީ؟ މިއީ މިހާރު އަމީނިއްޔާ ދޮށެއް ނޫން އިނގޭ، ފަޒީލް އަށް ޞޯއިގާ ގެ ކަންތައް ކޮށްދޭން އަހަރުމެން މުގޯޅި އަޅާގެން އުޅުނުގޮތައް އުޅޭކަށް، ކަލޭ ވެސް މީހަކާ އިނދެގެން އުޅެނީ މަވެސް މީހަކާ އިނދެގެން މިއުޅެނީ، ދެން ކޮންސަކަރާތެއް ޖަހަން ތިއުޅެނީ؟"އަރީޝާ އާއި ލުހާމް އަށް ޝައްކެއް ވެގެން އަހާލާ ރާގުގައި ޝަހީމް އަހާލިއެވެ.

ޝަހީމް ބަލާލި ވަގުތު ލުހާމް ލޮލުގެ އިޝާރާތުން ޝާހިލް އާއި ޝިފްނާ ދައްކާލިއެވެ. ޝަހީލް އަށް ލުހާމް ކުރި އިޝާރާތް ކޮށްމެވެސް ވަރަކަށް ނަގައިގަނެވުނީހެން ހީވެއެވެ. އަނގަ ތަތްމިނަށް ހުޅުވާލިއެވެ. އަދި ޝާހިލް އަށް ބަލާލިއެވެ. އެވަގުތު ކޮށި އަރާގޮތް ވިއެވެ. ޝިފްނާ އަވަސް އަވަހަށް ގޮނޑިން ތެދުވެ ފެންތަށިތަކާ ދިމާ އަށް ދިޔައެވެ. ޝާހިލް ވެސް އަތުގައި ހުރި ތަށި ޖެހިގެން ހުރި ގޮނޑިމަތީގައި ބަހައްޓަމުން ޝަހީމްގެ ބުރަކަށީގައި ތަޅަން ފެށިފެއެވެ.ޝިފްނާ ފެންތައްޓެއް ނިކަން އަވަހަށް ހިފައިގެން އައިސް ޝަހީމް އަށް ދިއްކޮށްލިއެވެ. ޝަހީމް ފެންތަށި ޝިފްނާގެ އަތުން ނަގައި އެއްފަހަރާ ދަމާލިއެވެ.

"ތެންކިއު."ޝާހީމް ބުންޏެވެ.

"އޯކޭތަ؟"ޝާހިލް އަހާލިއެވެ.

"އާން... މަށައް ދެން މެ ހީވި އެއްޗަކުން ކޮށި އެރީ، އެއީ އަނެއްކާ ހަގީގަތެއްބާ؟" ޖެހިޖެހިގެން ޝަހީމްގެ ކުރިމަތީގައި ކޮޅަށް ތިބި ޝާހިލް އާއި ޝިފްނާ އަށް ބަލާލަމުން ޝަހީމް އަހާލިއެވެ.

"ކޮބާ؟"ޝާހިލް އަހާލިއެވެ.

ޝަހީލް އޭނަގެ އަތް ހިއްލާ ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝިފްނާ އާއި ޝާހިލް ހުރަސްކޮށްލިއެވެ.

"ތިދެމީހުން."ޝަހީމް ޙައިރާން ވެފައި އަހާލިއެވެ.

ޝަހީމް ބުނީ ކިރިޔާ ޝާހިލް މެންނަށް އިވޭވަރަށް ކަމުން ދެންތިބި މީހުންނަށް އެއްވެސް އަޑެއް ނީވެއެވެ. ޝިފްނާ ޝާހިލް އަށް ބަލާލިއެވެ. ޝާހިލް ވެސް ޝިފްނާ އަށް ބަލާލިއެވެ. އިތުރު ސުވާލެއް ޝަހީމް ކުރުމުގެ ކުރިން ޝިފްނާ އެނބުރި ކާއެއްޗެހި އަތުރާފައިވާ މޭޒާ ދިމާ އަށް ދިޔައެވެ. ޝާހިލް ޝިފްނާ ދިޔަދިމާ އަށް ބަލާލުމަށް ފަހު ޝަހީމް އާއި ޖެހިގެން އިށީނެވެ.

"ޝަހީމް އޯކޭތަ؟"ފަރީޝާ ޝަހީމް އިންދިމާއަށް ބަލާލަމުން އަހާލިއެވެ.

"މައޯކޭ، ތިމީހުން ކުރިޔަށް ގެންދޭ."ޝަހީމް މޭގައި ފިރުމާލަމުން ބުންޏެވެ.

ޝާހިލް ޝިފްނާ ހުރިދިމާ އަށް ބަލާލިއެވެ. ޝިފްނާ ތައްޓެއްނަގައިގެން ފަހަރަކު އެއްޗަކުން އޭނަޔަށް ފުދޭނެ މިންވަރަކަށް ކާއެއްޗެހި އަޅަމުން ދިޔައެވެ. ޝަހީމް ވެސް ޝާހިލް ބަލަން އިންދިމާ އަށް ބަލާލިއެވެ.

"ތިބެލުން، އޭނަގެ ލަދުގަނެފައިވާ މޫނު ބަޔާން ކޮށްދެނީ ދެންމެ މަށައް ހީވީ ހަމަ ރަނގަޅަށޭ، ފަޒީލް އަށް ޞޯއިގާގެ ކަންތަކުގަ ބިސްމަޅި ދުއްވަން އަހަރުމެންނާ އެކީ ދިޔައީ މިކަމުގައި ދޯ."ޝަހީމް ޝިފްނާ އަށް ބަލަން އިންގޮތައް އިނދެ ބުންޏެވެ. އަދި ޝާހިލް އަށް ބަލާލިއެވެ. ކެއްސާލަމުން ޝަހީމް ބުމަ އަރުވާލިއެވެ.

"އަހަރެން އޭރު ޝިފްނާ އެއް ނުދަނަންނަ، އަދި 2 ހަފްތާވަރު މިވީ ޝިފްނާ މަށައް ފެނުނުތާ."ޝާހިލް އަވަސް އަަވަހަށް ބުންޏެވެ.

"ބަލަ އެދުވަހު ބިންމަތިން ނެގި ރިބަން ކޮޅަކީ އެއީ ޝިފްނާގެ ރިބަންކޮޅު، ޝާހިލް އަށް ޝިފްނާ ނޭނގުނޭ ބުނީމައި ކާކު ގަބޫލުކުރާނީ، މަށެއް ނުކުރާނަން."ޝަހީމް އަދިވެސް ކެއްސަމުން ބުންޏެވެ.

"ހުވާކޮށްފަ މިބުނަނީ، މަށަކަށް ޝިފްނާ އެއް ނޭނގޭ، އެތަނުން ފެނިފަ އޮވެދާނެ، ތިބުނާ ރިބަންކޮޅު ބިންމަތިން މަނެގީ އާއެތިކޮޅެއްކަން އެނގޭތީ، އަދިވެސް އޭތި ކޮޅު އޮންނާނެ."ޝާހިލް އަވަސް އަވަހަށް ބުންޏެވެ.

"މަދެކުނީމޭ ޝިފްނާގެ ބޮލުން އޭތި ވެއްޓެނިކޮށް، އެކަމަކު ބުނަން، ޝިފްނާ އެއީ އާދައިގެ މީހެއްގެ ދަރިއެއް ނޫން، ބިންވެރިއެއްގެ ހަމައެކަނި ހުރި އަންހެން ދަރި، އޭނަޔަށް ހުށައެޅުންތައް ބާވަރު، މުއްސަނދި ކަމުވޮށިގެންވާ މީހުންގެ ލިސްޓު އެހާމެ ދިގު، ބަލަ މަވެސް ސްކޫލްގައި އުޅުނުއިރު ހުށައެޅީމޭ، މޫނުމައްޗަށް ހީވީ ތަފާއްޔެއް ޖެހިހެން، އެއްވެސް ޖެހިލުމެއްނެތި ބުނީ ނޫނެކޭ."ޝަހީމް އޭނަގެ ތަޖުރުބީ ހިއްސާކުރިއެވެ.

"މަގޭ ކައިރީ ތިވާހަކަ ތިބުނީ ކީއްވެ؟"ޝާހިލް އަހާލިއެވެ.

"ފުރަތަމަ ފަހަރު މަސްވެރިކަމުގައި ނުކުމެ އުޅޭހެން ހީވީމައި، ބުނެލީ، ފަހުން އައިސް ނުބުނާތި އެމެއް ނުބޭނުނޭ މަހެއް ނުބޭނުނޭ. ކީކޭ ލުހާމް ބުނަނީ؟"ޝަހީމް ޝާހިލްގެ ކަކުކުލުގައި އަތުން ޖަހާލަމުން ބުނެލެލިއެވެ. އަރީޝާ އާއި ފާރިޝާ ޝަހީލް ލުހާމް އަށް ސުވާލު ކުރުމުން އެދިމާ ބަލާލިއެވެ.

"މަގޭ ތަޖުރިބާ އަށް ދަންޏާ، ފަހަތަށް ޖެހޭނެކަމެއް ނެތް، ޝަހީމް އަށް ތިއެނގުނީ އެވާހަކަގެ ކުޑަ މިންވަރެއް، މަށައް މަންޒަރު ފެނުނު، އަދި މުޅިފިލްމް މަށައް އެބަ ސިފަކުރެވޭ، މިފަހަރު ނުބުނާނެ ނޫނެކޭ، އެހެންނަމަ ޝާހިލް އަށް އޭނަގެ އަތުގައި ބީހިލާކަށް ފުރުސަތެއް ނުލިބުނީސް، އޭގެ ކުރިން އޭނަގެ އަތް އޮތްނާނީ ޝާހިލްގެ ކަންފަތް މަތީގައި."ހެމުން ސަމާސާ ރާގަކަށް ލުހާމް ބުންޏެވެ.

"ތިމީހުން ތިދައްކަނީ ކޮންވާހަކަ އެއްތަ؟ކާކުގެ ވާހަކަ އެއް؟"އަރީޝާ ވާނުވާ ނޭނގިގެން އަހާލިއެވެ.

 

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy