ލ. ފޮނަދޫ ސްޕޯޓް ކޮމްޕްލެކްސް އަޅަން ސްޕޯޓްސް މިނިސްޓްރީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފޮނަދޫއަށް ރޭ ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީސީއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު އެވެ.
މި މަޝްރޫއުގެ ދަށުން ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތުކުރުމަށް ޓަކައި ހާއްސަ ކޮޓަރިއަކާއި ބޯޑު ގޭމްތަކާއި ތަފާތު ކުޅިވަރުތައް ކުޅުމަށް ހޯލަކާއި އަދި ބައްދަލުވުންތައް ބާއްވާ ކޮޓަރިއެއް ހަދާނެ އެވެ.
މި މަޝްރޫއުއަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނެސް އެންޑް ރެކްސިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް