ހުރިހާ ކައުންސިލްތަކާ އެއްހަމައެއްގައި މުޢާމަލާތްކުރާނަން: ވަޒީރު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވަނީ، ސަރުކާރަށް ތާއީދުނުކުރާ ކައުންސިލްތަކާވެސް ސަރުކާރުން ގުޅުން ޤާއިމްކުރައްވާނެ ކަމަށެވެ. އަދި އެއްވެސް ކައުންސިލަކާމެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފާހަގަކުރެއްވީ މި ސަރުކާރުން ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމެވެ. މިގޮތުން، ކޮންމެ މަހަކުވެސް އެ ވުޒާރާއިން އަތޮޅު ކައުންސިލްތަކާ ބައްދަލުކޮށް، ކައުންސިލްތަކަށް ބޭނުންވާ ކަންތައްތައް އޮޅުންފިލުވައިދޭކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ކައުންސިލްތައް ބިނާކުރުމުގައި ވުޒާރާގެ ދައުރު ކުރިއަށްވުރެ ފުޅާވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ގުޅުން ވަރަށް ރަނގަޅު. ގިނަ ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ދޭ. ރައީސްގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ކައުންސިލްތަކުން ދޭ ޚިދުމަތް އަވަސްވެ، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ލިބިގެންދާނެކަން އަޅުގަނޑަށް ޔަޤީން،" އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މާލޭ ސިޓީގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލެ ސިޓީގެ ތަރައްޤީއަށް ދުރު މުސްތަޤްބަލަށް ރޭވިގެން ޕްލޭނެއް އެކުލަވާލެވިފައި ނެތް ކަމަށެވެ. އަދި މާލޭގައި ވަރަށް ގިނަ މައްސަލަތައް ޙައްލުކުރަން އެބަހުރި ކަމަށާއި، އޭގެތެރޭގައި މަގުތަކާއި ގެދޮރުގެ މައްސަލައާއި ޕާކިންގގެ މައްސަލަ ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައި، މަގުތައް އަލުން ހެދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައި ހިމެނިފައިވެއެވެ. މި މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، މަސައްކަތްތައް އަވަސްކުރެއްވުމަށްޓަކައި މިނިސްޓީރިއަލް ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ކޮމިޓީގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކައުންސިލްތަކާ ވަރަށް ގާތުން މަސައްކަތްކުރައްވައެވެ. މިހާތަނަށް ގިނަ ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރައްވާފައިވާކަން ފާހަގަކުރައްވައި، މިކަމުން ދޭހަވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މުހިންމުކަމެވެ.

ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައިދިނުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy