ލ. މާމެންދޫ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މާމެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި 70,674 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި 354 މީޓަރުގެސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 307 މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ބޭރުތޮއްޓެއް ލުމާއި 26 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއި 24 މީޓަރުގެ ސަރަހައްދެއްގައި މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮއްޓެއް ލުމާއި 88 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.
މީގެ އިތުރުން 1715 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. މިއީ 67.87 މިލިއަން ރުފިޔާއަށް 400 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މާމެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 21.60 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 2426 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 249 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 282 މީޓަރުގެ ސަރަހައްދެއްގައި އުސް ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޓީސީސީއާ މި މަޝްރޫއު 450 ދުވަސްތެރޭ ނިންމުމަށް ހަވާލުކުރީ 259.19 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް