ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް 2026 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ސެމީ ފައިނަލަށް ރަސްދޫ ސްޕޯޓްސް އެކަޑެމީއާާއި، ސަޑޭ ސްޕޯޓްސް އެކަޑެމީއާއި، ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީގެ އިތުރުން ރިދަން ސްޕޯޓްސް އެކަޑެމީ ދަތުރުކޮށްފިއެވެ.
އެގޮތުން 14 އަހަރުން ދަށުގެ އުމުރުފުރާގެ ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ރަސްދޫ ފުޓްބޯލް އެކަޑެމީއެވެ. އެ ޓީމަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިފައެވެ. ސަޑޭ ސްޕޯޓްސް ކުލަބު ވެސް ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ރަސްދޫއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕްގެ ތިން ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
14 އަހަރުން ދަށުގެ ގްރޫޕް ބީގެ އެއްވަނަ ލިބެނީ ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީއަށެވެ. އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން 9 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި ރިދަން އޮތީ ތިން މެޗު ކުޅެ ހަތަރު ޕޮއިންޓު ލިބިގެންނެވެ. އެޕެކްސް އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓު ލިބިފައެވެ. ނަމަވެސް ރިދަން އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕްގެ ފުލުގައި ޖެޓްލައިނާސް އޮތީ އެއްވެސް ޕޮއިންްޓެއް ނުލިބިއެބިއެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު އެކަޑެމީތަކުން ވެސް ބައިވެރިވެއެވެ. އެގޮތުން މާލެއިން ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ އެކަޑެމީއާއި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީ ހިމެނެއެވެ. އއ. އުކުޅަހުން އެ މުބާރާތުގައި އުކުޅަސް ސްޕޯޓްސް އެކަޑެމީ ބައިވެރިވާއިރު އެ އަތޮޅު ރަސްދޫއިން އެ މުބާރާތުގައި ބައިވެރިވަނީ ރަސްދޫ ފުޓްބޯލް އެކަޑެމީއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ސަޑޭ ސްޕޯޓްސް އެކަޑެމީން ވެސް އެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. ޅ. ނައިފަރުގެ މަޝްހޫރު އެޕެކްސް ސްޕޯޓްސް އެކަޑެމީން ބައިވެރިވާއިރު ކ. މާފުށީގެ ނިއު ސްޓާ އެކަޑެމީން ވެސް ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.
ލަންކާއިން އެ މުބާރާތުގައި ވާދަކުރާނީ ޖެޓްލައިނާސް އެކަޑެމީއެވެ. އަދި ތޮއްޑޫއިން އެ މުބާރާތުގައި ކުޅެނީ ރިދަން ސްޕޯޓްސް އެކަޑެމީއެވެ.
މިމަހުގެ 18 ވަނަ ދުވަހު ފެށި އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް މިހާރު ވަނީ ނިމިފައެވެ.
މިއަހަރުގެ މުބާރާތް ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ހަތަރު އުމުރުފުރާއަށް ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ.
އެ މުބާރާތުގެ ދެވަނަ ބައި ފަށަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ވާދަކުރާނީ 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 12 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކެވެ.
ކޮމެންޓް