މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް މަޝްވަރާގެ މަގުން ސުލްހަވެރި ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
ތުރުކީގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓާ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކްގެ 5 ވަނަ ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން އެމަނިކުފާނު ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، އޭގެ ސަބަބުން ކުރިމަތިވެދާނެ އިންސާނީ އަދި އިގުތިސާދީ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމާއި އަދި ފެންބޮޑުވުން ފަދަ މޫސުމީ ނުރައްކާތަކުން ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޓަކައި އެ ފަދަ ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގައި، ހާއްސަކޮށް ކޮމިޓީތަކުގެ މަސައްކަތާއި، ބަޖެޓް ދިރާސާކުރުމާއި، ސިޔާސަތުތައް މުރާޖައާކުރުން ފަދަ ކަންކަމުގެ ތެރެއިން މަޖިލިސްތަކުން އަދާކުރާ ދައުރަށް އަލިއަޅުއްވާލެއްވި އެވެ.
މިފަދަ މަސައްކަތްތަކުގެ ސަބަބުން ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާގެ އިތުރުން ހަކަތައާއި ކުނި މެނޭޖު ކުރުން ފަދަ މުހިންމު ދާއިރާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކަށް ހެދުމަށް މަގުފަހިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ގައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ފާހަގަ ކުރައްވަމުން، މޫސުމީ ބަދަލުތަކާ ގުޅުންހުރި ސިޔާސަތުތަކާއި ގާނޫނުތަކަށް މެދުނުކެނޑި ސަމާލުކަން ދިނުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގައި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ތިމާވެއްޓާ ރައްޓެހި އުމްރާނީ ތަރައްގީއާއި ހިދުމަތްތައް ގާއިމުކުރުމަށް ޓަކައި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކަށް މަގުފަހި ކުރުމާއި، އައު މާލީ ނިޒާމުތައް އީޖާދު ކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ބާރު އެޅުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ބޮޑުކަން ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، އެންމެހައި ފަރާތްތަކަށް އުންމީދީ މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް ޓަކައި، ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ކޮމެންޓް