ދިވެހި ފިލްމު އުފެއްދުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ އައު ފިލްމު "މަގޭ ބިޓުގެ ވެޑިން" ރޭ އޮލިމްޕަސް ސިނަމާގައި ކާމިޔާބުކަމާއެކު ޕްރެމިއަރ ކޮށްފިއެވެ.
ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި ބެލުންތެރިން ބައިވެރިވި މި ޕްރެމިއަރ ނައިޓަކީ ވަރަށް ކުލަގަދަކޮށް ކުރިއަށްދިޔަ ހަފުލާއެކެވެ.
މަޖާ އަދި ޝައުގުވެރި ޑްރާމާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ މިހާރު ދިވެހި ސިނަމާގެ އެންމެ ވިދަމުން އަންނަ މަގުބޫލު އެކްޓަރު ޝަރަފް އަބްދުﷲ އާއި، މި ފިލްމުން މުޅިން އަލަށް ތައާރަފްވި ހުނަރުވެރި ބަތަލާ ފާތިމަތު ރާޔާއެވެ.
މީގެއިތުރުން ދިވެހި ސިނަމާގެ ތަޖުރިބާކާރު އަދި ފާހަގަކޮށްލެވޭ އެކްޓަރުން ކަމަށްވާ ޝީލާ ނަޖީބު، އަހުމަދު ސައީދު، ޒަލީޝާން، ނޫރާ، ހާޒިފް އަދި ފުބޫ ވެސް ވަނީ މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައެވެ.
ފިލްމުގެ ޕްރޮމޯޝަންތަކާއި ޓްރެއިލާއިން ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމުގެ ފުރަތަމަ ޝޯ ބެލި ފަރާތްތަކުން ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ކޮމެންޓް