ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ދިވެހި މަސްވެރިންނަށް އެ ބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށް ވެސް ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖު ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މި ގޮތަށް ވިދާޅުވީ ތެޔޮ ނުލިބި، މަސްދޯނިފަހަރު ހުއްޓިއްޖެ ކަމަށް ބުނެ، "ދައުރު" ނޫހުގައި ޝާއިރުކުރި ހަބަރު ދޮގުކޮށް ކުރައްވައި ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.
ޝިޔާމް ވިދާޅުވީ މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީން ކުރާ އެއް ކަމަކީ ދިވެހި މަސްވެރިން މަސްކަނޑު ތަކަށް ނިކުމެވޭނެ ކަން ކަށަވަރު ކުރުން ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެންދިޔަނަމަ ވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށް ވެސް މި ގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖު ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި މަސްވެރިންވެސް އެކަން ޝުކުރުވެރި ކަމާއިއެކު ބަލައިގަންނަ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އެ ނޫހުގައި އެ ފަދަ ހެޑްލައިނެއް ޖެހުމުގެ ކުރިން ކަން އޮތް ގޮތް ރަނގަޅަށް ބަލައިލި ނަމަ ރަނގަޅުވީސް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު މުޅިރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވާން ފެށުމާއިއެކު މަސްވެރިކަން ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފުނުވުނުވުމުގެ މަސައްކަތްތައް ވެސް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން މިދަނީ މަސްވެރިންގެ ކަންކަން މިހާލަތުގައި ވެސް ގާތުން ބަލައި މަސްވެރިންނަށް އެންމެރަގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މަސްވެރި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ވެސް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް