އަވަށްޓެރި ތިން ގައުމުގައި ސިޔާސީ ހަމަނުޖެހުން

އަވަށްޓެރި ގައުމުތަކުގައި ކުރި މުޒާހަރާތައް

ދިވެހިރާއްޖެއާ އަވަށްޓެރި ތިން ގައުމު ކަމަށްވާ ބަންގްލަދޭޝް، ސްރީލަންކާ އަދި ޕާކިސްތާނުގެ ސިޔާސީ މާހައުލަށް އާދަޔާ ހިލާފު ބަދަލުތަކެއް ވަނީ އައިސްފައެވެ. ސިޔާސީ ފަރާތްތައް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލުމާއި، ވެރިކަން ކުރާ ސަރުކާރުތަކާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް އެގައުމުތަކުގައި އަންނަނީ ކުރަމުންނެވެ. މި މުޒާހަރާތައް މައިތިރި ކުރުމަށް ކުރާ މަސައްކަތް ގިނަ ފަހަރު ހަމަނުޖެހުމަށް ބަދަލުވެ، އެތައް ބަޔަކު މަރުވެ، ޒަޚަމްވެފައިވެއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވެއެވެ. ދެކުނު އޭޝިއާގެ މި ތިން ގައުމުގައި މިހާތަނަށް ހިނގާފައިވާ ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.

ބަންގްލަދޭޝް: ސަރުކާރާ ދެކޮޅު މުޒާހަރާތަކާއި ހަސީނާ އިސްތިއުފާ ދިނުމާއި އާ އިންތިގާލީ ސަރުކާރެއް އެކުލަވާލުން

ބަންގްލަދޭޝްގައި ސިޔާސީ ހަލަބޮލިކަމެއް އުފެދުނީ ސިވިލް ސަރވިސްގެ ވަޒީފާގެ ކޯޓާއާ ދެކޮޅަށް ދަރިވަރުން މިދިޔަ މަހު މުޒާހަރާކުރަން ފެށުމުންނެވެ. މުޒާހަރާކުރި ދަރިވަރުންގެ ކަންބޮޑުވުމަކީ، 1971 ވަނަ އަހަރު ބަންގްލަދޭޝް، ޕާކިސްތާނުން މިނިވަންވުމުގެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ އާއިލާގެ މެމްބަރުންނަށް 30 އިންސައްތަ ރިޒަވޭޝަން ދިނުމަށް ހިމެނޭތީއެވެ. ދަރިވަރުން ބުނަމުން ދިޔައީ ވަޒީފާތަކަށް މީހުން ނަގަން ގެންގުޅޭ އުސޫލަކީ ހަސީނާގެ ޕާޓީ، އަވާމީ ލީގަށް ތާއީދުކުރާ މީހުންނަށް ފައިދާ ހޯދައިދޭ ސްކީމެއް ކަމަށެވެ.

ޝައިޚް ހަސީނާ ބޮޑުވަޒީރުކަމުން ދުރުކުރުމަށް ކުރީ މުޒާހަރާތަކުގެ ހަކަތައަކަށްވީ، ހަސީނާގެ ހަރުކަށި އިގްތިސާދީ ސިޔާސަތާއި، ސިޔާސީ ގޮތުން ރައްޔިތުންނަށް ކުރި އަނިޔާއެވެ. އެތައް އަހަރެއްވަންދެން ހެދިބޮޑުވަމުން ދިޔަ، ބަންގްލަދޭޝްގެ އިގްތިސާދަށް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 450 ބިލިއަން ޑޮލަރު ގެއްލުންވެ، އިންފްލޭޝަން މަތިވެ، ވަޒީފާ ނެތް މީހުން ގިނަވެ، ގައުމުގެ  ރިޒާވް ދަށްވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ޝައިޚް ހަސީނާ އިސްތިއުފާ ދެއްވީ ހޯމަ ދުވަހު ( 5 އޮގަސްޓް 2024) އެވެ. މުޒާހަރާކުރާ މީހުން ހަސީނާގެ ރަސްމީ ގެކޮޅު ކައިރިއަށް އެއްވާން ފެށުމާ އެކު ހަސީނާ ފިއްލަވައިގެން ވަޑައިގަތެވެ. މީޑިއާ ރިޕޯޓްތައް ބުނިގޮތުން ހަސީނާ ވަޑައިގެންނެވީ އިންޑިޔާ އަށެވެ. އެއާ އެކު އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުމެ އުފާ ފާޅުކުރަން ފެށިއެވެ. ބަންގްލާދޭޝްގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވާކިރުއްޒަމާން ދައުލަތުގެ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ހަސީނާގެ އިސްތިއުފާ އިއުލާނުކުރައްވައި އަސްކަރިއްޔާއިން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރެއްވިއެވެ.

ހަސީނާ މިވަގުތު ހުންނެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ރައްކާތެރި ތަނެއްގައެވެ. އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވުމަށް އެކަމަނާ ވިސްނަވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން ވަނީ އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.

ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ އެގައުމުގެ ވަގުތީ ސަރުކާރުގެ ވެރިއެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހުވާކޮށްފައެވެ. އެ ސަރުކާރަކީ އިންތިހާބު ބޭއްވުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރެކެވެ.

ސްރީލަންކާ: މާލީ ގޮތުން ކުރިމަތި ދަތިތަކުގެ ސަބަބުން ބޮޑެތި މުޒާހަރާތަކެއް

 

ބޭރުގެ ދަރަނި ނުދެއްކޭ ހާލަތަށް އިގްތިސާދު ގޯސްވެ، ގައުމު ބަގުރޫޓްވެ، ފާއިތުވި 75 އަހަރުގެ ތެރޭގައި ސްރީލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާ، މެނޭޖު ކުރަން ސަރުކާރުގެ ވެރިން ނުކުޅެދުމުން، 2022 ވަނަ އަހަރުގެ މާޗް މަހު އެތައް ހާސް ބަޔަކު ސްރީލަންކާގެ މަގުތަކަށް ނުކުތެވެ. މުޒާހަރާތައް އިތުރަށް ހޫނުވީ އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އޮފީހުގެ ބޭރުގައި ސިޔާސީ އިސްލާހަށް މަގު ފަހިކުރުމަށާއި، ރައީސް މަގާމުން ދުރުކުރުމުގެ މަގްސަދުގައި ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް އާންމުން ފެށި މުޒާހަރާތަކާ ގުޅިގެން، ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން، ބޮޑުވަޒީރު ރަނިލްއާ ހަވާލުކުރެއްވުމަށް ފަހު، ގޯޓާބޭ، ޖުލައި 13 ،2022  ވަނަ ދުވަހު ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އަދި ޖުލައި 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ހުންނަވައި މަގާމުން އިސްތިއުފާ ދެއްވިކަން، އީމެއިލެއްގެ ޒަރީއާއިން ލަންކާގެ ޕާލަމެންޓަށް އެންގެވި އެވެ.

2022 ވަނަ އަހަރުގެ ޖުލައި މަހު ރަނިލް ވިކްރަމަސިންހަ އެ ގައުމުގެ ރައީސްކަމަށް ވަޑައިގަތެވެ. އާ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު، ލަންކާގެ މާލީ ހާލަތު ހަތަރު އަހަރު ތެރޭ ރަނގަޅުކުރުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ގާތްގަނޑަކަށް 2.9 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖުގެ ލޯނު އެއްބަސްވުމުގެ ދަށުން އައިއެމްއެފުން އެހީވިއެވެ.

2022 ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ސްރީލަންކާގެ ބަޖެޓުގައި، އައިއެމްއެފްގެ ބެއިލްއައުޓް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޑެފިސިޓް ކުޑަކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް ވަނީ ހިމަނާފައެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާއިން ވަނީ ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނަށް އެއްބާރުލުން ދޭނެ ކަމަށް އައިއެމްއެފްގައި ބުނެފަ އެވެ.

ހަމައެހެންމެ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ވަނީ ލަންކާގެ، ދެ އަހަރުގެ ދަރަނި މަޑުޖައްސާލުމަށް އެއްބަސްވެ، އައިއެމްއެފްގެ ލޯނު ހޯދުމަށް އެގައުމުން ކުރާ މަސައްކަތަށް ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ.

ހަމަނުޖެހުންތަކަށް ފަހު ސްރީލަންކާގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

ޕާކިސްތާން: އިމްރާން ޚާން މަގާމުން ދުރުކުރުމާއި ޖަލަށް ލުމާއި އިންތިހާބު

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިމްރާން ޚާން ވަނީ މަގާމުން ދުރުކޮށްފައެވެ. އޭނާ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ. ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިމްރާން މަގާމުން ދުރުކުރީ ގައުމީ މަޖިލީހުގައި، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. އޭނާ މަގާމުން ދުރުކުރުމުގެ ޒިންމާ އަސްކަރިއްޔާގެ މައްޗަށް ތުހުމަތު ކުރެއެވެ. ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކު ވެރިކަމުގެ ފުރިހަމަ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައި ނުވާއިރު، ގިނަ މީހުން ވަނީ ޖަލުގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޝެހްބާޒް ޝަރީފް ވަނީ އިންތިޚާބު ކޮށްފިއެވެ. 72 އަހަރުގެ ޝަރީފަކީ, ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ވާދަ ކޮށްފައިވާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީގެ އިސްވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. ޝަރީފް ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ, ޕީއެމްއެލް-އެންނާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އާ ދެމެދު ހަދާފައިވާ ކޯލިޝަނެއްގެ ދަށުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ބާއްވާ ގައުމީ އިންތިހާބާ ދިމާކޮށް އިމްރާން ޚާންގެ މައްޗަށް ހަތަރު މައްސަލައެއް ސާބިތުވެ، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އޭނާ ހުންނެވީ ޖަލުގައެވެ. ނަމަވެސް އިންތިހާބަށްފަހު އިމްރާންގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމެއް ވަނީ ބާތިލްކޮށްފަ އެވެ. އޭނާ ޖަލަށް ލީ ކޮރަޕްޝަނުން ފެށިގެން ދައުލަތުގެ ސިއްރުތައް ލީކުކުރުން ފަދަ އެތައް ތުހުމަތެއްގަ އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިމްރާން ބަންދުކުރުމާ ދެކޮޅަށް މިދިޔަ އަހަރު ކުރި ބޮޑެތި މުޒާހަރާތަކުގައި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ފަހަތުގައި އިމްރާނާއި އޭނާގެ ޕާޓީ ހިމެނޭ ކަމަށެވެ.

ފެބްރުއަރީ މަހު އޮތް އިންތިހާބުގައި، އިމްރާނަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނަށް އެންމެ ގިނަ ގޮނޑި ލިބުނު ނަމަވެސް ޕީއެމްއެލް-އެން އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވުމުން ޝަހްބާޒް ޝަރީފަށް ދެވަނަ ދައުރަކަށް ބޮޑުވަޒީރުކަމަށް އިންތިހާބުވުމުގެ ފުރުސަތު ލިބުނީއެވެ.

އިމްރާން ޚާން ޖަލަށްލުމުން ޕާކިސްތާނުގައި ސިޔާސީ ހަލަބޮލިކަން އިތުރުވެ، އިގްތިސާދީ ހީނަރުކަން ދިގުލައިގެން ގޮސް، މިދިޔަ މަހު އައިއެމްއެފްގެ ބެއިލްއައުޓް ވެސް ވަނީ ޕާކިސްތާނު ގޮސްފައެވެ.

މުރާސިލުން ބުނެފައި ވަނީ އިމްރާން މަގާމުން ދުރުކުރި ފަހުން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އައިއެމްއެފްގެ ވޭންދެނިވި ފިސްކަލް ކޮންސޮލިޑޭޝަން ޝަރުތުތައް ޕާކިސްތާނުގެ ސަރުކާރަށް ވަނީ ގަބޫލުކުރަން މަޖުބޫރުވެފައި ކަމަށެވެ.

ދިވެހިރާއްޖެއާ އަވަށްޓެރި ގައުމުތަކުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިޞާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ މައްޗަށް ފުންކޮށް ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ކުރަންޖެހޭ ކަމެކެވެ. އިގްތިޞާދީ ބަދަލުތައް ގެނެސް ޚަރަދުތައް ކުޑަކޮށް، އިގްތިޞާދު އިތުރަށް ގޯސްވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހެއެވެ. އެމަސައްކަތް އަދުގެ ސަރުކާރުން އެގެންދަވީ ކުރައްވަމުންނެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރުގައި، އިޤުތިޞާދު އޮތް ޙާލަތަކީ، ގައުމުގެ މިނިވަންކަންކަމުގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންވާ ހިސާބުގައި އޮތް ޙާލަތެއް ނޫންކަމަށެވެ. ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަމަށެވެ. އެމަނިކުފާނުގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒު ކުރަން ފަށައި، ފައިސާ ޗާޕްނުކޮށް ތަންފީޒު ކުރުމުގެ ތެރެއިން މިއަދުގެ ޙާލަތަކީ، ދެ މިލިއަން ޑޮލަރު ހުރި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް އެމަނިކުފާނު ވެރިކަމާ ހަވާލުވުމަށްފަހު 65 މިލިއަން ޑޮލަރު ޖަމާކޮށްފިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ، ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާކަމަށެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy