ޖޯޑަން ޗައިލްސްގެ ބްރޯންޒް މެޑަލް އަނބުރާ ނުލިބޭނެކަމަށް ކާސްއިން ނިންމައިފި

ޖޯޑަން ޗައިލްސްގެ ބްރޯންޒް މެޑަލްއާއިއެކު

ޕެރިސް 2024 އޮލިމްޕިކްސްގެ ޖިމްނާސްޓިކްސް އިވެންޓުގައި އެމެރިކާގެ ޖޯޑަން ޗައިލްސްއަށް ލިބުނު ބްރޯންޒް މެޑަލް އަނބުރާ ލިބޭނެ ގޮތެއް ނެތްކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމައިފިއެވެ.

ފްލޯ ފައިނަލްގައި ރޮމޭނިއާގެ އަނާ ބާބޯސޫ ހަތަރުވަނައިން ތިންވަނައަށް ކުރިއަރުވާލުމަށް އިންޓަނޭޝަނަލް ޖިމްނާސްޓިކްސް ފެޑެރޭޝަން (އެފްއައިޖީ) އިން ނިންމުމާ ގުޅިގެން ޗައިލްސްގެ ބްރޯންޒް މެޑަލް ގެއްލުނެވެ. މިއީ ރޮމޭނިއާގެ އޮލިމްޕިކް ކޮމިޓީން ހުށަހެޅި އިސްތިއުނާފަކާ ގުޅިގެން ކާސްއިން ނިންމި ނިންމުމެކެވެ.

އެމެރިކާގެ ޓީމުން ޗައިލްސްގެ ސްކޯ އާ ގުޅޭގޮތުން ހުށަހެޅި އިންކުއަރީ ހުށަހަޅަން އޮންނަ އެއް މިނެޓުގެ ވަގުތު ހަމަވުމަށްފަހު ހުށަހަޅާފައިވާތީ އެ އިންކުއަރީ ބަލައިނުގަތުމަށް ކާސްއިން ނިންމިއެވެ. އެހެންނަމަވެސް އިންކުއަރީ ހުށަހެޅީ ވަގުތު ހަމަވުމުގެ ކުރިންކަން ސާބިތުކޮށްދޭ އައު ވީޑިއޯ ހެއްކެއް ހުށަހަޅައި، ކާސްގެ ނިންމުން އަލުން މުރާޖަޢާކުރުމަށް ޔޫއެސްއޭ ޖިމްނާސްޓިކްސްއިން އެދުނެވެ.

ނަމަވެސް އެ އެދުން ބަލައިނުގަންނަ ކަމަށް ކާސްއިން މިދިޔަ ހޯމަ ދުވަހު ވަނީ އަންގާފައެވެ. އައު ހެކި ހުށަހެޅި ނަމަވެސް ކާސްގެ ގަވާއިދުތަކުގެ ދަށުން ކުރިން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖަޢާކުރެވޭނެ ގޮތެއް ނެތްކަމަށް ޔޫއެސްއޭ ޖިމްނާސްޓިކްސްއިން ބުނެފައިވެއެވެ.

23 އަހަރުގެ ޗައިލްސް ފައިނަލްގައި ފަސްވަނައިން ތިންވަނައަށް ކުރިއަރާފައިވަނީ އޭނާގެ ކޯޗު ސެސިލް ލަންޑީ ހުށަހެޅި އިންކުއަރީއަކާ ގުޅިގެން އޭނާގެ ޑިފިކަލްޓީ ރޭޓިންގ އިތުރުކުރުމަށްފަހުގައެވެ.          

ރޮމޭނިއާގެ އޮލިމްޕިކް ކޮމިޓީން ކާސްގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ނިންމީ އިންކުއަރީ ހުށަހެޅުމަށް ދީފައިވާ އެއް މިނެޓުގެ ވަގުތު ހަމަވުމަށްފަހު 4 ސިކުންތު ފަހުން އިންކުއަރީ ހުށަހަޅާފައިވާތީ އެއީ "ވަގުތު ފާއިތުވެފައިވާ" އިންކުއަރީއެއް ކަމަށެވެ.

އެހެންނަމަވެސް، އެމެރިކާގެ ޖިމްނާސްޓިކްސް އެސޯސިއޭޝަނުން އާދިއްތަ ދުވަހު ކާސްއަށް ސިޓީއަކާއި ވީޑިއޯއެއް ހުށަހަޅައި، އިންކުއަރީ ހުށަހެޅުމަށް އެދުނީ ސްކޯ ޝާއިޢުކުރިތާ 47 ސިކުންތު ފަހުން ކަމަށާއި، ދެވަނަ ބަޔާނެއް ހުށަހެޅީ ސްކޯ ޝާއިޢުކުރިތާ 55 ސިކުންތު ފަހުން ކަމަށް ބުނެފައިވެއެވެ.

ކާސްއިން މި އެދުން ބަލައިނުގަތުމާ ގުޅިގެން، އެމެރިކާގެ ޖިމްނާސްޓިކްސް އެސޯސިއޭޝަނުން ބުނެފައިވަނީ "ޖޯޑަންގެ ސްކޯ، ވަނަ އަދި މެޑަލް އިންސާފުވެރިކަމާއެކު ލިބޭކަން ކަށަވަރުކުރުމަށް" މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

"މި އެންގުމާމެދު ވަރަށް ބޮޑަށް ހިތާމަކުރަން، އަދި ސުވިސް ފެޑެރަލް ޓްރައިބިއުނަލްއަށް އިސްތިއުނާފުކުރުން ހިމެނޭގޮތަށް، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނަން،" އެސޯސިއޭޝަނުން އިތުރަށް ބުނެފައިވެއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy