ވާހަކަ: ކަހަބަ (ހަތަރު ވަނަ ބައި)

ލިޔުނީ: މަރިޔަމް މޫސާ

އާލާ ޝިފްނާގެ ކޮޑުގައި ބޯއަޅާލިއެވެ. ޝިފްނާ އިތުރަށް ޝާހިލް އާއި ވާހަކަ ދައްކަން ނުހުރެ ނިކުންނަ ދޮރާދިމާ އަށް ދިޔައެވެ. އާލާ ޝިފްނާގެ ކޮނޑުގައި ބޯއަޅާލާއިގެން އޮވެ ޝާހިލް އަށް ތާޓާކިޔަމުން ދިޔައެވެ. ޝާހިލް މަޑުމަޑުން ޝިފްނާ ދިޔަދިމާ އަށް ދިޔައެވެ.

ސްކޫލްދޮރާ ތަންކޮޅެއް ދުރުގައި ޕާކުކޮށްފައި ކުޑަކުޑަ ކާރަކާ ދިމާ އަށް ޝިފްނާގެ މިސްރާބު ހުއްޓެވެ. އޭރުވެސް ޝިފްނާ ހުރީ އާލާ އުރާލައިގެންނެވެ. ޝިފްނާ ކާރުގެ ދޮރުހުޅުވާލާފައި އާލާ ކާރުގެ ކްރީސީޓަށް އެރުވިއެވެ. އަދި ކޮނޑުގައި އޮތް ދަބަސް ފަހަތުސީޓުގައި ބޭއްވިއެވެ. އެއަށްފަހު ޑްރައިވަރު ސީޓަށް އަރާ ކާރު ސްޓާޓް ކޮށްލިއެވެ. ދެކޮޅުބަލަމުން މަގުމަތީގެ ގަވާއިދާ އެއްގޮތަށް ޝިފްނާ ކާރު ކުރިޔަށް ދުއްވާލިއެވެ. ސްކޫލް ދޮރުމަތީގައި އެމަންޒަރު ބަލަން ހުރި ޝާހިލްގެ ކުރިމަތިން ނެވެ.

ޗެޕްޓާރ: 6

މާޒީ އިޔާދަވުން

މާޒީގެ ސޮފްހާތަކެއް އުކެން ފެށިއެވެ. ރީތި ވާހަކަ އެއްގެ ގޮތުގައި ކިޔާލަން ރައްކާކޮށްފައިވާ ޗެޕްޓާއެކެވެ. އެއީ މީގެ 5 އަހަރު ކުރިއެވެ. ޝިފްނާ ހަދަމުންދިޔަ ކޯހުގެ މެދުތެރޭން ޗުއްޓީއެއްގައި ރާއްޖެ އައި ދުވަސްކޮޅެވެ.

ފޫހެވެ ގޭގައި އިންނަން ޖެހުމުން ޝިފްނާ ނިންމީ ވަގުުތީ ގޮތުން ވަޒީފާއަކަށް ދާށެވެ. ޝިފްނާ ވަޒީފާ އަކަށް ވަނީ ފިރިހެނުންގެ އަންނައުނު ވިއްކާ ފިހާރައަކަށެވެ. ސޭލްސްގޯލެއްގެ ވަޒީފާ ޝިފްނާ އަދާކުރަން ފެށީ ޕާޓްޓައިމްކޮށެވެ. އޭނަ ގެ ނުނިމިއޮތް ކޯހުގެ އެސައިންމަންޓަތަކަށް ބުރުނާރާގޮތަށެވެ.

އަޅުވާފައިވާ ގަމީސްތައް ތަރުތީބު ކޮށްލާފައި އެއްފަރާތެއްގެ ހުރި ފަޓްލޫނުތަކާ ޖިންސުތައް ވަކިވަކިން ޝިފްނާ ބަލަމުން ދިޔައެވެ. އަތުރާފައި ހުރި ސައިޒްތަކާ ދިމާވޭތޯއެވެ. އަތުގައި އޮތް ފައިލް ގަ އެއްޗެއް ލިޔަމުން ފަހަރަކު ފަޓްލޫނެއް ހިއްލާ ނަމްބަރަށް ބަލާލަމުން ދިޔައެވެ. ދޮރުހުޅުވުނު އަޑަށް ޝިފްނާ ކުރަން ހުރި މައްސައްކަތް ހުއްޓާލާފައި ދޮރާދިމާ އަށް ބަލާލިއެވެ. އެތެރެއަށް ވަން ޒުވާނާ އެއްފަރާތެއްގައި އަޅުވާލާފައިވާ ޖޯޒީތަކާ ދިމާ އަށް ދިޔައެވެ. ޝިފްނާ އަތުގައި އޮތް ފައިލް ކައުންޓަރު މަތީގައި ބޭއްވުމަށްފަހު ޒުވާނާ އާއި ދިމާ އަށް ދިޔައެވެ. މަޑުމަޑުން އެއްފަރާތުން މަޑުކޮށްލިއެވެ. ޝިފްނާ އަށް ޒުވާނާގެ މޫނުފެނުމުން ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެންނައެވެ.

"ޝާހިލް" މިޔުޒިކެއްފަދަ ހަމަހިމޭން އަޑު އައިސް ޝާހިލްގެ ކަންފަތުގައި ޖެހުމުން ޝާހިލް އަޑު އައި ދިމާ އަށް ބަލާލިއެވެ. ޝާހިލް ޙައިރާން ވިއެވެ. ޝާހިލް ނުދަންނަ އަންހެން ކުއްޖަކު އޭނާގެ ދާދިގާތުގައި ހުއްޓެވެ. ރީތިކަމުގެ މިސާލެއް ނެތްފަދަ ކުއްޖެކެވެ. ތުންފަތުގައި ހިނިތުންވުމެއް ހުއްޓެވެ. ލޮލުގައި ވަނީ އަޖައިބެއްފަދަ އަލިގަދަ ވިދުމެކެވެ. ވިލުނޫކުލައިގެ ކަޅިއެއް ލިބިގެން މިވާ އަންހެން ކުއްޖާ ގެ މޫނަށް ޝާހިލް އަށް ބެލެމުން ދިޔައީ ބޭއިހްތިޔާރުގައެވެ.

"އަޅުގަނޑު ނޭނގުނީ އެހެންނުންތޯ؟" ޝިފްނާ އަހާލިއެވެ.

"އާން، ތިއީ ކޮންކުއްޖެއް؟" ޝާހިލް ވެސް އޭނަގެ ތުންފަތް މަތިން ހިނިތުންވުމެއް ފާޅުކުރަމުން ހައިރާން ކަން އެކުލެވިފައިވާ ރާގެއްގައި އަހާލިއެވެ.

"އަޅުގަނޑުގެ ނަމަކީ ޝިފްނާ.... ނަމަކުން ވެސް ޝާހިލަކަށް އަޅުގަނޑު އެނގިއެއްނުލައްވާނެކަން ޔަގީން.... އަޅުގަނޑަށް ވެސް ޝާހިލް އެނގެނީ ޝާހިލްގެ މަޝްހޫރުކަމުން، މޮޅުކުޅުން ތެރިޔަކަށްވާތީ." ޝިފާން ހަގީގަތަށް ބުނަން ބޭނުން ނުވާކަހަލަ އެވެ. ހިނިތުންވުމެއް ތުންފަތް މައްޗަށް ގެންނަމުން ބުންޏެވެ.

އެކަމަކު ޝާހިލް އެނުދަންނަ ސޫރައަށް ބަލަމުން ދިޔައެވެ. ކޮންމެވެސް ތާކުން ފެނިފައިވާ ސޫރައެއްކަން ޔަގީން ނެވެ. ޝާހިލްގެ ހިތް ބުނެލިކަހަލަ އެވެ.

"ސީރިޔަސް ކޮށް އަހަރެން ނަކަށް ތިއީ ކޮންކުއްޖެއްކަން ނޭނގުނު، މީގެ ކުރިން އަހަރުމެން އެއްވެސް ތާކުން ބައްދަލުވިތަ؟"ޝާހިލް އޭނަގެ ހިތުގައި އުފެދުނު ޝައްކު ފިލުވާލުމަށް އަހާލިއެވެ. ޝިފްނާގެ ތުންފަތުން ލުއި ހިނިތުންވުމެއް ފާޅުވެލިއެވެ.

"ކޮންސައިޒެއް؟"ޝާހިލް ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ޖޯޒީ އަށް ބަލާލަމުން އަހާލިއެވެ.

"ލާރޖެއް."ޝާހިލް ބުންޏެވެ.

"މަޑުކޮށްލާ."ޝިފްނާ އެތެރެއަށް ހިނގައިގަތެވެ.

ޝާހިލް އަށް އޭރުވެސް ބެލެމުން ދިޔައީ ޝިފްނާ ގެ ހަރަކާތް ތަކަށެވެ. އެންމެފަހުގެ ޒަމާނީ ހެދުމެއްގައި ހުރި މިއަންހެންކުޖާގެ ވާހަކަ ދެއްކުމުގެ ރާގާއި ހިތްހެޔޮ މިޒާޖު ޝާހިލް އަށް ކަމުދިޔައެވެ. އަންހެން ކުދިންނާ ވާހަކަ ދެއްކުމުގައި ވަކި އުސޫލެއްގެ ތެރޭގައި ހުރި ޝާހިލްގެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސް ވިކަހަލައެވެ. ޝިފްނާގެ ހިނިތުންވުން އެވީކުޑަހިދުކޮޅުތެރޭގައި އެތަށް ފަހަރަކަށް ޝާހިލް އަށް ސިފަ ކުރެވުނެވެ.

ޝިފްނާ އިރުކޮޅަކުން ޕެކްކޮށްލާފައިވާ ޖޯޒީއެއް ހިފައިގެން އެދިމާ އަށް އައިސް މަޑުކޮށްލިއެވެ.

"މިކުލަ އޯކޭވާނެތޯ؟"ޝިފްނާ ޝާހިލްގެ މޫނަށް ބަލާލަމުން އަހާލިއެވެ. ގަދަ ނޫލުލައިގެ ޖޯޒީއެއް ދައްކާލިއެވެ.

"އޯކޭވާނެ." ޝާހިލް ޝިފްނާގެ މޫނަށް ބަލަން ހުރިގޮތައް ހުރެ ބުންޏެވެ.

"އިތުރުއެއްޗެއް ބޭނުންވޭތޯ؟"ޝިފްނާ ޝާހިލްގެ މޫނަށް ބަލާލަމުން އަހާލިއެވެ. އެވަގުތު ދެމީހުންގެ ނަޒަރު ސީދާވެގެން ދިޔައެވެ. ޝާހިލްގެ ކަންފަތްދޮށުގައި ރީތިމިއުޒިކެއް ކުލެލިހެން ހީވަމުން ދިޔައެވެ. މުޅި މާހައުލު ބަދަލުވެގެން ދިޔަކަހައެވެ. ހިތުގެ ވިންދު ތަފާތުވެ މީހާގެ ހަތަރަސްފައި ފިނިވިއެވެ.

ޝިފްނާގެ ހާލަކީވެސް ހަމަ އެއީއެވެ. ޝިފްނާ ލަދުރަކި ގޮތަކަށް ހިނިތުންވުމެއް ތުންފަތް މައްޗަށް ގެންނަމުން އިސްޖަހާލިއެވެ. އަދި ޝާހިލްގެ ޖަވާބެއް ނައުމުން ކައުންޓަރާ ދިމާ އަށް ދަތުރު ކުރިއެވެ. ޝާހިލް ވެސް މަޑުމަޑުން ޝިފްނާގެ ފަހަތުން ދިޔައެވެ. ޝިފްނާ ކޮތަޅަކަށް ޖޯޒީ ލުމަށްފަހު ކައުންޓަރު މަތީގައި ބޭއްވިއެވެ.

"ދުއިސައްތަ ތިރީސް."ޝިފްނާ ޖޯޒީގެ އަގު ބުންޏެވެ. ޝާހިލް ޖީބުން ވޮލެޓް ނެގުމަށްފަހު ޖޯޒީއަށް އަގުދިނެވެ.

"ޝުކުރިއްޔާ."ޝާހިލް ބުންޏެވެ. އަދި ޖޯޒީ ހިފައިގެން ބޭރަށް ނިކުންނަށް ހިނގައިގަތެވެ. ދޮރުހުޅުވާލަން ހިފާލުމަށްފަހު ފަސްއެނބުރި ޝާހިލް ބަލާލިއެވެ. އަދި ދޮރުފަތުން އަތް ދޫކޮށް އެނބުރި އައިސް ކައުންޓަރުގެ ކައިރިޔަށް މަޑުކޮށްލިއެވެ.

"ބުނެބަލަ ކޮންތާކުން އަހަރެންނަށް ތީނަފެނުނީ؟"ޝާހިލް އޭނަގެ ހިތުގެ ކުރިމަތީގައި މަޖުބޫރި ވިކަހަލަ އެވެ. ޝިފްނާ ހިނިތުން ވެލިއެވެ.

"ސްކޫލު ކައިރީން، އަމީނިއްޔާ ނިމޭގަޑިޔަށް އެދިމާލަށް ގުރޫޕް ހަދާފައި ދަމެއްނުން، އޭރުވެސް ޝާހިލް ވަރަށް ޕޮޕިއުލާ ވާނެ، މަޖީދިއްޔާގެ ފުޓްބޯޅަޓީމަށް ކުޅޭތީ."ޝިފްނާ ދިމާކުރާ ރާގަކަށް ބުންޏެވެ.

ޝާހިލް ލަދުގަނެފައިވާ މީހެއްހެން ހަށިފުރާ ނޭވާ އެއްލަމުން ފުން "އާހް" އެއް ދޫކޮށްލަމުން ޝިފްނާ އަށް ބަލާލިއެވެ. އެވަގުތު އޭނާގެ ތަނަވަސް ނިތްކުރިއަށް ރޫޖެހިލިއެވެ. ދެބުމަ ކައިރިވެލި ހިނދު އޭނާއަށް ލިބިފައިވާ ދިގު ނޭފަތާ ނިތްކުރި ގުޅިފައިވާ ހިސާބުގައި ވައަތުގެ އިނގިލިތަކުގެ ކޮޅުން ހިފަހައްޓާލައި އޮބާލަމުން ދެލޯ މަރާލިއެވެ.

"އެހެންވީމަ އޭގެ މާނައަކީ ޝިފްނާ ކިޔަވަން އުޅުނީ އަމީނިއްޔާގައޭ."ޝާހިލް އޭނާގެ އަތް ތިރިކޮށްލަމުން ލޯހުޅުވާލަމުން އަހާލިއެވެ. ޝިފްނާ ބޯހަރަކާތް ކޮށްލިއެވެ.

"ކުތްހީއެއް ނުކުރާތި، އަހަރެން އެތަނަށް ދިޔަޔަސް އަންހެންކުދިންނާ ފޮށިއެއް ނުހަދަން، އަހަރުމެންގެ ތެރޭން އެކަކުވެސް ޝިފްނާ އާއި ބެހުނުތަ؟" ލަދުގަނެފައިވާ ރާގެއްގައި ޝާހިލް އަހާލިއެވެ. ޝިފްނާ ނޫނެކޭ ބުނާ ގޮތައް ބޯހޫރާލިއެވެ.

"ރަނގަޅަށް ތިބުނީ، އަހަރެން ނުދެކެން ޝާހިލް ކުއްޖަކާ ދިމާ ކުރަނިކޮށެއް، އެކަމަކު ޝާހިލްގެ ގުރޫޕް އެކަމުގައި އަރާ ތިބީ،"ޝިފްނާ ކައުންޓަރުގައި އަތް އަޅުވާލަމުން ހަމަޖެހިލަމުން ބުންޏެވެ. ޝާހިލް އެއްކޮޅުން ހީލިއެވެ. ޝިފްނާގެ ވާހަކަ އަޑުއިވުމުން ޝާހިލް ކުޑަކޮށް ހަމަޖެހިލިއެވެ. ޝިފްނާ އަށް ބަލާލަމުން ހީލުމަށްފަހު ޝާހިލް ދާން އެނބުރިލިއެވެ. އެކަމަކު ހަމަ އެހިނދު ޝިފްނާ އާއި ދިމާ އަށް އެނބުރިލާފައި ސުވާލެއް ކޮށްލިއެވެ.

"މިތާގައި ޖޮބް ތިއަދާކުރަނީ؟ ސްކޫލްނިމުމަށްފަހު އިތުރަށް ނުކިޔަވަނީތަ؟"ޝާހިލް ސުވާލު ކޮށްލިއެވެ.

"ނޫން، މިއީ ޕާޓްޓައިމް ޖޮބެއް."ޝިފްނާ ބުންޏެވެ. އެވަގުތު ބަންގީގެ އަޑު އިވިގެން ދިޔައެވެ. އަސުރު ނަމާދަށް ގޮވީއެވެ. ޝިފްނާ ކައުންޓަރުގެ ވަތްގަނޑު ތަޅުލުމަށްފަހު އޭނަގެ އަތުގައި އޮތް ކުޑަކުޑަ އަތްދަބަހަށް ތަޅުދަނޑި ލިއެވެ. އަދި ފިހާރަ ބަންދު ކޮށް އޭނަ ވެސް ގެޔަށްދާން ތައްޔާރުވިއެވެ.

"ފިހާރަ ބަންދު ކުރާ ގަނޑި ޖެހުނީ."ޝިފްނާ އާދައިގެ ރާގެއްގައި ބުންޏެވެ.

"އާން، ބަންގިއެގޮވީ."ޝާހިލް ނިކުނަން ހިނގައިގަތެވެ. ޝާހިލް ބޭރަށް ނިކުތުމުން ޝިފްނާ ވެސް ފިހާރައިން ބޭރަށް ނިކުމެ ދޮރުލައްޕާ ތަޅުލިއެވެ. އެވަގުތު އެދިމާ އަށް އައި ޝާހިލް މެންނާ ދާދި އެއްއުމުރުގެ ފިރިހެން ކުއްޖަކު މަޑުކޮށްލިއެވެ.  ޝިފްނާ އޭނަގެ ދަބަހުން ކައުންޓަރުގެ ތަޅުދަނޑި އާއި ފިހާރަ ތަޅުދަނޑި ދިއްކޮށްލިއެވެ.

"އަދި އެއްކޮށް ހުރިހާކަމެއް ނުނިމޭ، މާދަން އަންނާނަން."ޝިފްނާ އާދައިގެ ރާގެއްގައި ބުންޏެވެ.

"ތޭންކްސް އިނގޭ، މަގޭ ވަގުތު ތިސަލާމަތް ކޮށްދިނީ، އުންމީދުކުރަން ބައްޕަގެ ގާތުގައި މިވާހަކަ ނުބުނާނެކަމަށް."ޒުވާނާ ހިނިތުން ވުމެއް ތުންފަތް މައްޗަށް ގެންނަމުން ބުންޏެވެ.

"ނުބުނާނަން، މީކާއިލްގެ ސަބަބުން މިޖޮބް މަށައް މިލިބުނީ، ދެން ކީއްކުރަން އަހަރެން މީކާއިލް ބަސްޓްކޮށްލަން ވީކީ، ދަނީ އިނގޭ."ޝިފްނާ ހިނިތުން ވެލަމުން ބުންޏެވެ. އޭރުވެސް ޝާހިލް އޭނަގެ ސައިކަލް ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ޝިފްނާ މީކާއިލް އާއި ވާހަކަ ދައްކަން ހުރުމަށްފަހު އޭނަގެ ގެއާއި ދިމާ އަށް ހެންވޭރާ ވީކޮޅަށް ހިނގައިގަތެވެ. މީކާއީލް އޭނަ އައިދިމާއަށް ދިޔައެވެ. ޝާހިލް ސައިކަލުގެ ބަރުގަނޑު އަޅާލިއެވެ. ޝިފްނާ ހުއްޓިލަމުން އެދިމާ ބަލާލިއެވެ.

"އަހަރެން ލިފްޓެއްދީފާނަން."ގާތް ގޮތަކަށް ޝާހިލް ބުންޏެވެ.

"ނޯ ތެންކްސް."ޝިފްނާ ހިނިތުންވެލަމުން ބުންޏެވެ. ޝާހިލް ޝިފްނާ އެސައިކަލަށް އަރަން އިންކާރު ކުރުމުން ކުޑަކޮށް ޖެހިލުންވިއެވެ. ޝިފްނާ އެއްފަރާތެއްގައި ބަހައްޓާފައި ހުރި އަންހެން ބައިސްކަލަކަށް އިޝާރާތް ކޮށްލިއެވެ.

"ނެކްސްޓް ޓައިމް، އެނީވޭސް ތެންކްސް."ޝިފްނާ އެދިމާ އަށް ހިނގައިގަތެވެ. ބައިސަލަށް އަރާ މަޖީދީމަގުން ހެންވޭރާވީ ކޮޅަށް ދުއްވާންފެށިއެވެ. ޝާހިލް އަމިއްލަ ނަފްސައް ހިނިތުންވެލިއެވެ.

ޗެޕްޓާރ: 7

މުގޯލި އެޅުން

މިއަދުވެސް ޝާހިލް ވަރުގެ ކޮޅަށް ނަލަހެދިގެން ނިކުތީ ޝިފްނާ އިންނަ ފިހާރައާއި ދިމާއަށެވެ. އާދަވެގެން މިހާރު ކޮންމެ ދުވަހަކު ޝާހިލްގެ މަސަކަތަކީ ޝިފްނާ އިންނަ ފިހާރަ ދޮށުގައި ބުރުއެޅުމެވެ. އެކަމަކު އެދުވަހު ޝިފްނާ އެފިހާރައިން ދިމާވިފަހު ޝިފްނާ އަކާ ދިމައެއް ނުވެއެވެ. ދެތިން ބުރު އަޅާލުމަށްފަހު ފިހާރަ އަށްވަދެ ކޮންމެވެސް އެއްޗެއް ބަލާލާ ނުނީ ގަނެލާ ހަދައެވެ. މިއަދު ޝާހިލްގެ ނަސީބު ރަނގަޅު ކަމުން އެދުވަހު ޝިފްނާ ވާހަކަ ދެއްކި ޒުވާނާ ފިހާރައިން ދިމާވިއެވެ.

ހަރުގައި ޖަހާފައި ހުރި ފުޓްބޯޅަ ކުޅޭ ބޯޓު ނަގައި އަރާލިއެވެ. އަދި ފަޔަށް ހެޔޮވަރުތޯ ބަލާލަމުން ހުރިދިމާލުން ފުމެން ފެށިއެވެ. މީކާއިލް އެދިމާ އަށް އައިސް މަޑުކޮށްލަމުން ޝާހިލް އަރައިގެން ހުރި ބޫޓަށް ބަލާލިއެވެ.

"ތީ މުޅިން އާބުރޭންޑެއް... އިއްޔެ ލިބުނީވެސް."މީކާއިލް ގާތް އެކުވެރިޔަކާ ވާހަކަދައްކާ ރާގުގައި ބުންޏެވެ.

"ވަރަށް ސަޅި، ފަޔަށް ވެސް ފަސޭހަހެން ހީވަނީ، އެކަމަކު މީގަ ކުލެން ފެށީމައި އިނގޭނީ ތިބުނާ ބުރޭޑްގެ ހުރި ވަރެއްވެސް."ޝާހިލް ބޫޓުބާލަމުން ބުންޏެވެ. އަދި ބޫޓަށް ބަލާލަމުން މީކާއިލް އަށް ބަލާލިއެވެ.

"ކިހާވަރަކަށް؟"ޝާހިލް އަހާލިއެވެ.

"ތިންސަތޭކަ އަށް."މީކާއިލް ބުންޏެވެ.

"ހޫން... މާދަން އަންނާނަން."ޝާހިލް ބޫޓު ބަހައްޓަމުން ބުންޏެވެ.

"ކޮންމެ މީހަކުވެސް ބުނަނީ ތިހެން، އެކަމަކު ދެވެނަ ފަހަރަކަށް ނާދޭ."މީކާއިލް ބުންޏެވެ. ޝާހިލް ހީލިއެވެ.

"ކޮންމެ މީހުންގެ ތެރޭގައި އަހަރެން ހިޔެނުވޭ ހިމެނޭނެހެން، މިވޭތިވެ ދިޔަ ހަފްތާ ތެރޭގައި މިފިހާރައިން ލައްކަ ވިޔަފާރި ކުރެވިއްޖެ."ޝާހިލް ބޫޓު ނަގަމުން ބުންޏެވެ. މީކާއިލް ޝާހިލް އަށް ބަލާލިއެވެ.

"ހޫން..."މީކާއީލް ހަމައެކަނި އަޑެއް ލައްވާލިއެވެ. ޝާހިލް ބޫޓު ހިފައިގެން ކައުޓަރާ ދިމާ އަށް ދިޔައެވެ. ހީވަނީ ޝާހީލްގެ ހިޔާލު ބަދަލުވީހެންނެވެ. މީކާއީލް ވެސް އެދިމާ އަށް ދިޔައެވެ. ޝާހީލް ބޫޓަށް އަގުދީފައި ބޫޓުލާފައި އޮތް ކޮތަޅުނެގިއެވެ.

"އަހަރެން އެއްޗެއް އަހާލަންތަ؟" ފުރުސަތުގެ ބޭނުން ޝާހިލް ހިފިއެވެ.

"އާން.."ކުރު ޖަވާބެއް މީކާއީލް ދިނެވެ.

"ޝިފްނާ ވަޒީފާއިން ވަކިވީތަ؟"ޝާހިލް އަހާލިއެވެ.

"ޝިފްނާ؟... ނޫން... އޭނަގެ ބައްޕަ ހޮސްޕިޓަލްގައި ބާއްވައިގެން އުޅެނީ، އެހެންވެ މިދުވަސް ކޮޅު އެތާގައި އުޅޭތީ ފިހާރައަށް ނާންނަނީ."މީކާއީލް ބުނަން ބޭނުން ނޫނަސް ތެދަށް ބުންޏެވެ.

"އޯޙް، އެހެން ވިއްޔާ ޝިފްނާގެ އެޑްރެސް ދެވިދާނެތަ؟ ނޫނީ ކޮންހޮސްޕިޓަލްއެއްގައި ކަން އޭނަގެ ބައްޕަ އޮތީ؟"ޝާހިލް އަހާލިއެވެ.

"އެޑްރެސް މަށަކަށް ވެސް ނޭނގޭ، އެކަމަކު އައިޖީއެމްއެޗްގައި އޭނަގެ ބައްޕަ ބާއްވައިގެން އުޅެނީ."މީކާއީލް ބުންޏެވެ.

"ބެޑްނަމްބަރ؟"ޝާހިލް އަހާލިއެވެ.

"ޕްރައިވެޓްރޫމެއްގައި އޮތީ."މީކާއީލް ކަރުދާސްކޮޅެއްގައި އެއްޗެއް ލިޔެލާފައި ޝާހިލް އަށް ދިއްކޮށްލިއެވެ.

"ތެންކިއު."ޝާހިލް ކަރުދާސް ކޮޅު ނަގަމުން ޝުކުރު އަދާކުރިއެވެ.

ޗެޕްޓާރ: 8

މަށައް ފޮލޯކުރަނީތަ؟

ނިދިފައި އޮތް ބައްޕަގެ ގައިމަތީގައި ރަޖާގަނޑު އަޅާލުމަށްފަހު ޝިފްނާ ގޮނޑީގައި އިށީނެވެ. އަދި އެނދުކައިރީގައި ހުރި ދަގަނޑު ކަނބަޑުގެ ތެރެއަށް ލާފައި އޮތް އޭނަ ގެންގުޅޭ ނޯޓްފޮތް ނަގައި އޭގައި ލިޔެފައި ހުރި އެއްޗެ ކިޔަމުން ދިޔައެވެ.

ދޮރުހުޅުވާލިއަޑަށް ޝިފްނާގެ ސަމާލުކަން އެދިމާ އަށް ދިޔައެވެ. މަޑުމަޑުން ދޮރުހުޅުވާލާފައި ޝާހިލް އެތެރެއަށް ވަނެވެ. ޝާހިލް ހުރީ ޝިފްނާ އަށް ފެންނާނެ ގޮތަށް އެކަމަކު އެނދުހުރިދިމާ ލުން ފާރާނިވާވެ ވަންނަ ދޮރުމަތީގައެވެ. ޝިފްނާ އަށް ކުއްލިޔަކަށް ތެދުވެވުނެވެ. އެވަގުތު އުނގުމަތީގައި އޮތް ފޮތް މުށިގަނޑު މައްޗަށް ވެއްޓުނެވެ. އެއަޑަށް ލޯމެރިފައި އޮތް ޝިފްނާގެ ބައްޕަ ލޯހުޅުވާލިއެވެ.

"ކޯއްޗެއް ވެއްޓުނީ ދަރިފުޅާ؟"ޝިފްނާގެ ބައްޕަ އުމަރު އަހާލިއެވެ.

"އަޅުގަނޑުގެ ފޮތް." ތިރިވެލަމުން ޝިފްނާ ފޮތް ނެގިއެވެ.

"ބައްޕާ... އަޅުގަނޑު އެބަ އަންނަން."ޝިފްނާ ބުންޏެވެ.

އުމަރަށް ޝާހިލް ފެނުމުގެ ކުރިން ޝީފްނާ ބޭނުންވީ ޝާހިލް އެތަނުން ނެރޭށެވެ. ދޮރުހުރިދިމާ އެނދުގައި އޮތް އުމަރަށް ނުފެންނާނެތީ އެކަމާ ޝިފްނާ އަމިއްލަ ނަފްސު ހަމަޖައްސާލިއެވެ. ޝިފްނާ އެހެން ބުނުމުން އާންއެކޭ ބުނެލަމުން އުމަރު ދެލޯ މަރާލިއެވެ. ޝިފްނާ ނޯޓްފޮތް ގޮނޑިމަތީގައި ބޭއްވުމަށްފަހު އަވަސް އަވަހަށް ޝާހިލް ހުރިދިމާ އަށް ދިޔައެވެ. އަދި ޝާހިލްގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ.

 

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy