ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސްއާ އެކު ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ތަންކޮޅެއް ބޭރުގެ އިންވެސްޓަރަކަށް ނުވިއްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވައިފި އެވެ.
ޕީއެސްއެމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ބޭރުގެ ބަޔަކަށް ނުވިއްކެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މި މަޝްރޫއު އަބަދު ވެސް ކުރިއަށް ދާނީ އެ ޕްލެޖްތަކާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖެއަށް ކޮންމެ އިންވެސްޓަރަކު އަޔަސް ވިސްނަން ޖެހޭނީ ސަރުކާރުގެ މި އުސޫލުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއު ކުރިއަށް ދާނީ ރާއްޖޭގައި މިހާރު ވެސް އަމަލުކުރަމުންދާ ގާނޫނީ އިމުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް މިހާރުވެސް ގާނޫނުން 99 އަހަރުގެ ލީޒް މުއްދަތަކަށް ކުންފުނިތަކަށް ރަށްތަށް ދޭ ކަމަށާއި ރަސްމާލޭގައި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ވެސް އެ އުސޫލާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާއަށް ބިން ދޫކުރިޔަސް އަދި އެ ސަރަހައްދުގައި ހޮސްޕިޓަލްތަކާއި ލަގްޒަރީ ޕްރޮޕަޓީތައް ތަރައްގީކޮށްގެން ވިއްކިޔަސް، ވިއްކާނީ އެ ޕްރޮޕަޓީއެއް ހުރި ބިމެއް ނޫނެވެ. އޭގެ ބަދަލުގައި ވިއްކޭނީ ހަމައެކަނި އެ ތަނެއްގެ "ލީޒް ރައިޓްސް" އެވެ. އެހެންކަމުން، ބިމުގެ އަސްލު މިލްކުވެރިކަން ނުވަތަ އޯނާޝިޕް އަބަދު ވެސް އޮންނާނީ ދިވެހި ދައުލަތުގެ އަތްމަތީގަ އެވެ.
މި އުސޫލުގެ ސަބަބުން ދައުލަތުގެ މިލްކުވެރިކަމާއި ގައުމީ ސިޔާދަތު މުޅިން ރައްކާތެރިކުރެވިގެންދާއިރު، ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން އިތުބާރާ އެކު އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ޒަރީރު ފާހަގަކުރެއްވި އެވެ.
ކޮމެންޓް