ކާއިނާތު (ސާދަ ވަނަ ބައި)

ވާހަކަ ލިޔުނީ: މަރިޔަމް މޫސާ

އެކަން ޔަގީން ވަންދެން ވިދާދު މަޑު ކުރީއެވެ. ވިދާދަށް އެކަން ޔަގީންވީ ޝަރާ ރިސޯޓުން މާލެ އައި ރެއެވެ. ވިދާދާއި ބައްދަލު ކުރަން އިންކާރު ކުރި ވަގުތުން ފަށައިގެން އޭނަޔަށް އެކަން ޝައްކު ވިއެވެ. ޖާދު އެމީހުންނާ އެކީގައި ކޮފީއަށް ނުގޮސް ބިޒީއޭ ބުނެ ފިރާޒަށް ޖަވާބު ދިނުމުން އެޝައްކު ޔަގީން ކަމަށް ބަދަލުވީއެވެ. އެރެއަކީ ކޮން ރެއެއް ކަމެއް ވެސް ޝަރާ ހަނދާންނެތެވެ. އެއީ އެދެމީހުން ރިސޯޓުން ދިމާވެ ޝަރާ އަށް ލޯބި ހުށަ އެޅިރެއެވެ.  

******************************

ރީތި ވެގެން ކޮޓަރިން ކާއިނާތު ބޭރަށް ނިކުތެވެ. އޭރު ކާއިނާތުގެ ބައްޕަ ހަލީލު ސޯފާގައިމޭގައި އަތް ޖަސާލައިގެން އިނެވެ. މޫނުމަތިން ކަމަކާ ކަނބޮޑުވެފައި ހުރިކަން ފެންނަމުން ދިޔައެވެ. ކާއިނާތު ހަލީލުގެ ކައިރީގައި އިށީންނަމުން އޯގާތެރި ކަމާއި އެކީގައި ވާހަކަ ދައްކަން ފެށިއެވެ.

​"ބައްޕާ ކަމަކާ ކަނބޮޑު ވެފަތޯ؟" ކާއިނާތު އަހާލިއެވެ. ހަލީލު ކާއިނާތަށް ބަލާލިއެވެ. އަދި ބޮލުން ނޫނެކޭ ބުނެލަމުން ހިނިތުން ވެލިއެވެ.

​"ހާދަ އަވަހަކަށް މިއަދު ދަރިފުޅު ތިދަނީ؟"މަޑުމަޑުން ހަލީލު އަހާލިއެވެ.

​"އާން، މިއަދު ވަރަށް މުހިއްމު މީޓީނެއް އެބައޮތް... އެހެން ވީމަ ތަންކޮޅެއް ކުރިން މިދަނީ ތައްޔާރު ކޮށްލަން، މިރުފާން ވިދާޅުވި މިއަދު ފަހަރެއްގައި ބޮސް މީޓީނަށް ދުރުވާނެ ވާހަކަ." ކާއިނާތު ބުންޏެވެ.

​"އެހެންތަ؟ ލަސްނުކޮށް އަވަހަށް ދޭ، އުޑުމަތި އޮތީ ވަރަށް ބަނަކޮށް، ކޮންމެ ވަގުތެއް ގަވެސް ވާރޭ ވެހެން ފަށާފާނެ، ބައްޕަ ވެސް އިރުކޮޅަކުން ބޭކަރީ އަށް ދާނަން." ހަމަޖެހިލަމުން ހަލީލު ބުންޏެވެ.

ހަލީލު އެހެން ބުނުމުން ކާއިނާތު އޮފީހަށް ދާން ތެދުވިއެވެ. ކުރިޔަށް ދެތިން ފިޔަވަޅުއަޅާލާފައި ފަސް އެނބުރި ހަލީލަށް ބަލާލިއެވެ. ހަލީލް ހިނިތުން ވެލިއެވެ. ކާއިނާތަށް ހަލީލުގެ މޫނުމަތިން އަދިވެސް ފެންނަނީ ކަމަކާ ކަނބޮޑު ވެފައިވާ މަންޒަރެވެ. އެކަމަކު އިތުރަށް ސުވާލު ކޮށްގެން ބައްޕަ ހާސްކުރުވާކަށް ކާއިނާތު ބޭނުމެއް ނުވިއެވެ. ކާއިނާތު ދެފިކުރެއްގައި ހުރެގެން ގޭން ނިކުތެވެ.

​ކާއިނާތު އޮފީހަށް އައިސް ވަން އިރު މިރުފާން ފައިލެއް ހިފައިގެން ވިދާދު ގެ ކެބިން އާއި ދިމާއަށް ދިޔައެވެ. މިރުފާނަށް ކާއިނާތު ފެނުމުން ހިނިތުން ވެލިއެވެ. އަދި މީޓިން އަށް ތައްޔާރު ތޯ ސުވާލު ކޮށްލިއެވެ. ކާއިނާތު ހިނިތުން ވެލަމުން ސުވާލުގެ ޖަވާބު ދިނެވެ.

​"މިއަދު ބޮސް މީޓިނަށް ދުރުވާނެތޯ؟"ކާއިނާތު މޭޒު ދޮށުގައި އިށީންމުން އަހާލިއެވެ. މިރުފާން ކެބިނާ ދިމާއަށް ބަލާލަފައި ކާއިނާތަށް ބަލާލިއެވެ.

​"ބޮސްގެ ސްޕީޗު ތައްޔާރު ކުރިންތަ؟"މިރުފާން ސުވާލު ކޮށްލިއެވެ.

​"ލައްބަ."ހިނިތުން ވެލަމުން ކާއިނާތު ބުންޏެވެ. އަދި ވަތްގަނޑު ހުޅުވާލާފައި ކާއިނާތު ތައްޔާރު ކުރި ފައިލު ނަގައި މިރުފާނަށް ދިއްކޮށް ލިއެވެ.

​"މިއޮތީ، ރަނގަޅުތޯ ބައްލަވާ ލަންވީ ނުންތޯ؟"ކާއިނާތު ބުންޏެވެ.

​"ކާއިނާތު ތައްޔާރު ކުރިއްޔާ ބޮސްއަށް ކަމުދާނެ، އެއީ ހަމަ ޔަގީން ކަމެއް."މިރުފާން ހިނިތުން ވެލަމުން ބުންޏެވެ.

​"އަޅުގަނޑު ގެން ގޮސް ދެންތޯ؟"ކާއިނާތު މަޑުމަޑުން އަހާލިއެވެ.

​"އޯކޭ... އެކަމަކު އަދި ބޮސް އޮފީހަށް ނުދުރުވޭ."މިރުފާން ބުންޏެވެ.

​ކާއިނާތުގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. މިރުފާން ހިނިތުން ވެލާފައި ވިދާދުގެ ކެބިނާ ދިމާއަށް ދިޔައެވެ. ކާއިނާތު ފައިލު މޭޒު މަތީގައި ބޭއްވިއެވެ. އަދި ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. ނުނިމި ހުރި ބައެއް މަސައްކަތް ތައް ނިންމަން ފެށިއެވެ. އޮފީހުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން އޮފީހަށް އަންނަމުން ދިޔައެވެ. އެމީހެއްގެ މަސައްކަތުގައި އެމީހަކު މަސްއޫލު ވިއެވެ. މީޓިން އަށް ވަގުތު އޮތުމުން ބައެއް ކުދިން ކޮފީ ބުރޭކެއް ނެގިއެވެ. އެކުދިން ކޮފީއަށް ދަމުން ކާއިނާތު ކުރެން ވެސް އައުމަށް އެދުނެވެ. އެކަމަކު ހިނިތުން ވެލަމުން މަސައްކަތް އަދި ނުނިމޭ ވާހަކަ ބުނެ ދިއުމަށް އުޒުރު ވެރިވިއެވެ. އޭނާ މިއަދު ބޭނުންވީ މީޓިންގެ ކުރިން ބޮސް އާއި ބައްދަލު ކުރާށެވެ. ބޭރަށް ގޮސްސިއްޔާ މިއަދުވެސް ބޮސް އާއި ދިމާ ނުވެދާނެތީ އެކަމުގެ ބިރު އޮތީއެވެ. އޮހީހަށް ވަންތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އަދިވެސް އޭނާޔަށް ބޮސްއާއި ބައްދަލެއް ނުވެއެވެ. އެއީ ކިހިނެތް ހުރި ކާކު ކަމެއް ވެސް އޭނާ އަކަށް ނޭނގެއެވެ. އޮފީހުގެ ކުދިންގެ ފަރާތުން އެއީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް ކަން އެނގެއެވެ. ބައެއް ކުދިން ބުނާ ގޮތުން ވިއްޔާ ބޮސް އަކީ ރީތި ޒުވާނެކެވެ. ހިތް ކިޔާހާ ވެސް ފުރިހަމަ އެވެ. އޭނަ އަކީ ބޮސްގެ ސެކެޓްރީއެވެ. އެކަމަކު އޭނަ އާއި އަދިވެސް ބޮސް އާއިދިމާ ނުވާތީ އެކަމާ އޭނަ ޙައިރާން ވެއެވެ.

​ބޮސްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އޭނަގެ ހިތަށް އާދަޔާހިލާފު ބުނަން ނޭނގޭ ގޮތްތަކެއް ވެގެން ދެއެވެ. އޮފީހުގެ ގިނަ ކުދިން އެރީތި ޒުވާނާ އަށް ހިތްކިޔާފައިވާ ކަން އެކުދިން ދައްކަމުން ދާ ވާހަކާން ވެސް އޭނާ އަށް އެނގެއެވެ. ބޮސް އާއި އަދި ދިމާ ނުވެއޭ ބުންޏަސް އެކުދިން އެ ވާހަކަ ގަބޫލު ނުކޮށް ދިމާ ކުރަމުން ދެއެވެ. އެތައް ދުވަހަކު ކާއިނާތުގެ ކުރިމަތިން ބޮސް ދާވާހަކަ ބުނުމުން ކާއިނާތަށް އެކަމާ ވިސްނާލަން ޖެހުނެވެ. އެކަމަކު އެއީ ކާކު ބާއެވެ. އެތައް ދުވަހަކު ކާއިނާތާ ވާހަކަ ދައްކާ ކަމުގައި ވެސް އެކުދިން ބުނެއެވެ. އެކަމަކު އެއީ ކާކު ކަމެއް އޭނާ އަކަށް ނޭނގެއެވެ. އަބަދުވެސް އޭނާ އާއި އޮފީހުގެ ދޮރުމަތިން ނާއި ލިފްޓުން ދިމާ ވަނީ މިނިސްޓަރުގެ ޑުރައިވަރެވެ. އިތުރު އެހެން ނުދަންނަ މީހަކު އޭނާ އާއި ވާހަކަ ދައްކާ ހަނދާފައެއް ނެތެވެ. އޭނާ ކުރަމުންދާ މަސައްކަތް އަބަދުވެސް ކިޔާދެމުން އަންނަނީ މިރުފާނެވެ. ބޭނުންވާ ކަމެއް ވިޔަސް ބުނަން ޖެހެނީ މިރުފާންގެ ގާތުގައެވެ. ބޮސް އުޅުއްވާ ލެއް ބިޒީ ކަމުން އޮފީހަށް ދުރުވަނީ ވަރަށް މަދުން ކަމުގައި މިރުފާން މެން ބުނަމުން ދިޔައެވެ.

​ކަންތައް ތައް އެގޮތަށް ދިޔައީ އެއީ އޭނަގެ ނަސީބުކަމަށް ނިންމިއެވެ. ހަމަގައިމުވެސް މިއަދު ބޮސް އެއީ ކާކުކަން އޭނާއަށް އެނގޭނެއެވެ. އެރީތި ޒުވާނާ އާއި އޭނަ ބައްދަލު ކުރާނެއެވެ. ވަރަށް ކައިރިން މިއަދު ވާހަކަ ދެކެވޭނެއެވެ.

​ކާއިނާތުގެ މޯބައިލް ރިންގުވާން ފެށިއެވެ. ކާއިނާތުގެ ބައްޕަގެ ބޭކަރީން ފޯނެކެވެ. އޭނާގެ މޫނުމަތިން ޙައިކާން ކަން ފާޅުވެގެން ދިޔައެވެ. އޭނަ އޮފީހަށް އައިތާ ބައިގަޑިއިރުވެސް ނުވަނީ އޭނަގެ ބައްޕަ ގުޅުމުންނެވެ. އަދި އެވެސް ބޭކަރީ ފޯނުންނެވެ.

​"އައްސަލާމް އަލައިކުމް ބައްޕަތޯ؟"ކާއިނާތު މަޑުމަޑުން ސުވާލު ކޮށްލިއެވެ.

އޭނާ އަށް ފޯނުން ލިބުނު ޙަބަރަކުން އަތުން މޯބައިލް ދޫވިއެވެ. މީހާގެ ގައިން ކުއްލިޔަކަށް ވަރު ދޫވިހެން އޭނާ އަށް ހީވިއެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ވަށައިގެން އޮފީސް ތެރެއަށް ކަރުނުން ފުރިފައިވާ ދެލޮލުން ބަލާލިއެވެ. ހިފެހެއްޓުމެއްނެތި ކާއިނާތުގެ ކޯތާފަތް މައްޗަށް ކަރުނަ އޮހިގަތެވެ. އޭނާ ރޯއަޑު އެހެން މީހުންނަށް އިވިދާނެތީ ތުންފަތުގައި ބާރަށް ދަތް އަޅާލިއެވެ. އަދި ތެދުވެގެން އޮފީހުން ބޭރަށް ނިކުތެވެ.

​ލިފްޓު ހުޅުވުމުން ދުވެފައި ކާއިނާތު ލިފްޓުން ނިކުތެވެ. އޭރު ލިފްޓުގެ އިންތިޒާރު ގައި ހުރި ވިދާދުގެ ގައިގައި ޖެހިމުން ކާއިނާތު އަރިއަޅާލިއެވެ. ވިދާދު ކާއިނާތު ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ.

​"ސޮރީ."ރޮވިފައިވާ ރާގެއްގައި ކާއިނާތު ބުންޏެވެ.

ވިދާދަށް ކަރުނުން ފުރިވާ ކާއިނާތުގެ ދެލޯ ފެނުމުން ޙައިރާން ވިއެވެ. ހިތަށް ބުނަން ނޭނގޭ އަސަރެއް ކުރިއެވެ. ކާއިނާތު ވިދާދާއި ދުރަށް ޖެހިލާފައި މަގުމައްޗަށް ނިކުންނަ ހުރި ގޭޓާއި ދިމާ އަށް ދުއްވައި ގަތެވެ.

"ކާއިނާ ރޮނީ. ކިހިނެއްވީބާ؟" ވިދާދު ހިތާ ހިތާ ކިޔާލިއެވެ.

ކާއިނާތު ބޭރަށް ނިކުތް އިރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ކާރެއް ލިބޭތޯ ވާރޭ އަށް ނިކުތެވެ. އަދި ކުރިމަތިން ދާހާ ޓެކްސީ އަކަށް އަތް ނަގަމުން ދިޔައެވެ. ފިހަރާތަކާއި ބައެއް އޮފީސްތައް ދޮރު މަތީގައި ތިބި މީހުން އޭނާ އަށް ބަލަމުން ދިޔައެވެ. ވިދާދު ކާއިނާތުގެ އަތުގައި ހިފާފައި އޮފީސް ތެރެއަށް ވެއްދިއެވެ. އޭރު ވިދާދު ވެސް ތެމި ފޯވިއެވެ. ކާއިނާތު ގިސްލަމުން ދިޔައެވެ. ކާއިނާތުގެ އަތުގައި ހިފައި އެގޮތައް ވެއްދުމުން ބަލަން ތިބި މީހުން ޙައިރާން ވިއެވެ. އެފަދަ މަގާމެއްގައި ހުރި މީހަކު އެގޮތައް ކަންތައް ކުރުމުން ނެވެ. ވިދާދު އެމީހުންނަށް ބަލާލަމުން ހިންހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ.

"މިތާ ތިތިބީ ކުރާނެ މަސައްކަތެއް ނެތީތަ؟" ވިދާދުގެ ހަރުކަށި އަޑު އިވުމުން އޮފީހުގައި މަސައްކަތް ކުރާ ކުދިން އެއްބަޔަކު ސިޑިން އަނެއް ބަޔަކު ލިފްޓުން އަރައިގެން ދިޔައެވެ. އޭރުވެސް ކާއިނާތު ގިސްލަމުން ދިޔައެވެ.

"ކިހިނެއްވީ؟... ތިރޮނީ ކީއްވެ؟"ވިދާދު ސުވާލު ކޮށްލިއެވެ.

"ހޮސްޕިޓަލަށް ދާން ބޭނުން، ކާރެއް މިހޯދަނީ އެހެން ވެ؟"ކާއިނާތު ގިސްލަމުން ބުންޏެވެ.

"ތެމި ފޯވެގެން ކާރެއް ހޯދަން އުޅުނަސް މިއަދު ނުލިބޭނެ، އާދޭ."ވިދާދު ކާއިނާތުގެ އަތުގައި ހިފައިގެން އޮފީގައި ވިދާދު ކާރު ޕާކުކުރާ ތަނަށް ދިޔައެވެ. ކާރު ދޮރު ހުޅުވާލާފައި ކާއިނާތު ކުރީ ސީޓަށް އެރުމަށް އެދުނެވެ.

"ނުކެރޭނެ، ތެމި ފޯވެގެން މިނިސްޓަރެއްގެ ކާރަށް އަރާކަށް." ގިސްލަމުން ކާއިނާތު ބުންޏެވެ.

"އޯކޭ ވާނެ." ވިދާދު ހިމޭން ރާގެއްގައި ބުންޏެވެ.

"ތެމިފޯވެގެން އެރީމަ ތީނަގެ ޖޮބު ގޮސްދާނެ." ކާއިނާތު ވިދާދަށް ބަލާލަމުން ބުންޏެވެ.

"މިވަގުތު މުހިއްމީ ޖޮބުތަ؟ ނޫނީ ހޮސްޕިޓަލަށް ދިއުންތަ؟ ލަސްނުކޮށް އަރާ." ވިދާދު މަޑުމަޑުން ބުންޏެވެ.

މިވަގުތު އޭނާ އަށް އިތުރު ގޮތެއް ނެތް ކަން އެނގޭތީ ކާރަށް އެރިއެވެ. ވިދާދު ކާރަށް އަރާ ދުއްވާލިއެވެ. ކާއިނާތު އިނީ ތެމިފޯވެފައި ކަމުން އޭސީގެ ވައި ޖެހުމުން ހީކަރުވަން ފެށިއެވެ. ވިދާދު ކާއިނާތަށް ބަލާލިއެވެ. އަދި އޭސީ ނިންވާލިއެވެ.

ކައިރީގައި ޖެހިގެން އިން ގޮނޑީގައި އެއިން ރީތި އަންހެންކުއްޖާ އަށް ބަލާނުލާ އިނުން އެއީ އުނދަގޫ ކަމަކަށް ވިދާދަށް ވިއެވެ. ތެމިފޯވެފައިވާ ހެނދުން ގައިގައި ތަތް ވެފައިވާ މަންޒަރު ފެނުމުން ވިދާދުގެ ހިތް ބާރަށް ވިންދު ޖަހަމުން ދިޔައެވެ. ކާއިނަތުގެ ރީތިކަން ކުރިޔަށް ވުރެން ބޮޑަށް ފާޅުވަމުން ދިޔައީ ވާރޭން ތެމިފޯވެފައިވާ އިސްތަށިގަނޑުގެ ސަބަބުންނެވެ. ފެން ތިކިތައް އިސްތަށިގަނޑުން ފައިބައިގެން ކަދުރާން ތިރިޔަށް އަންނަމުން ދިޔައެވެ. ވިދާދު ކާއިނާތަށް ބަލާލިއެވެ. އޭރުވެސް ކާއިނާތު ގިސްލަމުން ދިޔައެވެ. ވީ ކީއްކަމެއް ނުބުނެ ރޮމުން ދާ މަންޒަރަކީ ބަލަން އުނދަގޫ މަންޒަރަކަށް ވިއެވެ. ހިތަށް ކުރަމުން ދާ އަސަރާއި އެއްވަރަށް ސިކުނޑި ހާސްކުރުވަމުން ދިޔައެވެ.

ކާރު އެއް ފަރާތެއްގައި މަޑުކޮށްލަމުން ވިދާދު ލައިގެން އިން ކޯޓު ބާލަފައި ކާއިނާތުގެ ކޮނޑުގައި އަޅުވާލިއެވެ. ކާއިނާތު ޙައިރާން ކަމާއި އެކީގައި ކަރުނުން ފުރިފައިވާ ދެލޮލުން ވިދާދަށް ބަލާލިއެވެ. ވިދާދު ހިނިތުން ވެލިއެވެ.

"ތެމިފައި ހުރީމައި ހަށިގަނޑު އެބައިނގޭ، ތިގޮތައް މީހުން ތެރެއަށް ދިއުން ރަނގަޅެއް ނުވާނެ، ބަލަމުން ދާ ލޯތައް މަދެއް ނުވާނެ." މަޑުމަޑުން ވިދާދު ބުނެލިއެވެ.

"ތެންކިއު."ކާއިނާތު ވިދާދަށް ޝުކުރު އަދާކުރިއެވެ. އޭރުވެސް ކާއިނާތަށް ގިސްލެވެމުން ދިޔައެވެ.

​"އިހަށް ހުއްޓާލާފައި ބުނެބަލަ. ކިހިނެއްވީ؟" ވިދާދު ހިމޭން ރާގެއްގައި އަހާލިއެވެ.

​"ބައްޕަ ވީ ހޮސްޕިޓަލްގަ، ބޭކަރީގަ ހުއްޓާ ވެއްޓުނީ." ކާއިނާތަށް ކުރިޔަށް ވުރެން ބޮޑަށް ގިސްލެވެން ފެށިއެވެ.

ވިދާދު ކާއިނާތަށް ބަލާލިއެވެ. ވިދާދު ފޯނު ނަގައި މެސެޖެއް ޓައިޕު ކޮށްލިއެވެ. އަދި މިރުފާނަށް ފޮނުވާލިއެވެ. ވިދާދު ބޭނުންވީ މީޓިން ކެންސަލް ކޮށްލާށެވެ. އެކަމަކު އެމީޓިން އަކީ ވިދާދުގެ ބައްޕަގެ ވިޔަފާރިއަށް މުހިއްމު މީޓިނަކަށް ވާތީ ފަށާ ގަޑި ތަންކޮޅެއް ލަސްކޮށްލަން މިރުފާނަށް އެނގީއެވެ. އުޒުރަކަށް ވިއްސާރަ ވުމުން ކަމަށް ބުނުމަށް ވިދާދު އެދުނެވެ.

​ހޮސްޕިޓަލަށް ގޮސް ކާއިނާތު ބޭލުމަށް ފަހު ވިދާދު ކާރު ޕާކުކޮށްފައި އެމެޖެއްސީ އަށް ދިޔައެެވެ. ކާއިނާތު ފެނޭތޯ ބަލަމުން ދިޔައެވެ. ވިދާދަށް ކާއިނާތު ފެނުނު އިރު ބައްޕަ ގައިގައި ބައްދާގެން ރޮމުން ދިޔައެވެ. ވިދާދު އެތަނަށް މަޑުކޮށްލުމުން ޑޮކްޓަ ވިދާދަށް އަދަބު އިޙްތިރާމް އަދާކުރަމުން ސަލާމް ކޮށްލިއެވެ. އަދި ހަލީލު އެތަނަށް ގެނައި އިރު ވެސް ފުރާނަ ނެތް ކަމަށް ބުންޏެވެ. ވިދާދު ރޮމުން ދިޔަ ކާއިނާތަށް ބަލާލިއެވެ. ވިދާދުގެ ދެލޮލަށް ކަރުނަ ޖަމާ ވާން ފެށިއެވެ. ވިދާދު ކާއިނާތު ހަލީލްގެ ފުރާނަނެތް މަސްގަނޑާ ދުރު ކޮށްލިއެވެ. ކާއިނާތު ވިދާދުގެ އަތް ފޮޅުވާލިއެވެ. އެކަމަކު ވެސް ވިދާދުގެ ޒުވާން ވަރުގަދަ ދެއަތުން ކާއިނާތު ގެނެސް އޭނާގެ އަތުތެރެ އަށް ލާ ބާރުކޮށްލިއެވެ. އެޒުވާން އަތުތެރޭން ދުރަށް ދާން ރޮމުން ގަދަ ދައްކަމުން ދިޔައެވެ. އެކަމަކު ވެސް ވިދާދު ބާރަށް ކާއިނާތުގެ ގައިގައި ހިފައްޓާ އޯގާތެރިކަމާއި އެކީގައި ބައްދާލިއެވެ. ކާއިނާތަށް ވިދާދުގެ މޭގައި ބޭއިޙްތިޔާރު ގައި ބޯއަލާލެވުނެވެ. ގިސްލާ ރޮމުން ވިދާދުގެ މޭމަތި ތެންމަމުން ދިޔައެވެ. ކާއިނާތު ގިސްލާ ރޯނެވަރަކަށް ރުއިމަށް ފަހު ހަމަޔަކަށް އެޅުމުން ހުރިގޮތަށް ހުރެފައި ކާއިނާތު މަޑުމަޑުން ބުނެލިއެވެ.

​"ސޮރީ."ކާއިނާތުގެ އަޑު އިވުމުން ވިދާދު ކާއިނާތުގެ ގައިގައި ހިފައިފާ ވާ ބާރު މިން ދޫކޮށްލިއެވެ. ކާއިނާތު ހަމަޔަކަށް އެޅި ވިދާދު އާއި ދުރަށް ޖެހިލިއެވެ. ކާއިނާތު ވިދާދުގެ މޫނަށް ބަލާލިއެވެ. އެވަގުތު ވިދާދު ގެ ފެންކަޅި ވެފައިވާ ދެލޯ ފެނުމުން އޭނާ ޙާއިރާން ވިއެވެ. އޭނަޔަށް ޓަކާ އެނުދަންނަ އިންސާސާގެ ލޮލަށް ކަރުނަ ޖަމާވެފައިވާ މަންޒަރު ފެނުމުންނެވެ.

​"ތެންކިއު."ކާއިނާތު މަޑުމަޑުން ބުންޏެވެ.

​"ލަސްވެގެން ތީނަގެ ބޮސް އުޅުއްވާނެ."ކާއިނާތު ކަރުނަ ފުހެލަމުން ގޮނޑީގައި އިށީންނަމުން ބުންޏެވެ. ވިދާދު އިތުރު ވާހަކަ އެއް ނުދައްކާ ކާއިނާތު އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

​"އަދި ކަމެއް ކޮށްދީފާނަންތަ؟"ކާއިނާތު ވިދާދަށް ބަލާލަމުން ބުންޏެވެ. ވިދާދު ބޯޖަހާލިއެވެ.

"މިއާދެވުނީ އޮފީހުގަ ފޯނު ބާއްވާފަ، ފޯނެއް ކޮށްލަން."ކާއިނާތު ޖެހިލުންވެ ހުރެގެން ބުންޏެވެ.  

އޭރުވެސް ކާއިނާތުގެ ލޮލުން އަންނަމުންދާ ކަރުނަ އަކަށް ބަދަލެއް ނާދެއެވެ. ވިދާދު ފޯނުޖީބުން ނަގައި ދިކޮށް ލިއެވެ. އިރުފާންގެ ނަމްބަރު ޖެހުމަށް ފަހު އިރުފާނަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގުމުން ކާއިނާތަށް ކުރިޔަށް ވުރެން ބޮޑަށް ރޮވެން ފެށިއެވެ.

​"ކާކުތީ؟"ފޯނުން އަޑު އައެވެ.

​"އިރޫ މިއީ ކާއިނާ."ގިސްލަމުން ކާއިނާތު ބުންޏެވެ.

އެކޮޅުން އިތުރު ސުވާލެއް ނުކޮށް މިވަގުތު ބިޒީކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. ކާއިނާތު މާޔޫސް ކަމާއި އެކީގައި ކަރުނުން ފުރިފަވާ ދެލޯ މަރާލިއެވެ. ވިދާދު ކާއިނާތަށް ބަލާލިއެވެ. އިރުފާން ދިން ޖަވާބުން އިތުރަށް ކާއިނާތުގެ ހިތުގައި ޖެހުނުކަން ވިދާދަށް އެނގުނެވެ. ކާއިނާތު ވިދާދަށް ފޯނު ދިއްކޮށްލިއެވެ. އަދި ޝުކުރު އަދާކޮށްފައި ބައްޕަ އޮތް އެނދާއި ދިމާ އަށް ދިޔައެވެ. ވިދާދު ލަސްވެގެން އިރުއިރުކޮޅުން މިރުފާން ގުޅަމުން ދިޔައެވެ. އެއިން އެއްވެސް ކޯލަކަށް އޭނާ ޖަވާބެއް ނުދެއެވެ.

ވިދާދަށް އެތަނުގައި އޭނާ އާއި ކާއިނާތުގެ ފޮޓޯ ބަޔަކު ނެގިކަން އެނގުމުން އެދިމާ އަށް ދިޔައެވެ. އަދި އެމީހުންގެ ފޯނު ތަކުން އެފޮޓޯތައް ޑިލިޓު ކޮށްލިއެވެ. އަދި އިތުރަށް ފޮޓޯއެއް ހުރެ އެލީކު ކޮށްފިއްޔާ އެ ލީކު ކޮށްލި މީހަކަށް ހަނދާނުގައި ވެސް ފިލާގެން ނުދާނޭފަދަ އަދަބެއް ދޭނެކަމަށް ބުނެ ބިރު ދެއްކިއެވެ.

​"އަހަރެން ބަދުނާމު ކުރަން ކުށެއް ނެތް ކުއްޖެއްގެ އަބުރާ އިއްޒައް ގެއްލުވާ ނުލާތި."ވިދާދު ހަރުކަށި ރާގަކަށް ބުންޏެވެ.

އޭނަ ކަންތައް ބޮޑުވަމުން ދިޔައީ އޭނަޔާ ކާއިނާތާ އަޅުވާކިޔާ ކާއިނާތު ބަދުނާމުވެދާނެތީއެވެ. ވަށައިގެން ވިދާދަށް ބަލަމުންދާ މީހުން ދިޔައީ ހައްތަހާ ގިނަ ވަމުންނެވެ. އޭނަޔަށް ކުރެވެނީ ކޮންކުށެއްތޯ ބަަލަމުން ފާރަލަމުން ދާ މީހުންނާ ނޫސް ވެރިން މަދެއް ނޫނެވެ.

ހޮސްޕިޓަލުން ކުރަން ޖެހޭ ކަންތައް ނިމެން ވަގުތު ނަގާނެތީ ޒައިބާ އަށް ގުޅައިގެން ހޮސްޕިޓަލަށް ގެނެސް ކާއިނާތު ކައިރީގައި ހުރުމަށް ބުނެފައި ވިދާދު އެތަނުން އޮފީހަށް ދިޔައެވެ.

*********************

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy