ލިޔުނީ: މަރިޔަމް މޫސާ
ޝިފްނާ އެހެން ބުނުމުން އާންއެކޭ ބުނެލަމުން އުމަރު ދެލޯ މަރާލިއެވެ. ޝިފްނާ ނޯޓްފޮތް ގޮނޑިމަތީގައި ބޭއްވުމަށްފަހު އަވަސް އަވަހަށް ޝާހިލް ހުރިދިމާ އަށް ދިޔައެވެ. އަދި ޝާހިލްގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ.
"މިތަނަށް ތިއައީ ކީއްކުރަން؟"ޝިފްނާ މަޑުމަޑުން އަހާލިއެވެ.
"މިތާ އޮތީ ރައްޒާގުބެއެއް ނޫންތަ؟"ޝާހިލް ނޭނގޭކަމަށް ހަދާލަމުން އަހާލިއެވެ.
"ރައްޒާގުބޭ؟ އެއީ ކާކު؟ މިތާ އޮތީ އަހަރެންގެ ބައްޕަ، ފައި އޮޕަރޭޝަން ކޮށްގެން."ޝިފްނާ ބުންޏެވެ.
"ހޫން، އެއީ ރައްޒާގުބެއޭ."ޝާހިލް ޝިފްނާގެ މޫނަށް ބަލާލަމުން ބުންޏެވެ.
"ރައްޒާގުބެއޭ، އަހަރެންގެ ބައްޕަ އަށް ކިޔަނީ އުމަރު، އުމަރު ރިޒާ."ޝިފްނާ ބުންޏެވެ.
"ބަލަ އެއައީ ނުން ރާޔާ ޒަވިޔަނި. ރިޒާ، ރައްޒާގު."ސަމާސާ ރާގަކަށް ޝާހިލް ބުންޏެވެ. ޝިފްނާ އެއްޗެއް ބުނަން އުޅުނެވެ. އެވަގުތު އެއްޗެއް ހަނދާން ވެގެން ޝާހިލްގެ މޫނަށް ބަލާލިއެވެ.
"މަށައް ފޮލޯކުރަނީތަ؟"ޝިފްނާ ޝައްކުވެގެން ހުރެ އަހާލިއެވެ.
"އަޑު އެހިން މިތާ ކެންޓީނުގެ ކެއުން މީރުވާހަކަ، ތެދެއްތަ އެއީ؟"ޝިފްނާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޝިފްނާގެ މޫނަށް ބަލާލަމުން އަހާލިއެވެ.
"މަށެއް ނުކަން."ޝިފްނާ ބުންޏެވެ.
"މަށެއްވެސް ނުކަން އެހެންވިއްޔާ ހިނގާ މިރޭ ދެމީހުން މިތާކެންޓީނުގެ ކެއުން އިންސާފުކޮށްލަމާ؟" ޝާހިލް ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެންނަމުން ބުންޏެވެ.
"ސޮރީ ބައްޕަ އެކަނި ބާއްވާފައި ނުދެވޭނެ."ޝިފްނާ ބުންޏެވެ.
ޝިފްނާ އެހެން ބުނެލުމަށްފަހު ރޫމާދިމާ އަށް ހިނގައިގަތެވެ. އެވަގުތު ޝާހިލް ޝިފްނާގެ އަތުގައި ހިފާލިއެވެ. ޝިފްނާގެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވީ ކަނދުރާމަތިން ލޯލިތައް ކޮޅަށް ޖެހުމުންނެވެ. ތެލެމުން ދިޔަ ހިތުގެ ވިންދު ޝާހިލް އަށް ވެސް އަޑުއިވޭނެކަން ޔަގީނެވެ. އެހާވެސް ޝިފްނާ ނުތަނަވަސް ވިއެވެ. އެކަމަކު ހަމަ އެހިނދު ޝިފްނާ އަވަސް އަވަހަށް ޝާހިލްގެ އަތުތޭން އޭނާގެއަތް ދަމައިގަތެވެ. އަދި ފަސް އެނބުރި ޝާހިލް އަށް ބަލާލުމެއް ނެތި ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިތެރެއަށް ވަނެވެ.
ޝާހިލް އަށް އޭނަޔަށް ކުރެވުނު ކަންތައް އަމިއްލަ އަށް ކުއްވެރިކުރިއެވެ. އެކަމަކު އެހިނދު ޝާހިލް ގެ ނަޒަރު ހުއްޓުނީ ކުރިމަތިން އައި ޒުވާން ފިރިހެން ކުއްޖަކަށާ ހަރުވަރެއްގެ އަންހެނަކަށެވެ. އެދެމީހުން އައިސް ޝިފްނާގެ ބައްޕަ އެޑްމިޓް ކޮށްފައި އޮތް ރޫމަށް ވަނެވެ. އިރުކޮޅެއް ނުވަނީސް ޝީފްނާ އެތަނުން ނިކުތެވެ. މިވަގުތު އޭނަގެ ކޮނޑުގައި ކުޑަވަރެއްގެ އަތްދަބަހެއް އޮތެވެ. އަދި އަތުގައި ނޯޓް ފޮތެއް އޮތެވެ. ކުރިމަތީގައި ހުރި ޝާހިލް ފެނުމުން ވަގުތު ކޮޅަކަށް ޝިފްނާ ހުއްޓުން އެރިއެވެ. އަދިވެސް ގައިން ނެގި ހީބިހީގެ އަސަރު ނުކެނޑެއެވެ. ޝީފްނާ އިސްތިރިކޮށްލިއެވެ. އަދި މަޑުމަޑުން ޖެހިލުންވެ ހުރެ ޝާހިލް ހުރިދިމާ އަށް އައެވެ. އަދި ޝާހިލްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.
"މެންދުރުއްސުރެން އެއްޗެއް ނުކަން."ޝިފްނާ އިސްއުފުލާ ޝާހިލް އަށް ބަލާލަމުން ހިމޭން ރާގެއްގައި ބުންޏެވެ.
ޝާހިލް އޭނަގެ ޖިންސުގެ ޖީބަށް އަތް މަހާލަމުން އޭނަގެ ތިރީ ތުންފަތުގައި ދަތް އަޅާލަމުން ހިނިތުން ވެލިއެވެ. ޝިފްނާ ވެސް ރަކިގޮތަކަށް ހިނިތުން ވެލިއެވެ.
އިތުރަށް ދެމީހުން ކުރެން މީހަކު ބަހެއްނުބުނެ ކެންޓީނާދިމާ އަށް ހިނގައިގަތެވެ. މަޑުފިޔަވަޅުގައި ކުރިޔަށް ދިޔައިރު ހީވަނީ ވަގުތު އޮވެގެން ދާހެންނެވެ. އެދެމެދުގައި އެއްވެސް ވާހަކަ އެއް ނުދެކެވުނުކަމުގައި ވިޔަސް ދެމީހުން ބަލާލާ ކޮންމެ ފަހަރަކު ލޮލުން އެތަކެއް ވާހަކަ ދައްކަން ބޭނުން ވެފައިވާ ކަމުގެ އިޝާރާތް ކުރަމުން ދިޔައެވެ. މަޑުފިޔަވަޅުގައި ކުރިޔަށް ގޮސް ކެންޓީންގެ ބޭރުގައި ބައްޓާފައިވާ މޭޒުތަކުން މޭޒެއްގެ ދޮށުގައި އިށީނެވެ. އެމީހުންނަ އިށީނދެވުނު ދިމާލުން ބޮޑުތަކުރުފާން މަގުން ބޭރު ތޮށިގަނޑުފެނެއެވެ. މިވަގުތު އެދިމާލު ތޮށިގަނޑުމަތީގައި މަސްބާނަށް ދެތިން މީހުން އުޅުނެވެ.
މޭޒުދޮށުގައި އިށީންދެ ހަމަޖެހިލަމުން ޝާހިލް އިސްއުފުލާ ޝިފްނާ އަށް ބަލާލުމާއެކު އޭނާއަށް ޝިފްނާން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. އާދައިގެ ހުދު ކުރުތާގައި އިން ޝިފްނާ އަށް ބަލާލެވުނު ވަގުތު ތަފާތު ޖަޒުބާތެއްގެ އޮއެވަރު ހިތުގައި ހިނގައިގަތެވެ.
ޝިފްނާ ތޮށިގަނޑާ ދިމާލުން ނަޒަރު ނައްޓާލަމުން ކުރިމަތިން އިން ޝާހިލް އަށް ބަލާލިއެވެ. ޝިފްނާގެ މޫނަށް ބަލަން އިން ޝާހިލް ގެ ލޮލުގެ ތެރެއަށް ޝިފްނާ ގެނބިގެން ދިޔަކަހަލައެވެ. މަސްތީ ބެލުމެކެވެ. އެ ހަށިގަނޑުގައި ޝާހިލްގެ ނަޒަރު ބީހޭ ފަދަ އެވެ. ބޭއިޚްތިޔާރުގައި ޝިފްނާ އަށް އިސްޖަހާލެވުނީ ލަދުވެތިކަމުގެ ހޫނުކަން ދެ ކޯތާފަތަށް އިޙްސާސް ކުރެވިގެންނެވެ. އެ ދޮން މޫނަށް މަޑު ފިޔާތޮށިކުލައެއް ވެރިފައި ވިއެވެ.
"ކޯއްޗެއް ގެންނަވީ؟" ދެމީހުންގެ ދޭތެރޭގައިވާ ހިމޭންކަން ފޫދުއްވާލީ އިސްވެ ޝާހިލް އެވެ.
"އޯކޭ ކޮންމެ އެއްޗަކަސް."ޝިފްނާ ބުންޏެވެ.
"އެބައަންނަން."ޝާހިލް ގޮނޑިން ތެދުވަމުން ބުންޏެވެ. ޝީފްނާ ހަމަޖެހުމުގެ ނޭވާ އެއްލިއެވެ. ޝާހިލްގެ ބެލުމުގައި ހުރި ތަފާތުކަން ޝިފްނާ އަށް އިހްސާސް ކުރެވުނެވެ. ޝާހިލް ދިޔަތާ އިރުކޮޅެއްފަހުން އެނބުރި އައިސް އިށީނެވެ.
"ފްރައިޑްނޫޑްލީސް އޯކޭ ވާނެދޯ."ޝާހިލް އަހާލިއެވެ.
"އޯކޭވާނެ."ޝިފްނާ ބުންޏެވެ.
"ކިހިނެއް އެނގުނީ އަހަރެން މިތާގަ އުޅޭކަމެއް؟"ޝިފްނާ ވާހަކަ ދައްކަން ބޭނުންވާތީ އަހާލިއެވެ.
"ހޯދަން ބޭނުންވާ މީހަކު ހޯދާނެދޯ."ޝިފްނާގެ މޫނަށް ނަޒަރު ހުއްޓާލަމުން ޝާހިލް ބުންޏެވެ.
"މީކާއީލް."ޝިފްނާ މީކާއީލްގެ ނަން ކިޔާލިއެވެ.
"އެކަމަކު ޝިފްނާ ވީތަން ހޯދަން މަގޭ ޖީބު ހުސްކޮށްލެވިއްޖެ."ސަމާސާ ރާގަކަށް ޝާހިލް ބުންޏެވެ. ޝިފްނާ ހޭން ފެށިއެވެ. ޝާހިލް އޭނަގެ ބޯކަހާލިއެވެ. އަދި ގޮނޑީގައި ލެނިގިލަމުން ޝިފްނާގެ ހިނިތުންވެފައިވާ މޫނަށް ބަލާލިއެވެ.
"ޝިފްނާ ތިއީ ކާކުކަން އެނގެން ބޭނުން."ޝާހިލް ޝިފްނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުންޏެވެ.
"ބޭނުމަކީ؟"ޝިފްނާ އޭނަގެ ހުނުން މަތަކުރަމުން އަހާލިއެވެ.
"އަހަރެންނަށް ހިޔެއްނުވޭ ޝިފްނާ އެހާވެސް ނުވިސްނޭ ކުއްޖެއްހެން ތިއީކީ؟ ބޭނުން ނޭނގޭކަށް؟" ޝާހިލް ޝިފްނާ އަށް ބަލަން އިންގޮތައް އިނދެ ބުންޏެވެ. ޝިފްނާ ހަމައެކަނި ހިނިތުން ވުމަކުން ޖަވާބު ދިންކަހަލަ އެވެ. އޭނަޔާ ބެހޭ މައުލޫމާތު އޭނަ އެއްވެސް މީހަކާ ހިއްސާކުރަން މިވަގުތު ބޭނުން ނުވާކަހަލަ އެވެ.
"އަހަރެންނަށް އެނގެނީ ހަމައެކަނި ޝިފްނާގެ ނަން."ޝާހިލް ޝަކުވާގެ ރާގެއްގައި ބުންޏެވެ.
"އަހަރެން އެއްވެސް ކަމެއް ފޮރުވާގެން ވާހަކަ ދައްކާކަށް ބޭނުމެއް ނޫން، އަހަރެންގެ ލައިފްގައި އެއްވެސް ސަސްޕެންސެއް ބޭނުމެއް ނޫން، ފިހާރާން އެދުވަހު ފެނުނު ވަގުތުން ފަށާގެން އަހަރެން ނަށް ޝިފްނާ އާއި ދޭތެރޭގައި ވިސްނެން ފަށާފި، އެވަގުތުން ފަށާގެން މިހިތުގެ ވިންދު ތަފާތުވެއްޖެ."ޝާހިލް ހީވަނީ އޭނަގެ ހިތުގެ ކުރިމަތީގައި މަޖުބޫރުވެފައިވާ މީހެއްހެންނެވެ.
ޝާހިލް ވާހަކަ ދެއްކިކަމުގައި ވިޔަސް މިވަގުތު ޝިފްނާ އިނީ ލަދުވެތިކަމުގެ ފަރުދާއަކުން ފަރުދާވެފިފައެވެ. އިސްއޮބާލައިގެން ގުޑިނުލާ އިނދެވުނީ ޝާހިލްގެ ވާހަކަ ތައް ހިމޭން ކަމާއި އެކީގައި އަޑުއަހާށެވެ.
"އަހަރެން ޝިފްނާ އާއި ރައްޓެހިވާން ބޭނުން."ޝާހިލް ޝިފްނާގެ މޫނަށް ބަލަން އިންގޮތައް އިނދެ އޭނަގެ ހިތް ހުޅުވާލިއެވެ. އޭނަ ބޭނުންވާ ގޮތް އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. ޝިފްނާގެ ފަރާތުން ލިބޭނެ ޖަވާބަކީ ކޮންމެ ކަހަލަ ޖަވާބަކަށް ވިޔަސް ވަރިހަމަކަމަށެވެ.
ޝިފްނާ އިސްއުފުލާލާފައި ޝާހިލް އަށް ބަލާލެވުނީ އަމިއްލަ އިހްތިޔާރުން ބޭރުވެފައިވާ މީހެއް ފަދައިންނެވެ. ހީވަނީ ދެންމެ އޭނަޔަށް އިވިގެން އެދިޔަ ޖުމްލަ ތަކަކީ ހުވަފެނެއް ހެންނެވެ. އެކަހަލަ ހުވަފެން ހަގީގަތަކަށް ވޭހެއްޔެވެ. ޝާހިލް އަކީ ސްކޫލް ދައުރުއްސުރެން އޭނަގެ ހުވަފެނެކެވެ. އެދުވަސްކޮޅު ޝާހިލް އަށް އޭނަ ނޭނގުނުކަމުގައި ވިޔަސް އޭނަ ޝާހިލްގެ ކޮންމެ ހަރަކާތެއް ވަކިވަކިން ނޯޓްކުރަމުން ދިޔައެވެ. އޭނަގެ ނޯޓްފޮތަކު ނޫނެވެ. އެކަމަކު އޭނަގެ ހިތުގައެވެ.
އެވަގުތު ވެއިޓަރަކު ތަބަކެއްގައި ޝާހިލް ކުރި އޯޑަރު ހިފައިގެން އައިސް މަޑުކޮށްލިއެވެ. ޝިފްނާ އާއި ޝާހިލްގެ ކުރިމަތީގައި ތަށިތައް އަތުރާލުމަށް ފަހު ވެއިޓަރު އެތަނުން ދިޔައެވެ.
"ކޮންއިރަކުން ޖަވާބުދޭނީ؟"ޝާހިލް ކުރިޔަށް ގޮނޑިޖައްސާލަމުން މޭޒާކައިރިވެލިއެވެ. އަދި މޭޒުމަތީގައި އެއްފަރާތެއްގައި އޮތް އޫ ނަގަމުން އަހާލިއެވެ.
ޝިފްނާ މިވަގުތު ގަނޑުވެފައި އިންކަހަލައެވެ. ނޭވާލާންވެސް ހަނދާން ނެތިފައި އިންމީހެއްފަދާން ޝާހިލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެދޮން މޫނަށް ވެރިވެފައިވާ މަޑުފިޔާތޮށިކުލަ އިތުރަށް ގަދަވިކަލައެވެ.
ޝާހިލް އިސްއުފުލާ ޝިފްނާ އަށް ބަލާލިއެވެ. އޭރު ޝިފްނާ އިނީ އެސްފިޔަވެސް ޖަހަން ހަނދާން ނެތިފަކަހަލަ ގޮތަކަށް ޝާހިލް އަށް ބަލާށެވެ. ޝާހިލް އަތުގައި އޮތް އޫ ތަށިތެރޭގައި ބޭއްވިއެވެ. އަދި މޭޒުމަތީގައި އޮތް ޝިފްނާގެ މުއްކަވާލާފައިފާ އަތުގައި ޝާހިލް އަތް ބާއްވާލިއެވެ. ޝިފްނާގެ ދެލޯ ބޭއިހްތިޔާރުން މަރާލެވުނެވެ. އެވަގުތު މުއްކަވާލެވިފައިވާ އަތުގެ އިނގިލިތައް ޝާހިލްގެ ބީހުން އިހްސާސް ކުރެވުމުން މަޑުމަޑުން ހުޅުވާލިއެވެ. ޝިފްނާގެ މަޑު ދެއަތުގެ ފިނިކަން ޝާހިލް އަށް އިހްސާސްކުރެވިގެން ދިޔަ ހިދު ޝާހިލް އަށް ވެސް ދެލޯ މަރާލެވުނެވެ. އަދި ޝިފްނާގެ އަތާ އަތް ޖޯޑުކޮށް ލެވުނެވެ. ލޯހުޅުވާލަމުން އަވަސް އަވަހަށް ދެމީހުން ވެސް އަތް ދަމައިގަތީ ދާދި ގާތުން ޝާހިލްގެ ނަން މީހަކު ކިޔާލުމުން ނެވެ. ޝާހިލް އިސްއުފުލާލަމުން ބަލާލިއެވެ. ކައިރީގައި އެކުވެރި ލުހާމް ހުއްޓެވެ.
"ލުހާމް."ޝާހިލް އަތް ދިއްކޮށް ސަލާމް ކޮށްލިއެވެ.
" ދަމައިގަތް ކަނޑީގެ މިޔަ މައްޗަށް ދޯ މިއާދެވުނީ."ލުހާމް މޭޒުމައްޗަށް ބަލާލަމުން ހިނިތުންވުމެއް ތުންފަތް މައްޗަށް ގެނައެވެ.
"އާން، އަވަހަށް އިށީންދޭ."ޝާހިލް އަވަހަށް ލުހާމްގެ ކިބައިން ސަލާމަތް ވާން ބުންޏެވެ. ލުހްމާ އެހެން ބުނުމުން ޝިފްނާ މޭޒާދިމާ އަށް ބަލާލަން ހަނދާން ވީވެސް ދެނެވެ. ހަމަ އެކަނި ނޫޑްލީހަށް އޯޑަރު ދިންވާހަކަ ޝާހިލް ބުނިކަމުގައި ވިޔަސް މޭޒުމަތީގައި ދެވައްތަރެއްގެ ކެއުން ހުއްޓެވެ. އެއާއި އެކީގައި ފޮނިކާއެއްޗަކާ ފުރެން ޖޫސް ދެތަށި ހުއްޓެވެ. އެއީ ދެމީހެއްގެ ކެއުމަކަށް ވުރެން އިތުރަށެވެ.
"އަދި އިތުރު މީހަކު އަންނަނީތަ؟" ލުހާމް މޭޒުމައްޗަށް ބަލާލަމުން އަހާލިއެވެ.
"ނޫން، އަހަރުމެން ދެމީހުން."ޝާހިލް ޝިފްނާ އަށް އިޝާރާތް ކޮށްލަމުން ލުހާމް އަށް ބުންޏެވެ.
"މިއީ ކޮންކުއްޖެއް؟"ލުހާމް ޝިފްނާ އަށް ބަލާލަމުން އަހާލިއެވެ.
"މިއީ ޝިފްނާ، ޝިފްނާ މިއީ ލުހާމް، ކްލާސްމޭޓެއް."ޝާހިލް ލުހާމް ތައާފް ކޮށްދިނެވެ.
"އެނގޭ..."ޝިފްނާ ބުންޏެވެ.
"ކިހިނެއް؟"ލުހާމް އަހާލިއެވެ.
"އަމީނިޔާ ދޮރުމަތީގައި ބުރުއަޅާ ގުރޫޕް ވީމައި މަޝްހޫރުވެސް ވާނެދޯ."ޝިފްނާގެ ބަދަލުގައި ޝާހިލް ޖަވާބު ދިނެވެ.
"އޯޙް.... އެހެންވީމައި، ޝާހިލް ވެސް އެދުވަސްކޮޅު އެތަނުގައި މުގޯލި އަޅަމުން ދިޔައީ މިކަމުގައި ދޯ."ލުހާމް ބޭނުންވީ ޝާހިލް އާއި ދިމާ ކޮށްލާށެވެ.
" ކަނބުރުގެއަށް ވަންނަންޏާ އަޅި ބުރާނޭ، އެބުނަނީ ހަމަތެދެއް." ޝާހިލް ލުހާމް އަށް ބަލާލަލަމުން ބުންޏެވެ.
"ދެން މާސޯލިހު މީހަކަށް ވާނެކަމެއްނެތް، އޭރުވެސް ނޭނގެ ކިތައްކުދިން ކަމެއް ޝާހިލް އަށް ދީވާނާ ވީކީ."ލުހާމް އަދިވެސް ހުއްޓާލާކަށް ބޭނުމެއް ނޫނެވެ.
"ލުހާމް ދެން ކޮށްކަމެއް؟"ޝާހިލް ޝިފްނާ އަށް ބަލާލިއެވެ.
"އެބައަންނަން."ޝިފްނާ ގޮނޑިން ތެދުވަމުން ބުންޏެވެ.
"ކޮންތާކަށް؟"ޝާހިލް އަވަސް އަވަހަށް އަހާލިއެވެ.
"އެތެރެއަށް ވަދެލާފައި އެބައަންނަން."ޝިފްނާ ބުންޏެވެ.
"އެއްޗެއް ބޭނުންވީތަ؟ އަހަރެން ގެނެސްދީފާނަން."ޝިފްނާ އެތަނުން ގޮސްދާނެތީ ޝާހިލް އަވަސް އަވަހަށް ބުންޏެވެ.
"ނޫން، ތެންކިއު، މިއަންނަނީ."ޝިފްނާ ބޭނުންވީ އަވަހަށް އެތަނުން ގޮސް ފިލާށެވެ. ލުހާމް އެބުނި ވާހަކަ އާއި ދެންމެ ޝާހިލް ދެކި ވާހަކައިން އަދިވެސް ޝިފްނާ ހުރީ ޝޮކެއްގައެވެ.
ޝިފްނާ ދަބަސް ނުނަގާ ކުރިޔަށް ދިއުމުން ޝާހިލް ހަމަޖެހުނީ ދެނެވެ. އެނބުރި އަންނާނެކަމުގެ ސިގްނަލް އަކީ އެއީ އެވެ. ދަބަސް ނެގިނަމަ ލުހާމް އެކަނި އެތަނަށް ދޫކޮށްލާފައި ނަމަވެސް ޝާހިލް ޝިފްނާގެ ފަހަތުން ދާނެކަން ޔަގީނެވެ.
"ކަވާބްމޭ ހައްޑީ."ޝާހިލް ލުހާމް އަށް ބަލާލަމުން ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ. ލުހާން ހޭންފެށިއެެވެ.
"ސީރިޔަސްކޮށް އެކަން ކުރަނީތަ؟"ލުހާމް އަހާލިއެވެ.
"ވޭތޯ، އަދި މިއެހީ، ޖަވާބު ނުލިބެނީސް ތިވައްޓާލީ."ޝާހިލް ލުހާމް އަށް ދެލޯ އަޅާލަމުން ބުންޏެވެ.
"އޯޙް... އަސްލުބުނަން، މަހިއްޔެނުކުރަން ޝާހިލް ކުރީރޭ އެވާހަކަ ދެއްކީމައި، މިއީ އެޝިފްނާ ކަމެއް، މަހީކުރީ ރެންޑަމް ބިޓެއްކަމަށް."ލުހާމް ހެމުން ބުންޏެވެ.
"މަމީ އެގޮތައް އުޅޭ މީހެއްތަ؟ ފުރަތަމަ ފަހަރަށް ކުއްޖަކު މިކަމުދިޔައީ، ސީރިޔަސްކޮށް އަހަރެން މިކަމަށް ވަރަށް ސީރިޔަސް، އިތުރަށް މިތާއިނދެގެން އަމިއްލަ އަށް ބޭޒާރު ނުވެ ދޭ."ޝާހިލް އާދޭހުގެ ރާގެއްގައި ބުންޏެވެ. ލުހާމް ހެމުން އެތަނުން ތެދުވިއެވެ. އިރުކޮޅެއްފަހު ޝިފްނާ ކޯކްތައްޓެއް ހިފައިގެން އައިސް އިށީނެވެ.
"އޭނަ ދިޔައީތަ؟"ޝިފްނާ ޖެހުލުންވެ އިނދެ އަހާލިއެވެ.
"އާން... މަށައް ޖެއްސުން ކުރަން އެއިށީނީވެސް، ވަރަށް ލާނެއްވާނެ."ޝާހިލް ބުންޏެވެ.
"އަހަރެން އަދި މިއައީ ކޯކްތައްޓެއް ހިފައިގެން."ޝިފްނާ އިށީންނަމުން ބުންޏެވެ.
"ކޮބާ ޖަވާބު، ކޮންމެ ޖަވާބެއް ދިނަސް އަހަރެން އެކްސެޕްޓް ކުރާނަން."ޝާހިލް ކިރިޔާ ޝިފްނާ އަށް އިވޭވަރަށް ހިމޭން ރާގެއްގައި ބުންޏެވެ.
"ވަގުތުކޮޅެއް ދީ."ޝިފްނާ ހިތްވަރު ކޮށްލާފައި ބުންޏެވެ.
"އޯކޭ.... ކިހާވަގުތެއް؟"ޝާހިލް އަހާލިއެވެ.
"އެއްހަފްތާ."ޝިފްނާ ޖެހިލުންވެ އިނދެ އަހާލިއެވެ.
"ހޫން... ހާދަ ދުވަހެއް؟"ޝާހިލް އަހާލިއެވެ. ޝާހިލް އެހެން އަހާލުމުންވެސް އިތުރަށް ޝިފްނާ ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ.
"އޯކޭ، އަހަރެން އިންތިޒާރު ކުރާނަން."އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޝާހިލް ބުންޏެވެ.
"ކާއެއްޗެހި ހިހޫވަނީ، އިންސާފުކުރަމާ."ޝާހިލް ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަމުން ބުންޏެވެ.
ޗެޕްޓާރ: 9
ބިރެއް ފެނުނީތަ؟
އެނދުގައި އޮށޯތީ ނިދޭތޯއެވެ. އެކަމަކު ވެސް މިވަގުތު ޝިފްނާގެ ލޮލާ ނިދި ރުޅިއަހަދާލާފިއެވެ. ޝާހިލްގެ ބަސްތަކުގެ އަސަރު އޭނަގެ އަރާމު ނިންޖަށް ވެސް ކުރީއެވެ. ނިދޭ ތޯ ގަދަކަމުން މަރާލާފައިވާ ދެލޯ ޝިފްނާ ހުޅުވާލީ އެންމެ ފަހުން ކެތްނުވެގެންނެވެ. ހިތުގައި ޖަހަމުންދާ ވިނދު މިރޭ ތަފާތުވެފައިވަނީ މާވަރަކަށެވެ. ޝިފްނާ ބާލީހުން ބޯހިއްލާލާ ފާރުގައި ހަރުކޮށްފައިވާ ގަނޑިޔަށް ބަލާލިއެވެ. އަދި ކޮޅަށް ތެދުވެ ބާލީސް ހެޑްބޯޑްގައި ލައްގާލަމުން އޭގައި ލެނގިލިއެވެ. އަމިއްލަ ދެއަތް ޖޯޑުކޮށް އެއްއަތުގެ އިނގިލިތަކާ ކުޅެމުން ދިޔައެވެ. ޝާހިލްގެ ހުށައެޅުމަށް ވިސްނަނީއެވެ.
އަދި ނުނިމޭ
ކޮމެންޓް