ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ފަތުރުވެރިންގެ މެދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ހުއްޓުވުމުގެ ގޮތުން ޓޫރިސްޓު ސޭފްޓީ ވީޑިއޯ ލޯންޗުކޮށްފި އެވެ.
މި ވީޑިއޯ ތަކަކީ އެއާޕޯޓް އެންޑް ޓޫރިސްޓު ޕޮލިހާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ތަކެކެވެ.
މިއަދު އިސްކަންދަރު ބިލްޑިންގުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވީޑިއޯ ލޯންޗުކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ.
މި ރަސްމިއްޔާތުގައި، ހުޅުމާލެ ޕޮލިސް ކޮމާންޑު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު އާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސީނިއާ އޮފިސަރުން ބައިވެރިވެލެއްވި އެވެ.
މިއަދު ލޯންޗުކުރި މިދިޔަ އެވެއާނެސް ވީޑިއޯތަކަކީ ކޮންމެ އަހަރެއްގެ ވެސް ނިމޭ ހިސާބުގައި ފަތުރުވެރިންގެ ޕީކް ސީޒަން ފެށިގެންދާއިރު ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް ފަތުރުވެރިން ހޭލުންތެރިކުރުވައި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ލޯންޗުކުރި ވީޑިއޯ ތަކެކެވެ.
އެ ގޮތުން މިއަދު ތިން ވީޑިއޯ އެއް ލޯންޗުކޮށްފައިވެ އެވެ. އެއީ ވޯޓާ ސްޕޯޓްސް ސޭފްޓީ، ފްރޯޑް ބުކިން އަދި ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭ ވީޑިއޯ އެވެ.
ފުލުހުން ބުނީ މި ވީޑިއޯތަކުން ފަތުރުވެރިންނަށް މުހިންމު މެސެޖުތަކެއް ލިބޭނެ ކަމަށެވެ.
ކޮމެންޓް