ހަޔާތު (ދެވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

އެކަމަކު މިއަދު އަރީޝާ އެހެރީ ވަރަށް އުފަލުން ނެވެ. އޭނަޔަށް އައިކައިވެނީގެ ދަޢުވަތު ހަޔާތުގެ ބޮލަށް ޖަހާފައެވެ. އެމުސްކުޅި މީހާ އާއި ހަޔާތު ދެވަން އޭނަ ކުޅެން ޖެހުނު ޑްރާ މާގިނައިރަކު ކުޅޭކަށް ވެސް ނުޖެހުނެވެ. ދެތިންފަހަރު ބައްޕަ އާއި މަންމަ ކައިރީގައި ރޮއި ގިސްލަމުން ހަޔާތު އޭނަޔަށް މަލާމަތް ކޮށް މީސްމީހުން ކައިރީގައި އެމީހާގެ ވާހަކަ ދައްކަނީ އޭ ކިޔާ ބުނުމުން ބައްޕަ އޭގެ ބަދަލު ހަޔާތު އަށް ދިނީއެވެ. ވަގުތު އެކައިވެނި ހަޔާތު އާއި ކުރުމަށް އެމީހާގެ އާއިލާ ކުރެން އެދުނީއެވެ. މިއަދު އަރީޝާ އެހެރީ ވަރަށް އުފަލުން ނެވެ. އަނެއްކޮޅުން ދޫމާ އަށް ކުރިމަތިވި ކަންތަކުގެ ސަޒާ ވެސް އަންނަނީ ހަމަ ހަޔާތު އަށެވެ. އެހެން ވީމައި އަރީޝާ އުފާނުވާންވީ ކީއްވެހެއްޔެވެ.

**************

އަދިވެސް މައުރޫފް އިނީ ތޮށިގަނޑު މަތީގައެވެ. ސިފައިނާ ފީނާ ކުދިން ހަޔާތު ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. މައުރޫފްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނަ ހަޔާތުހާސިލް ކުރުމަށްޓަކާ މިއަދާ ހަމަޔަށް އެއަންނަނީ މަސައްކަތް ކުރަމުން ނެވެ. ހަޔާތުގެ ބޮޑުބެގެ ޝަރުތަކީ 3 މިލިޔަން ރުފިޔާއެވެ. އެހޯދުމުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުން މައުރޫފް ދިޔައެވެ.

​ފީނާ ކުދިން ވަރުބަލި ވެގެން އެއްގަމަށް އެރިއެވެ. މައުރޫފް ކައިރީގައި އެކުދިން ވަރުބަލިކަމާއި އެކީގައި އިށީނެވެ. މައުރޫފްގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލިއެވެ.

​"މައުރޫފް... ހިތްވަރުކުރޭ...."އުންމީދު ކަނޑާލާފައި ބުނާކަހަލަ ރާގެއްގައި އެކުވެރި ހަސަން ބުނެލިއެވެ. މައުރޫފް އޭރުވެސް އިނީ ބާނިނަގަމުން ދާ ކަނޑާ ދިމާ އަށް ބަލާށެވެ. އުނޑުގައިވާ ހަނދުގެ ރިހިއަލި ކަނޑަށް އެޅިފައިވާ ރީތިމަންޒަރަކީ އަބަދުވެސް ހަޔާތު އާއި އެކީގައި އެތަނަށް އައިސް ބަލާ މަންޒަރެކެވެ. ކަރުނުން ފުރިފައިވާ ދެލޯ މަރާލަމުން ހަށިފުރާ ނޭވާއެއްލިއެވެ.

​އާބާދީ އާއި ދުރުން ރަށުގެ އަނެއްފަރާތުން މޫދުން ޒުވާނެއް ހޭނެތިފައި އޮތް ހަޔާތުގޮވައިގެން އެރިއެވެ. ޒުވާނާ ހަޔާތު ވެލިގަނޑުމަތީގައި ބޭއްވުމަށްފަހު ހަޔާތު އަށް ބަލާލިއެވެ. ރެއަކީ ހަނދުވަރު އެންމެފުރިހަމަޔަށް ދީފައިވާ ރެއެއްކަމުން ހަނދުގެ ރިހި އަލިން ހަޔާތުގެ ރީތި މޫނު ޒުވާނާ އަށް ފެނުނެވެ. ޒުވާނާ ދެތިންފަހަރު ހަޔާތުގެ ކޮލުގައި ޖަހާލިއެވެ. ހަޔާތުގެ އެއް ވެސް ހޭވެރިކަމެއް ނެތެވެ. ޒުވާނާ ބަލަން ބަލާކަށް ނުހުރެ މޫދަށް ގެނބުމުން ދޭންޖެހޭ ފަރުފާ ދިނެވެ. އިރުކޮޅެއްފަހުން ކޮށިއަރާ ކަހަލަ ގޮތަކަށް ކެއްސާލުމާއި އެކީގައި އެތެރެހަށީގައި ހުރި ލޮލުތައް ބޭރު ކޮށްލިއެވެ. ޒުވާނާ ފަރުވާތެރިކަމާއި އެކީގައި ހަޔާތުގެ ދޮންރީތި މޫނަށް ބަލާލިއެވެ. މަޑުމަޑުން ހަޔާތުގެ ކޮލުގައި ފިރުމާލިއެވެ. އެއާއި އެކީގައި ފިޔާތޮށިކުލަ އަރާ ތުނަފަތުގައި ބީހިލިއެވެ. ޒުވާނާ އިރުކޮޅަކު ހަޔާތުގެ ރީތި މޫނަށް ބަލަމުން ދިޔައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ޒުވާނާގެ ހިތް ބާރަށް ވިންދުޖަހަމުން ދިޔައެވެ. އެއީ އޭނަ މީންދުވަހަކު ތަޖްރިބާ ކޮށްފައިވާ ކަމެއް ނޫނެވެ.

​ހަޔާތު ހޯދުމުގެ މަސައްކަތުގައި 3 ގަޑިއެއްހާ އިރުވާން ދަނީ އެވެ. އަދިވެސް ހަޔާތުނުފެނެއެވެ. އެދިމާލުން މުޅިހިސާބު ކޯސްޓްގާޑް އާއި ރަށުގެ ގިނަ ދޯނިފަހަރުތައް ނިކުމެ ހޯދަމުން ދިޔައެވެ. ދަންވި ދަންވިހެން މައުރޫފްގެ ހިތްވަރު އެލެމުން ދިޔައެވެ. ހަޔާތު އެތަނަށް ފުންމާ ލިޔަނުދީ އޭނަޔަށް ނުހިފެއްޓުނީތީ އެކަމާ ދެރަވެ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވެން ފެށިއެވެ. ރަށުގެ ގިނަ ބަޔަކު ވަނީ އެދިމާ އަށް އެއްވެފައެވެ. ކުރެވެމުންދާ ސުވާލު ތަކާ އެސުވާލު ތަކަށް ލިބެމުން ދިޔަ ޖަވާބު ތައް އެންމެގާތުން އަޑުއަހަމުން ދިޔައީ މައުރޫފް އެވެ. ހަޔާތު އާއި ދޫމާ މިރޭ ރުއީ ކީއްވެގެންކަން މައުރޫފް އަށް އެނގުނީ އެހިސާބުންނެވެ. ހަޔާތުގެ ބޮޑުބޭބެ ވަހީދުގެ ހުރިނުލާފަކަން ކުރިންވެސް މައުރޫފަށް އެނގެއެވެ. އެކަމަކު އެހާހިސާބަށް ގޮސްފާނެކަމަކަށް މައުރޫފް ހިޔެއް ނުކުރެއެވެ. އެއަޑުތައް އިވުމާއި އެކީގައި މައުރޫފް ދެފަޔަށް ބާރުލާފައި ހޮސްޕިޓަލަށް ދިޔައެވެ. އޭރު ވަހީދު އާއި ޒޫނާ ދޫމާ ހޭނާރާތީ އެކަމާ ކަނބޮޑުވެފައި ތިއްބެވެ. ދޫމާ އަށް ގެއްލުމެއް ވެއްޖެއްޔާ ވަހީދުގެ މުޅިދިރިއުޅުން ބަރުބާދު ވާނެއެވެ. އަނެއްކޮޅުން ހަޔާތު އަށް ވީގޮތެއް ނޭނގެއެވެ. ހަޔާތު އަށް ކަމެއް ވިޔަސް އޭނަޔަށް ދިއްކުރާނެ އިނގިތައް މަދެއް ނުވާނެއެވެ. އަދި ވަހީދުގެ ބައްޕަގެ ވަސިއްޔަތާ ހިލާފު ވެވުނީއެވެ. އެހުރިހާކަމެއްގެ ރުޅި އައިސްފައި ވަހީދު އިނެވެ. އަނެއްކޮޅުން އަރީޝާ ހަޔާތު ނުފެނޭތޯ ދުއާކުރަމުން ދިޔައެވެ. އޭރުން އޭނަގެ މީހަކަށް  މައުރޫފް އެހިސާބުން ވާނެއެވެ. އެއީ ޔަގީން ކަމެކެވެ.

​"ވަހީދު."މައުރޫފް އެއްވެސް އަދަބު އިޙްތިރާމަކާއި ނުލާ ވަހީދުގެ ނަން ގޮވާލިއެވެ.

​ވަހީދު އާއި ހޮސްޕިޓަލްގައި ދެންތިބި މީހުން މައުރޫފަށް ބަލާލިއެވެ. މައުރޫފް ހުރީ ރުޅިއައިސް ރަތްވެފައެވެ. އެވަގުތު އެތަނުގައި ތިބިމީހުން މައުރޫފް ނުހިފެހެއްޓިނަމަ ވަހީދު އަށް ވަރުގަދަ ހަމަލާއެއް މައުރޫފަށް ދެވުނީހެވެ.

​"އަހަރެން ހިޔެއްނުކުރަން ވަހީދު ތިއީ ތިކަހަލަ މީހެއްކަމަކަށް، އަހަރެން ނަށް ވައުދު ވެފައި ހަޔާތު އެހެން މީހަކާ ދެވަން ތިނިންމީ، އޭގެ ނަތީޖާ ފެނިއްޖެއެއްނު، ތިކަހަލަ ނުލަފާ މީހެއްގެ އަތްދަށުން ސަލާމަތް ވާން އެދެކުދިން އަމިއްލަ ފުރާނަ ދުއްވާލަން އެނިންމީ،ލަދެއްނުގަނޭތަ؟"މައުރޫފް ރުއައިސްފައި ބުނަމުން ދިޔައެވެ.

​"ބައްޕަ އެއްވެސް ކަމެއް ނުކުރޭ..."އަރީޝާ އަވަސް އަވަހަށް ބުންޏެވެ.

​"ހުރިހާ ކަމެއްވެސް އެކުރީ ހަޔާތު... އެމީހާ އާއި އިންނަން އެއްބަސްވީސް ހަޔާތު، ބައްޕަ ނުބުނޭ އެކައްޗެއްވެސް، ފުރަތަމަ ވެސް އަހަރެންނާ ހަޔާތު އެވާހަކަ ދެއްކީ، އޭނަ ބޭނުންވަނީ އަވަހަށް މިތަނުން ދާން، މައުރޫފް ހީކުރަނީ އެއީ މާރަނގަޅު މީހެއް ކަމަށްތަ؟ އޭނަގެ މަކަރު މައުރޫފަށް ނޭނގެނީ، އެއީ އަހަރުމެން ކަހަލަ މީހެއް ނޫން."އަރީޝާ މަލާމާތުގެ ރާގެއްގައި ބުންޏެވެ.

​އަރީޝާ ވާހަަކަ ދައްކަން ފެށުމުން ޒޫނާ އަވަސް އަވަހަށް އެކަން މަނާކުރިއެވެ. ވަހީދު ދެލޯ އަޅާލަމުން އަރީޝާ އަށް ބަލާލިއެވެ. މައުރޫފް ވެސް ދެލޯ އަޅާލަމުން އަރީޝާ އަށް ބަލާލިއެވެ. މައުރޫފަށް އަރީޝާ އޮޅޭނެހެއްޔެވެ. ދޮގުހެދުމާ މަކަރުވެރި ރުއިން ރުއިމަށް އަރީޝާ ވަރަށް ކުލަދާނަވާނެއެވެ. ކޮންމެ ނުލަފާކަމެއް ކޮށްފައިވެސް ހަޔާތުގެ ބޮލުގައި އަޅުވައެވެ. މައުރޫފް މަލާމާތުގެ ގޮތަކަށް އެކޮލުން ހީލިއެވެ.

​"އާން، އަރީޝާ ތިބުނީ ތެދެއް، ހަޔާތު އަކީ އަރީޝާ މެންކަހަލަ މީހެއް ނޫން." މައުރޫފް ބުނަން އެއުޅެނީ ކީކޭކަން ޒޫނާ އަށް އެނގުނެވެ.

​"އަރީޝާ ދަރިފުޅާ ކޮންކަމެއް... އެކޮޅަށް ހިނގާ...."ޒޫނާ އަރީޝާގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ލިއެވެ. މައުރޫފް ވަހީދު އާއި ދިމާ އަށް އެއްޗެއް ބުނަން އުޅުނު ވަގުތު ސިފައިގެން މީހުން ހޭނެތިފައި އޮތް އަންހެންކުއްޖަކު ގޮވައިގެން އައިސް އެމެޖެންސީގައި ވަނެވެ. އެތަނުގައި އެއްވެ ތިބި މީހުން ދުވެފައި އެދިމާ އަށް ދިޔައެވެ. އެތަނުން ގިނަމީހުންނަށް އެއީ ކޮންކުއްޖެއްކަން އެނގުނެވެ.

​"މައުރޫފް ހަޔާތު ފެނިއްޖެ...."ހަސަނު ނޭވާ ހަމަޔަކަށް އަޅުވާލަމުން ބުންޏެވެ. މައުރޫފް ވަހީދަށް ބެލުމެއްނެތި ދުވެފައި އެމެޖެންސީ އާއި ދިމާ އަށް ދިޔައެވެ.

​ފަތިސްނަމާދަށް ފަހު މިސްކިއްތަކުން މީހުން އެކިދިމަދިމާ އަށް ދާންފެށިއެވެ. މައުރޫފް މިސްކިތުން ނިކުތް ގޮތަށް ޖީބުން ސިނގިރޭޓެއް ނަގައި ރޯކޮށްލިއެވެ. ރޭގައި ހިނގިހާދިސާގެ ސަބަބުން މައުރޫފް ވެސް އަދި ނުނިދައެވެ. ސިނގިރޭޓްގެ ދުންތަށް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ފާރުގައި ލެނގިލިއެވެ. މިރޭގެ ހާދިސާން އޭނަޔަށް ހަޔާތު ގެއްލުނީހެވެ. ވަހީދުގެ ވިސްނުން ހުރިގޮތް މައުރޫފް އަށް އެނގުމުން ހަޔާތު ގަދަކަމުން މީހަކާ ދެވާފާނެކަމުގެ ބިރު ހިތުގައި އުފެދިގެން ދިޔައެވެ. އަނެއްކާވެސް ސިނގިރެޓް ތުބުގައި ޖަހައި ދާމާލިއެވެ. އެއާއި އެކީގައި ފަޒާއަށް ދުންތައް ދޫކޮށްލިއެވެ. ފަހަތުން ހަސަން އައިސް ބުރަކަށީގައި ކޮއްޓާލިއެވެ.

​"ކޮބާ... މިހާރު ކިހިނެއް؟"ހަސަން މައުރޫފް ކުރެން އަހާލިއެވެ.

​"ދެން ކީކޭ ބުނާނީ... އަހަރެން ނަށް ހީވީ އެވަގުތު ހިތް ހުއްޓުނު ހެން."މައުރޫފް އަނެއްކާވެސް ސިނގިރެޓް ބޯލަމުން ބުންޏެވެ.

​"ހަޔާތު ފެނުނީ މޫދަކުން ނޫން... އެކަން އެނގޭތަ؟"ހަސަން އަހާލިއެވެ. ހަސަން އެބުނި އެއްޗަކުން މައުރޫފް ސިނގިރެޓް ތިރިކޮށްލަމުން ހަސަނަށް ބަލާލިއެވެ.

​"ތިބުނީ؟ އަހަރެން ކުރިމަތީގައިހަޔާތު ދޫމާގެ ފަހަތުން ފުންމާލީ..." މައުރޫފް ބުންޏެވެ.

​"ބަލަ އެމަންޒަރު އަހަރުމެން ވެސް ދުށީމޭ. މިބުނީ އާބާދީ އާއި ދުރުން ގެސްޓްހައުސްތަކާއި ދިމާ އަތިރި މަތިން ފެނުނީ، އަހަރެން ނަށް ހީވާ ގޮތުގައި ކޮންމެވެސް މީހަކު އޭނަ ސަލާމަތް އެކުރީ. އެއްގަމާ ހަމަޔަށް އޭނަ ގެނެސްސަ....." ހަސަން މަޑުމަޑުން ބުންޏެވެ.

​"ބުނަން ތިއުޅެނީ ކީކޭ؟"މައުރޫފް އަހާލިއެވެ.

​"ބުނަން މިއުޅެނީ... ހިޔެއްނުވެއޭ އިންސާނެއްހެނެއް."ހަސަން ބުންޏެވެ. މައުރޫފް އަތުގައި އޮތް ސިނގިރެޓް އެއްފަރާތައް އެއްލާލިއެވެ. އަދި ދެފަރާތައް ބޯހޫރާލަމުން ހަސަނަށް ބަލާލިއެވެ.

​"އަހަރެން ހިޔެއްނުކުރަން ހަސަން ވެސް ތިކަހަލަ ބޯދާ ވާހަކަ އެއް ދައްކަފާނެކަމަކަށް."މައުރޫފް ހީލަމުން ބުންޏެވެ.

​"ހޮސްޕިޓަލްގެ ނަރުސްކުރެން އަހާލާ... ނޫނީ މައުރޫފް އަމިއްލަ އަށް ގޮސް ބަލާ... ހަޔާތުގެ ކަރުދަށުގައި ހުރި ނިޝާނަށް." މައުރޫފް ހަސަނަށް ބަލަމުން ދިޔައެވެ.

​"އަހަރުމެން ހުރިހާ ޒުވާނުން ތިބީ މައުރޫފް އާއި އެކީގައި ސިފައިނާ ބައެއް ހަރުފުރާމީހުންނާ ފީނާ ކުދިން ހަޔާތު ހޯދުމުގައި އުޅުނީ... ހިތަށް ވެސް ނާރާ އާބާދީ އާއި ދުރުން ފެނިދާނެކަމަކަށް، އަނެއްކާ އެއްގަމަށް އަރުވާފައި އޮތީ، އިންސާނެއްނަމަ އަހަރުމެން ނަށް އަންގާނެދޯ..."ހަސަން ވިސްނާލަމުން ބުންޏެވެ. އެވަގުތު މިސްކިތުން ނިކުތް އަސަދު އެމީހުންގެ ވާހަކަ އަޑުއަހަން މަޑުކޮށްލިއެވެ.

​"ސާބަސް ހަސަނާ، ހަޔާތު ފެނިގެން މީހަކު ގުޅާފައި ބުނީމައި ދިޔައީ... މިހާރު ވާހަކަ އެއް ދައްކަން ފެށީ، ކީއްކުރާނީ، ނަސީބެއް އިންސްޕެކްޓަރަށް އެފޯނު އައިއިރު ކައިރީގައި ހުރެވުނުކަން."އަސަދު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

​"ކާކު ފޯނުކުރީ؟"މައުރޫފް އަހާލިއެވެ.

​"ގެސްޓްހައުސްތަކުގެ ބޮޑުމީހާހެން ހީވަނީ، ރަނގަޅަކަށް ކާކުކަމެއް ނޭނގޭ."އަސަދު ވިސްނާލަމުން ބުންޏެވެ.

​"އެތާ އޯނަރު އުޅެނީ ރަށުން ބޭރުގަދޯ."މައުރޫފް ބުންޏެވެ.

​"އާން، އެކަމަކު މިދިޔަހަފްތާގައި އެތަނަށް ބަޔަކު އައިސްގެން އުޅޭ ޙަބަރު ލިބުނު."އަސަދު ބުންޏެވެ.

​ވާހަކަ ދައްކަމުން މައުރޫފް މެން ހިނގައިގަތެވެ. ގެޔަށް ދިއުމުގެ ބަދަލުގައި މައުރޫފް ދިޔައީ ހޮސްޕިޓަލަށެވެ. އެކަމަކު ވަހީދުގެ ސަބަބުން އެތަނަށް މައުރޫފް ވަނަކަ ނުދިނެވެ.

​"3 މިލިޔަން ހިފައިގެން އާދޭ.... އޭރުން ހަޔާތު އާއި ބައްދަލު ކުރެވޭނީ..."ވަހީދު ހަރުކަށި ރާގެއްގައި ބުންޏެވެ.

​"އަހަރެންނަށް ވަޢުދު ވެފައި މިހާރު ތިއުޅެނީ ހަޔާތު މީހަކާ ދެވަން."މައުރޫފް ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ.

​"އަތައް 3 މިލިޔަން ލީ މީހަކަށް ހަޔާތު..."ވަހީދު ގޮތުގައި ހުރެގެން ބުނެލިއެވެ.

​"ކޮންކަހަލަ މީހެއްތިއީ... ހަޔާތު ލޯބިވަނީ އަހަރެން ދެކެ، އޭނަޔަށް ތިހެން ހަދާކަށް ވަހީދަކަށް ޙައްގެއް ނޯންނާނެ."މައުރޫފް ރުޅިއައިސްފައިވާ ރާގަކަށް ބުންޏެވެ.

​"އޭނަގެ މައިންބަފައިން އޭނަ ދޫކޮށްލާފައި ދިޔައީ ޙައްގެއް ނެތިގެންތަ؟ޒިންމާ އެއް ނެތިގެންތަ؟އެވަރުކޮށްފައި އެހެރީ އަހަރެން... އަހަރެން ނަށް އޭނަ އަގުނުކުރެވެންވީ ކީއްވެ؟ކުރިޙަރަދު ކޮބާ؟އިފަތް ތެރިކަމާއި އެކީގައި ބޮޑުކޮށްފަ އެހެރީ... ކީއްވެ އަހަރެން އަގު ނުކިޔަންވީ؟"ވަހީދު ވެސް ހަރުއަޑުން ބުނެލިއެވެ.

​"ތިއީ އޭނަގެ ބައްޕަގެ ކޮއްކޮ އެއްނުން..."މައުރޫފް ބުނެލިއެވެ.

​"ކޮއްކޮ... އެކަމަކު ހާފް..."ވަހީދު ބުނެލިއެވެ.

​"ދެން އެހެން ނޫނަސް ތިހާ ދިގު ވާހަކަ ދައްކާކަށް ވަގުތެއް ނެތް، 3 މިލިޔަންދީފައި ގޮވާގެން ދޭ... އެހެން ނޫނީ އަހަރެން ބޭނުން މީހަކާ ދެވާނީ."އެތެރެއަށް ހިނގައިގަންނަމުން ވަހީދު  ބުންޏެވެ.

​އެނދުން ތެދުވެ ވަރުބަލި ގޮތަކަށް ބާލީހުގައި ލެނގިލިއެވެ. ނަރުސްކުއްޖާ ހަޔާތު އަށް ފެންފޮދެއް ދޭން އުޅުނެވެ. ލޮނުބޮވިފައި ހުރިކަން މޫނުމަތިން އެނގެއެވެ. މީހާ ކުޑަކޮށް ދުޅަވެފައި ހުއްޓެވެ. އެކަމަކު ހޮސްޕިޓަލަށް ގެނެވުނު އިރު ލޮނުގެ އެއްވެސް އަލާމާތެއް ނެތެވެ. ހަޔާތު އަށް ފެންތަށި ތުބުގައި ނުޖެހިގެން އުޅެނިކޮށް މީހެއްގެ ބާރުގަދަ އަތުގެ ހަމަލާއެއް ހަޔާތުގެ ކަންފަތް މައްޗަށް އެރިއެވެ. އެއާއި އެކީގައި އަތުގައި ހުރި ބިއްލޫރި ތަށި ވެއްޓުނެވެ. އެއަޑަށް ނަރުސްކުއްޖާ ކުއްލި ސިހުމަކާއި އެކީގައި އެދިމާ އަށް ބަލާލެވުނެވެ. ހަޔާތު ފެންކަޅިވެފައިވާ ދެލޮލުން ކުރިމަތީގައި ރުޅިއައިސް ރަތްވެފައި ހުރި ވަހީދަށް ބަލާލިއެވެ. ހަޔާތު ވީތަދުން ކަންފަތް މަތީގައި އަތް އަޅައިލެވުނެވެ. މިއަދު އޭނަ ޔަށް އެއަނިޔާ ލިބުނީ ކީއްވެގެން ހެއްޔެވެ. އޭނަޔަށް ކުރެވުނީ ކޮންކުށެއް ހެއްޔެވެ.

​"ދޫމާ އަށް ކަމެއްވިނަމަ ދުވަސް ދުއްވާލީމުސް، ކަލޭގެ ނަސީބު ރަނގަޅު ކަން ދޫމާ އަށް ކަމެއް ނުވީ..." ރުޅިއައިސް ރަތްވެފައިވާ ވަހީދު ހަޔާތު އަށް ބުންޏެވެ.

​"މީސްމީހުން ކާރީ ފާޑުފާޑުގެ ވާހަކަ ދައްކަމުން އެބަ ދުވައެއް ނުން، ކަލޭ ޖެހޭނީ ފަޒާލް އާއި އިންނަން، ހަޑިޔަސް ހުތުރަސް ދޮއްޓަސް ޅަޔަސް، މިއީ މަގޭ އެންމެ ފަހުގެ ނިންމުން." ވަހީދު ބަސްތަކަށް ބާރުލާފައި ހަޔާތު އަށް ބުންޏެވެ.

ވަހީދު ބުނަން ބޭނުންވާ ޖުމްލަ ބުނެނިމިގެން އެތަނުން ނިކުމެގެން ދިޔައެވެ. ހަޔާތުކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ. އޭނަ ދުނިޔެއަށް ނޭވާލަމުން އެދަނީ ތަދު އިޙްސާސް ކުރަން އެކަނިބާއޭ ހިތާހިތުން ބުނެލެވުނެވެ. އޭނަޔަށް އޮތް އުފާ ކޮބާ ހެއްޔެވެ. ހިނިތުންވެލާން އޭނަވެސް ބޭނުން ވެއެވެ. ނަރުސްކުއްޖާ ހަޔާތު އާއި ކައިރިވެލާފައި ބަލާލިއެވެ. ހަޔާތު އަށް ބޭއިޙްތިޔާރުގައި ނަރުސްކުއްޖާގެ ގައިގައި ބައްދައިގަނެވުނެވެ. އެކުއްޖާ ހަމްދަރުދީ އާއި އެކީގައި ހަޔާތުގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

​"އަސްލު ކިހިނެއްވީ؟އަމިއްލަ އަށް މަރުވާން ތިއުޅުނީ ކީއްވެ؟"ނަރުސްކުއްޖާ ސުވާލު ކޮށްލިއެވެ. އެއަޑު އިވުމުން ހަޔާތު ޙައިރާން ކަމާއި އެކީގައި ނަރުސްކުއްޖާ އަށް ބަލާލިއެވެ.

​"އަމިއްލަ އަށް މަރުވާން.... ކާކު ބުނީ؟ އަހަރެން މޫދަށް ފުންމާލީ ދޮންތަ ސަލާމަތް ކުރަން."ހަޔާތު އެހެން ބުނުމާއި އެކީގައި އެއްޗެއް ހަނދާން ވެގެން އެހިދު ސުވާލު ކޮށްލިއެވެ.

​"ކޮބާ ދޮންތަ؟"ހަޔާތު ރޮވިފައިވާ ރާގެއްގައި ގިސްލަމުން ހާސްކަމާއި އެކީގައި ސުވާލު ކޮށްލިއެވެ.

​"ދޮންތަ ރަނގަޅު..."ނަރުސްކުއްޖާ ބުންޏެވެ.

​ހޮސްޕިޓަލުން ގެޔަށް ދިޔަ ގޮތައް ކޮޓަރިޔަށް ވަދެ ހަޔާތު ތަޅުލިއެވެ. އޭނަ އެއްވެސް މީހަކަށް ފެންނާކަށް ބޭނުމެއްނޫނެވެ. އޭނަގެ ދޮންތަ އާއި ބައްދަލު ކުރުން ވަހީދު މަނާކުރިއެވެ. އޭނަޔަށް މައުރޫފް އާއި ބައްދަލު ކުރެވޭނެ މަގުވެސް ބަންދު ވީއެވެ. ކިޔަވަން ދިއުން ވެސް މަނާވީއެވެ. ދެން އޭނަ ކުރާނީ ކޮންކަމެއް ހެއްޔެވެ. އޭނަ ކުރަމުން އައި އުންމީދުތައް ކޮބާހެއްޔެވެ. މައުރޫފް އާއި އެކީގައި މުސްތަގްބަލަށް ދެކުނު ހުވަފެންތައް ކޮބާހެއްޔެވެ. އެނދުގެ އެއްކަނެއްގައި އިނދެގެން ގިސްލާ ރޮމުން ދިޔައެވެ. އޭނަގެ ވަށައިގެން ވަނީ ބަންދު ވެފައިވާ މަގުތަކެކެވެ. ބޮޑުތަޅުއެޅުވިފައިވާ ދޮރުތަކެކެވެ. އުފާވެރިކަމަށް އަލިމަގެއްދައްކާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ވަށައިގެން ވަނީ އަނދިރިކަމާއި މާޔޫސްކަމެވެ...

​އަރީޝާގެ އަޑާއި އެކީގައި ދޮރުގައި ބާރަށް ތަޅައިގަތް އަޑުއިވުނެވެ. އެއީ އާމުކަމެއްކަމުން ހަޔާތު އިންގޮތައް އިނީއެވެ. ބޭރުން އަނެއްކާވެސް އަރީޝާގެ އަޑުއިވުނެވެ.

​"މިދޮރުހުޅުވަބަލަ. ބައްޕަ ބުނެގެން..."އަރީޝާގެ އަޑު އަނެއްކާވެސް އިވިގެން ދިޔައެވެ.

​"އަދިވެސް ދޮރު ނުހުޅުވާތަ؟"ބޭރުން ވަހީދުގެ އަޑުއިވިގެން ދިޔައެވެ. ހަޔާތު ބިރުން ދޮރާއި ދިމާއަށް ބަލާލިއެވެ. އަވަސް އަވަހަށް ގޮސް ދޮރުހުޅުވާލިއެވެ.

​"އަން، މިއޮތީ ކަލޭގެ ފޯނު."އަރީޝާ ހަޔާތު އަށް ފޯނު ދިއްކޮށްލަމުން ބުންޏެވެ. ހަޔާތުއަވަސް އަވަހަށް ފޯނުގައި ހިފިއެވެ.

​"މައުރޫފަށް ފޯނު ކުރާނީކީ ނޫން، އިރުކޮޅަކުން ފަޒާލް ގުޅާނެ ވާހަކަ ބައްޕަ ބުނީ،ކީއްކުރަން ކަމެއް ނޭނގެ އޭނަ ރުޅިއަރުވާ ނުލާތި...." އަރީޝާ ހަރުކަށިރާގެއްގައި ބުންޏެވެ. ހަޔާތު ޙައިރާން ކަމާއި އެކީގައި އަރީޝާ އަށް ބަލަމުން ދިޔައެވެ. އަރީޝާ އެއްކޮޅުން ހީލިއެވެ. އަދި މަލާމާތުގެ ރާގެއްގައި ވާހަކަ ދައްކަން ފެށިއެވެ.

"ނޭނގޭ ކަމަށް ނުހަދާ... އެއީ ކަލޭގެ ލޯބިވާ ފަޒާލް."ހަޔާތު އަަށް ބަލާލަމުން މަލާމާތުގެ ގޮތަކަށް ހީލަމުން އަރީޝާ ބުންޏެވެ.

​"ހޫމް... ޕުރިންސް ފަޒާލު، އިނދެގެން އޭނަގެ ރަށަށް ދުބާއީ އަށޯ ދަނީ."މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

​"ދެން އަހަރުމެންނަށް ނުވެސް ފެންނާނެދޯ."ހިނިގަނޑެއް ޖަހާލަމުން އަރީޝާ ބުންޏެވެ. ހަޔާތު އެއްވެސް އެއްޗެއް ނުބުނެ ފޯނު ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.

​"އޭއި އަދި މަޑުކޮށްބަލަ، އަދި އެއްފަހަރު ޕުރިސް ފަޒާލް ގެ ފޮޓޯ ބަލާލަންވީނުން ދޯ."އަރީޝާ ހަޔާތުގެ އަތުގައި ހިފަހައްޓާ މަޑުކުރުވަމުން ބުންޏެވެ. ހަޔާތު ރުޅިއައިސްފައިވާ ބެލުމަކުން އަރީޝާ އަށް ބަލާލިއެވެ.

​"ފޯނަށް ފޮޓޯ ފޮނުވާފައި އޮންނާނެ، މިހާރު މައުރޫފަށް ވެސް އަހަރެން ފޮނުވާލައިފިން،އާން... އަދި ހަޔާތުގެ ކުލާސް ކުދިންނަށް ވެސް، އެމީހުން ލިޔެފައި ހުރި މެސެޖް ތައް ކިޔާލައްޗޭ،ކުރިން ނުފޮނުވާފިއްޔާ ވެޑިން ޕާޓީގައި އެމީހުން ލިބޭނީ ކުއްލި ޙައިރާން ކަމެއް، އަހަރެން ނަށް ފަޒާލްގެ ފޮޓޯ ފެނުމުން ލިބުނުކަހަލަ، ޝޮކެއް ލިބިދާނެ."އަރީޝާ ހެމުން ބުނަމުން ދިޔައެވެ.

"އަހަރެން ނަށް ފަޒާލްގެ ފޮޓޯ ފެނިފަ ހަޔާތު އަށް ބަލާލީމަ އަހަރެން ނަށް ސިފަވަނީ ބިއުޓީއެންޑް ބީސްގެ ވާހަކަ...."ހަޔާތުގެ މޫނަށް ބަލާލަމުން އަރީޝާ މަލާމާތުގެ ގޮތަކަށް ބުނެލިއެވެ. ހަޔާތު އަރީޝާ ދައްކަމުން ދިޔަ ވާހަކަ ތައް އަޑުއަހަމުން ދިޔައީ ކެއްތެރިމާއި އެކީގައެވެ.

"ދެން ފޯނު އާދޭތޯ އިންތިޒާރު ކުރޭ... ބާއި..."އަރީޝާ ހަޔާތުގެ ޒަހަމް ވެފައިވާ ފާރުުގަނޑަށް އިތުރަށް ތަދުކޮށްލާފައި އެތަނުން ނިކުމެގެން ދިޔައެވެ. ހަޔާތު އަރީޝާ ދިއުމުން ދޮރުލައްޕާ އަނެއްކާވެސް ތަޅުލިއެވެ. އަރީޝާ އަނެއްކާ ވެސް ދޮރުގައި ޖަހާލިއެވެ. ހަޔާތު ދޮރުހުޅުވާލިއެވެ.

​"ދޮރު ތަޅުނުލާ ބައްހައްޓަން ބައްޕަ ބުނީ، އެހެން ނޫނީ ސިއްރުން މައުރޫފަށް ގުޅާނެ."އަރީޝާ އެހެން ބުނެފައި އެތަނުން ދިޔައެވެ. ހަޔާތު ދޮރުލައްޕާ ލާފައި ގޮސް އެނދަށް އެރިއެވެ. މަޑުމަޑުން ފޯނު ހުޅުވާލާފައި ސްކްރީންގައި ފެންނަށް ހުރި ފޮޓޮއަށް ބަލާލިއެވެ. ހަޔާތުގެ ހިތް ބާރަށް ތެޅިގަނެގެން ދިޔައެވެ. ބާރަށް ދެލޯ މަރާލިއެވެ. އަދި ފޯނު އޭނަޔާ ދުރަށް އެއްލާލިއެވެ.

​"ކޮންކަހަލަ ބިރުވެރި ސިފައެެއް؟"ހަޔާތުގެ ހިތް ބާރަށް ތެޅިގަނެގެން ދިޔައެވެ.

​"އަހަރެން ނަށް މިލިބެނީ ކޮންކުށެއްގެ ސަޒާ، ބޮޑުބެ އަހަރެންނަށް އެހެން އެހަދަނީ ކީއްވެ؟އަހަރެން ގެ ކުށަކީ ކޮބާ؟އަހަރެން ނަށް ވުރެން އުމުރުން ދުވަސްވީ މީހަކާ ދެވަން އެއުޅެނީ ކީއްވެގެން؟"ހަޔާތު ގިސްލާ ރޮމުން އެހެން ބުނަމުން ދިޔައެވެ. އެވަގުތު ހަޔާތުގެ ފޯނު ރިންގުވާން ފެށިއެވެ. ހަޔާތު ބިރުން އިނދެ ފޯނަށް ބަލަމުން ދިޔައެވެ. އަދި ތުރުތުރު އަޅާ އަތުން ފޯނުނަގައި ބަލާލިއެވެ. ނުދަންނަ ނަމްބަރެކެވެ. އެއީ ފަޒާލް ކަން ހަޔާތު އަށް ޔަގީންވިއެވެ. ބިރުން އިނދެ ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.

​"ހަ.ހަލޯ."ހަޔާތު މަޑުމަޑުން ބުނެލިއެވެ. އެކޮޅުން އެއްވެސް ޖަވާބެއް ނުލިބެއެވެ. ހަޔާތުތެޅިތެޅި އޮތް ހިތަކާއި އެކީގައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"ހަ...ހަލޯ.. ކާކު؟"ބިރުން އިނދެ އަހާލިއެވެ. އެވަގުތު ބޮޑުބެ ދޮރުމައްޗަށް އަރާފައި ހަޔާތުއަށް ބަލާލިއެވެ.

​"ކާކުގެ ފޯނެއް؟"ވަހީދު ހީކުރީ ފަޒާލްގެ ފޯނެއްކަމަށެވެ. އެއްޗެއް ބުނުމުގެ ކުރިން އަހާލީއެވެ.

"ނޭނގެ ކާކުކަމެއް ވާހަކަ އެއް ނުދައްކާ.."ބިރުން އިނދެ ހަޔާތު ބުންޏެވެ.

"ތިފޯނު ބާއްވާފަ ރީތިވެގެން ބޭރަށް ނިކުމޭ ރައްކިއުވަން ހެކިވެރި އިރުކޮޅަކުން އަންނާނެ."ހަރުކަށި ރާގެއްގައި ވަހީދު ބުނެލިއެވެ.

​"އެކަމަކު ބޭބޭ.."ފޯނުގައި އަނެއްކޮޅުގައި ހުރީ ކާކުކަމެއް ނޭނގި ހަޔާތު ވަހީދު އާއި ވާހަކަ ދައްކަން ފެށިއެވެ. އަދި ފޯނު އެއްފަރާތެއްގައި ބޭއްވިއެވެ.

​"އެކަމަކު މިކަމަކު ކިޔާނެ ކަމެއް ނެތް، ދޫމާ އާއި ބައްދަލުކުރަން ބޭނުމިއްޔާ ރައްކިޔަން ތައްޔާރުވޭ، ކަލޭ ހަމަބިމުގައި ބައްޓާފައި މަށައް ނޭވާ ލެވެން އަންނަނީ، ފަޒާލްގެ ހަޑިސިފަ ފެނިފައި އަހަރެން އަރީޝާ އާއި ނުދެވަން ނިންމާފައި އޮތްވާ ކަލޭގެ އަނގަގަދަ ކަމުން މިކަމެއް މިވާން ޖެހުނީ، ހަގީގަތް ނުބަލާ އަރީޝާ އާއި ދިމާކުރީތީ، އޭނަ ލަދުގަންނަވާލީތީ، ދެން މުޅިއުމުރު އެސޫރަ ބަލަން ހުރޭ."ވަހީދު ހަރުކަށި ރާގަކަށް ބުންޏެވެ.

​"އެއްފަހަރު އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަލަ، ޕުލީޒް ބޭބޭ."ހަޔާތު އަށް ރޮވެން ފެށުނެވެ.

​"ތިދައްކާ ބޭކާރު ވާހަކަ އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން، ހަޔާތު ހީކުރީ އަހަރެން ހަގީގަތް ނުބަލާކަމަށްތަ؟އަރީޝާ ދެއްކިހުރިހާ ވާހަކަ އަކީ ހަގީގަތް."ވަހީދު ބުންޏެވެ.

​"ނޫން ބޭބޭ، އަހަރެން އަރީޝާ އަކާ ދިމައެއް ނުކުރަން، އަހަރެން ބުނިހާ ވެސް އެއްޗަކީ އެމީހާ ހަޑިވާން އެއީ އެމީހާގެ ކުށެއް ނޫނޭ...."ރޮމުން ހަޔާތު ބުނަމުން ދިޔައެވެ.

​"އެހެން ބުނުމުގެ ހަގެއްވެސް ހަޔާތް އަކަށް ނެތް."ވަހީދު އެހެން ބުނެފައި ނިކުންނަށް ހިނގައިގަތެވެ.

​"ބޭބޭ، އެއްފަހަރު ދޮންތަ އާއި ބައްދަލުކުރަން ހުއްދަދީ."ހަޔާތު އަށް ގިސްލެވެން ފެށިއެވެ.

​"ފުރަތަމަ ރަންކިޔާ..."ވަހީދު ބުންޏެވެ.


ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy