މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާންމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ގާނޫނު އަސާސީގައި އަދި ލާމަރުކަޒީ ގާނޫގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވާންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި މި ގޮތަށް ބުނީ އަތޮޅު ކައުންސިލްތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާންމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތަކާ ގުޅުވައިގެންނެވެ.
އެލްޖީއޭ އިން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ ހިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ގަވާންމެންޓް އޮތޯރިޓީގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.
އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި އަތޮޅު ކައުންސިލްތައް އުވައިލާ، އަތޮޅު ކައުންސިލްތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވަނީ އެ އޮތޯރިޓީގެ މައްޗަށް ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން އަތޮޅު ކައުންސިލްތަކުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް ބަދަލުވެގެން ދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވަނީ ވެސް އެލްޖީއޭގެ މައްޗަށެވެ.
ކަންކަން މިހެން އޮތުމުން އަތޮޅު ކައުންސިލްތައް އުވައިލާ އެ ކައުންސިލްތަކުން އަދާ ކުރަމުންދިޔަ ގާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވެގެން ދާނެ ކަމަށާއި އަދި އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތައް ގާއިމުކުރުމުގެ އިހުތިޔާރު ވެސް މި އިސްލާހުގެ ދަށުން ލިބޭނެ ކަމަށް އެލްޖީއޭއިން ބުނެފައިވެ އެވެ.
އެލްޖީއޭއިން ބުނީ ކަންކަން އެހެން ހުރުމާއެކު އަތޮޅު ކައުންސިލްތައް އުވައިލާ އަތޮޅު ކައުންސިލްތަކުން އަދާކުރަމުންދިޔަ ގާނޫނީ މަސްއޫލިއްޔަތު އެލްޖީއޭއަށް ބަދުލުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތަކެއް ގާއިމުކުރުމުގެ ބާރު ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވުމުން، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާންމެންޓް އެންޑް ޕަބްލިކް ވޯކްސް، މިނިސްޓްރީ އުވާލުމަކުން ގާނޫނު އަސާސީގައި އަދި ލާމަރުކަޒީ ގާނޫގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނީ ހަރުހެއް، ނުވަތަ ހުސްކަމެއް އަތުވެދާނެ ކަމަށް އެ އޮތޯރިޓީން ނުދެކޭ ކަމަށެވެ.
ކޮމެންޓް