ލިޔުނީ: މަރިޔަމް މޫސާ
ކަންފަތް ދޮށުގައި ކުޅެވެމުން ދިޔަ މިޔުޒިކްގެ ސަބަބުން މީހާގެ ނަފްސު ބެހިގެން ދިޔަކަހަލައެވެ. ސިޑިން އައިކަމުގެ ވަރުބަލި ކަންވެސް އިހްސާސް ނުވެއެވެ.
"ކަމަކުތަ؟"ކާއިނާތު އަހާލިއެވެ.
"ނޫން. އާން." ވިދާދަށް ދައްކާނެ ވާހަކަ އެއް ނޭނގުނެވެ.
"ކޮންކަމަކު؟" ކާއިނާތު މަޑުމައިތުރި ރާގެއްގައި ސުވާލު ކޮށްލިއެވެ.
"މީ... ބޮސް ބުނުއްވާގެން، ބޮސްގެ ކެބިންގަ އޮތް ނޫކުލައިގެ ފައިލެއްބަލާ މިއައީ،ހަނދާން ނެތި ތިރިއަށް ދެވުނީ."ވިދާދު ދައްކާނެ ވާހަކަ އެއް ނޭނގިގެން ބުނެލިއެވެ.
"މަޑުކޮށްލާ."ފިރާޒްގެ ކެބިނަށް ނުވަދެ ކާއިނާތު ގޮސް ވިދާދުގެ ކެބިނަށް ވަނެވެ. ވިދާދު އަވަސް އަވަހަށް ފިރާޒްގެ ކެބިނަށް ވަދެ ކާއިނާތު އެބުނާ ފައިލެއް ނެގިއެވެ. އަދި ނިކުމެ ދޮރު ލައްޕާލިއެވެ. ފިރާޒާއި މިރުފާން ލިފްޓުން ފައިބައިގެން ބާރުހިނގުމުގައި އައިސް އޮފީހަށް ވަނެވެ. ވިދާދު އަތުގައި އޮތް ފައިލު ފިރާޒަށް ދިއްކޮށްލަމުން ލާނެ ގޮތަކަށް ވިދާދު ހީލިއެވެ. އޭރުވެސް ނޭވާ ހަމަޔަކަށް ނޭޅިހުއްޓެވެ. ވަރުބަލިވެފައިވާ މީހެއްހެން މާއިނޭވާ ލަމުން ދިޔައެވެ.
"ނަސީބެއް އާދެވުނުކަން." ނޭވާ ހަމަޔަކަށް އަޅުވާލަމުން ވިދާދު ބުނެލިއެވެ.
"ސޮރީ ވިދާދު."މިރުފާން މައާފަށް އެދުނެވެ.
"ވަރުބަލި ވެއްޖެއްދޯ."ފިރާޒް ވެސް ހިމޭން ރާގެއްގައި އަހާލިއެވެ.
ކާއިނާތު ވިދާދު ކެބިންގައި ވިދާދު އެބުނި ފައިލް ހޯދަމުން ދިޔައެވެ. ފައިލު ނުފެނުމުން އެނބުރި ކެބިނަން ބޭރަށް ނިކުތެވެ. އަދި ވިދާދަށް ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ.
"ބޮސް އެބުނުއްވާ ފައިލެއް ނުފެނުން."ކާއިނާތު މަޑުމަޑުން ބުނެލިއެވެ.
"އެހެންތަ؟"ވިދާދު ވެސް ކަނބޮޑުވުން ފާޅުކުރިއެވެ.
"ކޮން ފައިލެއް؟"މިރުފާން ޙައިރާން ވެފައި އަހާލިއެވެ.
"އެއީ ބޮސް ބުނުވި ފައިލެއް، ދެން އޯކޭ އަހަރެން އެ ވާހަކަ ބޮސްސަ ނަންގަންނާނަން."ވިދާދު ނިކުންނަން ހިނގައިގަތެވެ. ކާއިނާތު ފިރާޒްގެ ކެބިނާ ދިމާއަށް ހިނގައިގަތެވެ.
"ކާއިނާ މިއޮތީ ފައިލް."ފިރާޒް އަވަސް އަވަހަށް ބުންޏެވެ. ކާއިނާތު ފިރާޒްގެ އަތުގައި އޮތް ފައިލަށް ބަލާލިއެވެ. އޭނަ ހޯދާ ފައިލަކީ އެއީއެވެ. ކާއިނާތު ފިރާޒް އަތުން ފައިލް ނެގިއެވެ. އަދިކާއިނާތު އިންނަ މާޒާއި ދިމާއަށް ދިޔައެވެ. ފިރާޒް އާއި މިރުފާން އަލުން އެނބުރި ކޮފީއަށް ދާން ބޭރަށް ނިކުތެވެ.
ހަވީރު ހިނގާ އެދިޔަކަންތަކަށް ފަހު ދެން އުޅެން ވާނީ ވަރަށް ވިސްނައިގެން ކަމަށް ވިދާދު މިރުފާން މެންނަށް އެނގިއެވެ. އެކަހަލަ ކަމެއް ދިމާވެދާނެތީ އަބަދުވެސް ކުރިޔަށް ބަލަބަލާ ތިބެން ޖެހޭނޭ ކަމަށް ބުންޏެވެ. އެއްގޮތަކަށް ވެސް ކާއިނާތު އަށް ވިދާދު މިއީ ކާކުކަން އެނގިގެން ވުނާނެ ކަމުގައި ވިދާދު ބުންޏެވެ. އެކަމާ ފިރާޒް އާއި މިރުފާން ވިދާދު އާއި ދިމާކުރަމުން ދިޔައެވެ.
*********************
ވިދާދު އޮފީހަށް އައިއިރު ކާއިނާތު އޭނަގެ މޭޒު ދޮށުގައި އެއްޗެއް ޓައިޕު ކުރަން އިނެވެ. އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުއުޒަފުން ގެޔަށް ގޮސް ނިމިއްޖެއެވެ. މާދަމާ އޮންނަ މީޓިންނަކަށް ތައްޔާރު ކުރަން ޖެހޭ މުހިއްމު ލިޔުމަކަށް ވާތީ ކާއިނާތު ގެޔަށް ނުގޮސް މަޑުކުރީއެވެ. ވިދާދަށް ކާއިނާތު ފެނުމުން ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. އެކަމަކު ކާއިނާތު އިނީ ޓައިޕު ކުރަން ގެއްލިފައި ކަމުން މީހަކު އައި ކަމުގެ އިޙްސާސް އެއް ކާއިނާތު އަކަށް ނުވިއެވެ. ވިދާދު މަޑުމަޑުން ގޮސް އޭނަގެ ކެބިނަށް ވަނެވެ. އަދި ވިދާދު ވެސް މާދަމާގެ މީޓިނަށް ތައްޔާރު ކުރަން ޖެހޭ ބައެއް މަސައްކަތް ތައް ކުރަން ފެށިއެވެ. ވިދާދު މަސައްކަތް ނިންމާލާފައި ބުލައިންޑުކުޑަކޮށް ހިއްލާލާފައި ކާއިނާތު އިންނަ މޭޒާއިދިމާ އަށް ބަލާލިއެވެ. އޭރު ކާއިނާތު މަސައްކަތް ނިންމާލާފައި ގެޔަށް ދާން ތައްޔާރު ވަނީއެވެ.
ކާއިނާތަށް ވިދާދުގެ ކެބިން ދިއްލާފައި ހުއްޓާ ފެނުމުން އެދިމާ އަށް ހިނގައިގަތެވެ. ވިދާދު އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ. ކާއިނާތު ކެބިންގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
"މިތަން ދިއްލީ ކާކުބާ."ކާއިނާތު ހިތާހިތާ ސުވާލު ކޮށްލިއެވެ.
ކާއިނާތު ބޮތްކާއި އޭސީ ނިންވާލާފައި އެތަނުން ދިޔައެވެ. ކަބަޑު ފުރަގަހުގައި ހުރެފައި ވިދާދު ކާއިނާތު ދިއުމުން ނިކުތެވެ. އަދި މަޑުމަޑުން ކެބިނުން ބޭރަށް ނިކުތެވެ. ކާއިނާތުލިފްޓުން ތިރިޔަށް ފޭބުމުން، ވިދާދު ކާއިނާތު އޮފީހުން ނިކުމޭތޯ ބިއްލޫރި ގަނޑުން ބަލަން ހުއްޓެވެ. ތިރިޔަށް ލިފްޓު ގޮސް ފައި އަނެއްކާ ވެސް ލިފްޓު މައްޗަށް އެރިއެވެ. އޭރު ވެސް ވިދާދު ހުރީ ކާއިނާތު ދޭތޯ ބަލާށެވެ. ލިފްޓު ހުޅުވުނު އިރު ކާއިނާތުގެ އަޑު ވިދާދަށް އިވުނެވެ.
"އޯކޭ."ކާއިނާތުގެ އަޑު އައެވެ.
ވިދާދު ލިފްޓާއި ދިމާ އަށް ބަލާލިއެވެ. ކުރިމަތީގައި ކާއިނާތު ފޯނެއްގައި ހުއްޓެވެ. ވިދާދު ފެނުމުން ކާއިނާތު ވެސް ޙައިރާން ވިއެވެ. އެކަމަކު އެތަނުން ވިދާދު ފެނިދާނޭ ކަމަށް ކާއިނާތުގަބޫލު ކުރިއެވެ. އެއީ އޭނަގެ އޮފީސް ނޫނަސް އެ އިމާރާތު ގައި އެހެން އޮފީސް ތަކެއް ހުރުމުން ނެވެ. ކާއިނާތު ފެނުމުން ވިދާދު ޖެހިލުން ވިއެވެ. އެކަމަކު މިފަހަރު ކާއިނާތު ހިންހެޔޮ ކަމާއި އެކީގައި ހިނިތުން ވެލިއެވެ. އަދަބު އިޙްތިރާމް އަދާ ކުރިއެވެ. ވިދާދު ވެސް ރައްދުގައި ހިނިތުން ވެލިއެވެ. ކާއިނާތު ގޮސް އޮފީހަށް ވަނެވެ. ވިދާދަށް ވަންނަން ނުކެރިފައި ހުރިތަނުގައި ހުރީއެވެ. ކާއިނާތު ބޭއްވިފައި އޮތް އެއްޗެއް ހިފައިގެން އެނބުރި ބޭރަށް ނިކުތެވެ. އަދި ލިފްޓު މައްޗަށް ގެންނަން ފިތާލިއެވެ.
ލިފްޓު އައުމުން ކާއިނާތު ލިފްޓަށް އެރިއެވެ. ފަހަތުން ވިދާދު ވެސް އެރިއެވެ. ކާއިނާތުގެ މޫނަށް ސިއްރު ސިރުން ވިދާދު ބަލާލައެވެ. ކާއިނާތު ހުރީ ފޯނުން މެސެޖެއް ޓައިޕު ކުރާށެވެ. އެހެން ކަމުން ކާއިނާތުގެ ހުރިހާ ސަމާލު ކަމެއް ހުރީ އެކަމަށް ހުއްޓިފައެވެ. ލިފްޓު ތިރިއަށް އައުމުން ކާއިނާތު ފައިބައިގެން ބޭރަށް ނިކުތެވެ. ކާއިނާތުގެ ފަހަތުން ވިދާދު ވެސް ބޭރަށް ނިކުތެވެ. ކާއިނާތު މަގުގެ ދެފަރާތް ބަލާލާފައި އެހެންނާ ވެސް ދާދިމާލަށް ހިނގައިގަތެވެ. ވިދާދު ކާއިނާތު ދިޔަދިމާ ލަށް ބަލާލާފައި ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެނައެވެ. ވިދާދު ބުނިގޮތަށް ވަގުތާއި އެއްގޮތައް ކަންކަން ނިމިގެން ދާނެއެވެ. އެހެންނާ ރުޅިއައިސްފައި ދެލޯ އަޅާ އަންހެންކުޖާ މިއަދު ވިދާދަށް ހިނިތުން ވެލައިފިއެވެ. އެވަރު ވެސް ވިދާދަށް ފުދެއެވެ.
ރޭގަނޑު ދަން ވުމުން ކާއިނާތުގެ ގޭ ދޮށުން ބުރުނާޅާ ރެއް ނުދެއެވެ. ކާއިނާތު ފެނޭތޯ ކެފޭ އަށް ދެއެވެ. އޮފީހުން ވަގަށް ވަންނަ ކޮންމެ ފަހަރަކު ވެސް ކާއިނާތުގެ ސޫރަ ފެނުމުން ވިދާދު ހިންހަމަ ޖައްސާލައެވެ. އެގޮތަށް މަސް ދުވަސް ވޭތުވީ ފަހުން މިރޭ ކާއިނާތާއި ދިމާވުމުން ކާއިނާތު ހީލިހީލުން ވީ ވިދާދުގެ ހިތުގައި އާ އުންމީދަކާއި އެކީގައި ކުރިޔަށް ދާން ލިބުނު ބާރަކަށެވެ.
މާދަމާގެ މީޓީން އާއި ދޭތެރޭގައި މިރުފާނާއި ފިރާޒް ކަންބޮޑު ވުން ފާޅު ކުރިއެވެ. މީޓިން ގައި ނިންމަން ޖެހޭ ކަންތަކާއި އެއްވަރަށް ވިދާދު އާއި ކުރިމަތިވެފައިވާ ކަންތަކަށް ވެސް ވިސްނާލަން ޖެހުނެވެ. މާދަމާގެ މީޓިނަށް ކާއިނާތު ވެސް އަންނަން ޖެހޭތީ އެކަމާ މިރުފާން ކަންބޮޑުވެފައި އިނެވެ. ކެފޭ ތެރޭގައި މިރުފާނާއި ފިރާޒް އެ ވާހަކަ ދައްކަން ތިއްބާ ވިދާދު އައިސް ވަނެވެ. ވިދާދު އެހެރީ އޮފީސް ނިންމާލި ގޮތަށް ކަން ފިރާޒަށް އެނގުނެވެ.
"ގެޔަށް ވެސް ނުގޮސްތަ ތިއައީ؟"ފިރާޒް ސުވާލު ކުރިއެވެ. ވިދާދު ފިރާޒް އަށް ޖަވާބު ނުދީ ކައުންޓަރާއި ދިމާ އަށް ބަލާލިއެވެ. ފިރާޒާއި މިރުފާން ވެސް އެދިމާ ބަލާލިއެވެ.
"ކިހިނެއްވީ؟ ޒައިބާ ތަ ތިހޯދަނީ؟"ފިރާޒް އަހާލިއެވެ.
"ނޫން. އަހަރެން ނަށް ގުޅާފަ ބުނި މިރޭ ޗުއްޓީ އެއް ހޯދަން."ވިދާދު ހަމަޖެހިލަމުން ބުންޏެވެ.
"އެމަންޖެ ވެސް ކަމެއް ކުރަނީ ކަންނޭނގެ."ފިރާޒް ބުންޏެވެ.
"ކާއިނާތަށް މުސާރަ ލިބުނީމަ ކާއިނާތު ޒައިބާ އަށް ޓްރީޓެއް ދެނީ."ވިދާދު އިސްތަށިގަނޑު ރަނގަޅު ކޮށްލަމުން ބުންޏެވެ.
"ކަމެއްވީތަ؟ހާދަ ފާޑަކަށް؟"މިރުފާން ސުވާލު ކޮށްލިއެވެ.
"ކާއިނާތު އޭނަޔަށް ނުދީ ޒައިބާ އަށް ޓްރީޓު ދޭތީ ދެރަވީދޯ."ފިރާޒް ދިމާކޮށްލިއެވެ.
"ޓްރީޓު ލިބޭނީ ކެރޭ މީހުނަށް ދޯ، ކާއިނާތާ ކުރިމަތި ލާން ވެސް ނުކެރިގެން އެއުޅެނީ." މިރުފާން ބުންޏެވެ.
"ތިއިން އެއްވެސް ކަމެއް ވީކީ ނޫން، ކުޑަކޮށް ބޮލުގަ ރިއްސާފަ ހުންފާޑުވާތީ މިއުޅެނީ."ވިދާދު ބުންޏެވެ.
"ތިއީ ކާއިނާތު ނުފެނިގެން އަންނަ ހުމެއް."ފިރާޒް ދިމާ ކޮށްލިއެވެ.
"ނޫން، މިރޭ އޮފީސް ލިފްޓުން ފޭބީވެސް އޭނަޔާ އެކީގަ."މިރުފާން ވިދާދަށް ބަލާލިއެވެ.
އަދި ވީގޮތް ތަފްސީލުކޮށް ކިޔާދޭން މިރުފާން ބުނުމުން ވިދާދު ތަފްސީކޮށް ހުރިހާ ވާހަކަ އެއް ކިޔާދިނެވެ. ކާއިނާތު ހީލި ކަމަށް ބުނުމުން ފިރާޒް އަނެއްކާ ވެސް ވިދާދާ ދިމާކޮށް ލިއެވެ. ބޮލުގައި ރިއްސާފައި ހުން ތިއައީ އެ ހިނިތުން ވުމުން ކަމަށް ބުނެ ދިމާކުރިއެވެ. މިރުފާން ކަންބޮޑުވީ މާދަމާގެ މީޓީން އާއި ދޭތެރޭ ގައެވެ. ވިދާދުގެ ބައްޕަ ނެތި ބާއްވާ މީޓިނެއް ކަމުން ވިދާދު އެތަނުގައި ހުރުން މުހިމު ވާނޭކަމަށް ވާތީއެވެ.
"ތި ކަމާ ނުވިސްނަބަލަ، ގެޔަށް ގޮސް ބޭސްގުޅަ އެއް ކާލަނިކޮށް ހެނދުނަށް ރަނގަޅު ވެދާނެ." ވިދާދު ބުންޏެވެ.
މިރުފާން އާއި ފިރާޒް މާދަމާގެ މީޓިންގެ ވާހަކަ ދައްކާ މަޝްވަރާ ކުރުމަށް ފަހު އެތަނުން ދިޔައެވެ. ވިދާދު އިންގޮތައް އިނީއެވެ. ވިސްނުމެއްގައި އެތާ އިންނަތާ އެތައް އިރެކެވެ. ވިދާދުގެ ހިތުގައި އުފެދެމުން ދާ ޖަޒްބާތު ތައް ވިދާދުގެ މޫނު މަތިން ސާފުކޮށް ފާޅުވަމުން ދިޔައެވެ. އެގޮތަށް ވިސްނަން އިނުމަށް ފަހު ފޯނުނަގައި ޝަރާ އަށް ގުޅާލިއެވެ. އިރުކޮޅަކު ރިނގު ވުމަށް ފަހު އެކޮޅުން ފޯނު ނެގިއެވެ.
"ކީކޭ ވިދާދު."ނިދާފައި އޮވެފައި ވާހަކަ ދައްކާ ރާގަކަށް ޝަރާ ވާހަކަ ދައްކަން ފެށިއެވެ.
"ނިދަނީތަ؟"ވިދާދު އަހާލިއެވެ.
"އާން، ހެނދުނު ޑިއުޓީ އޮތީ، އެހެންވެ ނިދިހަމަ ކުރަން ޖެހޭނެނު... ކީއްކުރަނީ؟"ހިމޭން ރާގެއްގައި ޝަރާ އަހާލިއެވެ.
"ކަމެއް ނުކުރަން ކެފޭގައި މިއިނީ... މާދަމާ މީޓިން އޮތްކަން އެނގޭދޯ." ވިދާދު އަހާލިއެވެ.
"ހޫން... ޖާދު ގުޅި."ޝަރާ ބުންޏެވެ.
"މިހާރު ހާދަ ވަރަކަށް ޖާދު ގުޅަނީ؟ ހަމަ ހާލު ބަލަންތަ؟"ވިދާދު އަހާލިއެވެ.
"ދެން ރައްޓެއްސެއްވިޔާ ގުޅާގެން ނުވޭތަ؟"ޝަރާ އަހާލިއެވެ. ވިދާދު އިތުރު ޖަވާބެއް ނުދީ ހިމޭނުން އިނީއެވެ.
"އަހަރެން ނިދަން މިއުޅެނީ... ލަހުން ހޭލިޔަސް ރުޅި އަންނާނީ ވިދާދު."ޝަރާ ބުންޏެވެ.
"ޝަރާ.."ވިދާދު ޝަރާގެ ނަން ކިޔާލިއެވެ.
"ހޫން..."
"އަދި ވެސް ޝަރާ ހުންނާނީ ތިގޮތުގަތަ؟"ވިދާދު އަހާލިއެވެ.
"ވިދާދު ބޭނުން ވަނީ ކޮންކަމެއް؟ ބުނެފިންދޯ މިވަގުތު އަހަރެން ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނޭ، އެކަމަކު ހަމަ ކުރިން އޮތް ގޮތަށް މި ރިލޭޝަން އަހަރެން ބާއްވާނަމޭ، ދެން ކޮންކަމަކާ ޝަކުވާ ތިކުރަނީ؟" ޝަރާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.
"އޯކޭ... އަހަރެން ބޭނުންވީ ޝަރާ އަހަރެންގެ މީހަކަށް ހަދަން، އަހަރެން ޝަރާގެ އެކަނި މީހަކަށް ވާން، އެކަމަކު ޝަރާ ބޭނުންވަނީ އެގޮތެއް ނޫން... ދެން އަހަރެން އެހެން މީހެއްގެ ހައްގަކަށް ވެއްޖެއްޔާ އެކަމާ ޝަރާ ޝަކުވާ ނުކުރާތި."ވިދާދު ހިމޭން ރާގެއްގައި ބުންޏެވެ.
"އެއްކަލަ ކޮންކަހަލަ ވާހަކަ އެއް ތިދައްކަނީ؟ވިދާދަށް އަހަރެންނާ ނުލާ އުޅެވޭނެތަ؟"ޝަރާ އަހާލިއެވެ.
"ކީއްވެ ނޫޅެވެންވީ؟ ނޫޅެވޭނެ އެންމެ ސަބަބެއް ވެސް ޝަރާ ދައްކަބަލަ." ވިދާދު ކިބިއްސެއް އަޅާލަމުން އަހާލިއެވެ.
"ދެން ނޭގެ އަހަރެން ބޭނުމެއް ނޫން ވިދާދު އެހެން މީހަކާ އިންނާކަށް ވެސް." ޅަވެލާފައި ބުނާ ކަހަލަ ރާގެއްގައި ޝަރާ ބުންޏެވެ.
"އަހަރެން ނަށް މީހަކާ ނީދެ ހުރެވޭކަށް ނެތް، އަހަރެން މިއީ އަހަރެންގެ ބައްޕަގެ ހުރި ހަމަ އެކަނި ކުއްޖާ، އެކަން ޝަރާ އަށް ރަނގަޅަށް އެނގޭނެ، ބައްޕަގެ އުންމީދަކީ އަހަރެން މީހަކާ އިނުން... އަހަރެނަށް ޝަރާ ބޭނުން ވާހާ ދުވަހެއް ވަންދެން އިންތިޒާރަކު ނުހުރެވޭނެ، އަހަރެން އަމިއްލަ އަށް މީހަކު ހޯދައިގެން ނީދެހުރެއްޖެއްޔާ ބައްޕަ އަހަރެން މިހަކާ ދެވާނެ، އެއީ ޔަގީންކަމެއް."ވިދާދު ފެންކަޅި ވަމުން ދިޔައެވެ.
އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ ވިދާދު ފޯނު ކަނޑާލިއެވެ. އިރުއިރުކޮޅުން ޝަރާ ގުޅަމުން ދިޔައެވެ. ހަމަ ކޮންމެ ފަހަރަކު ވިދާދު ފޯނު ބިޒީ ކޮށްލައެވެ. ދެން އިތުރަށް ޝަރާ އާއި ދައްކާނެ ވާހަކަ އެއް ނެތް ކަމުގައި ވިދާދު ނިންމިއެވެ. ވިދާދަށް ވަނީ ޝަރާ އާއި ޖާދުގެ ސިއްރު ގުޅުމުގެ ވާހަކަ ރިސޯޓްގައި އުޅޭ ސްޓާފެއްގެ ފަރާތުން އެނގިފައެވެ. އެކަން ޔަގީން ވަންދެން ވިދާދު މަޑު ކުރީއެވެ. ވިދާދަށް އެކަން ޔަގީންވީ ޝަރާ ރިސޯޓުން މާލެ އައި ރެއެވެ. ވިދާދާއި ބައްދަލު ކުރަން އިންކާރު ކުރި ވަގުތުން ފަށައިގެން އޭނަޔަށް އެކަން ޝައްކު ވިއެވެ. ޖާދު އެމީހުންނާ އެކީގައި ކޮފީއަށް ނުގޮސް ބިޒީއޭ ބުނެ ފިރާޒަށް ޖަވާބު ދިނުމުން އެޝައްކު ޔަގީން ކަމަށް ބަދަލުވީއެވެ. އެރެއަކީ ކޮން ރެއެއް ކަމެއް ވެސް ޝަރާ ހަނދާންނެތެވެ. އެއީ އެދެމީހުން ރިސޯޓުން ދިމާވެ ޝަރާ އަށް ލޯބި ހުށަ އެޅިރެއެވެ.
******************************
އަދި ނުނިމޭ
ކޮމެންޓް