ލިޔުނީ: މަރިޔަމް މޫސާ
ހޮސްޕިޓަލުން ކުރަން ޖެހޭ ކަންތައް ނިމެން ވަގުތު ނަގާނެތީ ޒައިބާ އަށް ގުޅައިގެން ހޮސްޕިޓަލަށް ގެނެސް ކާއިނާތު ކައިރީގައި ހުރުމަށް ބުނެފައި ވިދާދު އެތަނުން އޮފީހަށް ދިޔައެވެ.
*********************
"45 މިނެޓް އެމީހުންނަށް މަޑުކޮށްނުލެވުނު."ވިދާދު ހިތްހަމަ ނުޖެހިފައި މިރުފާނަށް ބުންޏެވެ.
"އޭރުވެސް އަހަރެން ބުނިންދޯ، މިއީ ތިބުނާހާ ފައްސޭހަން ނިމޭނެ ކަމެއް ނޫނޭ، އެމީހުން އެއީ ވަރަށް ގޮތުގަ ތިބި ބައެއް، ދެން ޖެހޭނީ އަހަރުމެންގެ ޓީމް އެތަނަށް ދާން." މިރުފާން ހިމޭން ރާގެއްގައި ބުންޏެވެ.
"މިވަގުތު ތިކަމަށް ވިސްނޭކަށް ނެތް، މިރުފާނަށް ފެންނަ ގޮތަކަށް ނިންމާ، އެމީހުންނާއެކީގަ މަސައްކަތެއް ފަށަން ފޫހިވެސް ވެއްޖެ." ސޯފާ އަށް ވެއްޓި ގަންނަމުން ވިދާދު ބުންޏެވެ.
ވިދާދުގެ މޫނުން ކަންބޮޑުވުމާއި ހާސްކަން ފެންނަމުން ދިޔައެވެ. މިއަދު މުހިއްމުކޮށް ބާއްވަން އުޅުނު މީޓިން ނުބޭއްވުމުން އެކަމާ ވެސް ކަންބޮޑު ވަމުން ދިޔައެވެ. އަނެއްކޮޅުން ކާއިނާތާ ދޭތެރޭގައި ވިސްނެމުން ދިޔައެެވެ. ކުއްލިޔަކަށް އެދިމާވި ހާދިސާ އަކީ އެހާ ފަސޭހާން ހަނދާނުން ފިލުވާލެވޭނެ ކަމެއް ނޫންކަން އެނގޭތީއެވެ. ވިދާދަށް ކާއިނާތު ދަސްވެފައި ނެތަސް ދެމީހުންގެ ހިތުގައި ވަނީ އެއްޝަކުވާ އެކެވެ. އެއް ރިހުމެކަން އޭނާ އަށް އެނގެއެވެ.
"ކީއްވެ ލަސްވީ؟ ކޮންތާކުން ތިއައީ؟ އަނެއްކާ ކާއިނާތު ދިޔަތަނެއް ވެސް ނޭނގޭ ބުނެވެސް ނުލާ ދިޔައީ، ފޯނެއް ވެސް ނުނަގާ." މިރުފާން ވެސް ސޯފާގައި އިށީންނަމުން ކަނބޮޑުވުމާއި އެކީގައި ބުންޏެވެ.
"ކާއިނާ ވީ ހޮސްޕިޓަލްގަ، އަހަރެން ފޮނުވި މެސެޖް ރަނގަޅަށް ނުކިޔަންދޯ؟ ކާއިނާގެ ބައްޕަ ނިޔާވީ."ވިދާދު ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ. މިރުފާން ވިދާދަށް ބަލާލިއެވެ.
"إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ."މިރުފާނަށް ބުނެވުނެވެ.
މިރުފާން ވެސް ކަނބޮޑުވުމާއި އެކީގައި އިންދެވުނެވެ. ވިދާދު ތެދުވެ ހޮސްޕިޓަލަށް ދަނީ ކަމުގައި ބުނެ ހިނގައިގަތެވެ. މިރުފާން ވެސް ވިދާދާ އެކީގައި ދާން ތެދުވިއެވެ. ވިދާދު ކެބިނުން ބޭރަށް ނިކުމެ ކާއިނާތުގެ ބައްޕަ ނިޔާވި ވާހަކަ އެނގިއެވެ. އަދި މިއަދު އަވަހަށް އޮފީސް ނިންމުމަށް ބުނެ ކާއިނާތުގެ މޭޒު ކައިރިޔަށް ހުއްޓި ލިއެވެ. މޭޒު މަތިން ކާއިނާތުގެ ދަބަސްނަގައި ގޮނޑި ކައިރިޔަށް ވެއްޓިފައި އޮތް ފޯނު ނެގިއެވެ. އެމަންޒަރު ބަލަން ނޭނގޭ ކަމަށް ހަދާފައި ބައެއް ކުދިން ތިއްބެވެ. ކާއިނާތަށް ޓަކާ އެމީހުންގެ ބޮސް ކޮށްދެމުން ދާކަންތައް ފެނިފައި ބައެއް ކުދިންގެ ހިތުގައި ހަސަދަ ވެރިކަން އުފެދެމުން ދިޔައެވެ. ސަހަރާ އަށް އޮފީސް ހުރިހާ އެންމެން ދިއުމަށް ބުނެފައި ވިދާދު އާއި މިރުފާން އެތަނުން ދިޔައެވެ.
ކާރަށް އަރަމުން ވިދާދު ޒައިބާ އަށް ގުޅައި ހޮސްޕިޓަލުގައި ހިނގަމުންދާ ކަންތަކުގެ ވާހަކަ އެހިއެވެ. ޒައިބާ ކިޔާދިނުމުން ވިދާދު އަވަސް އަވަހަށް ކާރަށް އެރިއެވެ. އަދި މިރުފާނަށް ސަހަރާ ކައިރިޔަށް ފޭބުމަށް އެނގިއެވެ.
"އިރުކޮޅަކުން އެނބިއުލަސް މިތަނަށް އަންނާނެ، އަހަރެން މިދަނީ ކާއިނާ ކާރިޔަށް،ޒައިބާ ބުނީ ކާއިނާގެ ހާލު ވަރަށް ގޯސްކަމަށް."ވިދާދު ސަހަރާ ކައިރިޔަށް ކާރު މަޑުކުރަމުން ބުންޏެވެ. އޭރުވެސް ވާރޭ ބޯކޮށް ވެހެމުން ދިޔައެވެ. މިރުފާން ކާރުން ފައިބަމުން ފިރާޒަށް ގުޅާފައި ވެގެން އުޅޭ ގޮތް ކިޔާދިނެވެ. އަދި އެތަނަށް އައުމަށް އެނދުނެވެ.
ވިދާދު ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. ވިދާދުގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ކާއިނާތުގެ ބައްޕަ ނިޔާވުން އެއީ އޭނާއަށް ވެސް އަސަރު ކުރުވި ކަމަކަށް ވިއެވެ. އެމެޖެންސީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެތަނުގައި ތިބި ގިނަ ޑޮކްޓަރުނަށް ވިދާދު އެއީ ކާކުކަން ރަނގަޅަށް އެނގެއެވެ. އަދަބުވެރި ކަމާއި އެކީގައި ވިދާދަށް އިޙްތިރާމް އަދާކުރަމުން ދިޔައެވެ.
ޒައިބާ ކާއިނާތުގެ ކައިރީގައި އިށީނދެގެން އިނެވެ. ކާއިނާތުގެ ހާލު ބޮޑުކަމަށް ބުނުމުން ވިދާދު ކަނބޮޑު ވިއެވެ. ވިދާދު ކާއިނާތު އޮތް އެނދު ކައިރިޔަށް މަޑުކޮށް ލަމުން ކާއިނާތުގެ މޫނަށް ބަލާލިއެވެ. އެރީތި ދޮން މޫނު މިވީ ކުޑަ ވަގުތު ކޮޅުތެރޭ މިލާ މޯޅި ވެއްޖެއެވެ. ވިދާދު އެނދު ކައިރީގައި އިށީނެވެ. ޒައިބާ ވިދާދު ފެނުމުން އަވަސް އަވަހަށް އެތަނުން ތެދުވިއެވެ. ވިދާދު ކާއިނާތުގެ އަތުގައި ހިފާލިއެވެ. ވިދާދު އެގެނާ ހަރަކާތަކީ އޭނާ އަށް ބޭއިޙްތިޔާރުގައި ގެނެވުނު ހަރަކާތެއް ކަމެއް ހުދު ވިދާދަކަށް ވެސް ނޭނގުނެވެ.
ވިދާދު ކާއިނާތުގެ އަތުގައި ހިފާލުމުން ޒައިބާ އަށް ޙައިރާން ކަމެއް ލިބުނެވެ. ވިދާދަށް ކާއިނާތު އެހާ މުހިއްމުވި ސަބަބެއް ޒައިބާ އަކަށް ނުވިސްނުނެވެ. ޙައިރާން ކަމާއި އެކީގައި ޒައިބާ ވިދާދަށް ބަލަމުން ދިޔައެވެ. އެރޭގެ އެހާދިސާ އަކީ ހަމައެކަނި ސަމާސާ އެއް ކަމަށް ޒައިބާ ހީކުރިއެވެ. ޒައިބާ އަށް ވިދާދު އެއީ ކާކުކަން ނުބުނުމަށް އެނގި އެނގުމާއި ދޭތެރޭ ގައި ވިސްނާލަން ޒައިބާ އަށް މަޖުބޫރު ވިއެވެ. ވިދާދުގެ ދެލޯ ފެންކަޅި ވަމުން ދިޔަކަން ޒައިބާ އަށް އެނގުނެވެ. ޑޮކްޓަރު ކާއިނާތު އޮތް އެނދު ކައިރިޔަށް އައުމުން ވެސް ވިދާދު އިންގޮތައް ކާއިނާތުގެ މޫނަށް ބަލަމުން ދިޔައީ އެވެ.
"ހޭ ނާރާ އެހާލަސްވަނީ ކީއްވެގެން؟"ވިދާދު އިންގޮތައް އިނދެ ސުވާލު ކޮށްލިއެވެ.
"މާގިނަ އިރެއް ނުވާނެ."އެހެން ބުނެފައި ގުޅާފައިވާ އައިވީ ނައްޓާލަން ނަރުސް ކުއްޖާ އަށް ބުންޏެވެ. ޑޮކްޓަރު ދިއުމުން ވިދާދު ޒައިބާ އަށް ބަލާލިއެވެ.
"ކާއިނާ ގެ އާއިލާގަ އިތުރު ބަޔަކު ނޫޅޭތަ؟"ވިދާދު ސުވާލު ކޮށްލިއެވެ.
ޒައިބާ އަށް ވެސް ކާއިނާތުގެ އާއިލާ އާއި ބެހޭ މާބޮޑު މައުލޫމާތެއް ނޭނގޭ ކަމުގައި ބުންޏެވެ. ކާއިނާތު ވަރުބަލި ގޮތަކަށް ބައްޕަ އަށް ގޮވާލިއެވެ. ދެ ލޯ މެރިފައި ވީކަމުގައި ވިޔަސް ކަރުނަ އަންނަމުން ދިޔައެވެ. ވިދާދު ޓިޝޫ އަކުން ކަރުނަ ފުހެލަ ދިނެވެ. ވަރުބަލި ގޮތަކަށް ލޯހުޅުވާ ލިއެވެ. ޒައިބާ އަށް ބަލާލަމުން އަނެއްކާ ވެސް ލޯ މަރާ ލިއެވެ. ކައިރީގައި ވިދާދު އިންކަމެއް ނޭނގޭ ކަހަލައެވެ.
"އަހަރެން ބޭރުގަ މިހިރީ ކާއިނާ ހޭއެރުމުން ގޮވަގެން އާދޭ." މަޑުމަޑުން ޒައިބާ އަށް އިވޭ ވަރަށް ވިދާދު ބުންޏެވެ.
ކާއިނާތުގެ ބައްޕަގެ މަސްގަނޑު ސަހަރާ އަށް ގެންގޮސް ހިނެވުމުގެ ކަންތައް ކުރިޔަށް ދިޔައެވެ. ގާތް ތިމާގެ މީހުންނާ ދެކެފަރިތަ ރައްޓެހިން މަޑުމަޑުން އަންނަމުން ދިޔައެވެ. ކާއިނާތު އާއި ބެހޭގޮތުން ކޮންމެ މީހަކު ވެސް ސުވާލު ކުރަމުން ދިޔައެވެ. އެތަނުގައި ފެންނަން ނެތުމުން ނެވެ. މިރުފާން އެސުވާލު ތަކަށް ފުރިހަމަޔަށް ޖަވާބުދާރީ ވަމުން ދިޔައެވެ. މިރުފާން އެމަސައްކަތުގައި އުޅޭތަން ފެނުމުން ގިނަމީހުން މިރުފާން އެއީ ކާއިނާތު އިންނަން އުޅޭ ކުއްޖާތޯ ސުވާލު ކުރުމުން އެކުއްޖާ ވީ ކާއިނާތުގެ ކައިރީގައި ހޮސްޕިޓަލުގައި ކަމުގައި ބުނެ ޖަވާބު ދެމުން ދިޔައެވެ.
"އޮފް ކޮން ކަހަލަ އާއިލާ އެއް؟ ވާހަކަ ހޯދުން ވާހަކަ ފެތުރުން." މަޑުމަޑުން މިރުފާން ފިރާޒަށް ބުންޏެވެ.
"އެކަމަކު ކާއިނާ ކިހާ ރަނގަޅު."ފިރާޒް ކާއިނާތަށް ތައުރީފް ކުރިއެވެ.
"އެހެންވެތާ ވިދާދު އެހެރަ ދީވާނާ ވަނީ."މިރުފާން ކަނބޮޑުވުން ފާޅު ކުރިއެވެ.
ވިދާދުގެ ކާރު ސަހަރާ ކައިރިޔަށް މަޑުކުރުމުން ޒައިބާ ކާއިނާތު ގޮވައިގެން ކާރުން ފޭބިއެވެ. ކާއިނާތުގެ ގައިގައި ހިނގާފައިދާނެހާ ވަރު ވެސް ނެތި ވަރުބަލި ގޮތަކަށް ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އާއިލާގެ މީހުން ކާއިނާތު ވަށާލިއެވެ. އަދި ހަމްދަރުދީގެ ބަސްތަކާއި ބައްޕަ ނިޔާވެ ދިއުމުން އެކަމަށް އަސަރު ކުރި ވާހަކަ ބުނަމުން ދިޔައެވެ. ކާއިނާތު އެމީހުން ފެނުމުން ކުރިޔަށް ވުރެން ބޮޑަށް އަސަރު ކޮށް ގިސްލާ ރޮމުން ދިޔައެވެ. ހަރުވަރުގެ މީހުން ކާއިނާތަށް ރުއިން މަނާކޮށް އެއީ ކޮށްގެންވާނޭ ކަމެއް ނޫން ކަމުގައި ބުނަމުން ނަސޭހަތް ތެރި ވަމުން ދިޔައެވެ.
ކާރު ޕާކު ކުރުމަށް ފަހު ވިދާދު ސަހަރާ ތެރެ އަށް ވަދެގެން ދިޔައެވެ. ވިދާދު ފެނުމުން އެންމެހެން ދުރަށް ޖެހިލާ ވިދާދަށް އަދަބުވެރި ކަމާއި އެކީގައި ތަން ދައްކަމުން ދިޔައެވެ. ޒައިބާ ކާއިނާތު ގޮވައިގެން އަންހެން ވެރިން ތިބި ދިމާލުގައި އިނެވެ. ވިދާދު ހަލީލުގެ މޫނު ބަލާލާފައި އެތަނުން މިރުފާން މެން ކައިރިޔަށް ދިޔައެވެ.
"އެއީ މިނިސްޓަރެއް، އެކަނި ވަޑާގެން އެހުންނެވީ؟"އެތަނުން ހަރުވަރެއްގެ މީހަކު ބުނެލިއެވެ.
"ނޫނޭ ދޮރު މަތީގަ އެބަތިބި ބޮޑީގާޑުން."އެހެން މީހަކު ބުނެލިއެވެ.
"ހަލީލު އެއީ އެހާ މަތީ މީހެއްތަ؟"އެހެން މީހަކު ސުވާލު ކޮށްލިއެވެ.
އެތަނުގައި ދެކެވެން ފެށި ވާހަކަ ތައް ވިދާދު މެންނަށް ވެސް އިވެމުން ދިޔައެވެ. އެކަމަކު އެވާހަކަ ތަކަށް ޖަވާބު ދިނުމަށް ވުރެން ބޮޑަށް ވިދާދަށް ވިސްނެމުން ދިޔައީ ކާއިނާތުގެ ހާލާއި މެދުގައެވެ. މިރުފާން އެތަނުގައި ދެކެވެމުން ދިޔަ ވާހަކަ ހުއްޓުވާލަން އިތުރަށް މިރުފާން މެން ރައްޓެހި ދެތިން މެންބަރުންނާ ގާތް ކޮށް އުޅޭ މިނިސްޓަރުން ކޮޅަކަށް ގުޅާލިއެވެ. އަދި ކުޑަ ވަގުތު ކޮޅަކަށް ސަހަރާއަށް އައިސް ދިނުމަށް އެނދުނެވެ. އެގޮތައް ކަންތައް ކުރީ ހަމަ އެކަނި ވިދާދު އެތާ ހުރުމުން ދައްކަފާނެ ނޭދެވޭ ވާހަކަ އަކަށް ވިސްނާފައެވެ.
"ކޮއްކޯ މިނިސްޓަރުން މިދުރުވަނީ ހަލީލު އުޅުވަނީ ސަރުކާތުގަ މަތީ ވަޒީފާގެ ތޯ؟"އެތަނުން މީހަކު އައިސް ފިރާޒް ކުރެން އަހާލިއެވެ.
"ނޫން... ކާއިނާތު އުޅުއްވަނީ އަޅުގަނޑުމެން އޮފީހުގަ، އަޅުގަނޑުމެން ގެ ބޮސްގެ ސެކެޓްރީ، އެހެންވެ ބޮސް މިތަނަށް ވަޑާގެންނެވީ."ފިރާޒް މަޑުމަޑުން ބުނެލިއެވެ.
"އޯޙް... ހީކުރީ އެމަންޖެ އިންނަން އުޅޭ ކުއްޖާ ކަމަށް."އެހެން މީހަކު ބުންޏެވެ.
"ނޫން، އެއީ އަޅުގަނޑުމެން ގެ ބޮސް، ކޮންމެ މުވަޒަފެއްގެ އާއިލާ އަށް ދިމާވާ ހިތާމާގައިބައިވެރި ވެލައްވާނެ، ވަރަށް ހިތްހެޔޮ ބޭފުޅެއް."ފިރާޒް ހީލަމުން ވަރަށް ފުރިހަމަ އަށް ޖަވާބު ދިނެވެ.
ހަލީލު ވަޅުލުމުގެ ކަންތައް ނިމުމަށްފަހު އެންމެން ހެން އެތަނުން ގޮސް ނިމިއްޖެއެވެ. އަދިވެސް ގޮނޑީގައި އިށީންދެގެން ކާއިނާތު އިނީއެވެ. ޒައިބާ އެތަނުން ކާއިނާތު ގެންދަން މަސައްކަތް ކުރަމުން ދިޔައެވެ. ގަދަ ދައްކާފައި އެތަނުން ނުދާ ކާއިނާތު އިނީއެވެ. ވިދާދު މަޑުމަޑުން އެތެރެއަށް ވަނުމުން ޒައިބާ އެތަނުން ނިކުތެވެ. ވިދާދު ކާއިނާތު އިން ގޮނޑިޔާ ޖެހިގެން އިށީނެވެ.
"ބައްޕަ އަށްޓަކާ ރޮއި ހިތާމަ ކުރީމަ ކަމަކު ނުދާނެ، ބައްޕަ އަށްޓަކާ ހެޔޮދުޢާ ކުރޭ، މިވަގުތު ކޮންމެ މީހަކު ބުނާ އެއްޗަކީ ރަނގަޅު އެއްޗަކަށް ނުވެދާނެ، އެކަމަކު ހިތް އެދޭހާ ކަމެެއް ނުވާނެކަން ގަބޫލު ކުރަން ޖެހޭނެ، ތިހިތަށް ކުރާ އަސަރު އެއްވެސް މީހަކަށް އިޙްސާސެއް ނުކުރެވޭނެ، އެފަދަ ކަމެއް ތިމާގެ އަމިއްލަ ދިރިއުޅުމަށް ނާންނަހާ ހިނދަކު، ދުލުން ބުނެލަން ވަރަށް ފަސޭހަ ވާނެ، އެކަމަކު އަމަލުން ދައްކަން އުނދަގޫ ވާނެ."ވިދާދު މަޑުމަޑުން ބުނެލިއެވެ.
"އަހަރެން ގެ ބައްޕަ ނޫން މީހަކު ނެތް، އަހަރެން މިތަނުން ދާނީ ވަކި ކޮންތާކަށް؟ ކާކު ކާރިޔަށް؟ އަހަރެން ބައްޕަ އާ އެކީ ދާން ބޭނުން."ގިސްލަމުން ކާއިނާތު ބުންޏެވެ.
"ވަގުތަކީ ކަނޑައެޅިފަވާ އެއްޗެއް، ވަގުތު ނުޖެހެނީސް ކިހިނެތް ދާނީ؟ ތެދުވެ ގެޔަށް ހިނގާ، މިހިސާބުން ދިރިއުޅުން ނިމުނީކީ ނޫން."ވިދާދު ކާއިނާތުގެ އަތުގައި ހިފާލަމުން ބުންޏެވެ.
ކާއިނާތު ވިދާދަށް ބަލާލިއެވެ. މިވަގުތު އޭނަޔަށް އިރުފާން ގެ ބޭނުން ޖެހުނު ވަގުތު އޭނަ ޔަށް އެހީވާން އައީ އެނުދަންނަ އިންސާނާއެވެ. އެއީ ކާކު ހެއްޔެވެ. މީގެ މަހެއްހާ ދުވަސް ކުރިން ދިމާވި މީހެކެވެ. އެދެމީހުން ދޭތެރޭގައި އޮންނަނީ ހަމައެކަނި ދެކެފަރިތަ ކަމުގެ ގުޅުމެކެވެ. އޭނަޔަށް އެހީވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. ކާއިނާތު އަތް ދަމައިގަތެވެ. އަދި އެތަނުން ތެދުވެ ނިކުންނަ ދޮރާއި ދިމާއަށް ދިޔައެވެ. އޭރުވެސް ކާއިނާތުގެ ކޮނޑުގައި ވިދާދުގެ ކޯޓު އޮތެވެ. ތަންކޮޅަކަށް ގޮސްފައި ކާއިނާތަށް އެކަން އިޙްސާސް ކުރެވުމުން ފަސް އެނބުރި ވިދާދަށް ބަލާލިއެވެ. އޭރު ފަހަތުން މަޑުމަޑުން ވިދާދު އާދެއެވެ. ކާއިނާތު ކޯޓު ބާލާފައި ވިދާދަށް ދިއްކޮށްލިއެވެ. ވިދާދު އޭގައި ހިފައި އަނެއްކާ ވެސް ކާއިނާތުގެ ގައިގައި އަޅުވާލިއެވެ.
"ގެޔަށް ދެވެންދެން ބާއްވާ، ލައިގެން ހުރި ހެނދުން ވަރަށް ތުނި."ވިދާދު ކާއިނާތުގެ މޫނަށް ބަލާލަމުން ބުންޏެވެ.
އޭނަ އެބުނީ ތެދެކަން ކާއިނާތު ގަބޫލު ކުރެއެވެ. މިއަދު ރީތި ވެގެން އޭނަ ޔަށް ލައިގެން އާދެވުނީ ތުނި ހެދު މެކެވެ. ފަހަރެއްގައި ވެސް އެފަދަ ގޮތަކަށް ކަންތައް ދިމާ ވެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ގެޔަށް ދާން ކާއިނާތު ނިކުމެ ޓެކްސީ އަކަށް އަތް ނެގިއެވެ. އެވަގުތު ކާއިނާތުގެ ކައިރިޔަށް ހުއްޓިލަމުން ވިދާދު ކާއިނާތު ގެޔަށް ލާދޭނޭ ކަމަށް ބުނުމުން ފުރަތަމަ އެކަމަށް އިންކާރު ކުރިއެވެ.
"އަދިވެސް އުޑުމަތި ވަރަށް ބަނަ، ކޮންމެ ވަގުތެއްގައި ވެސް ވާރޭ ވިހިދާނެ، މިއަދު ޓެކްސީ ހޯދުމަކީ އުނދަގޫ ކަމެއް، އަހަރެން ގެޔަށް ލާދޭނަން." ވިދާދު ވަރަށް މަޑުމަޑުން ބުނުމުން ކާއިނާތު ވެސް އެކަން ގަބޫލުކޮށް ވިދާދު އާއި އެކީގައި ގޮސް ކާރަށް އެރިއެވެ. ވިދާދުގެ އެހީތެރިކަން އޭނަޔަށް މިއަދު ލިބުނީ ﷲ ދެއްވި ރަހުމަތެއްގެ ގޮތުގައެވެ. އެހެން ނޫނަމަ މިއަދު އޭނަ އެހުރިހާ ކަމެއް ކުރާނީ ކިހިނެއް ހެއްޔެވެ.
"ވަރަށް ބޮޑަށް ސޮރީ، އަހަރެން ގެ ސަބަބުން ތީނަ ގެ ބޮސް ރުޅި ދުރުވާނެ، އަހަރެން ތީނަގެ ބޮސް ކިބާން މާފަށް އެދޭނަން."ކައިނާތު ކުރިޔަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
"އޯކޭ ވާނެ، އަހަރެން ގެ ބޮސް އަކީ ވަރަށް ނައިސް މީހެއް."ވިދާދު ހިމޭން ރާގެއްގައި ބުންޏެވެ.
ވިދާދު ބޭނުންވީ ކާއިނާތާ ވަރަށް ގިނަ ވާހަކަ ދައްކާށެވެ. އެކަމަކު ހިތަށް އަރާހާ ކަމެއް ނުވާނެކަން އެނގެއެވެ. މިވަގުތު މަޖުބޫރުން ނަމަވެސް އޭނަގެ ކާރަށް ކާއިނާތު އެރުން އެއީ ލިބުނު ނަސީބެއް ކަމަށް ދެކުނެވެ. ހިމޭން ކަމާއި އެކީގައި ކާރު ދުއްވަމުން ދިޔައެވެ.
ކާއިނާތު ވެސް އިނީ ކުޑަކޮށް ޖެހިލުން ވެފައެވެ. ވިދާދާ ދިމާވި ދެ ފަހަރު ވެސް އެ ދެމީހުންގެ ދޭތެރޭގައި ވަނީ ދެބަސް ވުން އުފެދި ފައެވެ. ރުޅި އައިސްގެން ކާއިނާތު ވަނީ ވިދާދު ފޮލިހުންނާވެސް ހަވާލު ކޮށްފައެވެ. އެހުރިހާ ކަމެއް އެގޮތަށް އޮށްވާ ވެސް މިއަދު އޭނަޔަށް އެއިންސާނާ އެހީވެއްޖެއެވެ. އޭނަގެ ވަޒީފާ އަށް ބެލުމެއްނެތި މިނިސްޓަރެއްގެ ކާރަށް އަރުވައިގެން އޭނާ ބޭނުންވާ މަންޒިލަށް ގެންގޮސް ވެސް ދިނީއެވެ. މިއީ ނަފުރަތު ހައްގު މީހެއް ކަމަކަށް ކާއިނާތު ނުދެކެއެވެ. ކޮންމެ މީހަކު ވެސް ޒުވާން އުމުރުގައި އެކަހަލަ ކުދިކުދި ގޯނާ ކުރާނެކަން ކާއިނާތު ގަބޫލުކުރިއެވެ. އެރޭ އޭނަގެ ހަރަކާތުން ވިދާދު ވެސް ޖެއްސުން ކޮށްލީއެވެ.
**************************
ކާއިނާތު އޮފީހަށް ނާންނަތާ ހަފްތާ އެއް ފާއިތު ވެގެން ދިޔައީއެވެ. ވިދާދު ވެސް ކާއިނާތަށްދިމާވި ހާދިސާން ނިކުމެވެން ވަގުތު ނަގާނޭ ކަމުގައި މިރުފާނަށް ބުނެ ކާއިނާތުގެ ޙަބަރު ބަލަން ބުންޏެވެ. ވިދާދު މިހާރު ކެފޭ އަށް ދަނީވެސް ކާއިނާތު އެތަނަށް އަތުވެދާނޭ ކަމުގެ އުންމީދުގައެވެ. ކާއިނާތު ނުފެނި އުޅެން ވިދާދަށް މިހާރު ވަނީ އުނދަގު ލަކަށް ވެފައެވެ. އެހެންނާ އޮފީހުން ކޮންމެ ވެސް ގޮތަކުން ކާއިނާތު ފެންނާނެ އެވެ. މަދުވެގެން ދުވާލަކު ދެތިން ފަހަރު ފެނިލައެވެ. މިހާރު ހަފްތާއެއް ފާއިތު ވެގެން ދިޔައިރު ވެސް ކާއިނާތު ފެނި ނުލުމުން ވިދާދުގެ ހިތަށް ތަދުވާން ފެށިއެވެ.
"ކާއިނާ މިހާރު ކިހިނެއް؟"ވިދާދު ޒައިބާ އާއި ސުވާލު ކޮށްލިއެވެ.
"އަޅުގަނޑާ ދިމާ ނުވާތާ ދެތިން ދުވަސް ވެއްޖެ."ޒައިބާ ބުންޏެވެ. ވިދާދު ޒައިބާ އަށް ބަލާލިއެވެ.
"ކީއްވެ؟ޒައިބާ އެގެޔަށް ނުދަންތަ؟"ވިދާދު އަހާލިއެވެ.
"ނޫން.. މީގެ 2 ދުވަސް ކުރިން ވެސް ދިޔާން، އެކަމަކު ކާއިނާ ގެޔަކު ނޫޅޭ، ފޯނު ކުރީމައި ފޯނެއް ވެސް ނުނަގާ، މިހާރު އޮތީ ފޯނު ވެސް ނިންވާލާފަ."ޒައިބާ މަޑުމަޑުން ބުންޏެވެ.
"ކީއްވެ ކުރިން ތި ވާހަކަ ނުބުނީ؟"ވިދާދު ހިންހަމަ ނުޖެހުން ފާޅު ކުރިއެވެ.
"އަސްލު ބުނަން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން، ކާއިނާ އެއީ އަޅުގަނޑުގެ ރައްޓެއްސެއް." ޖެހިލުންވެ ހުރެ ޒައިބާ ބުންޏެވެ.
"ރައްޓެއް ސަކަށް ވީމަތަ ހާލު ބަލަން ޖެހޭނީ؟" ވިދާދު ސުވާލު ކޮށްލިއެވެ.
"ކާއިނާ އުޅެނީ ކުއްޖަކާ ރައްޓެހި ވެގެން."ޒައިބާ އަވަސް އަވަހަށް ބުންޏެވެ.
ވިދާދު ހިނިތުން ވެލިއެވެ. ޒައިބާ ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލާލިއެވެ. ކާއިނާތުރައްޓެހި ވެގެން އުޅޭ ކުއްޖާ ކޮބައިތޯ ވިދާދު ސުވާލު ކޮށްލިއެވެ. ކާއިނާތަށް އޭނަ އެންމެ ބޭނުން ވިވަގުތު ކޮބައިތޯ އަހާލިއެވެ. އެފަދަ ދަނޑިވަޅެއްގައި ކާއިނާތުގެ ކަރީގައި ހުންނަން ޖެހުނު އިރު ވީކޮންތާކުތޯ ސުވާލު ކުރިއެވެ. ލޯބިވެއޭ ބުނުމުން ފުދުނީ ނޫން ކަމުގައި ވިދާދު ޒައިބާ އަށް ބުންޏެވެ. ލޯތްބަކީ ކޮންމެހެން ދުލުން ބުނަން ޖެހޭ ޖުމްލައެއް ނޫން ކަމާއި އެއީ އަމަލުން އެކަން ދައްކަން ޖެހޭނޭ ކަމެއް ކަމުގައި ބުނެ އެތަނުން ނިކުމެގެން ދިޔައެވެ.
ޒައިބާ އަށް ވިދާދު ކާއިނާތު ދެކެ ލޯބިވާ ކަން ޔަގީން ކުރެވުނުވެ. އެކަމަކުު އެކަން އެވީ ކިހިނެއް ބާއޭ ޒައިބާ ހިތަށް އަރަމުން ދިޔައެވެ. ކާއިނާތާ ވިދާދު ދިމާވި ދުވަހުން ފަށާގެން ވެސް ކާއިނާތު ވިދާދު ދެކެ ރުޅި އަންނަކަން ޒައިބާ އަށް އެނގެއެވެ. އެ ދެމީހުން ދޭތެރޭ ގައި ދިމާވީ ކޮން މައްސަލައެއް ކަމެއް ޒައިބާ އަކަށް ނޭނގެއެވެ. އަހަން ޖެހިލުން ވެފައި ހުރީއެވެ. އެކަމަކު މިއަދު ވިދާދުގެ އަމަލު ތަކުން ވިދާދު ކާއިނާތު ދެކެ އިންތިހާ އަށް ލޯބިވާ ކަން ހާމަ ކޮށްދީފިއެވެ. ޒައިބާ އަށް ލިބުނު ޙައިރާން ކަމުން ބުނާނޭ އެއްޗެއް ނޭނގިފައި ކައުންޓަރު ކައިރީގައި ހުރި ގޮނޑިމައްޗަށް ވެއްޓި ގަނެވުނެވެ.
އަދި ނުނިމޭ
ކޮމެންޓް