ސްޕެއިނުގެ ފުޓްބޯޅަ ބާރުތައް އެމެރިކާގައި: ރިއަލް މެޑްރިޑާއި ބާސެލޯނާ ޕްރީ-ސީޒަން ތައްޔާރީތައް ފަށައިފި

ބާސެލޯނާ ގެ ތަރި ލަމިން ޔަމާލް އަދި ރިއަލް މެޑްރީޑް ގެ ތަރި ކަމަވިންގާ

ސްޕެއިންގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ދެ ކުލަބަކީ ރިއަލް މެޑްރިޑް އާއި ބާސެލޯނާއެވެ. މި ދެ ކުލަބަކީ ޓްރޮފީ ހޯދުމުގައި އެންމެ ކާމިޔާބު ދެ ކުލަބެވެ. ރިއަލް މެޑްރިޑް ވަނީ 101 ޓްރޮފީ ހޯދާފައިވާއިރު، ބާސެލޯނާ ވަނީ 99 ޓްރޮފީ ހޯދާފައެވެ. މި ދެ ކުލަބާ އަޅާބަލާއިރު، ތިންވަނައަށް އޮތް އެތްލެޓިކް ބިލްބާއޯ ވަނީ އެންމެ 35 ޓްރޮފީއެވެ.

މި ދެ ކުލަބުގެ ކާމިޔާބީގެ އަނެއް ހެއްކަކީ އެ ދެ ކުލަބުގެ ގިނަ ރަށްޓެހިންނާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެ ދެ ކުލަބުގައި ހިމެނުމެވެ. މީގެ އިތުރުން، މި ދެ ކުލަބު ބައްދަލުކުރާ "އެލް ކްލާސިކޯ" މެޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން ޝައުޤުވެރިކަމާއެކު ބަލާ މެޗެކެވެ.

ރިއަލް މެޑްރިޑް އަދި ބާސެލޯނާ ވަނީ އެ ދެ ޓީމުގެ ތަމްރީނު މަރުކަޒުތަކުގައި ޕްރީ-ސީޒަންގެ ފުރަތަމަ މަރުޙަލާ ނިންމުމަށްފަހު، ޗެމްޕިއަންސް ޓުއަރގައި ބައިވެރިވުމަށް އެމެރިކާއަށް ޒިޔާރަތްކޮށްފައެވެ.

ރިއަލް މެޑްރިޑް ވަނީ ޖުލައި 31 ވަނަ ދުވަހު، ބުދަ ދުވަހު، ސޯލްޖަރ ފީލްޑްގައި މިލާނާއާ ކުޅުމަށް ޝިކާގޯއަށް ދަތުރުކޮށްފައެވެ. އެ ޓީމުގެ ދެން އޮތް މުބާރާތަކީ އޯގަސްޓް 3 ވަނަ ދުވަހު، ހޮނިހިރު ދުވަހު، ނިއު ޖާސީގެ މެޓްލައިފް ސްޓޭޑިއަމްގައި ބާސެލޯނާއާ އެކު ކުޅޭ، ގިނަ ބަޔަކު ޝައުޤުވެރިވާ "އެލް ކްލާސިކޯ" އެވެ. އަދި އެ ޓީމުގެ ދަތުރު ނިންމާލާނީ އޯގަސްޓް 6 ވަނަ ދުވަހު، އަންގާރަ ދުވަހު، ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ޗެލްސީއާ އެކު ކުޅޭ މުބާރާތުންނެވެ.

ކާލޯ އެންސެލޮޓީ ގެންދާ 26 ކުޅުންތެރިންގެ ތެރޭގައި މި މޫސުމުގެ އެންމެ ޝައުޤުވެރިކަން ބޮޑު ސޮއިކުރުން ކަމުގައިވާ ކައިލިއަން އެމްބާޕޭ ނުހިމެނެއެވެ. އަދި ޔޫރޯ 2024 ގެ ސެމީފައިނަލަށް ދިޔަ ސްޕެއިން އަދި އިނގިރޭސިވިލާތުގެ ކުޅުންތެރިންނާއި އުރުގުއޭގެ ފެޑޭ ވަލްވާޑޭވެސް ނުހިމެނެއެވެ. ބްރެޒިލްގެ ކުޅުންތެރިން ކަމުގައިވާ ރޮޑްރިގޯ، ވިނީސިއަސް އަދި މިލިޓާއޯ ފަހުން ބައިވެރިވާނެއެވެ. އެމެރިކާއަށް ފުރުމުގެ އެއް ދުވަސް ކުރިން ތަޢާރަފުކުރެވުނު ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އެންޑްރިކް ހިމެނޭނެއެވެ. މީގެ އިތުރުން ޖުއާން މާޓިނެޒް އަދި ޖެސޫސް ވަލެހޯ ފަދަ 12 އެކަޑަމީ ކުޅުންތެރިން ހިމެނޭއިރު، ފްރާން ގޮންޒާލެޒް އަދި ޖަކޯބޯ ރަމޯން ފަހުން ބައިވެރިވާނެއެވެ.

މި މުބާރާތްތަކަކީ ރިއަލް މެޑްރިޑަށް މި މޫސުމުގެ ފުރަތަމަ ރަސްމީ ލަޤަބު ކަމުގައިވާ ޔޫއީއެފްއޭ ސުޕަރ ކަޕަށް ތައްޔާރުވުމަށް ބޭއްވޭ އިންތިހާއަށް މުހިންމު މުބާރާތްތަކެކެވެ. މި މުބާރާތުގައި އެ ޓީމު އިޓަލީގެ ނަންހުރި ކުޅުންތެރިން ހިމެނޭ އެޓަލާންޓާއާ ވާދަކުރާނީ އޯގަސްޓް 14 ވަނަ ދުވަހު ޕޮލެންޑުގެ ވޯސޯގައެވެ.

ބާސެލޯނާ އިން އެ ޓީމުގެ ޗެމްޕިއަންސް ޓުއަރ ފަށައިގަންނާނީ ޖުލައި 31 ވަނަ ދުވަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ވަރުގަދަ ޓީމު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އެމެރިކާގެ އޯލެންޑޯގައި ހުންނަ ކެމްޕިންގ ވޯލްޑް ސްޓޭޑިއަމްގައެވެ. އޭގެ ފަހުން އެ ޓީމުން ރިއަލް މެޑްރިޑާ ކުރިމަތިލާނީ އޯގަސްޓް 4 ވާ އާދީއްތަ ދުވަހު ނިއު ޖާސީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ. އެމެރިކާގައި ކުޅޭ މުބާރާތްތަކުގައި އެ ޓީމުގެ ފުރިހަމަ ރެކޯޑު ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. މި ޓުއަރ ނިމުމަކަށް އަންނާނީ އޯގަސްޓް 7 ވަނަ ދުވަހު އެމެރިކާގެ ބޯލްޓިމޯގައެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy